ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ މަޖިލިސް
ބައިނަލްއަގުވާމީ ކްރެޓިޑް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖެއަށް އެންމެ ފަހުން ދިން ކުރެޑިޓް ރޭޓިން އެ ގޮތުގައި ދެމެހެއްޓި ނަމަވެސް މާލީ އަދި އިގުތިސާދީ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން މިގޮތަށް ބުނެފައިވަނީ މިވަނީ މޫޑީސްއިން ރާއްޖެއަށް އެންމެ ފަހުން ދީފައިވާ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދަމަހައްޓައިފައި ވަނިކޮށެވެ.
ރާއްޖޭގެ ރޭޓިން ސީއޭއޭ1 އިން ސީއޭއޭ2 އަށް ދަށް ކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
މޫޑީސް އިން ބުނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަމަ އެގޮތުގައި ދެމެހެއްޓީ ސަރުކާރުން އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ދިޔަ ނަމަވެސް ރާއްޖެއިން ދަރަނި އަދާކުރަން ކުރަންޖެހޭ މަސައްކަތް އަދިވެސް އޮތީ ގޯސްކޮށް ކަމަށް ފެންނާތީ ކަމަށެވެ.
ކުރިއަށް އޮތް 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ވެސް ދަރަނި އަދާ ކުރުމަށް ބޮޑު އެއްޗެއް ހޭދަކުރަން ޖެހޭއިރު އެކަމުގެ ކަންބޮޑުވުން އެ އިދާރާއިން ވަނީ ފާހަގަކޮށްފަ އެވެ.
އެކަމާ ގުޅުވައިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުއްގައި ބުނަނީ މޫޑީސްއިން ކްރެޑިޓް ރޭޓިން ދަމަހައްޓާފައި ވަނީ އެމްއެމްއޭއިން ތައާރަފު ކުރި ބޭރު ފައިސާގެ ގަވާއިދާ ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެ އާއި އިންޑިއާއާ އެކު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމާއި ސަރުކާރުން ޓެކްސް ރޭޓުތަކަށް ގެނެސްފައިވާ ބަދަލުން ޓޫރިޒަމް ވިޔަފާރި ތަކުގެ އާމްދަނީ ބޭންކު ތަކަށް ޖަމާކޮށް، މިންވަރެއް މާރުކުރުމުން ބޭންކިން ނިޒާމުގައި ދައުރު ކުރާ ޑޮލަރު އިތުރު ވާނެ ކަމަށް ބެލެވޭ ބެލެވުމުން ކަމަށް ފިނޭންސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ ފަދައިން، ސަބްސިޑީ ދިނުމުގެ އުސޫލު ބަދަލުކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުން ފަދަ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުން، ދަރަނި ދެއްކުމަށް އޮތް ރިސްކު ތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.
ކޮމެންޓް