ވާހަކަ: ކަހަބަ (ދެވަނަ ބައި)

"ގޭގައި އަންހެން ކޮއްކޮ އެއް ނޫނީ ދައްތަ އެއް ހުރޭތަ؟"ޒުލްޝާން އެކުދިންނާ މުހާތަބްކޮށް ސުވާލު ކޮށްލިއެވެ.

"ކިހިނެއް ހަދަންވީ؟ އެމީހުންގެ ފަހަރިޔަކަށް ވާހިތްވަނީތަ؟"ސަމާސާ ރާގަކަށް ހެމުން އެތަނުން ޒުވާނަކު އަހާލިއެވެ.

"ޝަޓަޕް، ފުރަތަމަ ތިމާ މީހާ ހުރި ސިފަ ލޯގަނޑުން ބަލާލާ، އަންހެންކުދިންނާ ދިމާކުރާއިރު ތިމާގެ ފެންވަރަކީ ކޮބާތޯ އިހަށް ބަލާލާ، ބޮލުގެ އިސްތަށިގަނޑު ދިގުކޮށް ދޫނިހާއްޔެއްހެން ތިބަހަށްޓަނީ އަހަރުމެން ކަލޭ މެންނަށް ބަލާލާނެކަމަށް ހީކޮށްތަ؟... ޒަމާނުގެ ފެށަނޭ ކިޔާފައި އެޔަށްވެސް ހުތުރު ތިއަރުވަނީ. ލަވަކިޔަން އަނގަ ހުޅުވާލާއިރު ތިމާގެ ދަތްޕިލައަށް ބަލާލިންތަ؟ މީންދުވަހަކު ނޭނގެ ދަތް އުނގުޅިކަމެއް. ފުރަތަމަ ފެންވަރާ ގައިތާހިރުވެ ހަދާގެން ނިކުމެ ހުރެބަލަ."ޒުލްޝާން ހިތްހަމަ ނުޖެހިފައިވާ ރާގަކަށް ހަރުކަށިކަމާއި އެކީގައި އެޒުވާނުންނަށް ބުންޏެވެ. ޒުލްޝާންގެ ކައިރީގައި ތިބި ކުދިން ޒުލްޝާންގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ.

"އަދެ ހީވޭ ކަމެއްހެން، މާރީތި ސޫރަ އެއްދޯ ތިއީ."އެތަނުން ޒުވާނަކު ގޮވާލިއެވެ. ޒުލްޝާން އެމީހުންނަށް ރައްދު ދޭން އެނބުރިއެވެ. އެވަގުތު އެކުވެރި ކުދިން އެކަން މަނާ ކޮށް ޒުލްޝާންގެ އަތުގައި ހިފައި އެތަނުން ދުރަށް ދިޔައެވެ.

"އެކަމާ އަޅާނުލާބަލަ."އެކުވެރި ސޮފިއްޔާ ބުންޏެވެ.

"ކިހިނެއް؟ މިހާރު އާމުކަމަކަށް މިކަންތައް ވެއްޖެ، ލައްކަ ދުވަހު އަނގައިން ނުބުނެ ހުރެވޭތޯ ބަލާފިން."ޒުލްޝާން އޭނަގެ ރުޅިގަނޑު ކޮންޓްރޯލް ކުރަމުން ބުންޏެވެ.

"ޒުލްޝާން އެބުނީ ތެދެއް، ވަރަށް އުދަގޫ ބޮޑުވެއްޖެ."ޝާކިރާ ބުންޏެވެ. އެކުދިން އެޒުވާނުން ކުރަމުންދާ ފުރައްސާރައިގެ ވާހަކަ ދައްކަމުން ކުރިޔަށް ހިނގައިގަތެވެ. ފަހަތުން ހިނގާދިޔަ އެއްވެސްކަމެއް ނޭނގޭ ހާލުގައެވެ.

"ތިމީހުންނަށް ކޮންއުފަލެއް ލިބޭތީ ތިގޮތައް ކުދިންނާ ތިދިމާކުރަނީ؟ އެއީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެއްނުން."ޝާހިލް ޒުވާނުންގެ ކައިރިޔަށް ހުއްޓިލަމުން އަހާލިއެވެ.

"ތިއީކާކު؟ އެމީހުންގެ ވަކީލެއްތަ؟ އަހަރުމެންނަށް ނަސޭހަތް ދޭން ތިއައީ؟"ޒުވާނަކު އަހާލިއެވެ.

"އަހަރެން މިއީ އެމީހުންގެ ވަކީލެއް ނޫން، އަހަރެންވެސް މިއީ ތިޒުވާނުން ގޮތަށް ހަމަ ޒުވާނެއް، ތަފާތަކީ އަހަރުމެންގެ އަހްލާގް، މަގުމަތީގެ އަދަބުތައް."ޝާހިލް ހިމޭން ރާގެއްގައި ބުންޏެވެ.

"މިހާރު އެނގިއްޖެ، ތިއީ ޔަގީން އެދުރުބެއެއްކަން، އެދުރުބޭ."ބާރަށް ހެމުން ސަކަރާތް ޖަހާގޮތަކަށް ޒުވާނަކު ބުންޏެވެ. ޝާހިލް އެމީހުންނަށް ބަލަހައްޓައިގެން ހުއްޓެވެ.

"ޝާހިލް."އެއްވެ ތިބި މީހުން ތެރޭން އެދިމާ އަށް އަންނަމުން އެކުވެރި ފަޒީލް ގޮވާލިއެވެ.

"އެގޮވަނީ އެދުރުބޭގެ ދަރިވަރެއް، އަވަހަށް ޓިއުޝަން ނަގާދޭން ދުރުވޭ."އަނެއްކާވެސް އެކުދިން ހެމުން ޝާހިލް އާއި ދިމާ ކޮށްލިއެވެ.

"މިޒަމާނުގައި ނަސޭހަތެއް ދޭން އަނގަހުޅުވާލާމީހާ ގޯސްވާނީ."ޝާހިލް ދެފަރާތައް ބޯހަރަކާތް ކޮށްލަމުން ބުންޏެވެ. އަދި ފަޒީލް ހުރިދިމާ އަށް ހިނގައިގަތެވެ. އެކުދިން ޝާހިލް އާއި ދިމާކޮށް ހެމުން ދިޔައެވެ.

ފަޒީލް މަޑުކޮށްލައިގެން ހުރިދިމާ އަށް ދަމުން ވެސް ޝާހިލް ފަސް އެނބުރި ބަލާލިއެވެ. ޒުލްޝާން މެން ތޮށިގަނޑުމައްޗަށް އަރާ މޫދާ ދިމާ އަށް ބަލަމުން ދިޔައެވެ. ޒުލްޝާންގެ ހެވިފައިވާ މޫނު ފެނިލުމުން ޝާހިލްގެ ހިތުގެ ވިންދުޖެހުން ބަދަލުވާހެން ހީވާން ފެށިއެވެ. އެރީތި ހުވަފެނެއްފަދަ އަންހެން ކުއްޖާގެ ނަން ހޯދަން ހިތް އެދެމުން ދިޔައެވެ.

"ހާދަ ވަރަކަށް އެދިމާ ތިބަލަނީ؟ ދަންނަ ކުއްޖެއްތަ އެއީ؟"ފަޒީލް އެދިމާ ބަލާލަމުން އަހާލިއެވެ.

"ނޫން... އެކަމަކު އެއީ ކޮންކުއްޖެއްކަން އެނގެން ބޭނުން."ޝާހިލް އަށް ކުއްލިޔަކަށް ބުނެލެވުނެވެ.

"މަބުނާނެ ވާހަކަ އެއް ނެތް، ބޭސް އަޅާނީ އައްސި މަތީގަ."ފަޒީލް ޝާހިލް އަށް ބަލާލުމަށްފަހު ޒުލްޝާން ހުރިދިމާ އަށް ބަލާލަމުން ބުންޏެވެ.

"ތިބުނީ؟"ޝާހިލް އަށް ފަޒީލް ބުނި އެއްޗެއް ނުވިސްނުމުން އަހާލިއެވެ.
​"އެފުރުސަތު ނުގެއްލެނީސް އަވަހަށް އެކަން ކުރަން އުޅޭށޭ." ފަޒީލް ޝާހިލްގެ ކޮންޑުގައި ޖަހާލަމުން ބުންޏެވެ.

"އެއްކަލަ މީހާ ފެށުނީ."ޝާހިލް ދެފަރާތައް ބޯހޫރާލަމުން ބުންޏެވެ.

"ސީދަލަށޭ މިބުނަނީ، އޮފީހުގައި ކަމުދާ ކުއްޖަކު ނެތް، ރަށުތެރެއަކުން ފެނުނީކީ ނޫން، މިވަގުތު ޝާހިލްގެ ބެލުން ހުރީ އެދިމާ އަށް ވީމައި އަހަރެން މިހެން ބުނީ."ފަޒީލް އަނެއްކާ ވެސް ޒުލްޝާން ހުރި ދިމާ އަށް ބަލާލަމުން ބުންޏެވެ. ޝާހިލް ވެސް އެދިމާ އަށް ބަލާލިއެވެ.

"ކަލެ އަކަށް ނުވާނެ އަޅާނުލާ." ފަޒީލް ދިމާކުރާރާގަކަށް ބުންޏެވެ.

"ހޫން، ރަނގަޅަށް ތިބުނީ މަމީ ފިނޑިއެކޭ." ޝާހިލް ވެސް ފަޒީލް ބުނިރާގުގައި ބުންޏެވެ.

"މަ އަޑު އެހިން އަމީނިއްޔާ އަށް ކޯޗްކަން ކޮށްދޭން ދާން އުޅޭވާހަކަ، އެއީ ތެދެއްތަ؟"ފަޒީލް ވާހަކަ ބަދަލު ކޮށްލިއެވެ.

"އަޑު އެހީތަ؟ ނޫނީ ފަޒީލް އަށް އެކަން އެނގުނުކަން އަނގާލީތަ؟"ޝާހިލް ސަމާސާރާގަކަށް އަހާލިއެވެ.

"ސައިދޭތޯ."ހެމުން ފަޒީލް ބުންޏެވެ.

"މަކީއްކުރަން ސައިދޭންވީ؟"ޝާހިލް އަހާލިއެވެ.

"ބަލަ ރާއްޖޭގައި ތިބި އެންމެ ސަޅި ބިޓުން އުޅޭނީ އެތާގައި، ޝާހިލް ވަށާލާފައި ތިބޭނީ ނުލާހިކު ސަޅި ކުދިން، ދެން މަބޭނުމެއް ނޫނޭ ބުންޏަސް، ކާކު ގަބޫލު ކުރާނީ؟ހަމަގާމުވެސް މަށެއް ގަބޫލެއް ނުކުރާނަން، އޮފީހުން ކަމުދާ ކުއްޖަކު ނުފެނުނަސް އެތަނުން އަތުއަޅުވާލާނެ، މަގޭ ހިތް ބުނަނީ އެހެން."ފަޒީލް ޝާހިލްގެ ކޮނޑުގައި ޖަހާލަމުން ސަމާސާ ރާގަކަށް ބުންޏެވެ.

"ތިއީ ފަޒީލް އަށް ވިސްނޭގޮތް، މަގޭ ހިތް ހަމަ ސާފު، މަދަނީ އެކުދިންނަށް ބާސްކެޓް ދަސްކޮށްދޭން، މާފޮޅުވާކަށް ނޫން."ޝާހިލް ވެސް ހިނިތުން ވެލަމުން ބުންޏެވެ.

"ކީއްވެތަ މިފަހަރު މެޗަށް އަރަން ނައީ؟"ޝާހިލް ވާހަކަ ބަދަލުކޮށްލިއެވެ.

