ވާހަކަ: ކަހަބަ - އެގާރަ ވަނަ ބައި

ޝިފޫ ކުރަން އުޅެފިއްޔާވާނެ. މައިންބަފައިންނަކީ ކިތަންމެ ހިޓިލަރުބަޔަކަސް، ދަރިން ކުސްޖަހާލީމައި މަޑުކަފަކޮޅަކަށް ވާނެ، އެހެން ނޫންނަމަ އަހަރެންގެ ކައިވެނި ފަޒީލް އަކާނުވީސް."ޞޯއިގާ ހިނިތުން ވެލަމުން ބުންޏެވެ.

"ކިހިނެއް މައިންބަފައިންނާ ބަގާވާތް ކުރާނީ؟"ޝިފްނާ ފުން އާޙް އެއް ދޫކޮށްލިއެވެ.

"ބަލަ އެހީމަދޯ އެނގޭނީ ވެސް ބައްޕަމެންގެ ވިސްނުން ވެސް، ޝާހިލް އަށް ނޫނެކޭ ބުނާނީ ވަރަށް ނުވިސްނޭ ބަޔަކު."ފަޒީލް އޭނަގެ އެކުވެރިޔާ ނަގާ ވެރިކަމުގެ ތަހުތުމަތީގައި ބޭންދިކަހަލަ އެވެ.

"މިރޭ ވާހަކަ ދައްކާނޭ ދޯ."ޝިފްނާގެ އަތުގައި ހިފާލަމުން ލޯބިން ފުރިފައިވާ ރާގެއްގައި ޝާހިލް ބުންޏެވެ.

"މަގޭ ހިތް އަދިވެސް ބިރުގަނޭ، ބައްޕަގެ ރުޅިއަކީ...."ޝިފްނާ އެހިސާބަށް ބުނެލާފައި ދެލޯ މަރައިލިއެވެ. އޭނަ ކުރިމަތިލާން ޖެހޭ ކަންތައް ބޮޑުކަމުންނެވެ. އޭނަގެ ބައްޕަގެ ރުޅި އޭނަގެ އެކުވެރިންނަށް ނޭނގިދާނެއެވެ. އެކަމަކު އޭނަޔަށް އެނގެއެވެ.

އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށްފަހު ޝާހިލް އާއި ޝިފްނާ ޕަޓީ ނުނިމެނީސް އެތަނުން ނިކުތެވެ. ތާޖުއްދީން ސްކޫލާއި އައިޖީއެމްއެޗް އާއި ދެމެދު އެހާ ދުރު ރާސްތާއެއް ނެތުމުން މަޑުމަޑުން ޝިފްނާ އާއި ޝާހިލް ވާހަކަ ދައްކަމުން އެދިމާ ލަށް ދިޔައެވެ. ޝާހިލްގެ މަންމަ އާއި ބައްދަލު ކުރުމުގެ ބޭނުމުގައެވެ. ޝާހިލް ބޭނުންވީ މިވަގުތު ކޮޅުވެސް ޝިފްނާ އާއި އެކީގައި ހޭދަކޮށްލާށެވެ. ޝިފްނާގެ އުޖާލާ މޫނު ބަލަމުން އެއްކޮށް ހިނގާލާފައި ދާށެވެ. ސައިކަލުގައި އިނުމުން ޝިފްނާގެ މޫނު ނުފެންނާނެތީއެވެ. ކުރިޔަށް ދަމުން ޝާހިލް ޝިފްނާގެ އަތުގައި ހިފާލިއެވެ. އަދި މަގުގެ ދެކޮޅު ބަލާލަމުން އަތް ހިލާލާފައި ޝިފްނާގެ އަތުގައި ބޮސްދިނެވެ. ޝިފްނާ ޝާހިލް އަށް ބަލާލިއެވެ. ޝާހިލް ޝީފްނާގެ އަތް ގެންގޮސް އޭނަގެ މޭގައި ޖައްސައިލިއެވެ.

"މަށަކަށް ނޭނގުނު މިވަނީ ކިހިނެއްކަމެއް، ޝިފޫ އާއި ވަކިވާކަށް އަހަރެންގެ ހިތް ބޭނުމެއް ނުވޭ."ޝާހިލް ހިމޭން ރާގެއްގައި ބުންޏެވެ.

"އަހަރެން ވާހަކަ އެއް އަހައިލަންތަ؟"ޝިފްނާ އަހައިލިއެވެ.

"ހޫން."ޝާހިލް ހޫން އަޅުވައިލިއެވެ.

"ހަމަ ދުވަހަކު ވެސް ކުއްޖަކާ ރައްޓެއްސެއް ނުވަންތަ؟"ޝިފްނާ އަހައިލިއެވެ. ޝާހީލް އާންއެކޭ ބުނާގޮތައް ބޯޖަހައިލިއެވެ.

"ނުވަން، މިހިތުގެ ވިންދާ ކުޅެލެވޭ ވަރުގެ ކުއްޖަކު ނުފެވެސް ފެނޭ، ފުރަތަމަ ނަޒަރުން ޝިފްނާ އަހަރެންގެ ހިތް ނުތަނަވަސްކޮށްލީ."ޝާހިލް އުފާވެރި ހިނިތުން ވުމެއް ތުންފަތް މައްޗަށް ގެންނަމުން ބުންޏެވެ. ޝިފްނާ ވެސް ހިނިތުން ވެލިއެވެ.

"މަށައް އެނގޭ ޝިފޫ ވެސް އަލަށް ވެސް ކުއްޖަކާ ރައްޓެހި ނުވާކަން." ޝާހިލް ޝިފްނާގެ މޫނަށް ބަލާލަމުން ބުންޏެވެ.

"ކިހިނެއް؟"ޝިފްނާ އަހައިލިއެވެ.

"ތިހަށިގަނޑުގައި ފުރަތަމަ ބީހިލިމީހަކީ ވެސް އަހަރެން."ޝާހިލް ޝިފްނާ އާއި ގާތްވެލަމުން ވައިއަޑުން ބުނެލިއެވެ. ޝިފްނާގެ މޫނު ކުއްލިޔަކަށް ރަތްޖަންބަކަށް ބަދަލުވި ކަހަލައެވެ. ލަދުން އިސްއޮބާލެވުނެވެ.

"ޕުލީޒް ޝާހިލް."މަޑުމަޑުން ޝިފްނާ ބުންނެވެ.

"އޯކޭ އެވާހަކަ ނުދައްކާނަން."ޝާހިލް ކުރިޔަށް ދަމުން ބުންޏެވެ.

"ޝާހިލް އަށް ނޭނގޭ ވާހަކަ އެއް އަހަރެންގެ އަތުގައި އެބައޮތް."ޝިފްނާ ހިތްވަރު ކޮށްލާފައި ބުންޏެވެ.

"ކޮބާ؟"ޝާހިލް އަހައިލިއެވެ.

"އަހަރެންނަށް ޝާހިލް ދެކެ ލޯބިވެވުނީކީ ރައްޓެހިވިފަހަކުން ނޫން." ޝިފްނާ ހިތްވަރު ކޮށްލާފައި ބުންޏެވެ.

"ދެން ކޮންއިރަކު؟"ޝާހިލް ޝައުގުވެރިކަމާއި އެކީގައި އަހައިލިއެވެ.

"ވަރަށް ކުރިން، ސްކޫލްގައި އުޅެމުން، ފުރަތަމަ ފަހަރަށް ޝާހިލް މަޖީދިއްޔާގެ ޓީމަށް ކުޅުނު ދުވަހު، އެދުވަހު މެޗެއްބަލަ ގަލޮޅުދަނޑަށް ޞޯއިގާ މެންނާ އެއްކޮށް ދިޔައިން، ޝާހިލް ހަދާން ހުންނާނެކަމެއް ނޭނގޭ، ސިޑިމަތިން އަހަރުމެން އެކްސިޑެންޓް ވެސް ވި.... ސޮރީ ބުނެފައި ޝާހިލް ދިޔައީ އެކުވެރިންނާ އެކީގައި."ޝިފްނާ ކުރިޔަށް ދަމުން ބުންޏެވެ.

ޝިފްނާ އެހެން ބުނުމުން ޝާހިލް ހުއްޓިލިއެވެ. އޭރުވެސް ޝިފްނާގެ އަތުގައި ޝާހިލް ހިފަހައްޓައިގެން ހުއްޓެވެ. ޝާހިލް ހުއްޓިލުމުން ޝިފްނާ ވެސް ހުއްޓިލިއެވެ. ޝިފްނާ ޝާހިލް އަށް ބަލައިލިއެވެ. ޝާހިލް ޝިފްނާ އަށް ބަލަމުން ދިޔައެވެ.

"އޭރުއްސުރެން، އެއީ މީގެ 7 އަހަރު ކުރިން، އަހަރެން ހާދަ ކުޑަވާނޭ، ޝިފޫ ވެސް އެހާކުޑަވާނެ." ޝާހިލް ހިނިތުން ވެލަމުން ގަބޫލު ނުކުރެވޭ ރާގަކަށް ބުނެލިއެވެ. ޝިފްނާ ހިނިތުން ވެލިއެވެ.

"14 އަހަރު."ޝިފްނާ ބުންޏެވެ. ޝާހިލް އޭނަގެ އަނގަމަތީގައި އަތް އަޅައިލިއެވެ. އުފަލުންނެވެ. ޝިފްނާ ލަދުވެތި ހިނިތުން ވުމެއް ތުންފަތް މައްޗަށް ގެނައެވެ.

"ހުވާ އަހަރެންނަކަށް ނޭނގޭ، ހަނދާނަކަށް ވެސް ނާދޭ، އެހެން ވިއްޔާ އަހަރެން ވެސް ބުނެފާނަން ވާހަކަ އެއް، ޝިފޫގެ ރިބަން ކޮޅު އަދި ވެސް އޮންނާނެ އަހަރެން އަތުގައި، އޭތި ބިންމަތިން ނެގި އިރަކު ނޭނގޭ ޝިފޫގެ ކަމެއް، އަންހެން ކުއްޖެއްގެ އެއްޗަކަށް ވާތީ ބޭއްވީ، މަށައްވެސް ކުދިންވެޔޭ ކިޔާފައި ދައްކަން، ފަޒީލްގެ ވެޑިންޕާޓީގައި ޝަހީމް ބުނީމައި އެނގުނީ އެއީ ޝިފޫގެކަން، އެކަމަކު ހަގީގަތަކީ އަހަރެންނަށް ޝިފޫ ކަމުދިޔައީ ވެސް ފުރަތަމަ ފަހަރަށް ފިހާރައިން ފެނުނު ދުވަހު."ޝާހިލް ދައްކަމުން ދިޔަ ވާހަކައިގެ ވޮލިޔަމް މަޑުވަމުން ދިޔައެވެ.

އަނެއްކާ ވެސް ދެމީހުން އައިޖީއެމްއެޗްއާއި ދިމާ ލަށް ދިޔައެވެ. އެހިސާބަށް އަރާފައި އެމެޖެންސީ އާއި ދިމާ ލަށް ދެވެން އޮންނަ މަގުން ގޮސް ހޮސްޕިޓަލަށް ވަނެވެ. އެޑްމިޓްކޮށްފައި މީހުން ތިބޭ ދިމާ ލަށް ގޮސް ސެކިއުރިޓީ ފެނުމުން ޝާހިލް މެން މަޑުކޮށްލިއެވެ. އަދި ސެކިއުރިޓީއަށް ހުރި މީހާ ގެ ގާތުގައި އެއްޗެއް ބުނުމުން އެމީހާ އެތެރެއަށް ވަނެވެ. އިރުކޮޅެއް ފަހުން އެމީހާ ބޭރަށް ނިމުތެވެ.

"ޝާހިލް މަންމަ ބުނުއްވީ ކެންޓީން އޭރިޔާގައި މަޑުކޮށްލަން، މަންމަ އެބަދުރުވޭ."އެމީހާ ޝާހިލް އަށް ބުންޏެވެ.

"ޝުކުރިއްޔާ."ޝާހިލް އެމީހާ އާއި ސަލާމް ކޮށްލިއެވެ. އަދި ޝިފްނާ ގޮވައިގެން އެދިމާ ލަށް ހިނގައިގަތެވެ. އެވަގުތު އެމެޖެންސީއެއްގައި އެންބިއުލަންސް އައިސް މަޑުކޮށްލިއެވެ. އެވަގުތު ހޮސްޕިޓަލްގެ އެމެޖެންސީ އޭރިޔާ ހަލަބޮލިވިއެވެ. ޝާހިލް އާއި ޝިފްނާ ވެސް އެތެރެއަށް ނުވަދެ ވީކީއްތޯ ބަލަން އެދިމާ ލަށް ދިޔައެވެ. ސްޓްރެޗާރގައި ދެތިންމީހުން ހިފައިގެން ދުވެފައި ކަހަލަ ގޮތަކަށް އެތެރެއަށް ވަނެވެ. އެވަގުތު ޝިފްނާ އަށް ފެނުނީ އޭނަގެ އެންމާބަނޑު ދެކޮށްކޮއާއި އޭނަގެ ކުޑަމަންމަ ޒަރީނާ އެވެ. އެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި ކަނބޮޑުވުމެވެ. ކޮންމެ މީހަކުވެސް ރޮމުން ކުރިޔަށް ދިޔައެވެ. ޝިފްނާ ބަލިއެނދުގައި އޮތީ ކާކުތޯ ބަލައިލިއެވެ. ޝިފްނާގެ ދެލޯ ބޮޑުވިއެވެ. ވަގުތުން ދެލޮލަށް ކަރުނަ ޖަމާވިއެވެ. ޝިފްނާ ޝާހިލްގެ އަތުން ދޫކޮށް އެދިމާ ލަށް ދުއްވައިގަތެވެ. ދުވެފައި ގޮސް އެނދުގެ އެއްފަރާތުން އޭނަގެ ލޯބިވާ ބައްޕަގެ އަތުގައި ހިފައިލިއެވެ.

"ބައްޕާ..."ޝިފްނާ އަށް ގިސްލެވެން ފެށިއެވެ. ޝާހިލް އަށް ވާނުވާ ނޭނގި ގަބުވެފައި ހުރެވުނު ކަހަލައެވެ. ޝިފްނާ ދޫކޮށްލާފައި ދިޔަ އަތް އެދިމާ ލަށް ދިއްކޮށްލައިގެން ހުރެވުނެވެ. އެމީހުންނާ އެކު ޝިފްނާ ވެސް ގޮސް އެމެޖެންސީ އަށް ވަނެވެ. އެންމެން އެތެރެއަށް ވަދެ ދޮރުލެއްޕުނެވެ. ޝާހިލް އެދިމާ ބަލަހައްޓައިގެން އަދިވެސް ހުރީއެވެ. އެވަގުތު ނަރުސްޔުނީފޯމްގައި އާސިމާ އައިސް ޝާހިލްގެ ކައިރިޔަށް މަޑުކޮށްލިއެވެ.

"ދަރިފުޅާ؟"އާސިމާ ޝާހިލްގެ ކޮންޑުގައި އަތް ޖައްސާލަމުން ގޮވައިލިއެވެ. ފެންކަޅިވެފައިވާ ދެލޮލުން ޝާހިލް އާސިމާ އަށް ބަލައިލިއެވެ.

"ކިހިނެއްވީ؟ މިވަގުތު މަންމަ އާއި ބައްދަލު ކުރަން ތިއައީ؟ދަރިފުޅު ހެނދުނު ފުރަން ޖެހެއެއްނުން."އާސިމާ ބުންޏެވެ. ޝާހިލް އަށް ދޭނެ ޖަވާބެއް ނޭނގިފައި ހުރެވުނީއެވެ. މަޑުމަޑުން އެމެޖެންސީ އާއި ދިމާ ލަށް ދިޔައެވެ. އާސިމާ ވެސް ޝާހިލްގެ ފަހަތުން ހިނގައިގަތެވެ.

"ދަރިފުޅު ދަންނަ މީހަކު އެތާ އޮތީތަ؟"އާސިމާ އަހައިލިއެވެ.

ޝާހިލް ބޯޖަހައިލަމުން އެދިމާލަށް ނިކަން ހަލުވިކޮށް ދިޔައެވެ. އާސިމާ ވެސް ޝާހިލް ގެ ފަހަތުން ދިޔައެވެ. އެހިސާބަށް ނޭރެނީސް ޝިފްނާ އޭނަގެ ކުޑަމަންމަ ޒަރީނާ ގޮވައިގެން އެތަނުން ނިކުތެވެ. އެއްފަރާތެއްގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ބޭންދިއެވެ. ޝާހިލްގެ ހިނގުން ކުއްލިޔަކަށް ހުއްޓުނެވެ. އެމެޖެންސީ އާއި ދިމާލަށް ހުރި އާސިމާގެ މިސްރާބު ޒަރީނާ މެންނާ ދިމާލަށް ދިޔައެވެ. އޭރު ޒަރީނާ އާއި ޝިފްނާ ގިސްލާ ރޮމުން ދިޔައެވެ.

"ޒަރީނާ."އާސިމާ ޒަރީނާ އަށް ގޮވައިލިއެވެ. ކަރުނުން ފުރިފައިވާ ބެލުމަކުން ޒަރީނާ އާސިމާ އަށް ބަލައިލިއެވެ.

"ކާކު މިތާއޮތީ، މުނީރާތަ؟"އާސިމާ ކަނބޮޑުވެފައިވާ ރާގެއްގައި އަހައިލިއެވެ.

"ރިޒާ."ޒަރީނާ ގިސްލަމުން ބުންޏެވެ.

އާސިމާގެ ދެލޯ ބޮޑުވިއެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް އާސިމާ އެތަނަށް ވަންނަން ދިޔައެވެ. ޝާހިލް އޭނަގެ މަންމަ ދިޔަ ދިމާ ލަށް ޙައިރާން ކަމާއި އެކީގައި ބަލައިލިއެވެ. އިރުކޮޅެއްފަހު އާސިމާ އެތަނުން ޑޮކްޓަރަކާއި އެކީގައި ނިކުތެވެ. ދެމީހުންގެ ހަރަކާތްތައް އަވަހެވެ. ޝާހިލް ޝިފްނާ އާއި ޖެހިގެން އިށީނެވެ. އޭރުވެސް ޒަރީނާ އާއި ޝިފްނާ ގިސްލަމުން ދިޔައެވެ. ޝާހިލް އަށް އެދަނޑިވަޅުގައި ހަދާނޭ ގޮތް ނޭނގިފައި އިނެވެ. އިރުކޮޅެއްފަހު އާސިމާ އިތުރު ނަރުސްކުދިން ކޮޅަކާއި ދެތިން ޑޮކްޓަރުންނާއި އެކީގައި އައިސް އެމެޖެންސީ އަށް ވަނެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި ޝާފީ އާއި ޝާރިފް ބޭރަށް ނިކުތެވެ. ދެކޮޅު ބަލައިލިއެވެ. އަދި ޝިފްނާ ފެނުމުން ދުވެފައި އެދިމާ ލަށް އައެވެ.

"ދޮންތާ ބައްޕަ އެބަގޮވާ."ޝާރިފް ގިސްލެވިފައިވާ ރާގެއްގައި ބުންޏެވެ.

ޝިފްނާ އަވަސް އަވަހަށް އެތަނުން ތެދުވެގެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެމެޖެންސީތެރެއަށް ވަނެެވެ. ޝާހިލް ވެސް ކޮޅަށް ތެދުވިއެވެ. ޝާރިފް އާއި ޝާފީ ޒަރީނާގެ ދެފަރާތުން އިށީނެވެ.

"ދަރިފުޅުމެން އެއްކުއްޖަކު ދޭ ދޮންތަ ކައިރިއަށް."ޒަރީނާ ގިސްލަމުން ބުންޏެވެ. ޝާރިފް ތެދުވެ އެދިމާ ލަށް ދިޔައެވެ. ޝާރިފްގެ ފަހަތުން ޝާހިލް ވެސް ގޮސް އެތެރެއަށް ވަނެވެ. އާސިމާއަށް ޝާހިލް ފެނުމުން ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ޝާހިލްގެ ކައިރިޔަށް އައެވެ.

"ދަރިފުޅާ، ގެޔަށްދޭ، ފަތިހު ފުރަން ޖެހެއެއްނުން."އާސިމާ މަޑުމަޑުން ޝާހިލްގެ އަތުގައި ހިފައިގެން ބޭރަށް ނިކުމެފައި ބުންޏެެވެ. އެތެރޭގައި ޝިފްނާގެ ބައްޕަ ޝިފްނާ އާއި ދައްކާ ވާހަކައެއް ނޭނގިފައި ޝާހިލް ހުއްޓެވެ. ޝާހިލް އޭނަގެ މަންމަ އަށް ބަލައިލިއެވެ.

"އިރުކޮޅަކުން ދާނަން."ޝާހިލް ކިޔަމަންތެރި ރާގަކަށް ބުންޏެވެ.

އާސިމާ އިތުރަށް އޭނަގެ ދަރިފުޅާ ވާހަކަ ދައްކަން ނުހުރެ އެތެރެއަށް ވަނެވެ. އިރުކޮޅެއްފަހުން ޝިފްނާގެ ބައްޕަ އެތަނުން ނެރެގެން އައިސީޔޫ އާއި ދިމާ ލަށް ގެންދިޔައެވެ. ފަހަތުން ރޮމުން ޝިފްނާ އާއި ޝާރިފް ނިކުތެވެ. އެމަންޒަރު ފެނުމުން ޝާފީ އާއި ޒަރީނާ ވެސް އެދިމާ ލަށް ދިޔައެވެ. ޝާހިލް ވެސް އެމީހުންގެ ފަހަތުން އެދިމާ ލަށް ދިޔައެވެ. އެނދު ހިފަހައްޓައިގެން ދިޔަ ނަރުހުންގެ ތެރޭގައި އާސިމާ ވެސް ހުއްޓެވެ. އައިސީޔޫ އަށް އުމަރު ރިޒާ އާއި އެކީގައި ވަނީ ހަމައެކަނި ނަރުހުންނެވެ. ބޭރު ދޮރުމަތީގައި ޝިފްނާ މެން މަޑުކުރިއެވެ. އޭރުވެސް ގިސްލާ ރޮމުން އެމީހުން ދިޔައެވެ.

"ކުޑަމަންމާ، މަންމަ މެން ގެޔަށް ދޭ، އަހަރެން މިތާ މަޑުކުރާނަން."ރޮމުން ޝިފްނާ ބުންޏެވެ.

"އެކަމަކު މަންމަ ދާކަށް ބޭނުމެއް ނޫން."ގިސްލަމުން ޒަރީނާ ބުންޏެވެ.

"މިތާ މަޑުކުރެވޭނީ އެކަކަށް."ޝިފްނާ ބުންޏެވެ.

"ދަރިފުޅު އެކަނި ބަހައްޓާފައި މަންމަމެން ދާނީ ކިހިނެއް؟"ޒަރީނާ ބުންޏެވެ.

"މަންމާ އަހަރެން ދޮންތަ އާއި އެކީގައި މަޑުކުރާނަން، ހެނދުނުން އަންނަން މަންމެ އާއި ޝާފީ ގެޔަށް ދޭ، ބޮޑުމަންމަ ވެސް އެކަނި ގޭގައި، ބޮޑުމަންމަ އަށް ކަމެއްވެއްޖެއްޔާ...."ޝާރިފް އަށް ގިސްލެވެން ފެށިއެވެ.

ޝާރިފް އާއި ޝިފްނާ ގެ ނަސޭހަތް އަހާ ޒަރީނާ އާއި ޝާފީ އެތަނުން ދިޔައެވެ. ޝިފްނާ ރޮމުން ގޮނޑީގައި އިށީނެވެ. ޝާހިލް ޝިފްނާ އާއި ޖެހިގެން އިށީނެވެ. ޝާރިފް އަށް ޝިފްނާ އާއި ޝާހިލްގެ ގުޅުން އެނގޭ ވަރަށް ވުރެން އޭނަގެ ހާލު ބޮޑެވެ. އޭނަގެ ބައްޕަ އަށް ވާނެގޮތެއް ނޭނގޭތީ އޭނަގެ ސިކުނޑި ހާސްވަމުން ދިޔައެވެ. ޝާރިފް ރޮމުން ގޮނޑިން ތެދުވެގެން އައިސީޔޫ އާއި ދިމާ ލަށް ދިޔައެވެ. ޝާހިލް ޝިފްނާގެ އަތުގައި ހިފައިލިއެވެ. ޝިފްނާ ޝާހިލް އަށް ބަލައިލިއެވެ. ޝާހިލް ފެނުމުން އިތުރަށް ޝިފްނާ އަށް ގިސްލެވެން ފެށިއެވެ. ޝާހިލް ޝިފްނާ އޭނަޔާ ގާތް ކޮށްލިއެވެ. އިރުކޮޅެއްގެ ހިމޭން ވަގުތު ކޮޅަކަށް ފަހު ޝިފްނާ ޝާހިލް އާއި ދުރަށް ޖެހިލިއެވެ.

"ހެނދުނު ފުރަން ޖެހެއެއްނުން... މިހާރު 2 ޖަހަން އެއުޅެނީ."ޝިފްނާ ގިސްލުން ހަމަޔަކަށް އަޅުވާލަމުން ބުންޏެވެ.

"ޝިފްނާ ތިހާލުގައި ހުއްޓާ އަހަރެން ކިހިނެއް ދާނީ؟"ޝާހިލް ބެދިފައިވާ އަޑަކުން ބުންޏެވެ.

"އޯކޭ ވާނެ، ކޮއްކޮ އެހެރީނުން، ޝާހިލް ކޮންމެހެން ވެސް ފުރަން ޖެހެއެއްނުން، ދޭ."ޝިފްނާ ޝާހިލްގެ މޫނަށް ބަލާލަމުން ބުންޏެވެ. އެއާއި އެކީގައި އަނެއްކާ ވެސް ބަޑިފަޅައިގެން ދިޔައެވެ. ރޮވެން ފެށުނެވެ. އޭނަ ޝާހިލް އެތަނުން ފޮނުވާލާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ޝާހިލް ނުފޮނުވާ ހިފެހެއްޓުމުގެ ޙައްޤެއްވެސް ޝިފްނާ އަކަށް އަދި އެއް ނެތެވެ. އަނެއްކާ ވެސް ޝާހިލް ޝިފްނާ އޭނަޔާ ގާތް ކޮށްލިއެވެ. އަދި ނިތްމަތީގައި ބޮސްދިނެތެވެ. ޝާހިލްގެ ލޮލުން ވެސް ކަރުނަ އަންނަމުން ދިޔައެވެ. ޝިފްނާގެ ލޮލުން އަންނަމުން ދިޔަ ކަރުނުން ޝާހިލްގެ މޭމަތި ތެންމަމުން ދިޔައެވެ.

 

ޗެޕްޓާ: 18

ބޫޓާނަށް ފުރުން.

 

ނަސަންދުރަ ކައިރިޔަށް ހުޅުލެއަށް ދާމީހުން ގިނަވަމުން ދިޔައެވެ. މުޅި އެހިސާބުގަނޑު މީހުން އެއްވެ ދުއްވާ އެއްޗެއްސައް ދަތުރު ކުރަން ދަތިވާވަރުވެފައި އޮތެވެ. އަޑުފަށްގަނޑުވެސް ވަނީ ގަދަވެފައެވެ. ފަޒީލް އާއި ސަލާމް ކޮށްލަމުން ޞޯއިގާ އެއްފަރާތަކަށް ޖެހިލިއެވެ. ފަޒީލް އެއްވެ ތިބި ކުޅުން ތެރިންނަށް ބަލައިލިއެވެ.

"އަދިވެސް ޝާހިލް ނާދޭ."ފަޒީލް އަތުކުރީގައި އޮތް ގަޑިޔަށް ބަލައިލިއެވެ.

"ގުޅާލަންވީނުން."ޞޯއިގާ ބުންޏެވެ.

"މިތާ ޞޯއިގާ މަޑުކުރޭ އަހަރެން އަންނާނަން އެހެރަ ފިހާރަޔަށް ވަދެ ޝާހިލްގެ ގެޔަށް ގުޅާލާފައި." ފަޒީލް ތޮށިގަނޑުމަތިން ފައިބަމުން ބުންޏެވެ. އެވަގުތު އެދިމާ އަށް ހުއްޓާލި ޓެކްސީއަކުން ޝާހިލް ފޭބިއެވެ.

"އަވަހަކަށް މަރެއް ވެސް ނުވާނެ، އެހެރައައީ."ފަޒީލް ބުންޏެވެ. ޞޯއިގާ ހިނިތުން ވެލިއެވެ.

ޝާހިލް ކާރުގެ ޑިކީ ހުޅުވާލާފައި އޭގެން އޭނަގެ ފޮށިނެގިއެވެ. އަދި ވޮލެޓް ހުޅުވާލުމަށްފަހު ކާރަށް ލާރިދިނެވެ. އެމީހާ ބާކީ ލާރި ޝާހިލް އަށް ދިނެވެ. ޝާހިލް ފޮށިހިފައިގެން ތޮށިގަނޑާ ދިމާ ލަށް ދިޔައެވެ. ފަޒީލް ޝާހިލް އާއި ސަލާމް ކޮށްލިއެވެ.

"ހާދަ އިރެއް ވީ؟"ފަޒީލް އަހައިލިއެވެ.

"އާން... ފަތިހު ގެޔަށް އައީ، އައިގޮތައް ފެންވަރާ ނަމާދު ކޮށްލާހަދައިގެން މިއައީ."ޝާހިލް ބުންޏެވެ.

"ކޮންތާކު އުޅުނީ، ޝިފްނާ ގޮވައިގެން މާލެ ކުޑަކުރީތަ؟"ފަޒީލް އަހައިލިއެވެ.

"ހޮސްޕިޓަލްގައި އުޅުނީ، ޝިފްނާ ބައްޕަ ޔަށް ހާޓަޓޭކެއް ޖެހިގެން."ޝާހިލް ނިތްމަތިކުޑަރުމާލުން ފުހެލަމުން ބުންޏެވެ. އަދި ރުމާ ފަޓްލޫނު ޖީބަށް ލިއެވެ. ޝާހިލް އެބުނި ޖުމްލައިން ޞޯއިގާ ގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ކަނބޮޑުވުމެއް ފާޅުވިއެވެ. ޞޯއިގާ ޝާހިލް މެންނާ ގާތްވެލިއެވެ.

"މިހާރު އެއީ ދެވަނަ އެޓޭކް."ޞޯއިގާ ކަނބޮޑުވެފައިވާ ރާގެއްގައި ބުންޏެވެ.

"އެހެންތަ؟ ތިކަމެއް ނޭނގޭ، އަހަރެން އާއިރުވެސް ޝިފޫ ރޮނީ، އަހަރެން މިދަތުރު ދާކަށް ބޭނުމެއް ނޫން، އެކަމަކު."ޝާހިލްގެ އަޑުގައިވަނީ ކަނބޮޑުވުމެވެ. ފަޒީލް ޝާހިލްގެ ކޮނޑުގައި ޖަހައިލިއެވެ. ހިތްވަރު ދިނުމުގެ ގޮތުންނެވެ.

"ކަނބޮޑުނުވޭ، ހުރިހާކަމެއް ވެސް ވާނީ ރަނގަޅަކަށް، މިހާރު އެގޭމީހުންނަށް ޝާހިލް ފެނިފައެއް ނުން އޮންނާނީ."ފަޒީލް ބުންޏެވެ.

"އެއްވެސް މީހަކަށް އަހަރެން ނޯޓިސްއެއް ނުކުރެވޭ، ޝިފްނާ އަށް ވެސް އެވަގުތު އަހަރެން ހުރިކަމުގެ އިޙްސާސްވެސް ނުވޭ."ޝާހިލް ގެކަނބޮޑުވުން ފާހަކަ ކުރިއެވެ.

"އެފަދަ ދަނޑިވަޅެއްގައި ނުވާނެއެއްނުން، ބަލަ އެއީ އޭނަގެ ބައްޕަ އޭ، ތިއީ އަދި އިހަކަށް ދުވަހު ދިމާވި މީހެއް، ޝާހިލް ނަމަވެސް ވާނީ އެހެން." ޞޯއިގާ ޝިފްނާ ދިފާއުކުރިއެވެ.

"އޯކޭ، އަހަރެން ޝަކުވާ އެއް ނުކުރަމޭ."އެހެން ބުނަމުން ފޮށީގެ އަރިމަތީ ޖީބު ހުޅުވާލުމަށް ފަހު ބަނދުކޮށްފައިވާ ސިޓީ އުރައެއް ނެގިއެވެ. އަދި ޞޯއިގާ އަށް ދިއްކޮށްލިއެވެ.

"މަށައް ޞޯއިގާ އަށް އިތުބާރު ކުރެވިދާނެތަ؟"ޝާހިލް ޞޯއިގާ އަށް ބަލާލަމުން އަހައިލިއެވެ.

"ކީއްވެ ނުކުރެވެންވީ؟"ޞޯއިގާ އަހައިލިއެވެ.

"އެހެން ވިއްޔާ މިސިޓީ ޝިފޫ އަށް ރައްދުކޮށްދީ، ފުރުމުގެ ކުރިން ދައްކަން ވެފައި ހުރި ބައިވަރު ވާހަކަ ހުރި، އަހަރެން އަންނައިރު ޝިފޫ ރާއްޖެއަކު ނުހުންނާނެ."ޝާހިލް މާޔޫސް ރާގަކަށް ބުންޏެވެ. ޞޯއިގާ ސިޓީގައި ހިފައި އޭނަގެ ކޮނޑުގައި އޮތް ފޮތި ދަބަހަށް ސިޓީ ލިއެވެ.


ކޮމެންޓް

team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

17 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

11 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

23 ގަޑިއިރު ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy