ވާހަކަ: ކާއިނާތު (ދިހަވަނަ ބައި)

​"އަންނާނަންތަ؟" ޒައިބާ އަހާލިއެވެ.

ކާއިނާތު އިތުރު ޖަވާބެއް ނުދީ ފޯނު ކަނޑާލުމަށް ފަހު ކަކުލުގައި ބޯއަޅައިގެން ގިސްލަން ފެށިއެވެ. އިރުފާނާއި ދޭތެރޭގައި ކުށްހީ ކުރެވުނީމައެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު ތެދުވެ ރީތި ވެލިއެވެ. ފުނާ އަޅަމުން ދަނިކޮށް އިނގިލީގައި އޮތް އަނގޮޓި ފެނުމުން ނަގަން އުޅުނެވެ. އެކަމަކު އަނގޮޓި ނުނަގާއި އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު އިންގިއްޔަށް އަނގޮޓި ހެޔޮވަރު ކޮށްލިއެވެ. ފަރުވާތެރި ކަމާއި އެކީގައި އަނގޮޓިއަށް ބަލާލިއެވެ. ތުންފަތް މައްޗަށް ހިނިތުން ވުމެއް ގެނައެވެ. މިއީ އިރުފާން ދިން އެއްޗެއް ކަމުގައި ހިތް ބުނެލިކަހަލަ އެވެ.

******************

​އާދާގެ މަތިން މިރޭވެސް ވިދާދު މެން ކެފޭގައި ތިބޭ މޭޒު ދޮށުގައި ވާހަކަ ދައްކަން ތިއްބެވެ. އެހެންނާ ވެސް ދައްކާ މަޢުލޫ އަށް މިރޭ ވެސް ވާހަކަ ދެކެވެމުން ދިޔައެވެ. އެކަމަކު ވިދާދު މިރޭ އާދަޔާ ހިލާފަށް ހިމޭން ވެފައި ހުރިކަން ފިރާޒަށް ފާހަގަ ވިއެވެ. ކޮންމެ ވެސް ކަމެއް ދިމާވިކަން ފިރާޒަށް އެނގުނެވެ. ވާހަކަ ދެއްކުމުގެ ރާގަށް ވަނީ ބަދަލު އައިސްފައެވެ. ވިދާދަކީ ފިރާޒް ގެ ބޮސް ކަމުގައި ވިޔަސް އޮފީހުން ބޭރުގައި އެދެމީހުންނަކީ ގާތް ދެއެކުވެރިންނެވެ. އެކަކު އަނެކަކަށް ވާހަކަ ހިއްސާ ކުރެއެވެ. ދިމާ ކޮށް ސަމާސާ ކޮށް ހަދައެވެ.

​"މައިތިރި ވެފައި ތިއިނީ ކީއްވެ؟"ފިރާޒް އަހާލިއެވެ.

​"ކަމެއް ނުވޭ، މީޓިން ބާއްވައިގެން ވެސް ނިމޭ ގޮތެއް ނުވިދޯ، ދެން އޮންނަ މީޓިނަކަށް ބައްޕަ ދުރުވަން ޖެހޭނީ، މިހާރު ކުރިޔާ ވަރަށް ތަފާތުވާނެ، އަހަރެން އަބަދު ބައްޕަގެ ބިޒްނަސްގައި މިހެން ކިހިނެއް އުޅޭނީ؟ ފުރަތަމަ އޮންނަން ޖެހޭނީ އަހަރެންގެ ވަޒީފާ." ވިދާދު އާދައިގެ ރާގަކަށް ބުންޏެވެ. ފިރާޒް ވިދާދަށް ބަލާލިއެވެ. ވިދާދު މިރޭ އިނީ ކުޑަކޮށް މޫޑު ގޯސްވެފައި ކަން އެނގުނެވެ.

​"އަސްލު ބައްޕަ ވެސް ބޭނުންވެލައްވަނީ ވިދާދު ތިވަޒީފާގައި ހުންނަން، އެހެން ވެގެންތާ އަހަރުމެން ޕާޓީގެ ކަންތަކުގައި އިސްކޮށް ނެރެފަ މިތިބީ.، އަނެއްކާ ވިޔަފާރި އާއި ރިސޯޓްގެ ޒިންމާތައް ވެސް މިރުފާން އާއި ހަވާލުކޮށް ގެން އެއުޅެނީ."ފިރާޒް ވިސްނާލަމުން ބުންޏެވެ.

​"ދެން މިކެފޭ؟ މިތާގެ ޒިންމާ ކީއްވެ އަހަރެން ނަގަންވީ؟"ވިދާދު ފިރާޒަށް ބަލާލަމުން އަހާލިއެވެ.

​"އޯހޯ ހާދަ ރުޅިއައިސްފައި، ކިހިނެއްވީ؟ ބިޓެއް ކެޓީތަ؟"ފިރާޒް ދިމާކޮށްލަން ބޭނުން ވިއެވެ. ވިދާދު ފިރާޒަށް ބަލާލިއެވެ. އަދި އެއްކޮލުން ލާނެތް ގޮތަަކަށް ހިނިތުން ވެލިއެވެ.

​"ކޮން ވާހަކަ އެއް ދައްކާކަށް، އެކެޓިޔަކަ ނުދޭނަން."ވިދާދު އަނެއްކާވެސް ފޯނަށް ބަލަމުން ދިޔައެވެ.

​"މުޅިތަނުގައި ނޯ ސްމޯކިން ބޯޑު ހިއްޕާގެން ތިއުޅެނީ ކިހިނެއްވީ؟"ފިރާޒް ވިދާދު ބުނި އެއްޗަށް ސަމާލު ކަމެއް ނުދީ ފާރުގައި ހަރުކޮށްފައި ހުރި ބޯޑަށް ބަލާލަމުން އަހާލިއެވެ.

​"ދެން މިކެފޭގައި ސްމޯކް ނުކުރާ ގޮތަށް ނިންމީ."ވިދާދު ބޯޑަށް ބަލާލަމުން ބުންޏެވެ.

"ބުނީމެއްނު ވިދާދު އިންނަން އުޅޭ ކުއްޖާ އާއި މިރޭ ބައްދަލު ވާނޭ ކޮބާ އޭނަ؟" ފިރާޒް ދިމާކޮށްލާ ރާގަކަށް އަހާލިއެވެ.  

ވިދާދު އިތުރު ޖަވާބެއް ނުދީ އަތުގައި އޮތް ފޯނުން ފޮޓޯ ތަކެއް ބަލަމުން ދިޔައެވެ. އޭނާ ފިރާޒް ދައްކާ އެއްވެސް ވާހަކަ އަކަށް ޖަވާބު ދޭކަށް މިވަގުތު ބޭނުމެއް ނުވިއެވެ.

މިރޭ ޝަރާ ރިސޯޓުން އައުމުން ފިރާޒް މެންނާ ބައްދަލު ކުރުވަން އޭނާ ހުރީ ނިންމާގެންނެވެ. އެކަމަކު ޝަރާގެ ބިޒީ ޝެޑިއުލް ހުރި ގޮތުން އެކަން ވާގޮތް ނުވީއެވެ. ޝަރާ މިރޭ ބައްދަލު ނުވާނެ ވާހަކަ ބުނުމުން އޭނާ އެކަމާ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. ފިރާޒް އާއި އެކީގައި ކެފޭ އަށް އައީ ވެސް އެހެން ވެގެން ނެވެ. ފިރާޒް މިރުފާނަށް ގުޅާގެން މިރުފާން އާއި ޝީލާ ވެސް އެތަނަށް ގެނުވިއެވެ.

​"ދެކުދިން ބުރު އަޅަން ނިކުމެދޯ."ފިރާޒް މިރުފާނަށް ބުންޏެވެ.

​"އާން، ދެން މިހެން ލިބޭ ބަންދު ރެއެއްގަ ދޯ ނިކުމެވޭނީ، ވަޒީފާ އާއި އެއްވަރަށް ގެޔަށްވެސް ވަގުތު ދޭން ޖެހޭނެތާ."މިރުފާން ބުންޏެވެ.

​"ތިއެއް އަހަރުމެން ނަށް ކިހިނެއް އެނގޭނީ ދޯ ވިދާދު." ފިރާޒް ބުންޏެވެ.

​ވާހަކަ ދައްކަމުން ކޮފީ ކުރިޔަށް ގެން ދިޔައެވެ. ޖާދު އަށް ވެސް އެތަނަށް އައުމަށް ދައުވަތް ދިނެވެ. އެކަމަކު މިރޭ ކުޑަކަމެއްގައި ބިޒީ ކަމުގައި ޖާދު ބުންޏެވެ. ވިދާދު ފޯނާ ފޫހި ގޮތަކަށް ކުޅެން އިނެވެ. ވިދާދުގެ ހިމޭން މިޒާޖު ފެނުމުން މިރުފާން ވެސް ސުވާލު އުފެދުނެވެ. އެކަމާ އެއްވެސް ވާހަކަ އެއް ނުދެއްކުމަށް ވިދާދު އެދުނެވެ. ވަގުތާއި އެކީގައި ބަދަލުވާން ޖެހޭނޭ ކަމަށް ބުނެ ހަމަޖައްސާލިއެވެ. ރޭގައި އެތަނުގައި އުޅުނު ވެއިޓަރު ކޮބައިތޯ ފިރާޒް މެން ސުވާލު ކޮށްލިއެވެ.

​"އެއީ ވެއިޓަރެއް ނޫން ޒައިބާ ގެ ރައްޓެހި ކުއްޖެއް، ރޭގައި މިތަނުގައި މީހުން މަދުވީމައި ޒައިބާ ބުނީމައި އައިސް އެހީވެދިނީ."ވިދާދު މަޑުމަޑުން ބުންޏެވެ.

​"އާން އެއީ ވެއިޓަރަ ކަށް ވާކަހަލަ ކުއްޖެއް ނޫން، އެޔަށް ވުރެން މާރީތި މާފުރިހަ ކުއްޖެއް،ކޮންމެ މީހެއްގެ ހިތް ވެސް ކިޔާލާހާ ރީތި."ފިރާޒް އަމިއްލަ މޭގައި އަތް އަޅާލަމުން ބުނެލިއެވެ. ވިދާދު ގެ ތުންފަތް މަތިން ހިނިތުން ވުމެއް ފެނިގެން ދިޔައެވެ.

​"ވެއިޓަރެއް ނޫން ޒައިބާގެ ރައްޓެހި ކުއްޖެއް، ދެން އެކުއްޖާ އަށް އެހާ ގޯނާ ކުރީ ކީއްވެ؟" މިރުފާން އަހާލިއެވެ.

​"ކަމެއް ވެގެން ނެއްނޫން، ދެން ހަމަ ދިމާކޮށްލާ ހިތްވީ."ވިދާދު ފޯނުން ފޮޓޯތަކެއް ރޯލް ކުރަމުން ބުންޏެވެ.

ފޯނުން ވިދާދު ކުރަމުން އެދާ ކަމެއް އެކަކަށް ވެސް ނޭނގެއެވެ. ވިދާދު އެފްބީން ކާއިނާތުގެ އެކައުންޓަށް ވަދެގެން އެރީތި ހުވަފެނެއް ކަހަލަ އަންހެންކުއްޖާ ގެ މަޢުލޫމާތް ހޯދަނީއެވެ. ކާއިނާތުގެ ރީތި ފޮޓޮއެއް ފެނުމުން ވިދާދުގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ. އެފްބީ ބަލަމުން ދިޔަ ވަރަކަށް ވިދާދަށް ވިސްނުނީ ކާއިނާތަކީ ވަރަށް އާދައިގެ ކުއްޖެއް ކަމެވެ. ޕޯސްޓްކޮށްފައިވާ ޕޯސްޓްތަކުގައި އެއްވެސް ޕޮލިޓިކަލަސް ޕޯސްޓެއް ނެތެވެ. ސިއްޙީ މަޢުލޫމާތާއި ދީނީ މަޢުލޫމާތު ހިމެނޭ ޕޯސްޓްތައް ގިނައެވެ. އެއާއި އެކީގައި އެހީތެރިކަމަށް ބޭނުންވާ މީސްމީހުންގެ މަޢުލޫމާތެވެ. ދައްކާފައިވާ ވާހަކަ ތަކުން ފެޝަން ޑިޒައިނަރަކަށް ވާން ބޭނުންވާ ކަމުގެ ޝުއޫރު ފަޅުކޮށްފައި ހުއްޓެވެ. ރޯލްކުރަމުން ދިޔަ ޕޯސްޓްތަކުގައި އެކުވެރި ކުއްޖަކު ޓެގްކޮށްފައި ވާފޯސްޓެއް ވިދާދަށް ފެނުމުން ތުންފަތް މައްޗަށް އުފާވެރި ހިނިތުން ވުމެއް ވެރިވިއެވެ. އެއީ ވިދާދުގެ ކުރީގެ ފޮޓޮއެކެވެ. އަދި ލިޔެފައި ހުރި ކޮމެޓްތައް ވިދާދު ކިޔާލިއެވެ.  

​"ކާއިނާ ބަލާބަލަ ރާއްޖޭގައި ހުރި އެންމެ ޒުވާން މިސްޓަރު."ކުއްޖާ ޓެގްކޮށްފައިވާ ލިޔުން ކޮޅު ކިޔާލިއެވެ.

"ޒުވާނެއް ވިއްޔާ މުސްކުޅިވެސް ވާނެ، އެހެން ނޫނަސް ތިކަހަލަ ޕޯސްޓް މަށަށް ޓެގް ނުކޮށްބަލަ، އައިހޭޓް ޕޮލިޓިކްސް." ކާއިނާތު ބުނެފައި ވަނީ ހަމައެކަނި އެހެންނެވެ. ވިދާދު ކައިރިޔަށް ކުރިޔަށް ވުރެންވެސް ބޮޑަށް ހިނިއައެެވެ.

​"ހޭޓް ޕޮލިޓިކްސް."ވިދާދަށް ބުނެލެވުނެވެ.

​"ކީކޭ؟" ފިރާޒް އަހާލިއެވެ. ވިދާދު އެއްޗެއް ނުބުނާ ކަމަަށް ބޯހޫރާލިއެވެ.

​ކޮފީ ތަށިން ނަގައި ތުނބުގައި ޖައްސާލިތަނުން ކެފޭ ތެރެއަށް ވަދެގެން އައި ކާއިނާތު ވިދާދަށް ފެނުނެވެ. ވިދާދު ތަށި މޭޒުމަތީގައި ބެހެއްޓިއެވެ. އޭނާއަށް ކާއިނާތު ފެނުމުން މިލާ މޯލިވެފައިވާ ގަހަކަށް ފެން ފޮދެއް ދިނުމުން ތާޒާ ވެލާހެން އޭނާގެ މޫނުމަތި ތާޒާ ވެގެން ދިޔައެވެ. ތުންފަތް މައްޗަށް އުފާވެރި ހިނިތުން ވުމެއް ވެރިވިއެވެ. ކާއިނާތު މަޑުމަޑުން ހިނގާލާފައި ކައުންޓަރު ކައިރިޔަށް ދިޔައެވެ. ޒައިބާ ކާއިނާތު ފެނުމުން ހިނިތުން ވެލިއެވެ. އަދި ފިނި އެއްޗެއް ބޯލަން ވީ ނޫންހޭ އަހާލިއެވެ. ޒައިބާ އެހެން އަހާލުމުން އެކަމަށް އިންކާރު ކުރިއެވެ. ވިދާދުގެ ކަޅިހުއްޓިފައި ހުރީ އެދެކުދިން ނަށެވެ. ޒައިބާ އަށް ކާއިނާތު އަތުގައި އޮތް އަނގޮޓި ފެނުމުން އަތުގައިހިފާ އަނގޮޓި އަށް ބަލާލިއެވެ. ކާއިނާތު އަތް ދަމައިގަތެވެ.

​"އަތުގައި އެޅީތަ؟"ޒައިބާ އަހާލިއެވެ.

ކާއިނާތު އެޔަށް ޖަވާބު ދިނުމުން ނެތި ވަށައިގެން ކެފޭ ތެރެއަށް ނަޒަރު ހިނގާލިއެވެ. ވިދާދު ކައިނާތަށް ފިލާ ގޮތަށް އިސްޖަހާލިއެވެ. ދިއްލާފައި ހުރި ބޮކީގެ އަލި ފަނޑުކަމުން މާބޮޑަކަށް އެއީ ކޮން ބައެއް ކަމެއް ކާއިނާތަކަށް ނޭނގެއެވެ.

​"ކޮބާ އިރޫ؟" ކާއިނާތު ޒައިބާ ކުރެން ސުވާލު ކޮށްލިއެވެ.

​"އިރުކޮޅަކުން އަންނާނެ."ޒައިބާ ޖަވާބު ދިނެވެ.

"އެހެރަ އަންނަނީ" ވަދެގެން އައި އިރުފާން ފެނުމުން ޒައިބާ ބުންޏެވެ.

އިރުފާން ކާއިނާތު މެންނާ އަރާ ހަމަވެފައި ކާއިނާތުގެ އަތުގައި ހިފާލިއެވެ. ކާއިނާތު އިރުފާން ދެކެ ރުޅިއައިސްފައި ހުރުމުން އަތް ފޮޅުވާލިއެވެ. ވިދާދު އިނީ އެމީހުންގެ ހަރަކާތް ތަކަށް ބަލާށެވެ. އިރުފާން ކާއިނާތާ މާ ގާތް ވާން ފެށުމުން ވިދާދުގެ މޫނޫގެ ކުލަވަރު ބަދަލުވާން ފެށިއެވެ.

​"ސޮރީ، ވަރަށް ބޮޑަށް ސޮރީ."މަޑުމަޑުން އިރުފާން ކާއިނާތަށް ބުންޏެވެ.

ކާއިނާތު އިރުފާނަށް ދެލޯ އަޅާލަމުން ގޮސް ވިދާދު މެން ކައިރީގައި ހުރި ހުސް މޭޒެއްގެ ދޮށުގައި އިށީނެވެ. އެތަނަކީ ތަންކޮޅެއް އަދިރި ތަނަކަށް ވާތީއެވެ. ފަހަތުން އިރުފާން ވެސް ގޮސް އިށީނެވެ. ކާއިނާތު ހުރީ ރުޅިއަށް ވުރެން ބޮޑަށް ދެރަވެފައެވެ. ވަރަށް ޝަކުވާ ކުރަން ބޭނުން ވެއެވެ. އިރުފާން ކާއިނާތުގެ އަތުގައި ހިފާލިއެވެ.

​"ސޮރީ...." އިރުފާން ކާއިނާތަށް މަޑުމަޑުން ބުންޏެވެ.

​"ހަފްތާ އެއްވީ ޙަބަރެއް ނުވެ، ކޮންތާކު އުޅެފައި ތިއައީ؟ އަހަރެން ކުރި މެސެޖް ތަކަށް ވެސް ޖަވާބު ދިނުން އެހާ މުހިއްމު ކަމަކަށް ނުވީ ދޯ؟"ކާއިނާތު ޝަކުވާގެ ރާގެއްގައި ސުވާލު ކޮށްލިއެވެ.

​"ސޮރީ، ބިޒީ ވީމަ ގުޅާ ނުލެވުނީ."އިރުފާން ބުންޏެވެ.

​"ބިޒީ ވިޔަސް މެސެޖެއް ކޮށްލެވެން ވާނެދޯ؟ އަހަރެން ގުޅާކަން އިރޫ އަށް ނޭނގެނީތަ؟"ކާއިނާތު އަނެއްކާ ވެސް ކޮށްލީ ޝަކުވާ އެކެވެ.

"މިއަދު މިއީ ކޮން ދުވަހެއްކަން ވެސް އިރޫ ހަނދާނެއް ނެތް." ކާއިނާތު އަނެއްކާ ވެސް ބުންޏެވެ.

"ބުނެފިން ދޯ ސޮރީއޭ، މާބޮޑު ކަމަކަށް ނުހަދަބަލަ." އިރުފާން ގެ ވާހަކަ ދެއްކުމުގައި ވަނީ ހަރުކަށި ކަމެވެ.

އެމީހުން ދައްކާ ވާހަކަ ވިދާދަށް ސާފު ކޮށް އިވެމުން ދިޔައެވެ. ކާއިނާތުގެ ޝަކުވާ އަކީ އިރުފާން އޭނަޔަށް އަޅާނުލާތީއެވެ. ވަގުތު ނުދޭތީއެވެ. ކާއިނާތު ލޯބިވާ ވަރަށް އިރުފާން ލޯބިނުވާ ކަމުގެ ޝަކުވާ އެވެ. އިރުފާން ގެ އާއިލާ ބޭނުން ވަނީ ކާއިނާތަށް ވުރެން ފައިސާގެ ގޮތުން ތަނަވަސް ކުއްޖެކަން ކާއިނާތަށް އެނގުނުކަން އިރުފާން ކައިރީ ބުންޏެވެ. އޭނަޔަކީ އެހާ ނަސީބު ރަނގަޅު މީހެއް ނޫން ކަމުގައި ބުންޏެވެ. ކާއިނާތު ބޭނުން ވަނީ ހަމަ އެކަނި އިރުފާންގެ ލޯބި ކަމުގައި ބުނަމުން ދިޔައެވެ. ބައެއް ފަހަރު ކާއިނާތަށް ރޮވޭ ގޮތް ވެއެވެ.

ކާއިނާތު ރޯތަން ވިދާދަށް ފެނުމުން ހިތަށް އަސަރު ކުރާގޮތް ވާން ފެށިއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ކާއިނާތާ ވިދާދު އަދި ދިމާވިތާ މިއުޅެނީ 24 ގަޑިއުރު ނުވެގެން ނެވެ. އެކަމަކު ވިދާދަށް ކާއިނާތު އަކީ އޭނަޔަށް ވަރަށް މުހިއްމު މީހެއްގެ ގޮތުގައި ދެކެވެން ފެށިއެވެ. ކާއިނާތުގެ ހިތަށް ކޮށްފައިވާ އަސަރު އޭނަގެ ހިތަށް ކުރާހެން ހީވިއެވެ. ކާއިނާތުގެ ޝަކުވާ އަކީ އޭނަޔަށް ކުރަމުން ދާ ޝަކުވާ ތަކެއް ހެން ވިދާދަށް އިހްސާސް ކުރެވެން ފެށެވެ.

ޝަރާ އޭނަޔާ އެޝަކުވާ ނުކުރަނީ ކީއްވެގެން ބާއޭ ހިތަށް އަރަމުން ދިޔައެވެ. ވިދާދު ޝަރާ ދެކެ ލޯބިވާ ގޮތައް ޝަރާ އޭނަ ދެކެ ލޯބިވާން ބޭނުން ވިއެވެ. ޝަރާ އަށް އޭނަ އިންތިޒާރު ކުރާ ގޮތައް ޝަރާ އޭނަ އަށް އިންތިޒާރު ކުރަން ބޭނުން ވިއެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ޝަރާ ގެ ނެތެވެ. ކާއިނާތު އަކީ ވިދާދު ބޭނުން ވާކަހަލަ ކުއްޖެއްކަށްވިއެވެ. ކާއިނާތުގެ ގައިގައި ހުރީ އޭނަ ބޭނުންވާ ކަހަލަ މިޒާޖެކެވެ.

ޒައިބާ ދެ ޖޫސްތަށި ހިފައިގެން އައިސް ކާއިނާތު މެން ކައިރީގައި ބެހެއްޓިއެވެ. ކާއިނާތު ލޮލުން އަންނަމުން ދިޔަ ކަރުނަ ފުހެލިއެވެ.

"ދެން މިރޭ ތިމީހުން ދާންވާނީ ތި މައްސަލަ ތައް ހައްލުކޮށްފަ."ޒައިބާ އިރޫ އަށް ބުންޏެވެ.

"އަސްލު އެއްވެސް މައްސަލައެއް ނެތް، ކާއިނާތު ހަމަ ކައްތައްގަނޑު ބޮޑުކުރަނީ."އިރޫ ޒައިބާ އަށް ބުންޏެވެ. އިރޫ އެހެން ބުނުމުން ކާއިނާތު އިރޫ އަށް ބަލާލިއެވެ.

"ކާއިނާ ކައްތައްގަނޑު ބޮޑީކީ ނޫން، އިރޫގެ އަމަލުތައް ހުންނަގޮތުން، މެސެޖެއް ކޮށްލަން ބުރަކަމަށް ވަންޏާ ކީއްކުރަން ރައްޓެހި ވެގެން ތިއުޅެނީ؟ ރައްޓެހިވެގެން އުޅެންޏާ ތިހުރިހާ ޝަކުވާ އެއް ވެސް އަންނާނެ، އެޝަކުވާތައް އަހަންވެސް ޖެހޭނެ." ޒައިބާ އިރުފާން އަށް ބުންޏެވެ.

އިތުރު އެއްޗެއް ޒައިބާ ބުނުމުގެ ކުރިން ކާއިނާތު ޒައިބާގެ އަތުގައި ހިފާ އެކަން މަނާކުރިއެވެ. އިރުފާންގެ ފޯނަށް މެސެޖެއް އައުމުން ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލާފައި އަޅާލުމެއް ނެތި އެތަނުން ނިކުމެގެން ދިޔައެވެ. ކާއިނާތު އިންގޮތަށް އިނީއެވެ. ޒައިބާ މޭޒު ދޮށުގައި އިށީނެވެ. ޒައިބާ ވާހަކަ ދެއްކިޔަނުދީ ކާއިނާތު އެކަން މަނާ ކުރުވިއެވެ.

"އަސްލު ބައްޕަ އަށް މިކަން އެނގޭތީ ބޭނުމެއް ނޫން އިރޫ އާއި ދުރަށް ދާކަށް ވެސް."ކާއިނާތު ހިމޭން ރާގެއްގައި ބުންޏެވެ.

"ދެން އެހެނޭ ކިޔާފައި މުޅި ދިރިއުޅުން ހިތާމާއިގައި ދުއްވާލަންވީތަ؟ އިރޫ ކިހާ ފަރުވާ ކުޑަ،ކާއިނާ ދެކެ ލޯބިވާ މީހަކު އެގޮތައް ދޫކޮށްލާފަ ދާނެތަ؟ ހަގީގަތުގައި އޭނަ ކާއިނާ ދެކެ ލޯތްބެއް ނުވޭ."ޒައިބާ އަށް ބުނެވުނެވެ.

"އެކަމަކު ވެސް އަހަރެން ބޭނުމެއް ނޫން ދުރުވާކަށް."ކާއިނާތަށް ރޮވޭ ގޮތްވިއެވެ.

"ދުރު ނުވެފައި ކޮބާ؟"ޒައިބާ ސުވާލު ކޮށްލިއެވެ.

ކާއިނާތު ޒައިބާ އަށް ބަލާލިއެވެ. އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވާތީ ކާއިނާތު އިސްޖަހާލިއެވެ. ކަރުނުން ފުރިފައިވާ ދެލޯ މަރާލިއެވެ. އެއީ އޭނަގެ ނަސީބު ކަމަށް ނިންމި ކަހަލަ އެވެ.

​"ސައިކުގަ ތަ ތިއައީ؟"ޒައިބާ ސުވާލު ކޮށްލިއެވެ. ކާއިނާތު ނޫނެކޭ ބުނެލިއެވެ.

​އެދެކުދިން ދައްކަމުން ދިޔަ ވާހަކަ އަށް ވިދާދު ގެއްލިފައި އިނެވެ. މިރުފާން އާއި ފިރާޒް ދައްކަމުން ދާ އެއް ވެސް ވާހަކަ އަކަށް ވިދާދުގެ ޝައުގެއް ނެތެވެ. ޒައިބާގެ ގަޑިހަމަ ވަންދެން އެތަނުގައި ކާއިނާތު މަޑުކުރުމަށް އެދިފައި ޒައިބާ ކައުންޓަރު ކައިރިޔަށް ދިޔައެވެ. މިރުފާން އާއި ޝިލާ ވެސް ގެޔަށް ދާން އެތަނުން ނިކުމެގެން ދިޔައެވެ. ފިރާޒް ބޭނުންވީ ވިދާދު އާއި އެކީގައި ވިޔަފާރީގެ މަޝްވަރާ އެއް ކުރަން އެތަނުގައި އަދި އިރުކޮޅަކު މަޑުކޮށްލާށެވެ. އެކަމަކު ވިދާދު ބޭނުންވީ އެކަނި ވެލާށެވެ. އެކަން ފިރާޒަށް އެނގުމުން އިތުރު ވާހަކަ އެއް ނުދައްކާ ފިރާޒް ނިކުމެގެން ދިޔައެވެ.

​ކާއިނާތު އެއްދިމާ ލަކަށް ގެއްލިފައި އިނެވެ. ވިދާދު ޒައިބާ އަށް ފޯނު ކޮށްލާފައި އެމީހުން ގެޔަށް ލާދޭން ވިދާދު ދާނެ ކަމުގައި ބުންޏެވެ. ޒައިބާ އެކަމާ ޙައިރާން ވިއެވެ. ވިދާދު އަކީ އޭނަގެ ބޮސް ކަމަށް ވާތީ އެއީ ރަނގަޅު ކަމެއް ނޫން ކަމުގައި ބުންޏެވެ. އެކަމަކު ވެސް ވިދާދު އެންގި އެންގުން ޒައިބާ ޤަބޫލު ކުރިއެވެ. ވިދާދު ތެދުވެގެން ކާއިނާތު އިން މޭޒު ކައިރިޔަށް އައެވެ.

​"މިތަނުގައި އަޅުގަނޑު އިށީނަސް އޯކޭތޯ؟"ވިދާދު ހުއްދަ އަށް އެދުނެވެ. ކާއިނާތު ވިދާދަށް ބަލާލިއެވެ. އަދި މިނޫނަސް މޭޒު ހުރިކަމުގައި ބުންޏެވެ. ކާއިނާތު ކިޔާ އެއްޗަކަށް ބެލުމެއް ނެތިވިދާދު މޭޒު ދޮށުގައި އިށީނެވެ. އަދި ކުރީރޭ ހިނގި ކަންތަކަށް ކާއިނާތުގެ ކިބާން މައާފަށް އެދުނެވެ.

​"ވަރަށް ބޮޑަށް ސޮރީ ރޭގައި ހިނގި ކަންތަކަށް."ވިދާދު އެހެން ބުނުމުން ކާއިނާ ވިދާދަށް ބަލާލިއެވެ.

ވިދާދުގެ މޫނު މަތިން ފެންނަނީ ސީރިޔަސް ކަމެވެ. ރޭގައި ފެންނަން ހުރި ލާނެތް ކަމެއް މިވަގުތު ފެންނާކަށް ނެތެވެ. ކާއިނާތު ފަރުވާ ކުޑަ ގޮތަކަށް އަނެއް ފަރާތައް މޫނު އަނބުރާލިއެވެ. ވިދާދު ގެ ސޫރަ ބަލަން ބޭނުން ނުވާކަހަލަ ގޮތަކަށެވެ. ކާއިނާތު ގެ އަމަލުތައް އެގޮތައް ހުރިކަމުގައި ވިޔަސް، ކާއިނާތުގެ އިނގިލީގައި އޮތް އަނގޮޓި ފެނުމުން ވިދާދު ގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy