ޔޫރޯ 2024ގެ ހުރިހާ މެޗެއް ރާއްޖޭގައި ދައްކާނީ ހަމައެކަނި ޕީއެސްއެމްއިން

ޔޯއެފާ ޔޫރޯ

އަންނަ މަހު 14 ޖަރުމަންވިލާތުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗެއް ރާއްޖޭގައި ދެއްކުމުގެ ހައްގު ލިބިފައިވަނީ ހަމައެކަނި ދައުލަތު މީޑީއާ ޕީއެސްއެމްއަށް ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

 

ޕީއެސްއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ، ޔޫރޯ މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް އެ ކުންފުނިން ހޯދާފައިވާ ކަމަށާއި ހުރިހާ މެޗެއް އެ މީޑިއާގެ ޗެނަލްތަކުން ވަގުތުން ދައްކާނެ ކަމަށެވެ.

 

"ޔޫރޯ ދެއްކުމަށް ރައިޓްސް އޮތް ހަމައެކަނި ދިވެހި ފަރާތަކީ ޕީއެސްއެމް. ޕީއެސްއެމްގެ ޓީވީއެމް އަދި ޔޭސްޓީވީން ގެނެސްދޭނަން އިރާދަ ކުރެއްވިއްޔާ،" ޒީނާ ވިދާޅުވިއެވެ.

 

އެންމެ ފަހުން ބޭއްވި ޔޫރޯ މުބާރާތް އެ މީޑީއާއިން ނުގެނެސްދިނުމުން އާންމުންގެ ކަންބޮޑުވުން ހިއްސާކުރިކަން ފާހަގަކުރައްވައި، ޒީނާ ވިދާޅުވީ އޭރު މުބާރާތް ނުދެއްކުނީ ސޮނީއަށް ދައްކަން ޖެހޭ ދަރަނިތަކެއް ނުދައްކާ ހުރުމުން ކަމަށެވެ.

 

އަދި، މި އަހަރު އެ މުބާރާތް ދެއްކުމުގެ ފުރުސަތު ހޯދީ އެ ދަރަނި ދެއްކުމަށް ޕްލޭނެއް ހެދުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

 

ފާހަގަކޮށްލެވޭ ގޮތުގައި، ޔޫރޯގެ މެޗުތައް ޕީއެސްއެމްގެ ޓީވީއެމާއި ޔެސްޓީވީން ވަގުތުން ދައްކާނީ އެޗްޑީ ކޮލިޓީގައި، ބެލުންތެރިން އެކަމަށް އިތުރު އެއްވެސް އަގެއް ދައްކަން ނުޖެހޭގޮތަށެވެ.

 

ޖަރުމަނުވިލާތުގެ 10 ސިޓީއެއްގައި ކުޅޭ މި މުބާރާތުގައި ޔޫރަޕްގެ 24 ޤައުމަކުން ވާދަކުރާނެއެވެ. މި ޤައުމުތައް ހަ ގްރޫޕަކަށް ބަހާލައިގެން މި މުބާރާތުގައި ޖުމްލަ 51 މެޗް ކުޅޭނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖުލައި 14 ވަނަ ދުވަހު ބާލިންގައެވެ.

މީގެ ކުރިން ވެސް މިފަދަ މުބާރާތްތައް ރައްޔިތުންނަށް ދެއްކުމަށް ޓަކައި ދައުލަތުގެ މީޑިއާއިން ބޮޑު ޚަރަދެއް ކުރެއެވެ.

މި ސަރަޙައްދަށް މި މުބާރާތުގެ ރައިޓްސް ނަގާފައިވާ ފަރާތަށް ބޮޑު އަގެއް ދައްކަންޖެހެއެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy