ރައީސްގެ ނިންމެވުން ބައިނަލްއަގުވާމީ މީޑިއާގެ ފަލަ ސުރުހީތަކަށް

އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި އިސްރާއީލްގެ ޕާސްޕޯޓް ރައީސް މަނާކުރެއްވީ ވަޒީރުންގެ މަޖިލީހުގެ ރުހުމާއެކު

އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުން ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން ހޯދައިފިއެވެ.

މާބޮޑު ތަފްސީލެއް ނުދެއްވާ، ސަރުކާރުގެ މި ނިންމެވުން އިޢުލާންކުރެއްވީ އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާނެވެ.

މީގެ އިތުރުން ފަލަސްޠީނާއި އިސްރާއީލްގެ މައްސަލައިގައި، ރާއްޖެއިން އިސްކަންދިނުމަށާއި ކޮށްދިނުމަށް ފަލަސްޠީނުން އެދޭކަންކަން ދެނެގަތުމަށް، ރައީސް ސްޕެޝިއަލް އެންވޯއީއެއް ކަނޑައަޅުއްވަން ނިންމެވުން ހިމެނެއެވެ. ހަމައެހެންމެ، ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމެވުމާއި "ފަލަސްޠީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވެވުމަށްވެސް ވަނީ ރައީސުލްޖުމުހޫރިއްޔާ ނިންމަވައިފައެވެ.

މި ޚަބަރު ގެނެސްދީފައިވާ ބައިނަލްއަގުވާމީ މަޝްހޫރު މީޑީއާ ތަކުގެ ތެރޭގައި އަލްޖަޒީރާ، ސީ.އެން.އެން، ދަ ގާރޑިއަން، ޓައިމްސް އޮފް އިސްރާއީލް، އެސޯސިއޭޓް ޕްރެސް، ފަސްޓް ޕޯސްޓް، އޭބީސީ ނިއުސް ފަދަ އެތައްއެތައް ނޫސް ތަކެއްގެ ފަލަ ސުރުހީގައި މި ޚަބަރު ރިޕޯޓްކޮށްފައި ވެއެވެ.

އަލްޖަޒީރާއިން ވަނީ މިޚަބަރު ގެނެސްދީފައެވެ. "މީގެ ކުރިން 1990 ގެ އަހަރުތަކުގެ ކުރީކޮޅު، އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްޖޭ ޒިޔާރަތްކުރުން މަނާކޮށްފައި އޮތް އޮތުން އުވާލާފައިވަނީ 2010 ވަނަ އަހަރު އިސްރާއީލާ ގުޅުން ބަދަހިކުރަން ދިވެހި ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.  ނަމަވެސް 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރައީސް މުހައްމަދު ނަޝީދު ގެ ވެރިކަން ވެއްޓުމުން މި މަސައްކަތްތައް ވަނީ ހުއްޓިފަ އެވެ." އަލްޖަޒީރާގައި ރިޕޯޓްކޮށްފައި ވެއެވެ.  

"ރާއްޖޭގައި ތިބި އިސްރާއީލުގެ ރައްޔިތުންނަށް އެގައުމުން ނިކުތުމަށް އިލްތިމާސް ކުރަނީ، އެއްވެސް ސަބަބަކާ ހުރެ އެމީހުން ހާލުގައި ޖެހިއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދޭން އުނދަގޫވާނެތީ،" އިސްރާއީލުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާކަމަށް ޓައިމްސް އޮފް އިސްރާއީލުގައިވެއެވެ.

އަރަބި ދުނިޔޭގެ ގިނަ ނޫސްތަކުގައި ވެސް މި ޚަބަރު ރިޕޯޓްކޮށްފައިވެއެވެ. މި ޚަބަރު ގެނެސްދީފައިވާ ނޫސްތަކުގައި އާއްމުން ކޮށްފައިވާ ކޮމެންޓްތަކުގައި ދިވެހި ސަރުކާރުގެ މި ނިންމެވުމަށް ތައުރީފްކޮށްފައިވެއެވެ. އަދި މިއީ ހިތްވަރުގަދަ ޖެހިލުން ކުޑަ ނިންމުމެއްކަމަށް ސިފަކޮށްފައިވެއެވެ. އަދި މިއީ އަރަބި އުއްމަތަށާއި އިސްލާމީ ގައުމުތަކަށް ނަމޫނާއެއް ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy