ޣައްޒާ ހަނގުރާމަ: މަރާއި ބިރުވެރިކަމުގެ ހަ މަސް ދުވަސް

ޣައްޒާ

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދޭން ފެށިތާ މިއަދަށް ހަ މަސް ދުވަސް މިވަނީ ވެފައެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދޭން އިސްރާއީލުގެ މަދަދުގާރުން އިސްރާއީލަށް ހަތިޔާރާއި އަސްކަރީ އެހީ ފޯރުކޮށްދެމުންދާއިރު، މި ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް ނިޝާނެއް އަދި އިޝާރާތެއްވެސް އިސްރާއީލުގެ ފަރާތަކުން ނުފެނެއެވެ.

އިސްރާއީލުން ބުނަމުންދަނީ މި ހަނގުރާމައަކީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުގެ ހަތިޔާރު އެޅި ގޮފި، އަލް ޤައްސާމް ބްރިގޭޑްސް އިން އިސްރާއީލަށް ދިން ހަމަލާގެ ރައްދުގައި ކުރާ ހަނގުރާމައެއް ކަމަށެވެ. އެ ހަމަލާގައި އިސްރާއީލުގެ 1139 މީހުން މަރާލައި، 250 މީހުން ވަނީ ރަހީނު ކޮށްފައެވެ.

ނަމަވެސް އިސްރާއީލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ޣައްޒާގެ އާންމު ރައްޔިތުންގެ އަދަދުތަކަށް ބަލާލި ކަމުގައި ވީ ނަމަވެސް އިސްރާއީލުން ހަދަނީ ދޮގުކަން ސާބިތުވެގެންދާނެއެވެ.

ޝަހީދުކޮށްލާފައިވަނީ ނުވަތަ ޒަހަމްކޮށްލާފައިވަނީ ކިތައް މީހުން؟

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ދެމުން ގެންދާ ހަމަލާތަކުގައިމަދުވެގެން33،137 ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައި ވެއެވެ. އޭގެ އިތުރުން ސުންނާފަތިވެ ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ބައިތަކުގެ ދަށުގައިއިތުރު އެތައް ހާސް ބަޔަކު ގެއްލިފައިވާ އިރު އެމީހުންވެސް ވަނީ ޝަހީދުވެފައި ކަމުގައި ގަބޫލު ކުރެވެއެވެ.

ޝަހީދުވެފައިވާ މީހުންގެ ބޮޑު ބައެއް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިން ކަމަށްވާ އިރު، 13،800 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދު ކޮށްލާފައިވާ ކަމަށް 'ސޭވް ދަ ޗިލްޑްރެން' ޖަމިއްޔާއިން ބުނެއެވެ. އޭގެ ތެރޭގައި ހަނގުރާމައިގެ ތެރޭގައި އުފަންވެ ހަނގުރާމަ ނޫން އިތުރު އެއްވެސް މަންޒަރެއް ނުފެނި ދުނިޔެ ދޫކޮށް ދިޔަ އެތައް ކުދިންނެއްވެސް ހިމެނެއެވެ.

ކުޑަކުދިންގެ ކަންތައްތަކާއި ބެހޭ އދ ގެ ޖަމިއްޔާ، ޔުނިސެފް އިން ލަފާ ކޮށްފައިވާ ގޮތުގައި މައިންބަފައިންނާއި ވަކިވެފައި ތިބި ނުވަތަ އަޅާލާނޭ އެއްވެސް މީހަކު ނެތި 17،000 ކުޑަކުދިން ޣައްޒާގައި އެބަ ތިއްބެވެ. މައުސޫމު އެތައް ހާސް ފުރާނަތަކެއް އަނިޔާވެެރިކަމާއެކު ގެއްލުވާލަމުންދާއިރު ވެސް މިއީ އިސްރާއީލުން އަމިއްލަ ދިފާއުގައި ކުރާ ހަނގުރާމައެއް ކަމަށް އަދިވެސް އެގައުމުގެ ވާގިވެރިން ބުނަމުން އެބަ ދެއެވެ.

ހަނގުރާމަ ފެށުނު ފަހުން މަދުވެގެން 75،815 މީހުން ވަނީ އިސްރާއީލުގެ ހަމަލާތަކުގައި ޒަހަމް ވެފައެެވެ. އެއީ ޣައްޒާގެ ކޮންމެ 100 މީހެއްގެ ތެރެއިން 4 މީހެކެވެ. ކޮންމެ 30 މީހެއްގެ ތެރެއިން އެކަކެވެ. ކޮންމެ ދުވަހަކަށް ބަލާނަމަ އެވްރެޖުކޮށް ކޮންމެ ދުވަހަކަށް 400 އަށް ވުރެ ގިނަ މީހުންނެވެ.

ޣައްޒާގެ 1000 އެއްހާ ކުޑަކުދިންގެ އެއްފައި ނުވަތަ ދެ ފައި ހަމަލާތަކުގައި ބުރިވެ، ނުވަތަ ބުރިކޮށްލަން ޖެހި ނުވަތަ ބޭނުން ނުކުރެވޭ ވަރު ވެފައިވާ ކަމަށް މި ހަފްތަަ ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނެފައި ވެއެވެ.

އިސްރާއީލުން މެދުނުކެނޑި އަޅަމުންދާ ބޮންތަކާއި ދެމުންދާ ހަމަލާތަކުގައި ކޮންމެ ދުވަހަކު ފަލަސްތީނުގެ އެތައް އާންމުންގެ ފުރާނަ ދަނީ ގެއްލެމުންނެވެ.

އެތައް ބަޔަކު ބަނޑުހައިހޫނު ކަމުގައި

ހަނގުރާމައިގެ ކުރިންވެސް އިސްރާއީލުން ބަންދުކޮށްފައި އޮންނަ ޣައްޒާ އަށް ބޭރުގެ އެހީ ވަރަށް ބޮޑަށް ބޭނުންވެއެވެ. ނަމަވެސް ލާއިންސާނީ ހަނގުރާމައެއްގެ ތެރޭގައި ޣައްޒާ އަށް އެހީ ވެއްދުމަށްވެސް އިސްރާއީލުން ހުރަސް އަޅައި، ބަނޑުހައިހޫނުކަން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުންދާއިރު ޣައްޒާގެ އިންސާނީ ހާލަތު ވަނީ ވަރަށް ދަށަށް ގޮސްފައެވެ.

ޣައްޒާގައި ކާބޯތަކެތި ބަހަނީ

ގާތްގަނޑަކަށް ޣައްޒާގެ 2.3 މިލިއަން މީހުންގެ މުޅި އާބާދީ އެއްކޮށް ބަނޑުހައި ހޫނުކަމުގައި ތިބި އިރު، ބަނޑުހައިހޫނުކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ އިސްރާއީލުން އެއްގަމު މަގުން އެންމެ ފުރަތަމަ އެރި ޣައްޒާގެ އުތުރަށެވެ. ޣައްޒާގެ އުތުރުގައި ބަނޑުހައިހޫނުކަމާއި އެކަށީގެންވާ ކާނާ ނުލިބި ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ތުއްތު ތުއްތު ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. ކަން މިހެން އޮތް އިރުވެސް އިސްރާއީލުން ދަނީ ޣައްޒާގެ އުތުރަށް އެހީ ފޯރުކޮށްދިނުމުގެ މަގުތައް ބަންދުކޮށް އެކަމަށް ހުރަސް އަޅަމުންނެވެ.

މިދިޔަ ހަފްތާ އިސްރާއީލުން ވަނީ ޣައްޒާ އަށް އެހީ ފޯރުކޮށްދޭން ހަރަކާތްތެރިވި ބައިނަލް އަގުވާމީ ޖަމިއްޔާ އެެއް ކަމަށްވާ ވޯލްޑް ސެންޓްރަލް ކިޗެންގެ ގާފިލާ އަކަށް ގަސްތުގައި ހަމަލާދީ ބޭރު ގައުމުތަކަށް ނިސްބަތްވާ އެ ޖަމިއްޔާގެ 7 މެމްބަރުން މަރާލާފައެވެ. އެ ހާދިސާ އާއި ގުޅިގެން ޣައްޒާ އަށް އެހީ ދޭ ބައެއް މުހިންމު ޖަމިއްޔާ ތަކުން ވަނީ ޣައްޒާ އަށް އެހީ ފޯރުކޮށްދިނުން މެދުކަނޑާލާފައެވެ.

އެތައް ބަޔަކު ގެދޮރު ގެެއްލި ބިކަވެފައި

އިސްރާއީލުން ހަނގުރާމައިގެ ކުރީކޮޅު ޣައްޒާގެ އުތުރަށް އެއްގަމު މަގުން އެރި އިރު، އުތުރުގައި ދިރިއުޅޭ މީހުން ރައްކާތެރިކަން ބޭނުން ނަމަ ދެކުނަށް ދާން އެންގިއެވެ. އެއާއެކު އެތައް ސަތޭކަ ހާސް ބަޔަކަށް މަޖުބޫރުވީ ރައްކާތެރިކަން ހޯދަން އެމީހުންގެ ގެދޮރު ދޫކޮށް ދިއުމަށެވެ. އަދި އޭގެ ފަހުން އުތުރާއި ދެކުނު ވަކި ކުރަން އިސްރާއީލުން އަސްކަރީ ފެންޑާއެއް ގާއިމު ކޮށްފައި ވާއިރު، އުތުރުން ދެކުނަށް ދިޔަ މީހުންނަށް އެނބުރި އެމީހުންގެ ގެދޮރަށް ދިއުމުގެ މަގު ވަނީ ބަންދުވެފައެވެ.

ޣައްޒާގައި ހާލުގައި ޖެހިފައިވާ އުހްތެއް

ގާތްގަނޑަކަށް 1.9 މިލިއަން މީހުން ނުވަތަ ޣައްޒާގެ އާބާދީގެ 80 އިންސައްތަ އަށް ވުރެ ގިނަ މީހުން ވަނީ އަމިއްލަ ފަސްގަނޑުގައި ގެދޮރު ގެއްލި މަގުމަތިވެފައެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ދަނީ އދ އިން ސުކޫލުތަކާއި ހޮސްޕިޓަލުތަކުގައި ހިންގަމުންދާ ވަގުތީ ހިޔާވަހި ތަކުގައި ހިޔާވަހިކަން ހޯދަމުންނެވެ. ނަމަވެސް އެތަންތަނަށްވެސް އިސްރާއީލުން ދަނީ ހަމަލާ ދެމުންނެވެ. އެގޮތުން އެފަދަ ތަންތަނަށް އިސްރާއީލުން ދީފައިވާ ހަމަލާ ތަކުގައި 400 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 1400 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފައެވެ.

ޔަހޫދީން ސުންނާފަތި ކޮށްލާފައިވާ ޣައްޒާގެ އިމާރާތެއް

1.5 މިލިއަނަށް ވުރެ ގިނަ މީހުން މިހާރު ވަނީ ޣައްޒާގެ އެންމެ ދެކުނުގައި މިސްރުގެ ބޯޑަރާއި އިން ވެގެން އޮންނަ ޣައްޒާގެ ރަފަހް ސިޓީ އަށް ޖަމާވެފައެވެ. އެތައް ބަޔަކަށް މަޖުބޫރު ވެފައިވަނީ ވަގުތީ ޓެންޓުތަކާއި މަގުތައް މަތީ، އިސްރާއީލުގެ ހަމަލާތަކުން ރައްކާތެރިވާނެ ގޮތެއް ނެތި ބިރުވެރިކަމުގައި ދިރިއުޅުމަށެވެ.

ކަން މިހެން އޮތް އިރު އިސްރާއީލުން މިހާރު ތައްޔާރު ވަމުންދަނީ ރަފަހް އަށް އެއްގަމު މަގުން އަރައި ހަމަލާ ދިނުމަށެވެ. ދުނިޔޭގެ އެތައް ގައުމަކުން އެކަން ނުކުރުމަށް ގޮވާލާފައިވީ ނަމަވެސް އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުރީ އަދިވެސް ފަލަސްތީނުގެ ގިނަ ބަޔަކު ޝަހީދު ކުރުމަށް ފައިވިއްދާފައެވެ.

ޣައްޒާ ވަނީ ސުންނާފަތިވެފައި

ހަނގުރާމައިގައި ޣައްޒާގެ 62 އިންސައްތަ ގެދޮރު ވަނީ ގެއްލުން ލިބިފައި ނުވަތަ ސުންނާފަތި ވެފައެވެ. އެއީ 290،820 ހައުސިންގް ޔުނިޓެވެ. އެއާއެކު މިލިއަނަކަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ހަނގުރާމަ ނިމުމުންވެސް ގިނަ ބަޔަކު ވަންނާނެ ރައްކާތެރި ގެދޮރެއް ނެތް ކަމަށް ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އދ ގެ ޖަމިއްޔާ އިން ބުނެއެވެ.

އާންމު ހިދުމަތްދޭ ތަންތަނާއި ވަސީލަތްތަކަށް ލިބިފައިވާ ގެއްލުމުގެ އަގު 18.5 ބިލިއަން ޑޮލަަރަށް އަރާނެ ކަމަށް ވޯލްޑް ބޭންކުންނާއި އދ އިން ލަފާ ކޮށްފައިވާ އިރު، އިމާރާތްތައް ބިމާއި ހަަމަވެ އިމާރާތްތަކުގެ ބައިތަކާއި އެހެނިހެން ތަކެތި ހިމެނޭހެން 26 މިލިއަން ޓަނުގެ ކުނިބުނި ޣައްޒާގައި ހުންނާނެ ކަމަށް ލަފާ ކުރެވެއެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy