ވާހަކަ: ޙަޔާތު - 13 ވަނަ ބައި

ދޫމާ ކަރުނުން ފުރިފައިވާ ބެލުމަކުން މައުރޫފް އަށް ބަލަމުން ދިޔައެވެ. އޭނަގެ ހިތަށް އަރާ ހުރިހާ ވާހަކަ އެއް ބުނެލަން އޭނަ ބޭނުން ވިއެވެ. އެކަމަކު އޭނަގެ ނުކުޅެދޭ ކަމުން އޭނަގެ ދޫ އޭނަޔަކަށް އެއްބާރު ލުމެއް ނުދެއެވެެ. ވަފާތެރިކަމާއި އެކީގައި އޭނަޔަށް އެއްބާރު ލުން ދެމުން ދަނީ ހަމައެކަނި ލޮލުން އަންނަމުން ދިޔަ ކަރުނައެވެ. ހިތުގެ ހާލަތު ބުނެދެމުން ދަނީ ކަރުނައެވެ. މައުރޫފް ދޫމާގެ ކަރުނަ ފުހެލަދިނެވެ.

"ހިތަށް ކުރަމުން ދާ އިޙްސާސް ތައް އަހަރެންނަށް އިޙްސާސް ކުރެވޭ."މައުރޫފް ކަރުނަ ފުހެދެމުން އޯގާތެތި ރާގެއްގައި ބުންޏެވެ.

މައުރޫފް ދައްކާ އެއްވެސް ވާހަކަ އެއް ދޫމާގެ ހިތް ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. އޭނަޔަށް އެހާ ފަސޭހައިން ހަޔާތުގެ މަތިން ހަނދާން ނައްތާލެވިދާނެ ހެއްޔެވެ. އެހެން ވާނީ ކިހިނެއް ހެއްޔެވެ. ދޫމާ އަށް އަދި ވެސް އެއުޅެނީ ދޫމާގެ މާޒީ ހަނދާނުން ފުހެ ނުލެވިގެންނެވެ. 16 އަހަރުގައި އޭނަޔަށް ވެވުނު ލޯބި އަދިވެސް ހިތުން ފުހެއެއް ނުލެވެއެވެ. ފަވާޒް އޭނަޔަށް ވި ބޭފާ ތެރިކަން އޭނަ ގެ ހިތުން އަދިވެސް ނުފިލައެވެ. ފަވާޒުގެ އިންތިޒާރުގައި އޭނަ އެގޮތައް އިންނަތާ އެތަށް އަހަރެކެވެ. އޭނަ އެކްސިޑެންޓްވި ދުވަހުގެ ފަހުން ފަވާޒް ވީތަނެއް ދިޔަތަނެއް ދޫމާ އަކަށް ނޭނގެއެވެ. އޭނަ އަށް އިޙްސާސް ކުރެވެމުން ދިޔައީ އޭނަގެ ނުކުލެދުން ތެރިކަން ފެނިފައި ފަވާޒް އޭނަ ދޫކޮށްލާފައި ދިޔައީ ކަމުގައެވެ، އޭނަޔަށް އެއްވެސް މީހެއްގެ ލޯތްކަށް އިތުބާރެއް ނެތެވެ. ހަޔާތު ގެ މަޖުބޫރުގެ ނާޖާއިސްފައިދާ މައުރޫފް ނަގަން އުޅެނީ ކަމުގައި ދޫމާ އަށް ހީވާން ފެށިއެވެ. އޭނަ އެގޮތަކަށް ކަންތައް ވާކަށް ބޭނުމެއް ނޫނެވެ. އޭނަ މައުރޫފް އަކާ ކައިވެންޏެއް ނުކުރާނެއެވެ.

ދޫމާ އާއި ވާހަކަ ދެއްކުމަށްފަހު މައުރޫފް ކޮޓަރިން ބޭރަށް ނިކުތެވެ. އޭރު ޝަފީނާ މައުރޫފް އަށް ކާން ހަދައިގެން ކާމޭޒު ދޮށުގައި އިނެވެ. މައުރޫފް ނިކުތުމުން ޝަފީނާ ވެސް ހިތުގައި އުފެދިފައިވާ ސުވާލު ތައް މައުރޫފް އާއި ކުރަން ފެށިއެވެ. މައުރޫފް އަކީ އޭނަގެ ފިރިފީހާ އަށް ބޮޑުބޭބެ ކިޔާ ކުއްޖަކަށް ވެފައި ހަޔާތު އާއި ދޫމާ އަކީ އޭނަޔަށް ބޮޑުދާތަ ކިޔާ ދެކުދިންނެވެ. ދޫމާ އަކީ ނުކުޅެދޭ ކުއްޖެއްކަން އެނގިހުރެ މައުރޫފް ކުރަން އެއުޅޭކަމަކުން ޝަފީނާގެ ހިތުގައި ވެސް ޝައްކު އުފެދިފައިވަނީ އެވެ. ބިން ވިއްކާ ލައިގެން ލިބުނު ލާރިން ވަހީދުގެ މޫނަށް ޖަހާފައި ދޫމާ ގޮވައިގެން އައުމުން ނެވެ.

"އަހަރެންނަށް އެނގޭ ދައްތަ ކުރަން ތިއުޅޭ ސުވާލު؟ އެކަމަކު ޖަވާބެއް އަހަަރެންގެ އަތުގައި ވެސް ނެތް." މައުރޫފް މޭޒު ދޮށުގައި އިށީންނަމުން ބުންޏެވެ.

"ދޫމާ އަކީ ބަލިކުއްޖެއްކަން މައުރޫފް އަށް އެނގިހުރެ. އޭނަގެ އެނިކަމެތި ހިތާ ކުޅެން ނޫޅޭ. މައުރޫފްގެ އެނދުމަށް އަހަރެން ދޫމާ އާއި ވާހަކަ ދައްކައިފިން، އެކަމަކު އޭނަގެ ޖަވާބަކީ ނޫނެކޭ ކަން އަހަރެންނަށް ރަނގަޅަށް އެނގޭ."ޝަފީނާ މަޑުމަޑުން މައުރޫފް އަށް ބުންޏެވެ.

"އަހަރެން ދޫމާ އަކަށް އެއްވެސް ހާލެއްގައި ދެރައެއް ނުދޭނަން. އަހަރެންނަކީ ތިބުނާހާ ހިތްހަރު މީހެއް ނޫން، އެކަމަކު އަހަރެންނަށް ދޫމާ އަކަށް ލޯބެއް ނުދެވޭނެ."މައުރޫފް އިސްޖަހާލަމުން ބުންޏެވެ.

"ދެން ކޮބާ ތިކައިވެނީގެ ބޭނުމަކީ؟"ޝަފީނާ އަހައިލިއެވެ.

"އަހަރެން ލޯބިވަނީ ހަޔާތު ދެކެ. ދޫމާގެ ވެސް ހުރިހާ މީހަކީ ހަޔާތު، ހަޔާތު ދޫމާ އަކަށް ދެރައެއް ދޭކަށް ބޭނުމެއް ނުވާނެ. އަހަރެން ވެސް ދޫމާ އަކަށް ދެރައެއް ނުދޭނަން."މައުރޫފް ގެ އަޑު ބެދެމުން ދިޔައެވެ. އެއާއި އެކީގައި ލޮލުން ކަރުނަ އަންނަން ފެށިއެވެ.

"ދައްތަ އަކަށް ނުފެނޭ ދޫމާ އާއި އިންނާކަށް، ތިއީ ދެމީހުންނަށް ވެސް ދެވޭ ދެރައެއް...ދޫމާގެ ވެސް އުންމީދުތަކެއް ވާނެ މައުރޫފް. އޭނަގެ ޖަޒްބާތުތަކާ ކުޅެން ނޫޅޭ."ޝަފީނާ މައުރޫފް އަށް ވިސްނާދޭން އުޅުނެވެ.

"ކައިވެންޏަކަށް ލޯތްބެއް މުހިއްމެއްނޫން... ދޫމާ ގެ އުމުރު ހޭދަވާއިރުވެސް އިންނާނެ މީހަކު ނުވާނެ. އަަހަރެންނަށް ހަޔާތު ނޫން މީހެއް ދެކެ ލޯތްބެއް ނުވެވޭނެ. އަހަރުމެން ދެމީހުން މިތިބީ އެއް ހާލެއް ޖެހިފައި. ދެން އަހަރުމެން ދެމީހުން އެކަކު އަނެކަކަށް އެހީވުމުން ކޮބާ މައްސަލައަކީ. ދޫމާ އަށް ފިރިޔަކު ލިބުނީ އަހަރެންނަށް އަންބަކު ލިބުނީ." މައުރޫފް ގޮނޑިން ތެދުވަމުން ބުންޏެވެ.

"ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން މައުރޫފް."ޝަފީނާ ބުންޏެވެ.

"ހަޔާތު އޭނަގެ ދިރިއުޅުން ހަލާކު ކޮށްލިއިރު ކީއްވެ ތިހެން ދައްތަ އަށް ނުބުނެވުނީ؟އެއްފަޅިފިހިފަވާ ހުތުރު ސިފައެއް ލިބިގެންވާ އުމުރުން ދުވަސްވީ މީހަކާ ހަޔާތު އިންއިރު ކީއްވެދައްތަ ތިހެން ނުބުނީ؟ ހަޔާތު އޭނަގެ ހިތަށް އަނިޔާ ދެމުން ދާއިރު ކީއްވެ އަހަރެން އަހަރެންގެ ހިތަށް އަނިޔާ ނުދޭންވީ؟" މައުރޫފް ގެ ލޮލުގައި ރައްކާކޮށްފައިވާ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި އަންނަމުން ދިޔައެވެ. ކާން ކައިރިކުރި ތަށި ދުރަށް ޖައްސާލިއެވެ. އަދި ތެދުވެ ނިކުންނަށް ހިނގައިގަތެވެ.

ޝަފީނާ ކަނބޮޑުވުމާއި އެކީގައި ގޮނޑީގައި އިށީނެވެ. މައުރޫފް ބުނިބުނުމަށް އޭނަ ދޫމާ އާއި ވާހަކަ ދެއްކިޔަސް އޭނަގެ ހިތް އެކައިވެންޏަކަށް ނޭދެއެވެ. ދޫމާ އަކީ ނިކަމެތި ނުކުޅެދޭ ކުއްޖެކެވެ. އޭނަގެ ހިތާ މައުރޫފް ކުޅޭކަށް ޝަފީނާ ބޭނުމެއް ނޫނެވެ. އެހަމަނުޖެހޭ ކަންތައް ގަނޑުގެ ތެރޭގައި ޝަފީނާ ފިތި ތާށިވިއެވެ.

 

​********************************

 

ހަފްތާ އެއް ފާއިތުވެގެން ދިޔައިރުވެސް ހަޔާތު އަކަށް ހަތަރަސްފަރާތުން ވަށާލާފައި ވާ ނޫކުޅައިގެ އުޑާ ގުޅިފައިވާ  ގަދަނޫކުޅައިގެ ކަނޑުނޫން ތަނެއް ނުފެނެއެވެ. ވަރިޔަށް އެދުނު ދުވަހުގެ ފަހުން ހަޔާތު ފަޒާލް އެއް ނުދެކެއެވެ. ދެތިން ފަޅުވެރިންނާ ކެޕްޓަނަކާ އެކީގައި ސަފާރީގައި ހަޔާތު ބަހައްޓާފައި ފަޒާލް ދިޔަތަނެއް ނޭނގެއެވެ. އޭނަ މާސިންގާ ބޮޑު ކަނޑެއްގެ މެދަށް ދޫކޮށްލާފައި ފަޒާލް އެދިޔައީ ކޮންތާކަށް ހެއްޔެވެ. ކޮންމެ ދުވަހަކު ގަޑިއެއްގެ އެއްފަހަރު ގުޅައި ހާލުބަލައެވެ. ކައިފިންތޯ އަހައެވެ. ބަރާބަރަށް ނިދުނުތޯ ސުވާލު ކުރެއެވެ. ފަޒާލްގެ ބޭނުމަކީ ކޮބާހެއްޔެވެ. އޭނަ ސަފާރީގައި ބެހެއްޓުމުގެ މަގުސަދަކީ ކޮބައިހެއްޔެވެ. އޭނަގެ ދިރިއުޅުން މިސަފާރީޔާއި ހަމައިން ނިމުނީ ހެއްޔެވެ.

ހަޔާތު އަށް ސަފާރީގައި ދަތި އެއްވެސް ކަމެއްނެތެވެ. އޭނަ ބޭނުންވާ ހުރިހާ ސާމާނާކާއި ބޭނުން ކަމެއް ކުރުމުގެ މިނިވަންކަން ވަނީ ލިބިފައެވެ. އެކަމަކު އޭނަ ބޭނުންވާ އިންސާނާ އޭނާ އަކަށް ނުފެނެއެވެ. އޭނަގެ ލޯބިވާ ދައްތަ ދެކިލާހިތުން ހަޔާތު ވަނީ ކެތްމަދުވެފައެވެ. އޭނަގެ ދައްތަގެ ހާލަކީ ކޮބައިހެއްޔެވެ. ފޯނުންވެސް ގުޅައިގެން ވާހަކަ އެއް ނުދެއްކެއެވެ. ހަޔާތު އޭނަގެ ދައްތަ އާއި ދައްކަން ވެފައި ހުރި ވާހަކަ ގިނައެވެ. ހިތުގައި އުފެދިފައިވާ ޝާކުވާތައް އެއްފަހަރާ ބަނޑުހުން ކޮށްލަން ހަޔާތު ބޭނުންވެއެވެ. ހަފްތާ އެއް ފާއިތުވެގެން ދިޔައިރު ދޫމާގެ ހަބަރެއް ނުވެގެން ކަނބޮޑުވަމުން ދިޔައެވެ. ބޮޑުދައިތަ އަށް ގުޅައި ދޫމާގެ ހަބަރު ބެލުމުން ވެސް މާބޮޑު ކަމެއް އެނގޭ ގޮތެއް ނުވިއެވެ.

"ދައްތާ ދޮންތަ ކޮބާތަ؟ އަހަރެން ގުޅީމައި ފޯނެއް ނުނަގާ."ޝަކުވާގެ ރާގެއްގައި ހަޔާތު ބުންޏެވެ.

"ދޮންތަ ރަނގަޅު. ދޮންތަގެ ފޯނު ހަލާކުވެގެން އުޅެނީ. ބުނާނަން އަރީޝާ ކައިރީގައި ގުޅާލަދޭށޭ. އިނގޭ."ޝަފީނާގެ އަޑު ފޯނުން އައެވެ.

"ދައްތާ...." ހަޔާތު މަޑުމަޑުން ޝަފީނާ އަށް ގޮވައިލިއެވެ.

"ކީކޭ ހަޔާތު.."ޝަފީނާގެ އަޑު ފޯނުން އައެވެ.

"މައުރޫފް ކޮބާ؟"އެންމެފަހުން ހަޔާތު އަހައިލިއެވެ.

"އެބައުޅޭ... ފިހާރައިގެ ކަންތަކުގައި ވަރަށް ބުރަކޮށް އުޅެނީ." ޝަފީނާ ހިމޭން ރާގެއްގައި ބުންޏެވެ.

"ހަޔާތު..." ހަޔާތު އެއްޗެއް ބުނުމުގެ ކުރިން ޝަފީނާ ގެ އަޑުއިވުނެވެ.

"މައުރޫފް މަތިން ދެން ހަނދާން ނައްތާލާ... މިހާރު ދަރިފުޅު ތިއީ މީހެއްގެ އަނބެއް. މައުރޫފް އަށްވެސް އޭނަގެ ދިރިއުޅުމުގައި ކުރިޔަށް ދެވޭނީ ތިދެކުދިން އެކަކު އަނެކަކު މަތިން ހަނދާން ނައްތާލައިގެން. މިހާރު މައުރޫފް މަތިން ހަޔާތު ހަނދާން ކުރުމަކީ ހަޔާތު އަށް ކުރެވޭ ވަރަށް ބޮޑު ފާފައެއް. ކޮންމެ ސިފައެއް ގައި ހުއްޓަސް ކިތަންމެ އުމުރުން ދޮއްޓަސް ފަޒާލް އެއީ މިހާރު ހަޔާތުގެ ފިރިމީހާ." ޝަފީނާ ވަރަށް މަޑުމަޑުން އޯގާތެރި ރާގެއްގައި ބުނެލި އަޑު އިވުނެވެ.

ޝަފީނާ ގެ އަޑުޖެހުމުން ހަޔާތުގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އޭނަ ރޯކަށް ބޭނުމެއް ނޫނެވެ. އޭނަގެ އެކަނި ވެރި ދިރިއުޅުމުގެ ވާހަކަ އޭނަ ބުނާނީ ވެސް ކިހިނެއް ހެއްޔެވެ. ހަގީގަތުގައި ވެސް އޭނަޔަށް ސިފަވަނީ ހަމަ ބިއުޓީ އެންޑް ދަ ބީސްޓުްގެ ވާހަކަ އެވެ. ފަޒާލް ވެސް އޭނަ ގެ އާއިލާ އާއި ރައްޓެހިންނާ ލޯބިވާ މީހުންނާ ދުރުކޮށް އެމީހުން ނުފެންނާނެހެން ކަނޑު މެދުގައި ސަފާރީގައި ބައްދު ކޮށްގެން އެއުޅެނީ އެވެ. ހަޔާތު ގެ ލޮލުން އަންނަމުން ދިޔަ ކަރުނަ ފުހެލަމުން ފޯނު ބޭއްވިއެވެ.

އެނދުގެ އެއްފަރާތެއްގައި ހަޔާތު އޮށޯވެލިއެވެ. އޭނަގެ ނަސީބަށް ވިސްނާލަމުން ނެވެ. އޭނަ ޔަށް އޭނަ ބޭނުންވާ ލޯބި ލިބުން އެއީ ދެން ނުވާނޭ ކަމެއްކަން އޭނަ ގަބޫލު ކޮށްފިއެވެ. އެކަމަކު އޭނަޔަށް ފަޒާލް އާއި އެކީގައި ދިރިއުޅެވިދާނެ ހެއްޔެވެ. ފަޒާލްގެ އެސިފަ އޭނަޔަށް ބަލަން ކެރޭނެ ހެއްޔެވެ. ފޯނު ނަގައިފައި އަރީޝާ އޭނަގެ ފޯނަށް ފޮނުވާފައި އޮތް ފަޒާލްގެ ފޮޓޮއަށް ބަލައިލިއެވެ. ފޮޓޯ ފެނުމާއި އެކީގައި ފޯނު ދުރަށް އެއްލާލެވުނެވެ. ހިތުގެ ވިންދު އަވަސް ވިއެވެ. އެހާ ބިރުވެރި ހުތުރު ސިފައެއްގެ ވެރިޔަކާ އޭނަ އިނީ ކީއްވެގެން ހެއްޔެވެ. އޭނަގެ އަމިއްލަ ސިކުނޑިޔަށް ވިސްނާފިކުރު ކޮށްލާނެ ފުރުސަތެއް ނުދީ އެހާ ބާރު ދުވެއްޔެއްގައި އޭނަގެ ކައިވެނި ކޮށް ނިންމާލީއެވެ. އެގޮތަށް އޭނަގެ ދިރިއުޅުން ފަޒާލް ކޮންޓްރޯލް ކުރީ ކިހިނެއް ހެއްޔެވެ. ހަޔާތު ވިސްނަމުން ކަރުން ފުރިފައިވާ ދެލޯ މަރާލިއެވެ. އެވަގުތު ހަޔާތު އަށް ފަޒާލް އާއި ކައިވެނި ކުރިރޭ ފަޒާލްގެ ލޮލާ ހަތަރުކަޅިހަމަ ކޮށްލި ވަގުތުކޮޅު ހިތަށް އަރައިގެން ދިޔައެވެ. ފަޒާލްގެ ލޮލުގެ ރީތިކަން ހަޔާތުގެ ހިތުގެ އެންމެ ފުން މިނަށް އަސަރު ކުރުވިއެވެ. ހަޔާތު ކުއްލިޔަކަށް ދެލޯ ހުޅުވައިލިއެވެ. އެއާއި އެކީގައި ފަޒާލް އޭނަގެ ގައިގައި ބީހިލި ބީހުން އިޙްސާސާ ވެގެން ދިޔައެވެ. އެބީހުމުގައިވަނީ ލޯތްބެވެ. އޯގާތެރިކަމެވެ. ހަޔާތު އަށް މިވަނީ ކިހިނެއް ހެއްޔެވެ. ފަޒާލް ގެ ހުތުރު ސިފަ އަށް ވުރެން އޭނަގެ ރަނގަޅު ސިފަތައް ހަޔާތުގެ ހިތް ހަނދާން ކޮށްދެމުން ދިޔައެވެ. މީހާ ގެ އަސްލުސިފަ ފެންނާނީ އޭނަގެ ބޭރު ގައި ވާ ތޮށިގަނޑަކުންނޫނެވެ. މީހާގެ ހަގީގީ ސިފަ އަށް ވާނީ އެމީހާގެ އެތެރެހަށީގައިވާ ރީތި ކަމެވެ. އެމީހާގެ ހިތުގެ ސާފުކަމެވެ. ފަޒާލްގެ ހިތަކީ ސާފު ހިތެއްކަން ހަޔާތު އަށް އިޙްސާސް ކުރެވެން ފެށިއެވެ. ފަޒާލް ބުނެފައިވާ ޖުމްލަ ތަކުން ނެވެ.

"އޯކޭ... އަހަރެން ހަޔާތު އަށް ވަގުތު ދޭނަން. ފަހަރެއްގައި ހަޔާތު އަށް މިކައިވެނީގެ މުހިއްމު ކަން ވިސްނޭ އިރު ވަގުތު ފާއިތު ވެދާނެ. ހަޔާތު އަށް އަހަރެން ދެކެ ލޯބި ވެވޭއިރު ފަހަރެއްގައި އަހަރެން ހަޔާތު އާއި އެކީގައި ނުހެރެދާނެ."ފަޒާލް ބުނި ޖުމްލަ ހަޔާތުގެ ކަންފަތުގައި ގުގުމާލިއެވެ. ހަޔާތު މަޑުމަޑުން ދެލޯ މަރާލިއެވެ. އަނެއްކާވެސް ހަޔާތު އަށް ފަޒާލްގެ ލޮލުގެ ރީތިކަން ފެނިގެން ދިޔައެވެ. އެފަދަ ރީތި ލޮލެއް އޭނަ ނުދެކެއެވެ. ފަޒާލް ގެ ލޮލުގައިވަނީ ކޮންފަދަ ދަމާ ބާރެއްހެއްޔެވެ.

ހަޔާތު އަށް ނިދިން ހޭލެވުނީ ދަންވަރު 2 ޖެހިފަހުންނެވެ. ކޮޓަރިތެރެ އަނދިރިކަމުން ހަޔާތު ކުޑަކޮށް ބިރުގަންނަ ގޮތް ވިއެވެ. އެނދުން ތެދުވަން އުޅުނު ވަގުތު އިތުރު މީހަކު އެނދުގައި އޮތް ހެން ހަޔާތު އަށް ހީވިއެވެ. ދެލޯ ބޮޑުކޮށްގެން އަޑުގެ ކޮޅަށް ހަޅޭލަވައި ގަނެވުނެވެ. އެވަގުތު ކައިރީގައި ނިދާފައި އޮތް ފަޒާލް އަށް ހޭލެވުނެވެ. ހަޔާތުގެ އަޑަށް ފަޒާލް ތެދުވެ ހަޔާތުގެ އަނގަމަތީގައި އަތް އެޅިއެވެ.

"ހޫޝް... އަހަރެން." ފަޒާލްގެ ފިރިހެން ވަންތަ އަޑު ހަޔާތުގެ ކަންފަތުގައި ޖެހުނެވެ. އެއާއި އެކީގައި ފަޒާލް ޖަހާފައިވާ ސެންޓުގެ މީރުވަސް ހަޔާތު އަށް ދުވަން ފެށިއެވެ. ހަޔާތު އަށް ފަޒާލްގެ އަޑު އިވުމާއި އެކީގައި ދެލޯ މަރާލިއެވެ. ފަޒާލް ބޮކި ދިއްލަން ނޫޅެ ހަޔާތު އޭނަޔާއި ގާތް ކޮށްލިއެވެ. ހަޔާތު ފަޒާލްގެ މޭގައި އަތް އަޅައި ދުރަށް ކޮށްޕާލިއެވެ. އަދި އެނދުން ފައިބައިގެން ސޯފާއާއި ދިމާ އަށް ހިނގައިގަތެވެ. އެވަގުތު އަނދިރިކަމުން ކުރިޔަށް ފިޔަވަޅު އެޅިވަގުތު އެއްޗެއްގައި އަޅައިގަނެފައި ހަޔާތު އަރި އަޅާލިއެވެ. ވެއްޓެން ދިޔަ ހަޔާތު ފަޒާލް ހިފަހައްޓާލިއެވެ. ހަޔާތު އެނދުން ފޭބުމުން ފަހަތުން ފަޒާލް ވެސް އެނދުން ފޭބީއެވެ. އެވަގުތު ހަޔާތު އަރިއަޅާލުމުން ފަޒާލް ހިފަހައްޓާލީއެވެ. އަނެއްކާ ވެސް ހަޔާތު ފަޒާލް ދުރަށް ކޮށްޕާލިއެވެ. އެކަމަކު މިފަހަރު ހަޔާތު އަށް ކާމިޔާބު ވާގޮތެއް ނުވިއެވެ. ފަޒާލް ވަނީ ހަޔާތުގެ ގައިގައި ބާރަށް ހިފަހައްޓާލާފައެވެ. ފަޒާލްގެ ޒުވާން ދެއަތުން ހަޔާތު އޭނައާއި ދިމާ އަށް ދަމައިގަތެވެ.

"އަހަރެން ދޫކޮށްލާ... މިޔޮއް ހުރިހާ ދުވަހު އުޅުނު ތަނެއްގައި އުޅެންދޭ." ހަޔާތު ރުޅިއައިސްފައި ޝަކުވާ ކޮށްލިއެވެ.

ފަޒާލް ހަޔާތު އޭނަޔާ ގާތް ކޮށްލުމުން ފަޒާލްގެ ހޫނު ނޭވާ ގެ އިޙްސާސް ހަޔާތު އަށް ކުރަން ފެށިއެވެ. ހަޔާތު ގެ އުފުރެމުން ދިޔަ ނޭވާ ގެ އިޙްސާސް ފަޒާލް އަށް ވެސް ކުރަން ފެށިއެވެ. ކުރިޔަށް ވުރެން ގާތް ވެލަމުން ހަޔާތުގެ ކަނދުރާގައި ފަޒާލް ބޯއަޅާލިއެވެ. އަދި ވަރަށް ސިއްރު ސިއްރުން ފަޒާލް ވާހަކަ ދައްކަން ފެށިއެވެ.

"ހަޔާތު ބުނީމައި ދިޔައީ. ހަޔާތު ބޭނުން ވީ ވަގުތު އެހެން ވެ އަހަރެން ހަޔާތު އަށް ވަގުތު ދިނީ."ފަޒާލް ވައިއަޑުން ބުނެލިއެވެ.

"އަހަރެން އެނދުނުން އެހެން ކަމަކު ވެސް، ތިއީ ވައުދާ ޙިލާފުވާމީހެއް."ފޫހިވެފައިވާ ރާގެއްގައި ހަޔާތު ބުންޏެވެ.

"ކޮންކަމަކު އަހަރެން ހަނދާނެއް ެތް، އަހަރެން ހަނދާން ހުރީ ހަމައެކަނި ކައިވެނިކުރިވަގުތު ގާޒީގެ ކުރިމަތީގައި ވި ވައުދުގެ ހަނދާން."ސަމާސާ ރާގަކަށް ފަޒާލް ބުނެލިއެވެ.ފަޒާލްގެ އަސަރުގަދަ އަޑު ހަޔާތުގެ ކަންފަތުގައި ޖެހުމުން ތެޅިފޮޅެމުން ފަޒާލްގެ އަތްދަށުން ސަލާމަތް ވާން މަސައްކަތް ކުރަމުން ދިޔަ ހަޔާތު މައިތިރި ވިއެވެ. މަޑުމަޑުން ހަޔާތުގެ އުފުރެމުން ދިޔަ ނޭވާ ހަމަޔަކަށް އެޅުނެވެ. އޭރުވެސް ފަޒާލް ހުރީ ހަޔާތުގެ ކަނދުރާގައި ބޯއަޅާލައިގެން ހަޔާތުގެ އުނަގަނޑުގައި ހިފައްޓާލައިގެން ނެވެ. ހަޔާތު އަނެއްކާވެސް ދުރަށް ޖެހިލަން ފަޒާގެ މޭގައި އަތް އަޅާ ކޮށްޕާލަން އުޅުނެވެ.

"ހަޔާތު...."މަސްތުން ފުރިފައިވާ ރާގެއްގައި ފަޒާލް ހަޔާތު އަށް ގޮވާލިއެވެ. ފަޒާލްގެ މޭގައި އަތް އަޅާލި ގޮތަށް އަތް ދުރަށް ލާން ނޭނގިފައި ހަޔާތު އަށް ހުރެވުނެވެ. ފަޒާލް ހިތުގައި ޖަހަމަކުން ދިޔަ ވިންދުގެ އިޙްސާސް ހަޔާތު އަށް ކުރަމުން ދިޔައެވެ. ފަޒާލްގެ ގައިން ދުވަމުންދާ މީރުވަހުން ހަޔާތުގެ ހިތް ފުރިގެން ދާހާވިއެވެ. މެރިފައިވާ ދެލޯ މަޑުމަޑުން ހުޅުވާލިއެވެ. ލޯހުޅުވުމެކޭ ނުހުޅުވުމެކޭ ހަޔާތު އަށް އެއްވަރެވެ. މުޅި ކޮޓަރިތެރޭގައި ވަނީ ކަނު އަނދިރިކަމެވެ.

"ހަޔާތު... އަހަރެން މިއީ ވަރަށް ގޯސްމީހެއް ދޯ."މަޑުމަޑުން ފަޒާލް ބުނެލިއެވެ.

ހަޔާތު އޭރުވެސް ހުރީ ފަޒާލްގެ ދެއަތުގައި ގައިދުވެފައެވެ. ފަޒާލް ހަޔާތުގެ ކަރުދޮށުގައި ލޯބި ކޮށްލިއެވެ. ހަޔާތު އަށް މަޑުމަޑުން ދެލޯ މަރާލެވުނެވެ. ބޭއިޙްތިޔާރު ގައި ފަޒާލްގެ މޭމަތީގައި ވިއްދާލާފައިވާ ހަޔާތުގެ އަތް މޭމަތިން ނައްޓާލަމުން ފަޒާލްގެ ބުރަކަށީގައި ހިފަހައްޓާ ލެވުނެވެ. ފަޒާލް އަށް ހަޔާތުގެ ހަރަކާތް އިޙްސާސް ކުރެވުމުން ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ. އަނެއްކާވެސް ފަޒާލް ހަޔާތުގެ ކަރުދޮށުގައި ކުރިޔަށް ވުރެން ބޮޑަށް ލޯބި ކޮށްލިއެވެ.

"އަހަރެން މިއީ ކޮންކަހަލަ މީއްތޯ ނުބުނާނަންތަ؟ ހަޔާތު އަށް އަހަރެން ސިފަކުރެވެނީ ކިހިނެއް؟"ފަޒާލް ހަޔާތު އާއި ސުވާލު ކޮށްލިއެވެ.

"އަހަރެންނަށް ވަގުތު ބޭނުން ފަޒާލް."ފުރަތަމަ ފަހަރަށް ހަޔާތު ފަޒާލްގެ ނަން ކިޔާލިއެވެ. ފަޒާލް ހަޔާތު އޭނާ އާއި ދުރަށް ޖައްސާލިއެވެ. ހަޔާތު ދެލޯ މަރާލައިގެން ހުއްޓެވެ.

"އަދި އެއްފަހަރު އަހަރެންގެ ނަން ކިޔާލަބަލަ."މަޑުމަޑުން ހަޔާތުގެ ނިތްކުރީގައި ފަޒާލްގެ ނިތްކުރިޖައްސާލަމުން ސުވާލު ކޮށްލިއެވެ.

ފަޒާލް އޭނަގެ އަތުގައި އޮތް ކޮންޓްރޯލުން ކޮޓަރީގެ ބޮކި ކުޑަކޮށް އަލިގަދަ ކޮށްލިއެވެ. ކޮޓަރިޔަށް މަޑުމަޑު އަލިކަމެއް ފެތުރިގެން ދިޔައެވެ. ފަޒާލް ހަޔާތުގެ މެރިފައިވާ ދެލޮލަށް ބަލާލިއެވެ. އަދި މަޑުމަޑުން ފަޒާލްގެ ނަޒަރު ހަޔާތުގެ ރީތި މަޑުފިޔާތޮށިކުލައިގެ ތުންފަތަށް ހުއްޓުނެވެ. އެއްވެސް އިޙްތިޔާރަކާއި ނުލާ ފަޒާލް ހަޔާތުގެ ތުންފަތުގައި ލޯބި ކޮށްލިއެވެ. ހަޔާތު ދުރަށް ޖެހިލަން އުޅުނެވެ. އެކަމަކު ފަޒާލް ގެ ޒުވާން ދެއަތުން ކުރިޔަށް ވުރެން ބޮޑަށް ގާތް ކޮށްލަމުން ފަޒާލްގެ ބީހުންތައް ހަޔާތު އަށް އިޙްސާސް ކޮށް ދެމުން ދިޔައެވެ. ހަޔާތު ގެ ހަށިގަނޑު އޭނަގެ އަމިއްލަ ކޮންޓްރޯލުން ނެއްޓިގެން ދިޔަކަހަލައެވެ. ފަޒާލް ކޮޓަރީ ބޮކީގެ އަލިކަން އެއްކޮށް ފަޑުކޮށްލިއެވެ. މުޅިކޮޓަރިތެރެއަށް އަނދިރިކަން ފެތުރިގެން ދިޔައެވެ.

ހަޔާތު އަށް ނިދީގައި ހޭލެވުނެވެ. އަދި ފުރޮޅިލަމުން އެނދުގައި އަތް ކާއްތާލިއެވެ. އެއްވެސް މީހެއްގެ އިޙްސާސް އެއް ނުވިއެވެ. ހަޔާތު ލޯ ހުޅުވައިލިއެވެ. ކޮޓަރިތެރޭގައި އޮތީ އޭނަ އެކަނިކަން އިޙްސާސް ވުމުން ތުންފަތް މަތީގައި ހުރި ހިނިތުންވުން ގެއްލިގެން ދިޔައެވެ. ރޭގައި ވެސް ފަޒާލް ނާންނަނީއެވެ. ރޭގައި ހިނގާ އެދިޔައީ އެއީ އޭނަޔަށް ނިދީގައި ފެނުނު ހުވަފެނެކެވެ. އެކަމަކު އެކަހަލަ ހުވަފެނެއް ފެނުނީ ކީއްވެގެން ހެއްޔެވެ. ހަޔާތު އަނެއްފަރާތައް އެނބުރިލަމުން ބާލީހުގައިބައްދައިލިއެވެ. އެއްފަރާތެއްގައި އޮތް އޭނަގެ ފޯނަށް މެސެޖެއް އައެވެ. ހަޔާތު އަވަސް އަވަހަށް ފޯނުނަގައު މެސެޖް ކިޔާލިއެވެ.

"ގުޑްމޯނިންގް." ހަޔާތު ދެލޯ އަޅައިލިއެވެ. އަދި ފޯނު އެއްފަރާތެއްގައި ބޭއްވިއެވެ. އޭނަ ފަޒާލް އާއި ވާހަކަ ދައްކަން ބޭނުން ވެއެވެ. އެކަމަކު ދައްކާނީ ކޮން ވާހަކަ އެއް ހެއްޔެވެ. އޭނަޔާ ފަޒާލް އާއި ދޭތެރޭގައި ވަނީ ހަމައެކަނި ބީރައްޓެހިކަމެވެ. ހަފްތާ އެއް ފާއިތުވެގެން ދިޔައިރު އެދެމެދުގައި މުއާމަލާތް ކުރެވެމުން ދިޔައީ ފޯނުންނެވެ. ފަޒާލްގެ އަޑު އިވެމުން ދިޔައީ ފޯނުންނެވެ. ގުޑްމޯނިގް ހެދުނުސައިބޮއިފިންތަ؟ މެންދުރު ކައިފިންތަ؟ ހަވީރު ގެ ވަގުތު ދިޔައީ ކިހިނެއްތަ؟ ރޭގަނޑު ކައިފިންތަ؟ ރަނގަޅަށް ނިދުނުތަ؟ ބިރުގަތް ތަ؟ ބޮލުގައި ރިއްސާތަ؟ މިއީ ދެން ކޮން ވާހަކަ އެއް ހެއްޔެވެ. ފަޒާލް އަށް އެނޫން ވާހަކަ އެއް ދައްކަން ނޭނގެނީ ހެއްޔެވެ. ނޫނީ ފަޒާލް ވާހަކަ ދައްކަން ބޭނުން ނުވަނީ ހެއްޔެވެ. ހަޔާތު ފަޒާލް ކުރާ ކޮންމެ ސުވާލަކަށް އާން އެކޭ ބުނެލާފައި ނިންމާލައެވެ. މިއަދު ހެނދުނު ފޯނު ކުރުމުގެ ބަދަލުގައި މެސެޖެއް ފޮނުވާލީއެވެ. ކޮންކަހަލަ ބޮޑާ ފިރިހެނެއް ހެއްޔެވެ. ހަޔާތުގެ ހިތަށް އެރިއެވެ. އަނެއްކާ ވެސް އަނެއް މެސެޖް ހަޔާތުގެ ފޯނަށް އައެވެ. ހަޔާތު ފޯނުނަގައި ފައި މެސެޖް ބަލައިލިއެވެ.

"ފޫހި ވަންޏާ ތިތާގައި ހުންނާނެ ޖިމްވެސް، ޖިމް އަށް ގޮސްލާ އެކްސަސައިޒް ކޮށްލާތި އިނގޭ... ކޮޓަރިތެރޭގައި ތިގޮތަށް އޮންނާކަށް ނުވާނެ." ފަޒާލްގެ މެސެޖް ކިޔާލިއެވެ.

"ވަޓް... ކޮންކަހަލަ ފޫހި މީހެއް. އަހަރެން ފޫހިވާނެ ކަމެއް ހަމަ ނޭނގޭތަ؟ އަހަރެން ގެނެސް މީހުންނާ ވަކިން ބަންދު ކޮށްގެން ތިގެންގުޅެނީ. މާކަންތައް ބޮޑު ކުރަންޏާ އަހަރެން މޫދަށް ފުންމާލާނަން." ހަޔާތު ރުޅިއައިސްފައި މެސެޖެއް ލިޔެލާފައި ފޮނުވައިލިއެވެ.

"އަހަރުމެން މިތިބީ ހަނީ މޫންގަދޯ. އެހާ އަވަހަށް ރަށައް ދާނީ ކިހިނެއް؟" ފަޒާލްގެ މެސެޖެއް އައެެވެ.

"ހަނީމޫންގައި... އަނބިމީހާ އެކަނި ކުރާ ހަނީ މޫނެއް. ހުން." ހަޔާތު އަނެއްކާވެސް މެސެޖެއް ލިޔެލާފައި ފޮނުވައިލިއެވެ.

"އަހަރެން ވެސް އެކަނި. ހަޔާތު ބޭނުންވީ ވަގުތު. އަހަރެން ހަޔާތުއަށް ވަގުތު ދީފައި ތިއޮތީ." ފަޒާލްގެ މެސެޖެއް އައެވެ. ހަޔާތު މެސެޖް ކިޔާލާފައި ދެލޯ އަޅައިލިއެވެ.

"ވަރަށް ފޫހި މީހެއް. ސިފަޔާ އެއްވަރަށް މީހާވެސް ފޫހި."ހަޔާތު ރުޅިއައިސްފައި އަމިއްލަ އަށް ބުނެލިއެވެ. އަދި ފޯނު އެއްފަރާތަކަށް އެއްލާލިއެވެ.

ފަޒާލް ގެ ތުންފަތް މަތިން ހިނިތުންވުމެއް ފާޅުވިއެވެ. ހަޔާތުގެ މެސެޖްތައް ކިޔާލުމުންނެވެ. އޭނަ ގަސްތުގައި ހަޔާތު އަށް ނުފެނި ހަޔާތު އާއި ދުރަށް ދިޔައީ އެވެ. ހަޔާތު ވަރިކުރަން ބުނުމުން އެކަމަށް ވިސްނާލަން ފަޒާލް އަށް ޖެހުނީއެވެ. ހަޔާތުގެ ކުރިމަތީގައި ހުރެއްޖެނަމަ އޭނަގެ އަތުން ފައިން ގޯހެއް ހެދިދާނެތީއެވެ. އޭނަޔަކީވެސް ބޯހަރު ގޮތް ދޫނުކުރާ މީހެކެވެ.

 

ހަޔާތު ވަގުތު ދޭން ބުނުމުން ހަޔާތު އަށް ވަގުތު ދިނީ އެވެ. ފަޒާލްގެ މުހިއްމުކަން އޭނަޔަށް އިޙްސާސް ކޮށްދޭން ބޭނުން ވީއެވެ. އެކަމަކު އެހެން ވެދާނެ ހެއްޔެވެ. އަމިއްލަ ހިތާ ސުވާލު ކޮށްލިއެވެ. ދެދުވެހެއްގެ ގާތް ވުމަކުން ހަޔާތު އަށް ފަޒާލްގެ މުހިއްމުކަން އިޙްސާސް ކުރެވިދާނެ ބާ؟ ކުރިންވެސް އަންހެންކުދިން ދީވާނާ ކޮށްލި އޭނަގެ ރީތި ދެލޯ ވަނީ ކައިވެނިކުރިރޭ ހަޔާތު އަށް ފެނިފައެވެ. އޭނަގެ ސޫރަ ނުފެނުނު ކަމުގައި ވިޔަސް ފަޒާލްގެ ރީތި ލޮލުގެ ދީވާނާ އަކަށް ހަޔާތު ވާނެ ކަން އެއީ ޔަގީން ކަމެކެވެ. ފަޒާލް ގެ ތުންފަތް މަތިން އަނެއްކާވެސް ލާނެއް ހިނިތުން ވުމެއް ފާޅުވިއެވެ. އޭނަ ކުރަން އުޅޭކަންތައް އޭނަގެ ސިނކުޑިގައި ރާވަމުން ދިޔައީ އޭނަގެ ހިތަށް ވެސް ނޭނގޭނެހާ ސިއްރުންނެވެ.  

އަތުގައި އޮތް ފިހިން ކުރިމަތީގައި ބަހައްޓާފައި ހުރި ކެންވަސް ގައި ކުލަ ކާއްތަން ފެށިއެވެ. މުޅި އެހަފްތާ ހަޔާތު އަށް ނުފެނި އޭނަ ހޭދަކޮށްލީ ޔޮޓުގައި ހުންނަން އޭނަގެ ކުރަހާ ކޮޓަރީގައެވެ. އެއްފަރާތެއްގައި ބަހައްޓާފައިވާ އޭނަގެ ކުރެހުން ތަކަށް ނަޒަރު ހިނގާލިއެވެ.

********************

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy