ރައީސްގެ މެސެޖްތަކުން ދުނިޔޭގެ ސަމާލުކަން ކުދި ޖަޒީރާ ގައުމުތަކަށް: ސިޑްސް 4

"ދި ޕިވޮޓަލް ރޯލް އޮފް ޕްރައިވެޓް ސެކްޓަރ ފައިނޭންސިންގ ފޮރ ކްލައިމެޓް ރިޒިލިއެންސް" ބައްދަލުވުމުގައި ރައީސުލްޖުމުހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ- ފޮޓޯ: ރައީސް އޮފީސް

ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް،  ކޮންފަރެންސް ސިޑްސް ނުވަތަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްގީއާ ގުޅޭ މަހާސިންތާގެ މައިގަނޑު އެއް މަޤްޞަދަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުމަށް ހުރި ހުރަސް ނައްތާލައި، އެ ޤައުމުތަކަށް ފާގަތިކަން ގެންނަން ކުރަންޖެހޭ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމަށް މަޝްވަރާކޮށް ކުރުމަށް ބާއްވާ މަހާސިންތާއެކެވެ. މި ކޮންފަރެންސްގައި ތިމާވެށީގެ މައްސަލަތަކުގެ މައްޗަށް ވެސް މެންބަރު ގައުމުތަކުން ބަހުސް ކުރެއެވެ. ސިޑްސްގެ 4 ވަނަ މަހާސިންތާ އޮތީ ކެރީބިއަންގެ ޤައުމެއްކަމަށްވާ އެންޓީގާ އެންޑް ބާބިޔުޑާގައި މޭމަހުގެ 27 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މަހާސިންތާގެ މި ފަހަރުގެ ޝިއާރަކީ: "ވެލް- މެނޭޖް މައިގްރޭޝަން އިސް އެން އެސެޝިއަލް ޕާޓް އޮފް ދަ ސޮލިއުޝަން ޓް ޗާރޓިންގ އަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" ނުވަތަ ރަނގަޅު އިންތިޒާމެއްގެ ތެރެއިން ހިޖުރަކުރުމަކީ ފާގަތިކަމާއި ވިލުންތެރިކަން ހާސިލްކުރުމަށް މުހިއްމުކަމެކެވެ. ދުނިޔޭގެ ގައުމުތަކުގައި 10 މިލިއަން ހިޖުރަވެރިން ދިރިއުޅޭއިރު، މީގެތެރެއިން 3.5 މިލިއަން މީހުން ހިޖުރަވެރިން ވަޒަންވެރިވެފައިވަނީ ސިޑްސް ގައުމުތަކުގައެވެ.

ރާއްޖޭގެ ފަރާތުން މި ކޮންފަރެންސްގައި މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވިއިރު، ވަފްދުގެ އެންމެ އިސް ވެރިޔަކަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.  ކުރީގެ ސިޑްސްގެ ބައްދަލުވުންތަކާ ޚިލާފަށް 4 ވަނަ ސިޑްސްގެ ބައްދަލުވުން ރާއްޖެއަށް ވަރަށް ތަފާތެވެ. ކުރީން ރާއްޖޭގެ އިސްވެރިން މި މަހާސިންތާގައި ބައިވެރިވި ނަމަވެސް، މިހާސިންތާގައި އިއްވާފައިވަނީ ރާއްޖޭގެ ފަރާތުން އެންމެ ބަޔާނެކެވެ. މިފަހަރު ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ފަރާތުން 7 ބަޔާނެއް އިއްވަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާންތަކުގައި ތަރައްޤީ ހާސިލުކުރުމަށް ރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ދަތިތަކާއި، އެ ދަތިތައް ހައްލު ކުރެވެން ހުރި ގޮތްތަކާއި، އެކަންކަން ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައިވެއެވެ.

ރައީސުލްޖުމުހޫރިއްޔާގެ ބަޔާންތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ދުނިޔޭގެ ނަޒަރުވަނީ ހުއްޓިފައެވެ. އެމަނިކުފާނުގެ ބަޔާންތަކުގައި ތަރައްޤީ ހާސިލުކުރުމަށް ރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ދަތިތަކާއި، އެ ދަތިތައް ހައްލު ކުރެވެން ހުރި ގޮތްތަކާއި، އެކަންކަން ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ތަފްސީލީ ގޮތެއްގައި ބައްލަވާލެއްވިއެވެ. އަދި މޫސަމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް އެމަނިކުފާނު ގެންނެވިއެވެ.

މި ކޮންފަރެންސްގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި އެމަނިކުފާނު ވަކާލާތު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މާލީ އެހީއަކީ ސިޑްސްއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަމަށާއި، ތަރައްޤީއަށް ޓަކައި ފަސޭހައިން މާލީއެހީތައް ލިބޭނެގޮތް ފަހިވާންޖެހޭކަމަށާއި އަދި އެގޮތަށް ކުދިޖަޒީރާ ޤައުމުތަކަށް އަތްފޯރާފަށުގައި މާލީއެހީތެރިކަން ލިބުމަކީ ނުވަތަ ނުލިބުމަކީ އިންސާފާ ގުޅިފައިވާ ކަމެއްކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މާލީ އެހީ އިތުރުކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ވަޢުދުވެފައިވީ ނަމަވެސް، ފާއިތުވި ދެ އަހަރު ތެރޭގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ބޭރުގެ މާލީ އިނާޔަތާއި ވަޞީލަތްތައް ލިބޭ މިންވަރު ދަށަށް ގޮސްފައިވާކަމުގެ ކަންބޮޑުވުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ. މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކް (އެމް.ޑީ.ބީ) ތަކާއި އިންޓަރނޭޝަނަލް ފައިނޭންޝިއަލް އިންސްޓިޓިއުޝަން (އައި.އެފް.އައި) ތަކުން ކުދި ޖަޒީރާ ޤައުމުތަކަށް ފަހިވާގޮތަށް ބައެއް އެދެވޭ ބަދަލުތައް ގެނައުމަށްވެސް އެމަނިކުފާނު ގޮވައިލެއްވިއެވެ.

މި މަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކަށް 'ސިޑްސް'ގެ މެންބަރު ގައުމުތަކުގެ ލީޑަރުންނާ، މަހާސިންތާގައި އެކި ޖަމިއްޔާ ޖަމާޢަތްތަކާ ޚިދުމަތުގެ ދާއިރާތައް ތަމްސީލުކުރެއްވި ޢިލްމުވެރީންނާ ތަޖްރިބާކާރުންގެ ފަރާތްޕުޅުން ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. އަދި ރާއްޖެއަށް އެހީތެރިކަން ބޭނުންވާ އެކި ދާއިރާތަކާ ގުޅުންހުރި ބައިނަލްއަޤްވާމީ ބޮޑެތި ބައެއް އިދާރާތަކާއެކު އީޖާބީ މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy