ޖަޕާނުގެ އައު ބޮޑުވަޒީރު ސަނޭ ޓަކައިޗީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހޫނު މަރުހަބާއެއް ދަންނަވައި، ތަހުނިޔާ ފޮނުއްވައިފި އެވެ.
މިއީ ޖަޕާނުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރުކަމުގެ މަގާމަށް އިހުތިޔާރުކުރި ފަހަރެވެ.
އެ މަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު ޓަކައިޗީއަކީ މަގާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެއްވުމުގެ ގާބިލުކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން ޔަގީންކުރައްވާކަން ފާހަގަ ކުރައްވައި، އެ ކަމަނާގެ ބޮޑުވަޒީރުކަމުގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކަށް ވާސިލުވުމުގައި، ކާމިޔާބީއަށް އެދިވަޑައިގަންނަވާފައިވެ އެވެ.
މީގެ އިތުރުން ރައީސް ޑރ. މުއިއްޒު ވަނީ، ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި ގާތްގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމުގެ އަޒުމުގައި ހުންނެވިކަން ހާމަ ކުރައްވައި، ބޮޑުވަޒީރު ތަކައިޗީއާއި އަދި އެ ކަމަނާގެ ސަރުކާރާއެކު ގާތުން މަސައްކަތްޕުޅު ކުރެއްވުމުގެ އިންތިޒާރުގައި ހުންނެވިކަން ހާމަ ކުރައްވާފަ އެވެ.
ކޮމެންޓް