ރައީސް މުއިއްޒު މޯލްޑިވްސް ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024-2030 ފާސް ކުރެއްވުން — ފޮޓޯ ރައީސް އޮފީސް
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ކައުންސިލުން، މޯލްޑިވްސް ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024 – 2030" މިއަދު ފާސް ކުރައްވައިފި އެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި ކައުންސިލްގެ ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މިއަދު ފާސްކުރެއްވި ސްޓްރެޓަޖީގެ މައިގަނޑު މަގުސަދަކީ މޫސުމީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމާއި، ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތްކުރުމާއި، ކާރިސާތަކަށް ކުރިއާލާ ތައްޔާރުވުމާއި، ކާރިސާ ތަކަށް ވިލުންތެރި މުޖުތަމައުއެއް ބިނާ ކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމެވެ.
މި ސްޓްރެޓަޖީ ތަސްދީގު ކުރުމުގެ ސަބަބުން ގުދުރަތީ ކާރިސާ ތަކުން ލިބިދާނެ އަދި ލިބޭ ގެއްލުންތައް ކުޑަ ކުރުމަށާއި، މިދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް އިތުރު ފުރުސަތުތައް ފަހިވެގެން ދާނެ އެވެ.
އޭގެ އިތުރުން މިފަދަ ސްޓްޓެޖީއެއް އެކުލަވާލައި ޑިޒާސްޓާ މެނޭޖްމަންޓް ކައުންސިލުން ފާސްކުރަން ނިންމެވީ މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ކުދި އަދި ބިންތިރި ޖަޒީރާ ގައުމު ތަކަށް ލިބޭ ގެއްލުމާއި ގުޅޭ ގޮތުން ބައިނަލްއަގުވާމީ މައިދާނުގައި އަބަދު ވެސް ވަކާލާތު ކުރާ ގައުމެއްގެ ހައިސިއްޔަތުން، މިފަދަ ސްޓްރެޓަޖީ އެއްގެ ސަބަބުން މިކަން ކަމަށް ވަކާލާތުކޮށް އަޑު އުފުލުމުގެ ފުރުސަތު އިތުރުކުރެވިދާނެތީ އެވެ.
މޯލްޑިވްސް ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީއެއް އެކުލަވާލުމަކީ، 2030 ވަނަ އަހަރު އައުމުގެ ކުރިން ގައުމު ތަކުގައި ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީތައް އެކުލަވާލަން ޖެހޭނެކަމަށް ސެންޑައި ފްރޭމްވޯކް ފޯޯ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (2015-2030) ގައި ބަޔާންކޮށްފައިވާ ހަތް ލަނޑުދަނޑި ތަކުގެ ތެރެއިން ލަނޑުދަނޑި ފަހެއްގައި ހިމަނައިފައިވާ ކަމެކެވެ.
ޑިޒާސްޓާ ރިސްކް ރިޑަކްޝަން 2015-2030 ގެ ސެންޑައި ފްރޭމްވޯކް ފާސްކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މާރޗު މަހުގެ 18 ވަނަ ދުވަހު ޖަޕާނުގެ ސެންޑައިގައި ބޭއްވި އދގެ ތިންވަނަ ވޯލްޑް ކޮންފަރެންސްގަ އެވެ.
ރާއްޖެއަކީ ޑިޒާސްޓާ ރިސްކް ރިޑަކްޝަންގެ މަސައްކަތާއި، ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަނަށް ކުރެވެން ހުރި މަސައްކަތްތައް ގުޅުވާލައިގެން މިފަދަ ސްޓްރެޓެޖީއެއް ނެރެފައިވާ މަދު ގައުމުތަކުގެތެރެއިން ގައުމެއް ކަމުން މިކަމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.
މި ސްޓްރެޓެޖީގެ އެއް އެނެކްސް ހާއްސަ ކުރެވިފައި ވަނީ ޕެރިސް އެގްރިމަންޓުގެ ދަށުން ހެދުމަށް ކަނޑައެޅޭ ނެޝަނަލް އެޑެޕްޓޭޝަން ޕްލޭންއާއި ސެންޑާއި ފްރޭމްވޯކްގެ ދަށުން ހެދި ޑީއާރް އާރް ސްޓްރެޓެޖީ ގުޅުވައިގެން ރާއްޖޭގެ ވިލުންވެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތައް ވީހާވެސް ސްޓްރީމްލައިންކޮށް އިސްރާފު ކުޑަކުރެވޭނެގޮތްތަކުގެ މައްޗަށް ބިނާ ކޮށްގެންނެވެ.
ކޮމެންޓް