"ބޮޑުވާ އިނގިލި އެނދުގެ ކަނުގައި ޖެހި ދުޅަވި ވާހަކަ ބުނީމެއްނުން."އަރާފައި ހުރި ރަބަރު ފާންވާން ތެރޭން ފައި ނެރެ ބޭސްއަޅާފައިވާ އިނގިލި ދައްކާލަމުން ފަޒީލް ބުންޏެވެ.

"ހޫން، ތިވެސް ބަހަނާއެއް، ނުބުނާތި ބަލިވެދާނެތީ ނައީއޭ."ސަމާސާ ރާގަކަށް ޝާހިލް ބުންޏެވެ. ފަޒީލް ހޭން ފެށިއެވެ. ޝާހިލް އެހެން ބުނަމުން އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ.

"ފަޒީލް ދިޔައީ، ވަރަށް ލަސްވެއްޖެ."ޝާހިލް އޭނަގެ ދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން ބުންޏެވެ.

"ދަނީތަ؟"އަންދު އަހާލިއެވެ.

"އާން، މާލެސްވެއްޖެ."ޝާހިލް ބުންޏެވެ.

"ބަލަ ހޮޓަލަށް ނާރާދަނީތަ؟ ހިނގާ ސައިތައްޓެއް ބޯލާގެންދާ، އެކުވެރިކަމުގެ މެޗެއް ނިންމާލާއިރު އެވަރު ކޮށްލަން ވާނެދޯ، ކީކޭ ފަޒީލް ބުނަނީ؟"އަހުމަދު ބުންޏެވެ.  

"އާން، މަރެޑީ."ފަޒީލް ބުންޏެވެ.

"އޯކޭ... ކާކު ބިލާ ހަވާލުވަނީ؟"ޝާހިލް އެކުވެރިންނަށް ބަލާލަމުން އަހާލިއެވެ.

"މެޗަށް ނާރަން ބަހަނާދެއްކި މީހާ ބިލާ ހަވާލުވާނީ."އަންދު ފަޒީލް އަށް ބަލާލަމުން ބުންޏެވެ.

"ހޫން... ހަނދާން ކުރާތި، މީދަލަކަށް ދުވަހެއް އައްޔާ ހިކަންޖަކަށް ވެސް ދުވަހެއް އަންނާނެކަން." ފަޒީލް އަނދުއަށް ބަލާލަމުން ބުންޏެވެ.

"މަޑުކޮށްބަލަ، މަށަކަށް ނޭނގޭ ތިއީ ހިކަންޖެއްކަމެއް؟"އަނދު ފަޒީލް އާއި ދިމާ ކޮށްލަން ބޭނުންވިއެވެ.

"ދެން ސަމާސާ ކުރާނީ ފަހުން ހިނގާ ހޮޑަލާދިމާ އަށް."ޝާހިލް ފަޒީލްގެ ކޮންޑަށް އަތްވައްޓާލަމުން ބުންޏެވެ.​

ޗެޕްޓާރ: 3

ބާސްކެޓް ކޯޗް

   ޝާހިލް އޮފީސް ނިންމާލައިފައި ގެޔަށް އައިސް ވަނެވެ. އަދި ކުޅެންދާން ތައްޔާރު ވެލައިގެން ކޮޓަރިން ބޭރަށް ނިކުތެވެ. އޭރު ޝާހިލްގެ މަންމަ އާސިމާ ހޮސްޕިލްގެ ޑިއުޓީ ނިންމާލައިފައި އައިސް ގެޔަށް ވަންނަނީއެވެ. ޝާހިލް އަވަސް އަރުވާލައިފައި ދާތަން ފެނުމުން އާސިމާ ސުވާލު ކުރަން ފެށިއެވެ.

​"ދަރިފުޅާ، ނުވެސް ކައިދަނީ ތަ؟" އާސިމާ އަހާލިއެވެ.  

"އާން މަންމާ، މިހާރުވެސް ވަރަށް ލަސްވެއްޖެ، މަންމަ އަށް އެނގެޔެއްނު އަހަރެން މިއަދު އަމީނިއްޔާ އަށް ކޯޗްކޮށްދޭން ދާން ޖެހޭކަން." ޝާހިލް ވަރަށް އަވަސް އަރުވާލައިފައި ބޫޓަށް އަރަމުން ބުންޏެވެ.

"އާން، އެކަމަކު ވެސް ކައިގެން ދެވިދާނެދޯ، މަންމަ މިހާރު މިކާން ހަދަނީ، ދަރިފުޅަށް ކާންހަދާފައި މަންމަ ޔުނީފޯމް ބަދަލު ކުރާނީވެސް." އާސިމާ ބަދިގެޔާއި ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ.

"ނޫން މަންމާ، އަހަރެން މިވަގުތަކު ނުކާނަން، ކުޅެނިންމާލާފައި އައިސް ކާނީ." ބޭރު ދޮރާއި ދިމާއަށް ހިނގައިގަން ނަމުން ޝާހިލް ބުންޏެވެ.

  ޝާހިލް ނިކުމެ ސައިކަލަށް އަރާ އިސްޓާޓް ކޮށްލިއެވެ. އާދައިގެ ވަރަކަށް ސައިކަލް ދުއްވާލައިފައި އައިސް އަމީނިއްޔާގެ ކައިރީގައި ސައިކަލް ޕާކުކޮށްލިއެވެ. އަދި އަވަސް އަރުވާލައިފައި ސްކޫލް ތެރެއަށް ވަދެގެން ދިޔައެވެ. އޭރު ކުޅޭ ކުދިން ކޯޗްގެ އިންތިޒާރުގައި ތިއްބެވެ. ޝާހިލް ފެނުމުން ކުޅޭ ކުދިން އެކަކު އަނެކަކަށް ސަލާމް ކޮށް ތައާރަފް ވާން ފެށިއެވެ. ޝާހިލް ވެސް އެކުދިންނާ ސަލާމް ކޮށް ވާހަކަ ދައްކަމުން ދިޔައެވެ. ޝާހިލްގެ ދިމާކުރިމަތިން ތިބި ދެކުދިންގެ ދޭތެރޭން އެދިމާ އަށް ހެވިފައި ހުރެގެން އަންނަމުން ދިޔަ ޒުލްޝާން ފެނުނެވެ. ޝާހިލްގެ ހިތުގެ ވިންދު އަވަސްވެ ހިތް ނުތަނަވަސްވާން ފެށިއެވެ. އެހެންނާވެސް އަންހެން ކުދިން ޝާހިލް އަށް ފެނެއެވެ. އެކަމަކު މިވަގުތު ކުރެވެމުންމިދާ އިހްސާސް ތަފާތެވެ. މިއީ ޒުވާންކަމުގެ ޖޯޝްބާއެވެ.

ޝާހިލްގެ ކުރިމައްޗަށް މަޑުކޮށްލަމުން އުފާވެރި ހިނިތުން ވުމެއް ޒުލްޝާގެ ތުންފަތްމައްޗަށް ގެންނަމުން ސަލާމް ކޮށްލަން އަތް ދިއްކޮށްލިއެވެ.

"ޒުލްޝާން." ޒުލްޝާން ސަލާމް ކޮށްލަމުން ބުންޏެވެ.

"ޒުލްޝާން." ޝާހިލަށް ޒުލްޝާންގެ ނަން މަޑުމަޑުން ކިޔާލެވުނެވެ.

ޝާހިލް ޒުލްޝާން ގެ އަތުތެރޭން އަތް ދުރަށް ލިއެވެ. އަދި ޒުލްޝާންގެ މޫނުން ނަޒަރު ނައްޓާލަމުން ދެއަތް ޖަހާލަމުން އެހެން ކުދިންގެ ސަމާލުކަން ޝާހިލް ހޯދިއެވެ.

އައިސް ތިބި ކުދިން ދެބަޔަކަށް ބަހާލުމަށްފަހު ޝާހިލް އެކުދިންނަށް ކުޅެންވާނެގޮތް ކިޔާދެމުން ދިޔައެވެ. ބާސްކެޓްގެ ގަވާއިދު ތައް ފުރަތަމަ ބުނެދެމުން ދިޔައެވެ. އެތަނުގައި ކޮންމެވެސް ވަރަކަށް ބާސްކެޓްކުޅޭ ކުދިން ތިބުމުން ޝާހިލްގެ މަސައްކަތް ތަންކޮޅެއް ލުއިވެގެން ދިޔައެވެ. އެކުދިންނަށް ބޭނުންވަނީ ކުޑަކުޑަ އެހީތެރި ކަމެކެވެ. އެކަމަކު ޒުލްޝާން ބާސްކެޓް ކުޅެން ޓީމާ ބައިވެރިވި ފުރަތަމަ ފަހަރުކަމުން ގިނައެއްޗެހިތަކެއް ޒުލްޝާން އަށް ކިޔާދޭން ޖެހުނެވެ. ބައެއްފަހަރަށް ޒުލްޝާންގެ ހަރަކާތްތައް ހުންނަގޮތުން ޝާހިލްގެ ވިސްނުމާ ފިކުރު ހިޔާލީ ދުނިޔެ އަކަށް ދަތުރު ކުރުވައެވެ.

އެދުވަހަށްފަހު ކޮންމެ ދުވަހަކު ޝާހިލް އެކުދިންނަށް ބާސްކެޓް ކޯޗްކޮށްދޭން ދެއެވެ. ޝާހިލް ޒުލްޝާނަށް ލޯބި ހުށައަޅަން ބޭނުންވެއެވެ. އެކަމަކު އެއީ މިދަނޑިވަޅުގައި ރަނގަޅު ކަމަކަށް ނުވާތީ ފަސްޖެހެނީއެވެ. އަދި އޭނަކަހަލަ ނަން މަޝްހޫރު މީހަކު ކިޔަވާ ކުއްޖަކަށް ލޯބިހުށައެޅުމަކީ ރަނގަޅު ކަމަކަށް ނުވާތީއެވެ. މީހުންގެ މަލާމާތާއި ދިމާކުރުން ލިބިދާނެތީއެވެ.ޝާހިލަށް ޓަކައި ކިތަންމެ އަންހެން ކުދިންނެއް އެބަތިއްބެވެ. އަމިއްލައަށް ލޯބިހުށައަޅާފައިވެސް ބައެއްކުދިން އެބަތިއްބެވެ. ޝާހިލްގެ ހަޔާތުގައިވެސް ލޯބީގެ މާ މީގެ އަހަރުތަކެއް ކުރިން ވަނީ ފޮޅިފައެވެ. އެކަމަކު އެމާ މިލާ މޯޅިވީ ޝާހިލް އަށް ނުވެސް އެނގިހުއްޓައެވެ. އަދިވެސް ޝާހިލް ހުރީ އިންތިޒާރެއްގައެވެ. އެކަމަކު ޒުލްޝާންގެ ފެނިލުން ޝާހިލްގެ ހިތް ބަދަލުކޮށްލިކަހަލައެވެ.

ޗެޕްޓާރ: 4

އިންޓަސްކޫލް ބާސްކެޓް މުބާރާތް.

މިއަދަކީ އިންޓަސްކޫލް ބާސްކެޓް މުބާރާތް ފެށޭ ދުވަހެވެ. ޒުލްޝާން މެންގެ ޓީމުވަރަށްބޮޑަށް ތައްޔާރު ވިއެވެ. މިއަދުގެ ފުރަތަމަ މެޗް އޮތީ އަމީނިއްޔާ އާއި އެމް.އީ.އެސްއާއި ދެމެދުގައެވެ. މުބާރާތް ފެށިގެން ކުރިޔަށް ދިޔައެވެ. ޝާހީލް ހުރީ މިއަދުގެ މެޗުން ޒުލްޝާން މެން މޮޅުވެއްޖެއްޔާ އޭނަގެ ހިތުގެ ހާލަތު ކޮންވެސް ވަރަކަށް ހިއްސާކުރަން ނިންމައިގެންނެވެ. ވާނީ ކިހިނެއް ކަމެއް ނޭނގި ޝާހިލްގެ ހިތުގައި އުންމީދެއްގެ އަލިކޮޅެއް ދިއްލުނެވެ.

މެޗުފެށި ގެން ކުރިޔަށް ދިޔައެވެ. ހޯލްތެރޭގައި ދެޓީމަށް ސަޕޯޓްކުރާ ސަޕޯޓަނުންގެ އަޑުވަނީ ގުގުމާލާފައެވެ. ޝާހިލް ވެސް މިމެޗުން ވާނެ ގޮތެއް ނޭނގިފައި ހުއްޓެވެ. ހިތާހިތުން ޒުލްޝާން މެން މޮޅުވޭތޯ ދުޢާ ކުރަމުން ދިޔައެވެ.

އަތުގައި އޮތް ފާސްދައްކާލާފައި ޝިޕްނާ އެތެރެއަށް ވަދެގެން އައެވެ. އޭނަގެ ކޮނޑުގައި ކެމެރާ ދަބަސް އޮތެވެ. ސިޑިން މައްޗަށް އެރުމަށްފަހު ތިރިން ކުޅެމުންދާ މެޗު ސާފުކޮށް ފެންނާނެ ދިމާއެއްގައި ޝިފްނާ މަޑުކޮށްލިއެވެ. އަދި ދަބަހުން ކެމެރާ ނަގައި ކުޅެމުންދިޔަ މެޗުގެ ފޮޓޯ ނަގަމުން ދިޔައެވެ. ހޯލްތެރޭގެ އެކިދިމަދިމާ ފޮޓޯނަގަމުން ޝިފްނާ ދިޔައެވެ. އެވަގުތު ޝިފްނާގެ ކެމެރާ އަމާޒުކޮށްލެވުނީ ތިރީގައި ބެންޗުގެ އެއްފަރާތެއްގައި އިށީނދެގެން އިން ޝާހިލް އަށެވެ. ޝާހިލްގެ މޫނުމަތިން ފެންނަމުން ދިޔަ ކަނބޮޑުވުން ޝިފްނާ އަށް ކެމެރާ ޒޫމްކޮށްލުމުން ސާފުކޮށް ފެންނަމުން ދިޔައެވެ. ޝީފްނާ ޝާހިލްގެ އެހާސްވެފައިވާ މޫނުގެ "ކޮލޯޒްއަޕް" ތަކެއް ނަގާލިއެވެ.

"ޝާހިލް...."ޝިފްނާ ޝާހިލްގެ ނަން މަޑުމަޑުން ކިޔާލިއެވެ.

ކުޅެމުންދިޔަ މެޗް ނިމިއްޖެއެވެ. ޝާހިލްގެ މާޔޫސްކަން ކުރިޔަށްވުރެން އިތުރުވިއެވެ. ޒުލްޝާންމެންގެ ޓީމް މިމެޗުން ބަލިވުމުން ނެވެ. ލިބިފައިވާ ވަރުބަލިކަމާއި އެއްވަރަށް މިލާފައިވާ މޫނުތައް ފެނުމުން ޝާހިލް ގެ ހިތުގައި ރިއްސާލިއެވެ. ވަރުބަލިވެފައި ތިބި ކުޅުންތެރިންނަށް ހިތްވަރުގެ ދެތިން ލަފްޒު ބުނެލުން ނޫން ކަމެއް މިވަގުތު ޝާހިލް އަށް ކޮށްދެވޭކަށް ނެތެވެ. އާހިތްވަރަކާ އެކު ދެން އޮތް މެޗަށް ތައްޔާރު ވާން އެވަގުތު އަޒުމު ކަނޑައެޅިއެވެ.

"އާއަޒުމަކާ އެކީގައި ކުރިޔަށް ދާން."ޝާހިލް އޭނަގެ ކަނާތް ދިއްކޮށްލަމުން ބުންޏެވެ. ފަހަރަކު ކުއްޖަކު ޝާހިލްގެ އަތްމަތީގައި އަތް ބާވަމުން ޝާހިލް ބުނި ޖުމްލަ ތަކުރާރްކުރިއެވެ. އެންމެފަހުން ކުއްޖާ އަށް ޒުލްޝާން އަތް ބާއްވާލިއެވެ. ޝާހިލް އޭނަގެ ވާތް ޒުލްޝާންގެ އަތްމަތީގައި ބާއްވަލިއެވެ.

"އަހަރުމެން ކާމިޔާބު ކުރާނަން."ހިތްވަރާއި އެކީގައި އަޑުގެ ކޮޅަށް ބާރަށް އެޖުމްލަ ބުނެލިއެވެ. އާޖޯޝަކާ އާއަޒުމަކާ އެކީގައި އެވެ. އެއަޑު މުޅިތަނުގައި ގުގުމާލިއެވެ.

އެމަންޒަރު ފޮޓޯނަގަމުން ދިޔަ ޝިފްނާ ކެމެރާ ތިރިކޮށްލިއެވެ. އެކުދިންގެ ހިތްވަރުފެނުމުން އޭނަގެ ތުންފަތް މަތިން ވެސް އުފާވެރި ހިނިތުންވުމެއް ފާޅުވިއެވެ. އެކުދިންޖެ އެޖޯޝްފެނުމުން އޭނަގެ ސްކޫލްދައުރު އިޔާދަވެގެން ދިޔައެވެ. އެއާއި އެކީގައި އޭނަގެ ދެލޯ ފެންކަޅިވިއެވެ. އެކަމަކު އެހިނިދު އޭނަގެ ދެލޯމަރާލަމުން ތުންފަތްމައްޗަށް ހިނިތުން ވުމެއް ގެނައެވެ. އަނެއްކާވެސް އެހެންދިމާލަކަށް ޝިފްނާގެ ސަމާލުކަން ގެންދިޔައެވެ. އަތުގައި އޮތް ކެމެރާ އެދިމާ އަށް އަމާޒު ކޮށްލިއެވެ.

ޒުލްޝާން މެންގެ މެޗުނިމުނު ކަމުގައި ވިޔަސް އިތުރަށް ރޭވިފައިވާ މެޗުތައް ކުރިޔަށް ދިޔައެވެ. އެމެޗުތައް ބަލާލަން ޒުލްޝާން އާއި އޭނަގެ އެކުވެރިން މަޑުކޮށްލިއެވެ. ޝާހިލް ވެސް އެކުދިން ތިބިތަނުގައި މަޑުކޮށްލިއެވެ.

"ވަރަށް ދެރަވެއްޖެ، އަސްލުވެސް ކޯޗް."އެތަނުން ކުއްޖަކު ޝަކުވާގެ ރާގެއްގައި ބުންޏެވެ.

"ބައެއްފަހަރަށް ބަލިވެސް ގަބޫލުކުރަންވާނެ، އަބަދު މޮޅުވަންޏާ ބަލިވީމައި އެވާ އިހްސާސް އެއް ނުކުރެވޭނެދޯ، އޭރުން އަބަދު އުޅޭނީ ބޮންތީގައި ހިފަން، އެއީކީ ވެސް މުޅިޔަކުން ރަނގަޅު ގޮތެއް ނޫން، ބަލާބަލަ މިއަތަށް."ޝާހިލް އަތް ހުޅުވާލަމުން އޭނަގެ އަތް ތިލަ ދައްކާލިއެވެ. ހުރިހާ ކުދިން ޝާހިލްގެ އަތަށް ބަލަމުން ދިޔައެވެ.

"ކޯއްޗެއް ފެންނަނީ؟"ޝާހިލް ސުވާލު ކޮށްލިއެވެ.

 

 

އަދި ނުނިމޭ

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy