ވާހަކަ: ޙަޔާތު - ސޯޅަވަނަ ބައި

"ހަލޯ މައުރޫފް އަވަހަށް ގެޔަށް އާދެބަލަ."މައުރޫފް އަށް އެއްޗެއް ނުބުނެވެނީސް ޝަފީނާގެ ރުއިމުގެ އަޑުއިވުނެވެ.

​"ކިހިނެއްވީ ދައްތާ؟"މައުރޫފްގެ މޫނުމަތިން ކަނބޮޑުވުން ފާޅުވިއެވެ.

"އަވަހަށް ގެޔަށް އާދޭ... ދޫމާ..."ޝަފީނާ އަށް ރޮވޭވަރުން ވާހަކަ ދެއްކޭ ގޮތެއްނުވިއެވެ.

"ދޫމާ އަށް ކިހިނެއްވީ ދައްތާ؟"މައުރޫފް އަށް ކުއްލިޔަކަށް އަހައިލެވުނެވެ.

"ގެޔަށް އާދޭ."ސަފީނާ ފޯނު ކަނޑައިލިއެވެ.

މައުރޫފްގެ މޫނުމަތިން ކަނބޮޑުވުން ފާޅުވިއެވެ. ފިހާރައިގައި މަސައްކަތް ކުރާ ކުދިންނަށްގޮވައިލައިފައި ފިހާރަ ބަލާލާށޭ ކިޔާފައި އެތަނުން ނިކުމެ ސައިކަލަށް އެރިއެވެ. މައުރޫފްގެ ހިތް ވެސް މިވަގުތު ނުތަނަވަސްވަމުން ދިޔައެވެ. ދޫމާ އަށް ކަމެއްވެއްޖެއްޔާ އޭނަ ޔަށް އަމިއްލަ ނަފްސައް މައާފް ކުރެވިދާނެބާއެވެ. ނޫނީ ހަޔާތު އާއި ދުވަހަކުވެސް ކުރިމަތިލާން ކެރޭނެ ބާއެވެ.

ނުތަނަވަސްވެފައިވާ ހިތަކާއި އެކީގައި މައުރޫފް ސައިކަލު އެއްފަރާތެއްގައި މަޑުކޮށްލުމަށްފަހު ގޭދޮރާއްޓާއި ދިމާލަށް ހަލުވި ހިނގުމުގައި ދިޔައެވެ. ދޮރޯށިން ވަން ގޮތަށް މައުރޫފް އައީދުވަމުންނެވެ. ބޮޑުކޮޓަރީގެ ދޮރުން ވަދެވުނު ހިނދު އޭނާއަށް ފެނުނީ ގޭތެރޭގައި އެއްވެތިބި މީހުންނެވެ. އެތަނުން ސަފީނާ އެއް ދޫމާ އެއް ފެންނާކަށް ނެތެވެ. މީހުންތައް ދުރުކުރަމުންމައުރޫފް އެތެރެއަށް ވަނެވެ. އޭރު ދޫމާ އެއްދުގައި ހަބަރު ހުސްވެފައި އޮތެވެ. ސަފީނާ ގިސްލާ ރޮމުން ދިޔައެވެ. މައުރޫފް އަށް ބަލައިލެވުނީ ދޫމާގެ އަތަށެވެ. އަތުގައި ބޮޑުފޮތިގަނޑެއް އައްސާފައި އޮތެވެ. ފޮތިގަނޑުގައި ލޭ ކޮންމެވެސް ވަރަކަށް އުނގުޅިފައި ހުއްޓެވެ. މައުރޫފަށް ދެލޯ ބޮޑުކޮށްލަމުން ފަހަތައް ފިޔަވަޅެއް އަޅައިލެވުނެވެ. އެވަގުތު އެތަނުން މީހަކު މައުރޫފްގެ ގައިގައި ހިފައްޓާލަމުން ހަމަޖެހިލާށޭ ބުންޏެވެ.

މީހާ ހަމަޔަކަށް އެޅެން ވަގުތު ކޮޅެއް ނެގިއެވެ. މައުރޫފް ހަމަހޭވެރިކަން ވުމުން އަވަސް ވެގައިތީ ދޫމާ ގޮވައިގެން ހޮސްޕިޓަލަށް ދާށެވެ.

ދޫމާ އަށް ފަރުވާދެމުން ދިޔަ ވަގުތު ސަފީނާ އާއި މައުރޫފް ތިބީ ބޭރުގައެވެ. މައުރޫފް އަށް ވީގޮތް ވިސްނާލަންވެސް ނޭނގިފައި އިނެވެ. ސަފީނާ ވެސް އެކަމާބެހޭ ގޮތުން ދައްކާނެ ވާހަކަ އެއް ނޭނގިފައި އިންކަހަލައެވެ. އޭނަޔަށް އެވަގުތު އެކޮޓަރިޔަށް ނުވަދެވުނު ނަމަ ދޫމާގެ ދުވަސްދިޔައީއެވެ. އެހާކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެހާބޮޑުކަމެއް ވެދާނެ ކަމަށް ވިސްނާނީވެސް ކާކުހެއްޔެވެ.

މައުރޫފް ފިހާރަ ޔަށް ދާން ގޭން ނިކުތް އިރު ދޫމާ އިނީ އޭނަގެ ގޮނޑީގައި ފޮތެއްކިޔާށެވެ. ބޭރަށް ނިކުތުމުގެ ކުރިން މައުރޫފް އެކޮޓަރި ބަލައިލިއެވެ. އެކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް ދޫމާގެ މޫނުމަތިން ނުޖަހައެވެ. އެކަމަކު އެމޫނުމަތިން މާޔޫސްކަން ފެންނަން ހުއްޓެވެ.

"މައުރޫފް، ދައްތަ އަކަށް ނުފެނޭ ތިކައިވެނި ކުރާކަށް."ސަފީނާ ވިސްނާލަމުން ހިމޭން ރާގެއްގައި ބުންޏެވެ.

"ތިކަަމަށް ގޮތެއް ކިޔަން އެނގޭނީ ދޫމާ ހޭއެރީމައި."މައުރޫފް ފުން އާޙް އެއް ބޭރުކޮށްލަމުން ގޮނޑީގައި ލެނގިލިއެވެ.

އޭނަ އަދިވެސް ބޭނުންވަނީ ހަމަ ދޫމާ އާއި އިންނާށެވެ. އޭނަޔަށް ވެސް އަދި ދޫމާ އަށް ވެސް އެކަމުން އުފަލެއް ނުލިބޭނެ ކަން އެނގިހުރެވެސް މެއެވެ. މައުރޫފް ދެލޯ މަރާލިއެވެ. އިތުރަށް ވިސްނާށެވެ. އެކަމަކު އޭނަގެ ސަމާލުކަން އަތުލައިގަތީ ހޮސްޕިޓަލް ތެރެއަށް ވަދެގެން އައި ވަހީދުއެވެ. އޭނަގެ ބާރު އަޑުން މައުރޫފްގެ ނަން މުހާތަބް ކުރުމުންނެވެ. ލޯހުޅުވާލާފައި މައުރޫފް ގޮނޑިން ތެދުވިއެވެ. ސަފީނާ އަށް ވަހީދުގެ އަޑާއި އެކީގައި ކޮޅަށް ތެދުވެވުނެވެ. ވަހީދު ކުރިޔަށް އައިސް މައުރޫފް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފައިލިއެވެ. އަދި އޭނަޔާ ދިމާލަށް ދަމައިގަންނަމުން މޫނާ މޫނުގާތް ކޮށްލަމުން ދަތްކުނޑި ވިކައިލިއެވެ. އަދި ބަސްތަކަށް ބާރުލައިފައި ވާހަކަ ދައްކަން ފެށިއެވެ.

"ކަލޭގެ ސަބަބުން، ކަލޭގެ ސަބަބުން، މަގޭ ދޫމާ އެޔޮތީ މަރާއި ދިރުމާ ދޭތެރޭގައި."ވަހީދު ރުޅިވެރިކަމާއި އެކީގައި ބުންޏެވެ.

މައުރޫފް ވަހީދުގެ އަތުގައި ހިފައި އޭނަޔާ ދުރަށް ވަހީދުގެ އަތް ގެންގޮސް ހޫރާގޮތައް ލުއްކެއްޖަހައިލިއެވެ. ވަހީދު ފަހަތައް އަރިއަޅައިލިއެވެ. ސަފީނާ ގޮސް މައުރޫފްގެ ކައިރިޔަށް މަޑުކޮށްލިއެވެ.

"މަގޭ ސަބަބަކުން ނޫން، ކަލޭގެ ސަބަބުން، ކަލޭ ހަޔާތު އެހެން މީހަކާ ނުދެވިނަމަ މިގޮތައް މިކަންތައް ވެގެން ނެއް ނުދާނެ، ކަލޭގެ ސަބަބުން މިހުރިހާކަމެއް މިވީ، ފުރަތަމަ ފަހަރު ވެސް ދޫމާ މަރުވާން މޫދަށް ފުންމާލީ ކަލެޔާ ހުރެ، މިއަދު ދޫމާ މަރާދިރުމާ ދޭތެރޭގައި އެޔޮތީވެސް ހަމަ ކެލޭގެ ސަބަބުން."މައުރޫފް ވެސް ރުޅިއައިސްފައި ހަރުކަށިކޮށް ބުންޏެވެ.

"ހޫޝް، މިއީ ހޮސްޕިޓަލެއް މާރުކޭޓެއް ނޫން، މަޑުމަޑުން ވާހަކަ ދައްކާ."އެތަނަށް ނިކުތް ސީނިޔާ ސްޓާފަކު ބުންޏެވެ.

"އޭނަ މިތަނުން ނުނެރެނީހެއް އަޑުމަޑެއް ނުވާނެ."ވަހީދު އަދިވެސް ހުރީ ގޮތުގައެވެ.

"ހޫޝް... "އެކުއްޖާ އޭނަގެ ތުންފަތުގައި ކަނާތުގެ ޝަހާދަތް އިނިގިލި ހުރަސްކޮށްލިއެވެ.

"ދެމީހުން ވެސް އަޑުގަދަކުރަން މިތަނުން ބޭރަށް ނިކުމޭ."އެކުއްޖާ ހަރުކަށިކޮށް ބުންޏެވެ.

"އަހަރެން ކީއްކުރަން ބޭރަށް ދާންވީކީ، ޒުވާބު ކުރަން މިތަނަށް އައީ އޭނަ، އޭނަ މިތަނުން ނެރޭ."މައުރޫފް ދެބުމަގާތް ކޮށްގެން ހުރިގޮތައް ހުރެ ބުންޏެވެ.

"ވަހީދު މިތަނުންދޭ... އާދޭސްކޮށްފައި މިބުނަނީ މިތަނުންދޭ."ސަފީނާ ވަހީދު އަށް ބުންޏެވެ.

"މަށެއްވެސް މިތަނަކުން ނުދާނަން، އަދިވެސް ދޫމާ ހުރީ އަހަރެންގެ ޒިންމާގެ ދަށުގައި."ވަހީދު ސަފީނާ އަށް ބުންޏެވެ. މައުރޫފް ހޭން ފެށިއެވެ.

"ދައްތާ އޭނަ މިތާކުން ނުދާނެ، މަށައްހީވަނީ ދިންވަރު މަދުވީހެން، ކިހާވަރެއް ދިނިއްޔާ މިތަނުން ނިކުންނާނީ؟"މައުރޫފް މަލާމާތް ކުރާ ރާގަކަށް އަހައިލިއެވެ. ވަހީދު އަށް ބަލައިލެވުނީ ވަށައިގެން އެމީހުންނާ ދިމާލަށް ބަލަން ތިބި މީހުންނަށެވެ. މައުރޫފް ވެސް އެމީހުންނަށް ބަލައިލިއެވެ.

"ވަހީދު ހީކުރީ ވަހީދު ކުޅެމުންދާ މުޑުދާރު އަމަލުގެ ވާހަކަ އެހެން މީހުންނަށް ނޭނގޭނެ ކަމަށްތަ؟ ހަޔާތު އާއި އިންނަން ދިޔައީމައި ބުނީ 3 މިލިޔަން ރުފިޔާ ހިފައިގެން އަންނާށޭ، އަހަރެން ގެ ވިއްކާލާފައި ލާރި ހޯދިތަނުން ހަޔާތު އެޔަށްވުރެން އަނގުބޮޑުކޮށް މުއްސަންޖަކަށް ވިއްކާލީ."މައުރޫފްގެ ދެލޯ ފެންކަޅިވިއެވެ. އެއަޑު އިވުމުން އެތަނުގައި ތިބި ގިނަމީހުން ނަށް ހައިރާން ކަމާއި އެކީގައި އަނގަމަތީގައި އަތް އަޅައިލެވުނެވެ. ވަހީދު މައުރޫފް އަށް ދެލޯ އަޅައިލަމުން ބަލަމުން ދިޔައެވެ. އެވާހަކަ މައުރޫފް އެގޮތައް ބުނެފާނެ ކަމަކަށް ވަހީދު ހިޔެއްނުކުރެއެވެ.

"އަހަރެން ކޮންއިރަކު ބުނީ ލާރި ދޭށޭ، އަހަރެން ބުނީ ރައްޓެހިވެގެން އެއްގޯޅިކަންމަތިން އަނެއްގޯޅިކަންމަތިން ނުދުވާށޭ، އިންނަންޏާ ރީތިކޮށް އިނދެގެން ގެންދާށޭ."ވަހީދު އެއްވެތިބި މީހުންނަށް ބަލާލަމުން ޖެހިލުން ވެފައިވާ ރާގަކަށް ބުންޏެވެ. ސަފީނާ އަށް ވަހީދުގެ އެޖުމްލަ އަޑުއިވުމުން މޫނަށް ގޮތެއް ހަދާލެވުނެވެ. ދެބުމަގޮތްޖަހާލެވުނެވެ.

"ވަހީދޫ، ތިހާބޮޑު ދޮގެއް."ސަފީނާ އަށް ބުނެވުނެވެ.

"އެންމެރަނގަޅު ދެން ދޫމާ؟ ދޫމާ މަށާއެއްކޮށް ހަމަހުރެފައި ތިފޮނުވީ؟ އެއްވެސް އަގަކާނުލާ؟"މައުރޫފް އަހައިލިއެވެ.

"އަހަރެން ދޫމާ ފޮނުވީ ދައްތައާއި އެއްކޮށް."ވަހީދު ޖެހިލުންވެފައި ހުރެގެން ބުންޏެވެ. މައުރޫފް ދެބުމަ މައްޗަށް ހިއްލާލަމުން ދެފަރާތައް ބޯހަރަކާތް ކޮށްލިހިނދު އޭނަގެ ތުންފަތް ރޮގެއްހެން ދެމިލިއެވެ. އަދި ބޮޑުނޭވާ އެއް ލަމުން އޭނަގެ ފޯނު ނެގިއެވެ.

"ހަޔާތު އާއި އިންނަން ދިޔައިރު ދެކެވުނު ވާހަކަ ތައް ރިކޯޑެއް ނުކުރެވުނު، އެކަމަކު ދޫމާ މަށާ ހަވާލުކުރިއިރު ނަސީބަކުން މަގޭ ފޯނު އޮތީ ވީޑިއޯއަށް ޖެއްސިފައި."މައުރޫފް ފޯނު ގެ ގެލެރީ ހުޅުވާލަމުން ބުންޏެވެ.

ވަހީދުގެ ދެލޯ ބޮޑުވިއެވެ. މީހާ ދާހިއްލަން ފެށިއެވެ. އެވަގުތު ކުރިޔަށް ޖެހިލާފައި ވަހީދު މައުރޫފްގެ އަތުގައިޖެހިއެވެ. މައުރޫފް ހުރީ އެވަގުތައް ތައްޔާރުވެގެން ކަމުން ވަހީދުގެ މަސައްކަތް ދިޔައީ ބޭއްކާރުވެގެން ނެވެ. އެއާއި އެކީގައި މައުރޫފް އެދެއްކީ ތެދު ވާހަކަ އެއްކަން އެންމެންނަށް ވެސް ގަބޫލުކުރެވުނެވެ. ތަނުގައި އެއްއަޑަކަށް އެވާހަކަ ދެކެވެން ފެށިއެވެ. ވަހީދު މައުރޫފަށް ކުރިޔަށް ވުރެން ރުޅިއައިސްފައި ބަލައިލިއެވެ. މައުރޫފް ކުރިޔަށް ފިޔަވަޅު އަޅައިލިއެވެ. ވަހީދުގެ ސީދާ ކުރިމައްޗަށް ވާގޮތަށެވެ. ވަހީދު ލޮލާ ނަޒަރު ސީދާކޮށްލިއެވެ.

"މިތަނުން ނިކުމޭ، ދޫމާ އެއީ އަހަރެންގެ ވާން އުޅޭ އަނބިމީހާ.... މިހާރު ކަލޭގެ ޒިންމާ އެއް ނެތް، އިތުރަށް ފަލީހަވާން ބޭނުމިއްޔާ ހުއްޓަސް މައްސަލައެއް ނެތް."މައުރޫފް ބުންޏެވެ. އެވަގުތު ދޫމާ ހޭއެރި ވާހަކަ ނަރުސްކުއްޖަކު ބުނުމުން މައުރޫފް އާއި ސަފީނާ އަވަސްވެގަތީ އެތެރެއަށް ދިއުމަށެވެ. އޭރު ދެ ޕޮލިހުން ވެސް އައިސް ހޮސްޕިޓަލަށް ވަނެވެ. ހޮސްޕިޓަލުން ރިޕޯޓް ކުރުމުންނެވެ.

މައުރޫފް މެން އެތެރެއަށް ވަނުމުގެ ކުރިން ޕޮލިހުން މައުރޫފް އާއި ސަފީނާ ހުއްޓުވިއެވެ. އަދި އެމީހުން ނަށް ވުރެން ކުރިން ޕޮލިހުން ކަނހިނގާދިޔަގޮތް ދޫމާ ކުރެން އަހާ އޮޅުން ފިލުވަން ބޭނުންވާ ވާހަކަ ބުނުމުން މައުރޫފް ފަހަތައް ޖެހިލިއެވެ. އަދި އަދަބުވެރިކަމާއި އެކީގައި އެމީހުންނަށް ވަންނަން ޖާގަ ދެއްކިއެވެ.

ޕޮލިހުން އެތެރެއަށް ވަނުމުން ދޫމާ ޖެހިލުންވިއެވެ. ބިރުގަނެފައި އޭނަގެ ކަޅި ފަރާތްފަރާތައް ހިނގާލިއެވެ. މައުރޫފް ނޫނީ ސަފީނާ ފެނޭތޯއެވެ. ޕޮލިހުންގެ ފަހަތުން މައުރޫފް ފެނުމުން ދޫމާ ހަމަޖެހިލިއެވެ. ޕޮލިހުން ކުރަމުން ދިޔަ ސުވާލުތަކަށް ދޫމާ ޖަވާބު ދެމުން ދިޔައެވެ.

"އަމިއްލަ މަރުވާން އުޅުނީ ކީއްވެ؟"ޕޮލިސްކުއްޖާ ސުވާލުކުރިއެވެ. ދޫމާގެ މޫނުމަތިން ޙައިރާން ކަން ފެނުނެވެ. އޭނަ އަމިއްލަ އަށް މަރުވާން އުޅުނީ ކޮންއިރަކު ހެއްޔެވެ. އެމީހުން އެދެއްކަނީ އަނެއްކާ މޫދަށް ފުންމާލި ވާހަކަ ބާއެވެ. ދޫމާގެ ހިތަށް އެރިއެވެ. ދޫމާ ޙައިރާން ކަމާއި އެކީގައި ބަލަން އޮތް ގޮތުން މައުރޫފް ވެސް ހައިރާން ވިއެވެ.

"ބުނެބަލަ، އަމިއްލަ އަށް މަރުވާން އަތުގެ މައިނާރު ބުރިކޮށްލީ ކީއްވެ؟"ޕޮލިހުން ދެވަނަ ފަހަރަށް އަހައިލިއެވެ.

"ކޮން، ކޮން، ކޮންއިރަކު؟"އައިގަންނަމުން ދޫމާ އަހައިލިއެވެ.

"އަ.އަ.ހަ.ހަރެން. މަ.މަރުވާ.ކަ.ކަށް. ނު.ނު.ނޫޅެން. މި.މީ.ހަކު. ކޮ.ކޮ.ޓަރިޔަށް. ވަ.ވަނީ."އުދަގުލުން ދޫމާ ބުންޏެވެ.

އެޖުމްލަ އިވުމުން މައުރޫފް އާއި ސަފީނާ އެކަކު އަނެކަކަށް ބަލައިލެވުނެވެ. ޙައިރާން ކަމާއި އެކީގައެވެ. އެގޭގައި އުޅެނީ ހަމައެކަނި އެ ދެމީހުންނެވެ. ދޫމާ އާއި އެކު ޖުމްލަ 3 މީހުންނެވެ. އިތުރަށް އެކޮޓަރިޔައް ވަންނާނީ ކާކު ހެއްޔެވެ.

"ދޫމާ ކާކު؟"މައުރޫފް އަށް އަހައިލެވުނެވެ. ދޫމާ ނޭނގެއޭ ބުނާގޮތައް ބޯހަރަކާތް ކޮށްލިއެވެ. އަދި ދޫމާގެ ކަރު ދައްކައިލިއެވެ. އޭނަގެ ކަރުގައި ކުރިން އޮތް ފަތް ވެސް ނެތެވެ. ފަތް ދަމައިގަނެފައިވާ ކަމުގެ ނިޝާން ހުއްޓެވެ.

"އެ.އެމީހާ. ފަ.ފަތް .ދަ.ދަ.ދަމާ. ގަ.ގަތީ."ދޫމާ ބުންޏެވެ.

"އެމީހާ ވަހިކުރަން އެނގޭނެތަ؟"ޕޮލިހުން އަހައިލިއެވެ. ދޫމާ ބޯހަރަކާތް ކޮށްލިއެވެ. އާންއެކޭ ބުނެލާގޮތަށެވެ. ޕޮލިހުން މައުރޫފް ދައްކައިލިއެވެ. މިތޯ އަހާލަމުންނެވެ. ދޫމާ ނޫނެކޭ ބުނާގޮތައް ބޯހޫރާލިއެވެ. ޕޮލިހުން ސަފީނާ ދައްކައިލިއެވެ. ދޫމާ ނޫނެކޭ ބުނެލިއެވެ.

"ބޮޑުބެ ވަހީދުތަ؟"ޕޮލިހުން އަހައިލިއެވެ. ދޫމާ ނޫނެކޭ ބުނެލިއެވެ. ވަކިވަކިން އެހިސާބު މީހުންގެ ނަންތައް ކިޔާ ޝައްކުކުރެވޭ މީހުންގެ ފޮޓޯތައް ދައްކާ ހެދުމުން ވެސް އޭގެ ތެރޭގައި އެމީހަކު ނެތްކަމަށް ދޫމާ ބުންޏެވެ.

ދޫމާ ކިޔާދިން ސިފަތައް ޕޮލިހުން ނޯޓުކޮށް ބަޔާން ނެގުމަށްފަހު އެމީހުން އެތަނުން ދިއުމުން މައުރޫފް އަވަސް ވެގަތީ ދޫމާގެ ކައިރިޔަށް އައުމަށެެވެ. ދޫމާ އޮތް އެނދުގެ މަގަތުން އިށީންނަމުން އައިވީ ގުޅާފައިވާ އަތުގައި މައުރޫފް ހިފައިލިއެވެ. ދޫމާ މައުރޫފްގެ މޫނަށް ބަލައިލިއެވެ. އެވަގުތު މައުރޫފްގެ ފެންކަޅިވެފައިވާ ލޯ ފެނުމުން އޭނަޔާ ދޭތެރޭގައި މައުރޫފް ވިސްނަނީކަމުގައި ދޫމާ އަށް އިހްސާސް ކުރެވުނެވެ. ޝަފީނާވެސް އެނދާއި ކައިރިވެލަމުން ދޫމާގެ ބޮލުގައި ފިރުމާލިއެވެ.

އެހިނގާ ދިޔަ ހާދިސާ އަކީ އެގޭން ވައްކަން ކުރަން މީހަކު އުޅުމުގެ ތެރޭގައި ހިނގާއި ދިޔަ ހާދިސާ އެއްކަމުގައި ނިންމިއެވެ. އެމީހާ ވީހާވެސް އަވަހަކަށް ހޯދުމުގެ މަސައްކަތް ފުލުހުން ފެށިއެވެ. އެގޮތައް އެކަން ނިމުނުކަމުގައި ވިޔަސް މައުރޫފްގެ ހިތް ބުނަމުން ދިޔައީ އެއީ ހަމަ އެކަނި ވައްކަމުގެ ނިޔަތުގައި އެގެޔަށް ވަންމީހެއް ނޫން ކަމުގައެވެ. އެހެން ކަމަށް ވަންޏާ ގެންދަން ޖެހޭނީ ދޫމާގެ ކަރުގައި އޮތް ފަށް އެކަންޏެއް ނޫނެވެ. އަދި ދަމުން ދޫމާގެ އަތުގެ މައިނާރު ބުރިކޮށްލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. މީގައި ފޮރުވިފައިވާ ސިއްރެއް ވާކަން ޔަގީނެވެ.

*****************

ފަރުދާ ކެހެމުން އެދަނީ ކޮންކުށެއްގެ ފަރުދާއެއްކަން ނޭނގި އެތަށް ބައެއްގެ ހިތުގައި ސުވާލުތަކެއް އުފަށް ދަމުން ދިޔަ ހާދިސާއަކަށް ދޫމާގެ އަތުގެ މައިނާރު ބުރިކޮށްލި ހާދިސާވެގެން ދިޔައެވެ. ތުންތުން މަތިން ދެކެވެން ދިޔަ ވާހަކަ ތައް ޔާސިރު އާއި އަތޫފްގެ ކަންފަތުގައި ވެސް ޖެހުނެވެ. އެހޫނު ހަބަރާއިގެން ޔާސިރުމެން ލޯންޗުގައި ނައްޓާލީ ފަޒާލް ބުނި މަންޒިލަށެވެ. އެހިސާބަށް ދާން 3 ގަޑިއިރު ވަރު ވާނެކަމުގައި އެމީހުން ލަފާ ކުރިއެވެ.

ގޮނޑީގައި އިށީދެ ހަމަޖެހިލިއެވެ. ޖީބުން ފޯނުނަގައި ފަޒާލު ފޮނުވި މެސެޖް ކިޔަން ފެށިއެެވެ.ކުރަންވީ ކަންތަކާ ހަޔާތުގެ ކުރިމަތީގައި ކުޅޭނެ ޑްރާގެ ތަފްސީލް ވަނީ ފަޒާލް ފޮނުވާފައެވެ. ފަޒާލް ފެނި ފަޒާލް އަކީ އެމީހުން ދަންނަ މީހަކަށް ނުހެދުމަށް ވަނީ ބުނެފައެވެ.

"މަށައް އަދިވެސް ނުވިސްނޭ ފަޒާލް ކުރަން މިއުޅޭކަމެއް؟"އަތޫފް ޔާސިރުއަށް ބަލާލަމުން ބުންޏެވެ.

"މަށައް ވެސް، ހަޔާތު އާއި އިނުން އޯކޭ، އެކަމަކު ތިމާގެ އަސްލު ސިފަ މިހާރު ހަޔާތު އަށް ދައްކަން ވެއްޖެދޯ، އެސޫރަ ފޮރުވުމުގެ ބޭނުމެއް މިހާރަކު ނެތް، ހަޔާތު އެވަނީ އޭނަ ފޮނުވި ފޮޓޯގައިވާ ސިފަ ގަބޫލުކޮށް ކައިވެނިކޮށްފައި، ދެން ސިއްރު ކުރުމުގެ ބޭނުމެއް ނޭނގޭ.."ޔާސިރުވެސް ކުޑަކޮށް ބޯހަރަކާތް ކޮށްލަމުން ބުންޏެެވެ.

"މަބުނީ ސޯފީ މިއީ ކޮންކަލަހަ ކުއްޖެއްތަ؟"ޔާސިރު އަތޫފް އަށް ބަލާލަމުން އަހައިލިއެވެ.

"ސޯފީ؟ ކޮން؟"އަތޫފް އަށް އެއީ ކާކުކަން ނޭނގުނެވެ.

"ޒާރާ އާއި އެކީގައި ހަޔާތު މޭކަޕްކުރުވަން އައި ކުއްޖާ..."ޔާސިރު އެއީ ކޮންކުއްޖެއްކަން ހަނދާން ކޮށްލަދިނެވެ.

"ނޭނގެ، ކިހިނެއްވީ؟ ހިތް ކީތަ؟"އަތޫފް ދިމާކޮށްލިއެވެ.

"ނޫން... ރޭގައި މަގޭ ނަމްބަރަށް މެސެޖް ކޮށްލީ، ފަޒާލްގެ ނަމްބަރު ހޯދަން."ޔާސިރު ބުންޏެވެ.

"އެރޭ ދިއުމުގެ ކުރިން މަގޭ ނަމްބަރު އޭނަ ހޯދީ، މަހިތަކަށް ނާރާ ފަޒާލް އާއި ގާތްވާންވެގެން މަގު ސާފުކުރަނީ ކަމެއް. އެދޭތެރޭ މެދަށް މަގޭނަމުގެ ބުރިޖެއްކަމެއް އަޅަން މިއުޅެނީކީ."ޔާސިރު ބުންޏެވެ. އެހެން ބުނެލަމުން ސޯފީ ފޮނުވާފައިވާ މެސެޖް އަތޫފް އަށް ދައްކާލިއެވެ. އަތޫފް ފޯނުނަގައި މެސެޖް ކިޔަމުން ދިޔައެވެ.

"މިއީ ހާދަ ޗީޕް ގޮލައެއް؟އެރޭ ފަޒާލް މީހަކާ އިންކަން އެނގިހުރެ ފަޒާލް ގެ ނަމްބަރު ހޯދަން އެއުޅެނީ... ޒާރާ ވެސް ގާތްކޮށްގެން މިގެންގުޅޭ ކުދިންދޯ..."އަތޫފް ގެ އަޑުގައިވަނީ ފޫހިވެފައިވާ ކަމެވެ.

އަތޫފް އާއި ޔާސިރުގެ ވާހަކަ މެދުކަނޑާލަން ޖެހުނީ ލޯންޗު ހުއްޓުމުންނެވެ. ކައްޕި ލޯންޗު ސްޓާޓްކުރެވޭތޯ އުޅުނެވެ. ޔާސިރު އާއި އަތޫފް ގޮނޑިން ތެދުވެގެން ކައްޕިއާއި އާއި ދިމާލަށް ދިޔައެވެ.

"ކހިނެއްވީ؟"އަތޫފް އަހައިލިއެވެ.

"އިންޖީނު ހުއްޓުނީ."ކައްޕި ބުންޏެވެ.

"ދެނޯ... ފަޒާލް އެހެރީ ފަޅުރަށެއްގައި، އެތަނުން ފެންފޮދެއްވެސް ލިބޭނެކަމުގެ ޔަގީންކަމެއް ނެތް."ޔާސިރު އަށް ބުނެވުނެވެ.

**************

އަރީޝާ ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަމުން ދިޔައެވެ. މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމެވެ. ލޮލުން ނަފުރަތްގެ އަލިފާންގަނޑެއް ރޯވެ ކަނިބުރަމުން ދިޔައެވެ. އޭނަގެ ހިތުގައި މައުރޫފް އަށް ދީފައިވާ މަގާމާއި ލޯބި މައުރޫފް ގަބޫލުނުކުރީ ހަޔާތުގެ ސަބަބުންނެވެ. މައުރޫފްގެ ހިތުން އޭނަޔަށް ޖާގައެއް ހޯދަން އޭނަ ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު އެހުރިހާ މަސައްކަތެއް ދިޔައީ ބޭކާރު ވެގެންނެވެ. އޭނަގެ ބައްޕަގެ އެހީގައި އޭނަ ހަޔާތު ހުތުރު ދުވަސް ވީމީހަކާ ދެވާފައި ދުރަށް ފޮނުވާލީވެސް މައުރޫފްގެ ބޭނުމުގައެވެ. އެކަމަކު މައުރޫފް އޭނަ އަތުގައި ނުހިފާ އެނުކުޅެދޭ ދޫމާ އާއި ގުޅުނީ ކީއްވެގެން ހެއްޔެވެ. އޭނަ ދޫމާ އަށް ވުރެންވެސް ނުކުޅެދުނީ ހެއްޔެވެ. މައުރޫފް އޭނަގެ މީހަކަށް ނުވީ؟

އެސުވާލު ތަކުރާރުކޮށް އަރީޝާގެ ހިތުގައި އުފެދެމުން ދިޔައެވެ. އެހިތަށް ކޮށްފައިވާ އަސަރާއި މައުރޫފް އަށް ޓަކާ ވާލޯބި ނުފެނުނީ ކީއްވެގެން ހެއްޔެވެ. އަރީޝާގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. އެހާ ފަސޭހައިން އެމީހުންގެ ދިރިއުޅުން ރަނގަޅު ވިޔަކަ ނުދޭނެއެވެ. މައުރޫފް އަށް ދޫމާ އާއި ކައިވެނި ކުރެވިދާނެ އެވެ. އެކަމަކު އެހިތުން ދޫމާ އަށް މަގާމެއް ނުދެވޭނެ ކަން އަރީޝާ އަށް އެނގެއެވެ. އަދިވެސް އަރީޝާ މައުރޫފް ހޯދަން މަސައްކަތް ކުރާނެއެވެ. އެހާ އަވަހަށް ފިނޑިވެ މައިދާން ދޫކޮށް ދާކަށް އަރީޝާ ބޭނުމެއް ނޫނެވެ. ހަޔާތު މައުރޫފްގެ ދިރިއުޅުމުން ނެރެ އެއްލާލި ގޮތަށް ދޫމާވެސް ނެރެ އެއްލާލާނެއެވެ. ދޫމާގެ ހަގީގަތް މައުރޫފް އަށް ނޭނގެނީއެވެ. އެކަމަކު އަރީޝާ އަށް އެހަގީގަތް ފޮރުވިފައެއް ނުވެއެވެ. ދޫމާ ގެ ލޯބީގެ ކުޅިގަނޑު ރަނގަޅަށް އަރީޝާ އަށް އެނގެއެވެ. އަރީޝާ ހަށިފުރާ ނޭވާ އެއްލިއެވެ.

 

ކޮމެންޓް

2 ގަޑިއިރު ކުރިން
ފަތް އެއް ނޫން ކަރުގަ ފަށް އޮންނާނީ
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

6 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

9 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

9 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

11 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

21 ގަޑިއިރު ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
team

ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy