މަސްވެރިން މުޒާހަރާ ކުރާތީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން ވަގުތީގޮތުން މެދުކަނޑާލައިފި

މަސްވެރިންގެ މުޒާހަރާ ކުރިއަށްދާތީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މިފްކޯ އިން ވިދާޅުވީ މިއަދު ހަވީރު 4 ގެ ފަހުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުން ނެރެ އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް ސައިޓް ގެންނާނެކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

އެ ކޮމްޕްލެކްސް ކައިރީގައި ފުލުހުން ހަރަކާތްތެރިވީ ނަމަވެސް މުޒާހަރާއަށް އެއްވެސް ހުރަހެއް އެޅުމަށް މިފްކޯ އިން ނިންމާފައިނުވާ ކަމަށާއި މުޒާހަރާ ކުރިއަށްދާނަމަ އޮޕަރޭޝަން ކުރިއަށް ގެންދަން ކުންފުންޏަށް ދަތިވުމުގެ ސަބަބުން އޮޕަރޭޝަން އަލުން ފަށާނެ ވަގުތެއް ބުނަން ދަތި ކަމަށް ވިދާޅުވެފައި ވެއެވެ.

އިއްޔެގެ މުޒާހަރާގެ ތެރެއިން މަސްވެރިން ވަނީ ސްޓާފް ކެންޓީން ބަންދުކޮށްފައި ހުއްޓާ އެތަނުގައި ހުރި ކާނާ ބޭނުންކޮށްފައެވެ. އެކޮމަންޑޭޝަން ބްލޮކްގެ ކަރަންޓު ކަނޑާލުމުގެ ސަބަބުން ރެއިން ފެށިގެން އެތަނުގެ މުވައްޒަފުން ނިދަމުން ގެންދަނީ ބޭރުގައި ސަތަރި އަޅައިގެންނެވެ.

މުވައްޒަފުންގެ ޒަރޫރީ ބޭނުންތައް އެކަމުގެ ސަބަބުން ނުފުދިވާކަން މިފްކޯ އިން ވަނީ ފާހަގަކުރައްވާފައެވެ.

ރޭ ފުލުހުން އެދިގެން ކޮމްޕްލެކްސްއަށް ކަރަންޓު ދިނުމުން މަސްލަހަތު ގެއްލި، ތަނާއި މުދަލަށާއި ތަނުގެ މުވައްޒަފުންނަށް އެކަމުގެ ސަބަބުން ގެއްލުން ލިބިދާނެ ފަދަ ހާލަތަށް ހިނގައިދާނެކަމަށް ކުންފުންޏަށް ޤަބޫލުކުރެވުމުން، ކަރަންޓު ފަހުން ކަނޑާލަން ޖެހުނު ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މަސްވެރިންގެ ޑިމާންޑަކީ "އެކޮމަންޑޭޝަން، އެޑްމިން ބިލްޑިންގް އަދި ކެފެޓީރިއާގެ ކަރަންޓު ކަނޑާފައި ބެހެއްޓުން" ކަމަށް މިފްކޯ އިން ވިދާޅުވިއެވެ.

މަސްވެރިން އެދެމުންދަނީ ދައްކަން ހުރި ފައިސާތައް ވީ އެންމެން އަވަސް މުއްދަތެއްގެ ތެރޭގައި ދެއްކުން ކަމަށްވާއިރު އީދު ބަންދަށް މިފްކޯ އިން މަސްވެރިންނަށް 46 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއްވައެވެ. އަދި ސަރުކާރު ހުޅުވޭ ހަފްތާގައި ދައްކަންޖެހޭ ފައިސާ ދެއްކުމަށް ހެދޭނެ ގޮތްތައް ބަލާ، ސަރުކާރާއެކު މަޝްވަރާކޮށްގެން ގޮތެއް ހޯދާނެ ކަމަށް މިފްކޯ އިން ކުރިން ވެސް ބުނެފައިވާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ދޫކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިފްކޯ އިން އިތުރަށް ވިދާޅުވީ މަސްވެރިން ކުރިއަށް ގެންދާ އިހުތިޖާޖު ވީހާވެސް ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔުން ކަމަށާއި ކުންފުނީގެ މުދަލާއި މުވައްޒަފުންނަށް ލިބިދާނެ ގެއްލުމަކީ މުޅި ސިނާއަތަށް ވެސް ލިބޭނެ ދެރައެއް ކަމަށެވެ.
މުވައްޒަފުންގެ އިންސާނީ ކަރާމާތާއި ޒަރޫރީ ބޭނުންތަކަށް އުނިކަން އަންނަ ފަދަ ކަންކަން ނުކުރުމަށާއި މުވައްޒަފުންގެ ހައްޤުގައި ކުންފުނިން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުން ގެންދާނެ ކަމަށް ވެސް މިފްކޯ އިން ވިދާޅުވިއެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy