ވާހަކަ: ކާއިިނާތު (ނުވަވަނަ ބައި)

—-

)ސަމާލު: މި ވާހަކައިގައި 18 އަހަރުން ދަށުގެ ކުދިންނާއި، އާއިލާގެ މެންބަރުންނާއި އެކު ކިޔަން ނުވަތަ އަޑުއަހާލުމަށް އެކަށީގެން ނުވާ ބަސްތައް ހުރެދާނެއެވެ.)  

ހަޤީޤީ ލޯބިވާ މީހަކު ވިދާދަށް އަދި ލިބިފަ އެއް ނުވެއެވެ. އާއިލާގެ ނުފޫޒާ ބައްޕަގެ ޕުރެޝަރާއި އެކީގައި ޒަވާޖީ ހަޔާތެއް ފަޝަން ގަސްތުކޮށް ޝަރާ އާއި ގުޅުނީ އެހެން ވެއެވެ. ޝަރާ އަކީ ރަނގަޅު ކުއްޖެއް ކަމަށް ހީކޮށެވެ.

ޝަރާ މާލެ އައުމުގެ ކުރިން ޝަރާ އަށް ޓަކާ މާބޮނޑި އަކާ އަނގޮޓިއެއް މާފިހާރައަށް ލިއެވެ. ޝަރާ އަށް ރީތީ ލިލީ ކަމުން ބުކޭ ތައްޔާރު ކުރުވީ ހުސް ލިލީން ނެވެ. އެކަމަކު ކަންދިމާކުރި ގޮތުން ފިހާރާގައި ހުރި ކުއްޖާ އަށް އޮޅިގެން ކާއިނާތަށް ހަދިޔާ ދެވުނީ އެވެ. ފިހާރާން ގުޅާފައި ހަދިޔާ ހަވާލުކުރި ވާހަކަ ބުނުމުން އެއީ ޝަރާ ނޫންކަން ވިދާދަށް އެނގުމުން ފުރަތަމަ އެކުދިން ދެކެ ވިދާދު ރުޅި އައެވެ. އެކަމަކު ކާއިނާތާ މިރޭ ދިމާވެ ކާއިނާތުގެ އަތުގައި އަނގޮޓި އޮއްވާ ފެނުމުން ވިދާދު އުފާވީ ކީއްވެގެން ކަމެއް ހުދު ވިދާދަކަށް ވެސް ނޭނގުނެވެ. އަދި އެހަދިޔާ އަނބުރާ ފިހާރައަށް ލާން ދިއުމުން އެކުދިންނަށް ގުޅާ އެއީ ކާއިނާތަށް އޮތް ހަދިޔާ އެއް ކަމުގައި އެކުދިން ލައްވާ ކާއިނާތަށް ޔަގީން ކޮށް ވެސް ދިނީ އެވެ. އެހެން ހެދުމުގެ ބޭނުމަކީ ކޮބައި ކަމެއް ބުނެދޭކަށް ވިދާދަކަށް ނޭނގުނެވެ.

​މިރޭ ކާއިނާތު ރުއީ ކީއްވެގެން ތޯ ބަލަން ހިތް އެދެން ފެށިއެވެ. ފޯނު ނަގައި ޒައިބާ އަށް ގުޅާލިއެވެ. އަދި މިރޭ ކެފޭ އަށް ކާއިނާތު ގެނެވިދާނެތޯ ވިދާދު ސުވާލު ކުރިއެވެ. ޒައިބާ އެއީ މިރެއަކު ވާނެކަމެއް ނޫން ކަމުގައި ބުންޏެވެ. ކީއްވެގެން ތޯ ސުވާލު ކުރުމުން މިރޭ ކާއިނާތުގެ މޫޑު ވަރަށް ގޯސްކަމުގައި ބުންޏެވެ. އަދި ބޭރަށް ގޮސްސަ އައިފަހުން ރޮނީ ކަމުގައި ބުންޏެވެ. އެކަމާ ބެހޭ ގޮތުން ޒައިބާ އާއި ވިދާދު ސުވާލު ކުރުމުން އެއީ ކާއިނާތުގެ އަމިއްލަ ކަމެއް ކަމުގައި ޒައިބާބުންޏެވެ. އެވާހަކަ އެހެން މީހަކާ ހިއްސާ ނުކުރެވޭނޭ ކަމުގައި ޒައިބާ ބުންޏެވެ.

​ވިދާދު ފޯނު އެނދުމަތީގައި ބާއްވާފައި ގޮސް ފާޙާނާ އަށް ވަދެ ފެން ވަރާ ރީތި ވެލިއެވެ. އާދައިގެ މަތިން މިރޭ ވެސް ވިދާދު ފިރާޒް މެންނާ އެކީގައި ކޮފީއަކަށް ދާން ކޮޓަރިން ނިކުތެވެ. ބޭރުން އައިސް ވިދާދުގެ ބައްޕަ ޔޫނުސް ވަނެވެ. ބައްޕަ ފެނުމުން ވިދާދު އުފާވެރި ގޮތަކަށް ހިނިތުން ވެލިއެވެ.

​"ދަރިފުޅާ، މިރޭ މީޓީންނަށް ނުދަންދޯ؟"ޔޫނުސް ސުވާލު ކޮށްލިއެވެ.

​"ލައްބަ... ދިމާވި ކުޑަކުޑަ ކަމަކާ ހުރެ ނުދެވުނީ މެސެޖް ކޮށްލިން، މިރުފާން މެން ދިޔަ."ވިދާދު ޖަވާބު ދިނެވެ.

​"އޯކޭ... ދަރިފުޅާ، މިއަދު ޑްރައިވަރު ބުނި ދަރިފުޅު ހުޅުމާލެ ފުލެޓަށް ގޮސްސަ އައިމަގުމަތީގައި އޭނަ ކާރުން ބާލާފައި ފޮނުވާލި ވާހަކަ، މިހާރު އެގޮތައް ދެދުވަހު ތިހެދީ،ކިހިނެއްވީ؟ ޑްރައިވަރާ ދޭތެރޭ ހިންހަމަ ނުޖެހެނީތަ؟" ޔޫނުސް ވިދާދު އާއި ސުވާލު ކޮށް ލިއެވެ. ވިދާދު ހީލިއެވެ.

"ނޫން، ނޫރު އަކީ ވަރަށް ރަނގަޅު ޑްރައިވަރެއް، އަޅުގަނޑު ހަމައެކަނި ކާރު ދުއްވާލާ ހިތްވީ." ވިދާދު ހީލަމުން ބުންޏެވެ.

"އެކަމަކު ދަރިފުޅާ ތިގޮތައް އެކަނި ދަތުރު ކުރުން ދަރިފުޅަށް އެހާ އަމާނެއް ނޫން، އަނެއްކާ މިހާރު ދަރިފުޅު ބޮޑީގާޑަކު ވެސް ނުގެންދޭ." ޔޫނުސް ކަންބޮޑުވުން ފާޅުކުރިއެވެ.

​"ދެން އެއީ އެވަރުގެ ކަމެއް ނޫން، އަޅުގަނޑު ރަސްމީ ގަޑީގައި އެމީހުން ގޮވާގެން އުޅެނީ."ވިދާދު އެކަން މާބޮޑު ކަމަކަށް ނުހަދާ ބުނެލިއެވެ.

"ދެން ކީކޭބުނާނީ، އެކަމަކު ބައްޕަ އަކަށް ނުފެނޭ އެއްވެސް ވަގުތެއްގައި އެކަނި ތިގޮތަށް އުޅޭކަށް..... އާން އަދި ދަރިފުޅާ، ހަނދާންވޭތަ ލޫޝާ." ޔޫނުސް އަހާލިއެވެ.

"ލޫޝާ؟ ކޮން؟" ވިދާދު އަހާލިއެވެ.

"ރަޝީދާތައްގެ ލޫޝާ." ޔޫނުސް ބުންޏެވެ. ވިދާދު ވިސްނާލިއެވެ. ލޫޝާއޭ ބުނުމުން ކާކުކަން ނޭނގިފައި ހުއްޓެވެ.

"އެހެން ވިއްޔާ އެނގޭތަ ނިހާދު، ރިސޯޓްގަ އުޅުނު، ވިދާދު ކިޔަވަން އެމެރިކާ އަށް ދިޔައިރު ވެސް ރިސޯޓްގައި އުޅޭނެ، ނިހާދު." ޔޫނުސް ވިދާދަށް އެނގޭ ގޮތައް ބުނެދިނެވެ.

"އާން... މިހާރު އެނގިއްޖެ ރަޝީދާތަ؟ނަޖުމާތަ؟ ލޫޝާ، ނިހާދު، ކިހިނެއްވީ އެމީހުން؟ނުފެންނަތާ ވަރަށް ދުވަސް ވެއްޖެ، ނިހާދު ކަހަލަ މަސައްކަތް ތެރިޔަކު އަދި ވެސް ބޭނުން،ވަރަށް ރަނގަޅު މީހެއް." ވިދާދު ބުންޏެވެ.

"ލޫޝާގެ ދަރިފުޅު އިޔާން އާއި ރޭގައި ދިމާވީ." ޔޫނުސް ގޮނޑީގައި އިށީންނަމުން ބުންޏެވެ.

"އިޔާން މިހާރު ވަރަށް ބޮޑުވެސް ވެދާނެ." ވިދާދު ވެސް އިށީން ނަމުން ބުންޏެވެ.

"އާން... މިހާރު ކިޔަވާ ނިމިގެން މަތީ ތައުލީމް ހާސިލް ކުރަން ބޭރަށް ދާން ބޭނުން ވާވާހަކަ ބުނި، ވަރަށް ބަސް އަހާ ކިޔަމަންތެރި ކުއްޖެއް، ނިހާދު އޭނަ ގެންގުޅެފައި އެހެރީ ވަރަށް ރަނގަޅު ތަރުބިއްޔަތެއް ދީގެން." ޔޫނުސް ބުންޏެވެ.

"ކޮންތާކުންތޯ ބައްޕަ އާއި ދިމާވީ؟"ވިދާދު އަހާލިއެވެ.

"ރޭގައި މަޖީދިއްޔާ ސްކޫލްގައި އޮތް ޖަލްސާގައި ޤުރުއާން ކިޔެވީ އިޔާދު، ފުރަތަމަ ނުވެސްއެނގުނު ޔޫނުސްބޭއޭ ކިޔާފައި

ގޮވާލީމައި ކޮންކުއްޖެތޯ އަހާލީމައި ބުނީ ލޫޝާގެ ދަރިފުޅޭ، ލޫޝާ އާއި ވަރަށް ވައްތަރު." ޔޫނުސް ހިނިތުން ވެލަމުން ބުންޏެވެ.

"ވަރަށް ދެކިލާ ހިތްވޭ."ވިދާދު ހީލަމުން ބުންޏެވެ.

"ބައްޕާ، ހިނގާ ދެއްތޯ ނިހާދު އަލުން ރިސޯޓަށް ގެންނަން" ވިދާދު ބުންޏެވެ.

"އާން.. ނިހާދުގެ ނަމްބަރު ވެސް ހޯދިން، ބައްޕަ މިހިތަށް އަރަނީ އިޔާން އަށް ކޯސްލިބިއްޖެއްޔާ ފަންޑުކޮށްދޭން ކަމަށް، ކިހިނެއްވާނީ؟"ޔޫނުސް އަހާލިއެވެ.

"ވަރަށް ރަނގަޅު ޙިޔާލެއް، ރަޝީދާއްތަ މެންނަށް އެއްވެސް ކަމެއް އަޅުގަނޑު މެންނަށް ކޮށްދެވިފަ އެއް ނެތް، އިޔާން ގެ ކިޔެވުމަށް ފަންޑު ކުރެވުނިއްޔާ ލޫޝާ އަށް ވެސް ކޮށްދެވޭ ކަމަކަށް ވާނެ." ވިދާދު ހީލަމުން ބުންޏެވެ. ވިދާދު އޭނަގެ ބައްޕަ އާއި ވާހަކަ ދައްކަން އިނދެފައި ބޭރަށް ދިއުމުގެ ކުރިން ޖާދުގެ ކޮޓަރި އާއި ދިމާ އަށް ދިޔައެވެ. ދޮރުގައި ޓަކިޖަހާލުމުން ޖާދު ދޮރުހުޅުވާލިއެވެ.

"ކެފޭ އަށް ދާން މިދަނީ... ނުދާނަންތަ؟"ވިދާދު އަހާލިއެވެ.

"ބޮލުގައި ރިއްސާތީ މިއުޅެނީ، ވިދާދު ދޭ..."ޖާދު ހިމޭން ރާގެއްގައި ބުންޏެވެ.

"ތިބޮލުގައި ރިއްސުމަކީ ކޮބާ ކަން އިނގޭ، މަށަށްފެންނަނީ ހިތްވަރު ކޮށްފައި އަލުން ގުޅަން..." ވިދާދު ބުންޏެވެ.

"އަލުން އަނެއްކާ އޭނަގެ ހިތާކުޅެން.... މިގޭމީހުން ގެ ޖާވާބު ވިދާދަށް އެނގެއެއްނުން."ޖާދު ބުންޏެވެ.

"ޖާދު... ލޯބި ވުމަކީ ކުށެއް ނޫން... އެލޯތްބަށް ފިލަން ދުވުން އެއީ ކުށެއް." ވިދާދު ބުންޏެވެ.

"ވިދާދަށް ލަސްވެދާނެ، އެހެން ނޫނަސް އަހަރެންގެ މީޓިން އެއް ވެސް އެބައޮތް 10 ޖަހާއިރު، ކުޑަކޮށް ރެސްޓްކޮށްލާފައި ދާންކަމަށް."ޖާދު ބުންޏެވެ.

"އޯކޭ..."ވިދާދު ނިކުންނަށް ހިނގައިގަތެވެ. ޖާދު ދޮރުލައްޕާލިއެވެ.

**************************

​ޝަރާ އައުމުން ވެސް މާބޮޑު ވާހަކަ ތަކެއް ދައްކާ ކަށް ކާއިނާތު ބޭނުމެއް ނުވިއެވެ. ޝަރާ ވެސް ކޮންމެހެން ވިދާދު ގެ މާގިނަ ވާހަކަ ތަކެއް ކާއިނާތު މެންނަށް ކިޔާދޭކަށް ބޭނުމެއް ނުވެއެވެ. ޝަރާގެ މިޒާޖަށް އައިސްފައިވާ ބަދަލަށް ކާއިނާތު ޙައިރާން ވިއެވެ. އެކަމަކު އެއީ ވަގުތާ އެއްގޮތައް ބައެއް ފަހަރު ވާނޭކަމެއް ކަމުގައި ކާއިނާތު ނިންމިއެވެ. ޝަރާ އޭނަގެ ދިރިއުޅުން އެހެން ބަޔަކަށް ހިއްސާ ކުރަން ބޭނުން ނުވަނީ ކަމުގައި ކާއިނާތު ނިންމިއެވެ. އެކަމަކު އިރުފާން އާއި ކާއިނާތުގެ ވާހަކަ ތަފްސީލް ކޮށް ކާއިނާތު ޝަރާ އަށް ކިޔާދިއެވެ.

​"ތިހެން ވީމަ އަހަރެން އެހެން މީހަކަށް ޑިޕެންޑް ނުވަނީ، ލޯބި އަހަރެން ނަށް ސިފަ ކުރެވެނީ އޮޅުވާލުމެއްގެ ސިފާގައި، ހަޤީގަތުގައި މިޒަމާނުގައި ތިބުނާ ލޯބި ވާމީހެއް ނެތް، އެކަން އަހަރެން ނަށް ވުރެން ބޮޑަށް އެނގޭނީ ކާއިނާ އަށް."ޝަރާ އޭނަޔަށް އިޙްސާސް ކުރެނުގޮތް ކާއިނާތަށް ބުނެދިނެވެ.

​"އަދި ޝަރާ އަށް ލޯބި ނުވެވެނީ."ކާއިނާތު ކަރުނަ ފުހެލަމުން ބުންޏެވެ.

​"ދެން ތިއީ ވެސް ވެދާނެ ގޮތެއް." ޝަރާ ވެސް އެކަމާ އެއްބަސް ވިއެވެ.

​"ހަޤީގަތުގައި ވެސް ކާއިނާ އިރުފާން ދެކެ ލޯބިވޭތަ؟"ޝަރާ އަށް އަހާލެވުނެވެ.

​"ހީކޮށްލާ ބަހަނާ އެއްކަމަށް... މީހެއްގެ ނަން ހިތުން ފުހެލަން ދައްކާ ބަހަނާ އެއްކަމަށް."ކާއިނާތު ހިމޭން ރާގެއްގައި ބުންޏެވެ.

​"ކާއިނާ... މިޒާން އެނބުރި އައިސްސިއްޔާ އަލުން ގުޅޭނަންތަ؟"ޝަރާ ކާއިނާތުގެ މޫނަށް ބަލާލަމުން އަހާލިއެވެ. ކާއިނާތު ޝަރާ އަށް ބަލާލިއެވެ.

​"ވަރަށް ހިތަށް ތަދުކޮށްފައި ދިޔައީ... އަދިވެސް އެރިހުން ހުރީ ތާޒާ ކޮށް..."ކާއިނާތުގެ ދެލޯ ފެންކަޅިވިއެވެ.

​ޝަރާ އާއި ކާއިނާތު ވާހަކަ ދައްކަން ތިބެފައި ޝަރާ އަށް ފޯނެއް އައުމުން ކާއިނާތު ކުރެން މުހިއްމު ކަމަކު ބޭރަށް ދާން ޖެހޭ ކަމުގައި ބުނެ ޝަރާ އެތަނުން ދިޔައެވެ. ކާއިނާތު އެކަނި ވެރިކަން އިޙްސާސް ކުރަމުން އަތުގައި އޮތް ފޯނަށް ބަލާލިއެވެ. އިރޫގެ މެސެޖެއް އައިސްފައި އޮތް ތޯއެވެ.

 

​ކައިނާތާ ދޭތެރޭގައި ކަންބޮޑު ވެގެން ޒައިބާ ދެތިން ފަހަރު ގުޅާލިއެވެ. އަދި ކެފޭ އަށް އައުމަށް އެދުނެވެ. އެކަމަކު ކާއިނާތު އެކަމާ ވެސް އިންކާރު ކުރިއެވެ. ވަގުތު ކޮޅެއް އެކަނި ހޭދަ ކޮށްލަން ބޭނުން ވާކަމުގައި ބުންޏެވެ.

​މޭޒުމަތީގައި ފުޅިއަކަށް ޖަހާފައި ހުރި ލިލީ ތަކަށް ބަލާލިއެވެ. އެހަދިޔާ އަކީ އިރޫ ފޮނުވި ހަދިޔާ އެއް ކަމަކަށް ކާއިނާތުގެ ހިތް ގަބޫލެއް ނުކުރެއެވެ. އެކަމަކު އެމާތަކަށް ކާއިނާތަށް ބެލެނީ ކީއްވެގެން ކަމެއް ހުދު ކާއިނާތަކަށް ވެސް ނޭނގުނެވެ.

​އެނދުގެ އެއްފަރާތެއް ގައި އޮތް ހޭންޑް ބޭގް ނަގައި އަނގޮޓި ނެގިއެވެ. އެއަށް ބަަލަހައްޓައިގެން ކާއިނާތަށް އިނދެވުނެވެ. އެއަގުބޮޑު ހަދިޔާ އޭނަ ޤަބޫލުކުރީ ކީއްވެގެން ތޯ އެތައް ފަހަރަކު ކާއިނާތު އަމިއްލަ ހިތާ ސުވާލު ކުރިއެވެ. ކާއިނާތު އެފިހާރާން އައީ އެހަދިޔާ ގެ ޙައްޤު ވެރިފަރާތް އެހޯދަން އަތުވެއްޖެ ނަމަ އޭނަޔަށް ގުޅާށޭ ކިޔާފައެވެ. އަދި ކާއިނާތު ގެ އެޑްރެސް ވެސް ދީފައެވެ. ކާއިނާތު އިނގިލީގައި އަނގޮޓި އަޅުވާލިއެވެ. އަދި ފޯނުން ފޮޓޮއެއް ނެގިއެވެ.

އެނދުގައި އޮށޯތެވެ. އަދި އިނގިލީގައި އަޅާފައި އޮތް އަނގޮޓިއަށް ކަޅިޖަހާނުލާ ބަލަމުން ދިޔައެވެ. ކާއިނާތު ގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. އޭނަ ދެކެ އިރުފާން ލޯބިވޭބާއޭ ހިތަށް އެރިއެވެ. ހިތުގައި އޭނަ ގަދަކަމުން ހުސްކޮށްފައިވާ ޖާގަ އޭނަ ބޭނުން ވަނީ އިރުފާންގެ ލޯބިން ފުރާލާށެވެ. އެކަމަކު އެނަސީބު އޭނާ އަށް ލިބޭނެ ބާއޭ ހިތަށް އަރަމުން ދިޔައެވެ. އިރުފާން އޭނާއަށް ގުޅާނުލާ އެއުޅެނީ ކީއްވެގެން ބާއޭ ހިތަށް އެރިއެވެ. މިރެ އަކީ އިރުފާން އަށް މުހިއްމު ރެއަކަށް ނުވީ ކީއްވެގެން ބާއޭ އަމިއްލަ ހިތާ މުހާތަބް ކޮށް އަހަމުން ދިޔައެވެ. އޭނާގެ ލޮލުން އަންނަމުން ދިޔަ ކަރުން ބެޑްޝީޓް ތެންމަމުން ދިޔައެވެ.

​ކާއިނާތާ އިރުފާން އާއި ދިމާވީ ނައިޓް މާކެޓް ތެރޭންނެވެ. މޭޒެއްގެ ދޮށުގައި ގަސްވިއްކަން އިންދައެވެ. ޒައިބާ އާއި އެކީ މަޖާކޮށްލަން އެރޭ ނައިޓްމާކެޓެށް ދިޔައީއެވެ. މާދުރުން އޭނާއަށް އިރުފާންގެ މޭޒުގައިހުރި ލިލީތައް ފެނުނެވެ. ޒައިބާގެ އަތުގައި ހިފާދަމާފައި އެދިމާ އަށް ގެންދިޔައެވެ. ކައިރިވެލާފައި ލިލީގެ އަގުއެހިއެވެ. އިރުފާނަށް ކާއިނާތު ފުރަތަމަ ފެންނަ އިރަށް ވެސް ވަރަށް ކަމުދިޔައެވެ. އަދި އަގަކާނުލާ ދެތިން ލިލީ ނަގައި ކާއިނާތަށް ދިނެވެ. އޭނާ އަށް އެމާތައް ލިބުމުން ވީ އުފަލުން ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. އެވަގުތު ވެސް ޒައިބާ އެކުއްޖާ އަޅައިގަތީ ކަމުގައި ބުނެ އޭނާއާއި ދިމާކުރިއެވެ. ކާއިނާތަށް ވެސް އެކަން އެނގޭ ކަމުގައި ބުނެ އޭގައި އޮތީ ކޮންކޯހެއްތޯ އެހިއެވެ. މަޑުމަޑުން ދެމީހުން ދިމާވެ ލޯބީގެ ގުޅުން އުފެދި ކާއިނާތުގެ ގެޔަށް އިރުފާން އައުން ގިނަވިއެވެ. އެކަމަކު ފަހަކަށް އައިސް އިރުފާނަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. ވީކިހިނެއް ކަމެއް ކާއިނާތަކަށް ނޭނގެއެވެ. 

ގިސްލަ ގިސްލާ އޮއްވާ ކާއިނާތުގެ ދެލޯ މަޑުމަޑުން މެރިއްޖެއެވެ. ނިދީގައި ވެސް ގިސްލެވެމުން ދިޔައެވެ. ކާއިނާތަށް ހޭލެވުނީ ކައިރީގައި އޮތް އޭނާގެ ފޯނު ރިނގުވާ އަޑަށެވެ. ރޮއިރޮއި ދުޅަވެފައިވާ ލޯ ރަނގަޅަށް ހުޅުވާލާފައި ފޯނަށް ބަލާލިއެވެ. ޒައިބާގެ ފޯނެކެވެ.

​"ކީކޭ..."ކުރަކިވެފައިވާ އަޑަކުން ފޯނަށް ޖަވާބު ދިނެވެ.

​"ކީއްކުރަނީ ނިދަނީތަ؟"ޒައިބާ އަހާލިއެވެ.

​"ނޫން... މިތާ އޮއްވާ ނިދުނީ."ކާއިނާތު ޖަވާބު ދިނެވެ.

​"ރީތިވެގެން ކެފޭ އަށް އާދެވިދާނެތަ؟"ޒައިބާ އަހާލިއެވެ.

​"ނޫން... މިރެއަކު އެއްވެސް ތާކަށް ދާހިތެއް ނެތް."ކާއިނާތު ބުންޏެވެ.

​"ކާއިނާ... އިރޫ މިތަނަށް އެބަ އާދޭ، އަހަރެން ކައިރީ ބުނީ ކާއިނާ މިތަނަށް ގެނެސް ދޭށޭ."ޒައިބާ ބުންޏެވެ. ކާއިނާތު ގެ ދެލޯ އަނެއްކާ ވެސް ފެންކަޅިވެ ކަރުނަ ކޯތާފަތް މައްޗަށް އޮހިގަތެވެ.

​"އަންނާނަންތަ؟" ޒައިބާ އަހާލިއެވެ.

  

އަދި ނުނިމޭ


ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy