ވާހަކަ: ކާއިނާތު (އަށްވަނަ ބައި)

ސަމާލު: މި ވާހަކައިގައި 18 އަހަރުން ދަށުގެ ކުދިންނާއި، އާއިލާގެ މެންބަރުންނާއި އެކު ކިޔަން ނުވަތަ އަޑުއަހާލުމަށް އެކަށީގެން ނުވާ ބަސްތައް ހުރެދާނެއެވެ.)

ކާއިނާތު މާބޮނޑި އެއް ފަރާތެއް ގައި ބޭއްވިއެވެ. އަދި އަތުގައި އޮތް އަތްދަބަސް ތެރެއިން ކުޑަ ފޮއްޓެއް ނަގައި ހުޅުވާލިއެވެ. ވިދާދު ކުޑަކޮށް ފަސް އެނބުރި ބަލާލިއެވެ. ކާއިނާތުގެ އަތުގައި އޮތީ ޑައެމަންޑް އަގުބޮޑު އަނގޮޓި އެކެވެ.

"މިއީ އިރުފާން ދިން އެއްޗެއް ނޫންކަން އަހަރެންނަށް އެނގޭ... މިއީ ވަރަށް ނަސީބު ގަދަ އަންހެން ކުއްޖަކަށް އޭނަގެ ލޯބި ވެރިޔާ ފޮނިވި އަގުބޮޑު ހަދިޔާ އެއް، މިފަދަ ނަސީބެއް އަހަރެންނަށް ކޮބާ؟" މަޑުމަޑުން ކާއިނާތު ބުނެލިއެވެ. ކާއިނާތު އެހާ ސިއްރުން ބުނި ޖުމްލަވެސް ވިދާދަށް ވަރަށް ސާފުކޮށް އިވުނެވެ.

ކާއިނާތު އަނގޮޓިނަގައި އިނގިޔަށް ހެޔޮވަރު ކޮށްލިއެވެ. ނޭގި ނަމަވެސް ވިދާދު ގެ ތުންފަތް މައްޗަށް ހިނިތުން ވުމެއްް ވެރިވިއެވެ. ކާއިނާތު އިނގިލީގައި އަޅާފައި އޮތް އަނގޮޓި އަށް ބަލާލިއެވެ. ހީވަނީ އޭނަގެ އިނގިލިން މިން ނަގައިގެން ހައްދާފައިވާ އެއްޗެއް ހެނެވެ. ކާއިނާތުގެ ދެލޮލަށް ކަރުނަ ޖަމާވެ އަނެއްކާ ވެސް ގިސްލެވެން ފެށިއެވެ.

ކާރު ހައިވޭގައި ދުއްވާލާފައި މާލެ އައެވެ. ކާއިނާތު އޭރު ވެސް އިނީ އެއްދިމާ އަކަށް ގެއްލި ފައެވެ. ދާންވީ ވަކިތަނެއް ނުބުނެ އިނުމުން ވިދާދު ވެސް އިތުރު ސުވާލެއް ނުކޮށް އާދައިގެ ވަރަށް ކަށް ކާރު ދުއްވާލާފައި ދިޔައެވެ. ފަހަތުގައި އިން ރީތި ކުއްޖާ އޭނަގެ ކާރުގެ ކުރީ ސީޓަށް އަރުވައިގެން ދުއްވާ ހިތްވިއެވެ. އެކަމަކު މިވަގުތު އޭނަޔަކީ ހަމަ އެކަނި ޑްރައިވަރެކެވެ. ވިދާދު ލޯގަނޑުން ކާއިނާތަށް ބަލާލިއެވެ. ކާއިނާތުގެ ނަޒަރު މަގުގެ އެއްފަރާތުން ފެންނަމުންދާ މަންޒަރު ތަކަށް ނޫން އެހެން ދިމާއަކަށް ސީދަލެއް ނުވެއެވެ. ކާރު މާލެވަށާ ބުރެއް އަޅާލުމަށް ފަހު ބުރިޖަށް އަރާ ހުޅުމާލެ އާއި ދިމާއަށް މިސްރާބު ޖެހިއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ވިދާދު ކާރު މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ވިދާދަށް އަންނަމުން ދިޔަ ފޯނުކޯލް ތަކަށް ޖަވާބު ދިނުމެއް ނެތި ކާރު ދުއްވަމުން ދިޔައެވެ. މިވަގުތު އޭނަ ދާންޖެހޭ މުހިއްމު ބައްދަލު ވުމެއްވެސް އޮތެވެ. އެކަމަކު އެކަންވެސް ހަނދާން ނައްތާލާފައި ހަޔާތުގެ އާދަތުރަކަށް ފެށި ކަހަލައެވެ.

ރޭގައި ވިދާދަށް ފެނުނު ހަރުކަށި އަންހެން ކުއްޖާ އާއި މިވަގުތު އޭނަޔަށް ފެންނަމުން އެދާ އަންހެން ކުޖާ އާއި ވަރަށް ތަފާތެވެ. ކޮންމެ ވެސް ކަމަކާ ވަރަށް ހިތުގައި ޖެހިފައި އިންކަން އެނގެއެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަތައް ހުއްޓުމެއްނެތި ކާއިނާތުގެ ދޮން ކޯތާފަތުން ފައިބަމުން ދިޔައެވެ. ރޮއިރޮއި ދެލޯ ވަނީ ދުޅަވެފައެވެ. ވިދާދު ކާރު ހުއްޓާ ނުލާ ހުޅުމާލެ ވަށާ ބުރެއް އެޅުމަށް ފަހު މާލެ އަށް އައެވެ. އަނެކާ ވެސް މާލެ ވަށާ ބުރެއް އަޅާލިއެވެ. އެގޮތައް މާލެ އާއި ހުޅުމާލެ އާއި ދޭތެރޭގައި ބުރު އެޅުނު އަދަދެއް ނޭނގެއެވެ.

ކާރު ދުއްވުމަކީ އަދާއަކަށް ނުވާތީ ހުއްޓުމެއްނެތި ކާރު ދުއްވަން ފެށުމުން ވިދާދުގެ ހަށިގަނޑަށް ވަރުބަލިކަން އިޙްސާސް ވާންފެށިއެވެ. އެކަމަކު ކާރު މަޑުކުރާކަށް އޭނަ ބޭނުމެއް ނުވެއެވެ. ކާރުގައި ކާއިނާތު އިނުން އެއީ ލިބުނު ރަނުގެ ފުރުސަތެއް ކަމުގައި ވިދާދު ދެކުނެވެ. އެގޮތުގައި އިރުއަރަން ދެން ވެސް އިންނަން ވިދާދު ބޭނުން ވިއެވެ. އެކަަމަކު ހިތް އެދޭހާ ކަމެއް ނުވާނެކަން އެނގެއެވެ. ކުއްލިޔަކަށް ވިދާދުގެ ފޯނަށް އޭނަގެ ބައްޕަ ގުޅުމުން މަޖުބޫރުން ކާރު ހުއްޓަން ވިދާދަށް ޖެހުނެވެ.

މާލޭގެ ހުސްދިމާ އަކަށް ކާރު މަޑުކޮށްލާފައި ވިދާދު ފަސް އެނބުރި ކާއިނާތަށް ބަލާލިއެވެ. ކާއިނާތު މޫދުން ނަގަމުން އަންނަ ރާޅު ތަކަށް ކުޑަދޮރުން ބަލަހައްޓައިގެން އިނެވެ. އޭރު ވެސް ކާއިނާތުގެ އިނގިލީގައި އަނގޮޓި އޮތެވެ.

​"ދާންވީ ކޮންތާކަށް؟"ވިދާދު ހިމޭން ރާގެއްގައި އަހާލިއެވެ.

ކާއިނާތަށް ވިދާދުގެ އަޑު އިވުމުން ލޮލުން އައިސްފައިވާ ކަރުނަ ފުހެލިއެވެ. އޭރު ވެސް ކާރު ދުއްވަން އިނީ ކާކުތޯ ކާއިނާތު ބަލާލާކަށް ބޭނުމެއް ނުވިއެވެ. އިނގިލީގައި އޮތް އަނގޮޓިނަގައި ފޮއްޓަށް ލިއެވެ. އަދި މާ ފިހާރައިގެ ނަން ބުނެފައި އެތަނަށް ގެން ގޮސްދޭން ބުންޏެވެ. އެވަގުތު ކާއިނާތު ގެ ފޯނު ރިންގުވާން ފެށުމުން ފޯނު ނަގައި އެޔަށް ޖަވާބު ދިނެވެ.

"ކީކޭ ޒައިބާ؟މިހާރު މިއިނީ ޓޭކްސީގައި"ކާއިނާތު މަޑުމަޑުން ބުންޏެވެ.

ވިދާދު ކާރު އިސްޓާޓް ކޮށްލިއެވެ. އޭނާ އެއަނގޮޓި އާއި މާބޮޑި ފިހާރައަށް ލާން ދަނީ ކަމުގައި ބުންޏެވެ. ވިދާދު އެހެން ބުނުމުން ލޯގަނޑުން ކާއިނާތަށް ބަލާލިއެވެ. ކާއިނާތުގެ ދެލޮލަށް ކަރުނަ ޖަމާވެ ކަރުނަ ތައް ކޯތާފަތް މައްޗަށް އޮހިގަތެވެ. ކީއްވެގެން ތޯ އެހަވާލު ކުރަނީ ޒައިބާ އެހުމުން އެއީ އޭނަގެ އެއްޗެއް ނޫން ކަމުގައި ބުނެ އޭގެ އަސްލު ވެރިފަރާތައް އެނުލިބިއްޖެއް ނަމަ އެދިން މީހާ ވެސް ދެރަވާނެ ކަމުގައި ބުންޏެވެ. ފިހާރާގައި ތިބި ކުދިންނަށް ނޭނގި ކުރެވުނު ކުށެއް ކަމުގައި ކާއިނާތު ބުންޏެވެ. ވިދާދު ލޯގަނޑުން ކާއިނާތަށް ބަލާލިއެވެ. ކާއިނާތު ފޯނުން ވާހަކަ ދައްކާ ނިމިގެން ފޯނު ދަބަހަށް ލިއެވެ.

​ފިހާރަޔަށް ވުރެން ދުރުގައި ވިދާދު ކާރު މަޑުކޮށްލިއެވެ. އަދި އާދެވިއްޖެ ކަމުގައި ބުނުމުން ކާއިނާތު މިއަންނަނީ ކަމުގައި ބުނެ ކާރުން ފޭބިއެވެ. ކާއިނާތު ހިނގައިގަތުމުން ވިދާދު ފޯނު ނަގައި ނަމްބަރަ ކަށް ގުޅާލިއެވެ.

​ކާއިނާތު ފިހާރަ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އަދި ކައުންޓަރު ގައި އިން ކުއްޖާ އަށް ހީލިއެވެ. އޭރު އެކުއްޖާ ހުރީ ފޯނެއްގައި ކަމުން ކާއިނާތު މަޑުކޮށްލިއެވެ. ފޯނު ބޭއްވުމުން އޭނާ އަނގޮޓި އާއި މާ ބޮޑި އެކުއްޖާ އަށް ދިއްކޮށް ލަމުން އެއީ އޭނާގެ އެއްޗެއް ނޫން ކަމުގައި ބުންޏެވެ. އެއްކުއްޖާ ހިނިތުން ވެލަމުން އެއީ ހަމަ ކާއިނާތު ގެ އެއްޗެއްކަން ބުނެ ޔަގީން ކޮށްދިނެވެ.

​"ތިއީ ކާއިނާތު އެހެން ނޫންތޯ."އެކުއްޖާ އަހާލިއެވެ. ކާއިނާތު އެކުއްޖާ އަށް ބަލަމުން ދިޔައެވެ. ކާއިނާތު ބޯޖަހާލިއެވެ.

​"ތިއީ ހަމަ ތިބޭފުޅާ އަށް އޮތް ހަދިޔާ އެއް."އެކުއްޖާ ބުންޏެވެ.

ކާއިނާތު ހާސްކަމާއި އެކީގައި އެއް އަތުން ބޮލުގައި އަތް ކާތާލިއެވެ. ފިހާރައިގެ ބިލްލޫރިގަނޑުން ކާއިނާތުގެ ހަރަކާތް ތައް ކާރުގައި އިން ވިދާދު ބަލަމުން ދިޔައެވެ. ދައްކަނީ ކޮން ވާހަކަ އެއް ކަން ނޭނގުނަސް ވިދާދު އިނީ ކާއިނާތުގެ ހަރަކާތް ތަކަށް ބަލާށެވެ.

​ކާއިނާތު ފިހާރާން ނިކުމެ ކާރާއި ދިމާ އަށް ހިނގައިގަތެވެ. ވިދާދު ކާއިނާތަށް އޭނަގެ މޫނު ނުދައްކާ އިސްޖަހާލިއެވެ. ކާއިނާތު އައިސް ކާރަށް އެރިއެވެ. އޭރު ވެސް ކާއިނާތުގެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ. ފިހާރަ ކުދިންނަށް ހެދުނީ މިސްޓޭކެއް ކަމުގައި ކާއިނާތުގެ ހިތް ބުނަމުން ދިޔައެވެ.

​"ކޮންތާކަށް ތޯ ގެންގޮސް ދޭންވީ؟"ވިދާދު މަޑުމަޑުން އަހާލިއެވެ.

ކާއިނާތު އޭރުވެސް އިނީ ކަނބޮޑު ވެފައި ކަމުން ވިދާދުގެ އަޑު ފާހަގަ އެއް ނުކުރެވުނެވެ. ކާއިނާތު ދަބަހުން 75 ރުފިޔާ ނަގައި ވިދާދު އާއި ދިމާ އަށް ދިއްކޮށްލިއެވެ. ވިދާދު ކާއިނާތަށް ބަލާލުމެއް ނެތި ލާރީގައި ހިފިއެވެ. ކާއިނާތު ޝުކުރު އަދާ ކޮށްފައި ކާރުން ފައިބައި މަގުހުރަސް ކޮށް ކުރިޔަށް ހިނގައިގަތެވެ. ވިދާދު ކާއިނާތު ގޮސް މަގު އޮބާލަން ދެން ބަލަހައްޓައިގެން އިނެވެ. ވިދާދުގެ ތުންފަތް މަތިން ހިނިތުން ވުމެއް ފާޅުވެގެން ދިޔައެވެ. ހަމަ ރަނގަޅަށް ވެސް މިފަހަރު ވިދާދު ޑްރައިވަރަކަށް އެރީތި އަންހެން ކުއްޖާ ހަދައިފިއެވެ.  

***************

ވިދާދު ގެޔަށް އައިސް ވަދެފައި ހަމަޖެހިލެވޭތޯ ބެލިއެވެ. ކުރިން ނުވާ އިޙްސާސް ތަކެއްވިދާދަށް ވަމުން ދިޔައެވެ. ކާއިނާތާ ދޭތެރޭ ގައި ވިސްނެން ފެށިއެވެ. އެއީ ވިދާދު ކުރަން ބޭނުންވާ ކަމެއް ނޫނަސް ހިތް އިރުއިރު ކޮޅުން ކާއިނާތުގެ ލޮލުން އަންނަމުން ދިޔަ ކަރުނަ ހަނދާން ކޮށްދެމުން ދިޔައެވެ. ރޮއި ރޮއި ރަތް ވެފައިވާ އެރީތި ދޮންމޫނު ލޮލަށް ސިފަ ވާންފެށިއެވެ. ކާރުގެ ލޯގަނޑުން ވިދާދު ކާއިނާތަށް ބަލަމުން ދިޔަ ސިއްރު މަންޒަރު ފެންނަމުން ދިޔަ ކަހަލައެވެ. ކާއިނާތު ބުނި ޖުމްލަތައް އޭނާގެ ކަންފަތުގައި ގުގުމާލިއެވެ. ކާއިނާތު ވެސް ބޭނުންވަނީ ލޯބި ކަން ވިދާދަށް އިޙްސާސް ކުރެވުނެވެ. ފުން ވިސްނުމަކަށް ގެނބެމުން ދަނިކޮށް ވިދާދުގެ ފޯނު ރިންގުވާން ފެށިއެވެ. ވިދާދު ފޯނުނަގައި ކަންފަތުގައި ޖައްސާލިއެވެ.

​"ކީކޭ ޝަރާ؟"ވިދާދަށް ޝަރާގެ ނަން ކިޔާލެވުނެވެ.

​"ކޮންތާކު؟ މިހާރު މީޓިން ނިމުނީތަ؟"ފޯނުން ޝަރާގެ އަޑު އައެވެ.

​"ނުދަން، ކޮބާ މާލެ އަށް އާދެވުނީތަ؟"ވިދާދު ސުވާލު ކޮށްލިއެވެ.

​"އާން، އެކަމަކު އަދި މާފިހާރަ އަކަށް ނުދަން، މާދަން ދިޔައްޔާ ލަސްވާނެތަ؟" ފޯނުން ޝަރާގެ އަޑު އައެވެ.

​"އޯކޭ ދެން ނުދިޔަޔަސް."ވިދާދު ބުންޏެވެ.

​"ކިހިނެއްވީ؟ހާދަ އަޑު ބަދަލުވެފައި ބަލީތަ؟ނޫނީ ހިތްހަމަ ނުޖެހިފަތަ؟" ޝަރާ އަހާލިއެވެ.

​"ނޫން، އަހަރެން މިދަނީ ޝަރާ ބަލާ ރީތިވެލާ."ވިދާދު ހަމަޖެހިލެވޭތޯ ބަލާލިއެވެ.

​"ނޫން، މިރެއަކު ނޫން، މާދަމާ އަށް ހަދަމާދޯ." ޝަރާ ބުންޏެވެ.

"އެކަމަކު މިހާރު ކިހާ ދުވަހެއް އަހަރުމެން ބައްދަލު ނުވާތާ، އަހަރެން ދައްކަން ވެފައި ހުރި ވާހަކަ އެބަހުރި." ވިދާދު ކުޑަކޮށް ހިތްހަމަ ނުޖެހިފައި ހުރެގެން ބުންޏެވެ.

"ޕުލީޒް ވިދާދު، އަހަރެން ޗުއްޓީ ނަގައިގެން މިއައީ ވިދާދު އާއި ދެބަސްވާކަށް ނޫން." ޝަރާ ކުސްޖަހާލަމުން ޅަގޮތަކަށް ބުންޏެވެ.

މާލެ އައުމުގެ ކުރިން ރާވާފައި އޮތް ޕުލޭނެއް އޮތް ކަމުގައި ބުނެ މިރޭ ވިދާދު އާއި ބައްދަލު ނުކުރެވޭނޭ ކަމުގައި ޝަރާ ބުންޏެވެ. ސަބަބަކީ ކޮބައިތޯ ވިދާދު ތަކުރާރު ކޮށް އަހަމުން ދިޔައެވެ. މިރެ އަކީ ކޮން ރެއެއްކަން ޝަރާ ވަނީ ހަނދާން ނެތިފައި ކަން ވިދާދަށް އެނގުނެވެ. އިތުރަށް އެކަމާ ވާހަކަ ދައްކަން ބޭނުން ނުވެ ވިދާދު ފޯނު ކަނޑާލިއެވެ.

​ޝަރާ އަށް ޓަކާ ވިދާދު ރާވައިފައިވާ ޕުލޭން އާއި އެއް ގޮތަށް އެއްވެސް ކަމެއް ނުދިޔައެވެ. ޝަރާ އާއި ދިމާވި ފަހުން ވިދާދު ބޭނުންވީ އުފާވެރި ހަރުދަނާ ދިރި އުޅުމެއް އުޅޭށެވެ. އެގޮތުން އެހެން އަންހެން ކުދިންނާ ދުރުވެ ޝަރާ އަށް ޓަކާ ވިދާދު ހުންނަތާ އަހަރެއް ވީއެވެ. ވިދާދު ގެ ވަޒީފާގެ ގޮތުން އޭނާ އަކީ ޒިންމާދާރު މީހެކެވެ. ހަރުދަނާ އުސޫލު ތަކެއް ގެންގުޅޭ މީހެކެވެ. ގިނަމީހުންނަށް ވިދާދު އެނގެނީ އޯގާތެރި ހިންގުތެރި ވެރިއެއް ގެ ގޮތުގައެވެ. ރައްޓެހިންނާ އެކީގައި ވަގުތު ހޭދަކުރި ކަމުގައި ވިޔަސް ވަޒީފާ އަށް ފަރުވާތެރިއެވެ. ހިތުގައި ކިތަންމެ އުދާހަކާ ޝަކުވާ އެއް ހުއްޓަސް އެކަން މީހުންނަށް ހާމަވިޔަކަ ނުދެއެވެ. ގިނަ އަންހެން ކުދިން ވިދާދު ގެ ދިރިއުޅުމަށް އައިސްފަ ވަނީ ވިދާދުގެ މަގާމުގެ ސަބަބުންނެވެ. މިނިސްޓަރެއް ގެ ލޯބި ވެރިއެކޭ ބުނުމުގެ ގޮތުންނެވެ. ހަޤީޤީ ލޯބިވާ މީހަކު ވިދާދަށް އަދި ލިބިފަ އެއް ނުވެއެވެ. އާއިލާގެ ނުފޫޒާ ބައްޕަގެ ޕުރެޝަރާއި އެކީގައި ޒަވާޖީ ހަޔާތެއް ފަޝަން ގަސްތުކޮށް ޝަރާ އާއި ގުޅުނީ އެހެން ވެއެވެ. ޝަރާ އަކީ ރަނގަޅު ކުއްޖެއް ކަމަށް ހީކޮށެވެ.

 

އަދި ނުނިމޭ

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy