—
"އާން، ހަމަ ބުނެލުން އޮތީ، އުޑުގައިވާ ތަރިތަކާ ހަނދު ފިޔަވާ ދުނިޔެމަތިން ލިބެން ހުރި އެއްޗެއްގެ ނަން ބުނެލަން ޖެހޭނީ."ފަޒާލް އަށް ބުނެވުނު ޖުމްލަ ހަނދާން ވުމުން ދެލޯ މަރައިލިއެވެ. ހަޔާތު ބުނި ޖުމްލަ ކަނފަތުގައި ގުނގުމަމުން ދިޔައެވެ.
"ވަރިވާން އަހަރެން ބޭނުންވަނީ."
ފަޒާލް މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސްކަން ފޮރުވާލަމުން އާދައިގެ ވަރަކަށް ތުންފަތް ދަމައިލިއެވެ. ދެއަތުން އޭނަގެ އިސްތަށިގަނޑުގައި މައްޗަށް ވާހެން އިނގިލިތަކުން ފުނާއަޅާލަމުން ކަނދުރާގައި އަތް އަޅުވައިލިއެވެ. އަދި ފަހަތަށް މަޑުމަޑުން ފިޔަވަޅު އަޅަމުން ގޮސް ނިކުންނަ ދޮރުގައި ފަޒާލް ޖެހުމުން މަޑުކޮށްލިއެވެ. އޭރުވެސް ހަޔާތު ހުރި ފިޔަވަޅުމަތީގައި ހުރީއެވެ. ދެ ލޯ މަރައިލައިގެންނެވެ. ފަޒާލް ކޮނޑުގައި އަޅުވާލާފައިވާ އޭނަގެ ދެއަތް ތިރިކޮށްލަމުން އެއްއަތް ޖީބަށް ކޮށްޕާލިއެވެ. އަދި އަނެއްއަތުން ދޮރުހުޅުވައިލިއެވެ. އަދި އެއްފަހަރު ހަޔާތު ހުރި ދިމާއަށް ބަލާލަމުން ބޮޑު ނޭވާއެއްލިއެވެ. ފަޒާލް ނޭވާލީ ގޮތުން ހީވަނީ ހަޔާތު ބުނި ޖުމްލައިގެ އަޑު އިވުނު ވަގުތުން ފަށައިގެން ނޭވާ ލާން ހަނދާން ނެތިފައި ހުރިހެންނެވެ. ފަޒާލް ކޮޓަރިން ބޭރަށް ނިކުތެވެ. ހަޔާތު ހުރި ފިޔަވަޅުމަތީގައި ހުރީއެވެ. ފަޒާލް ދިޔަކަން ޔަގީން ވުމުން ދެލޯ ހުޅުވައިލިއެވެ. އަދިވެސް ކޮޓަރި ތެރޭގައި ވަނީ ފަޒާލްގެ މީރުވަސްދުވާ ސެންޓުގެ ވަހެވެ. ތަނަށް ވެރިވެފައިވާ ހިމޭންކަން ހަޔާތުގެ ހިތުގައި ބިރުވެރިކަމެއް ގެ އިޙްސާސް ކުރުވަމުން ދިޔައެވެ. ފަޒާލްގެ ސިފަ އާއި އެކީގައި ފަޒާލްގެ ބީހިލުންވެސް ހަޔާތު އަށް އިހްސާސް ކުރުވަމުން ދިޔައީ ވިހަގަދަ ހަރުފައެއްގެ ވިހަ ހަށިގަނޑުގައި ދައުރުވަމުންދާލޭނާރުތަކުގައި އުފެދޭހެންނެވެ.
ހަޔާތުވެސް ހަމަޖެހިމުގެ ނޭވާ އެއް ލިއެވެ. އަދި ސޯފާއަށް ފަޒާލް އެއްލާލި ފޯނު ނަގައި ފިރާ އަށް ގުޅައިލިއެވެ. އިރުގަނޑަކު ރިންގުވުމަށް ފަހު އެކޮޅުން ފިރާ ފޯނު ނެގިއެވެ.
"ހަލޯ ފިރާ."ހަޔާތު އަވަސް އަވަހަށް ބުންޏެވެ.
"ހަޔާތު ކިހިނެއްތަ ތިހެދީ؟ އެއްވެސް ޕުލޭނެއް ނެތް ގޮތަކަށް؟ ކިހިނެއްވީ ކަމެއް؟ އަވަހަށް ބުނެބަލަ." ފިރާ އެއްވާންޏަކަށް ބުނެލިއެވެ.
"ފުރަތަމަ އަހަރެންނަށް މިވަނީ ކިހިނެއްތޯ އެނގިގެންދޯ އެހެން މީހަކަށް ބުނެދެވޭނީ."ހަޔާތު އަށް ރޮވޭ ގޮތްވިއެވެ.
"އަހަރެން ދޫމާ އަށް ގުޅައިލިން. ވަރަށް ދެރަވެފައި ހުރީ."ފިރާ މަޑުމަޑުން ބުނެލިއެވެ.
"ދޮންތަ އަށް އަހަރެން ވެސް ގުޅައިފިން ފޯނެއް ނުނަގާ."ސޯފާގައި އިށީންނަމުން ހަޔާތު ލޮލުން އަންނަމުން ދިޔަ ކަރުނަ ފުހެލަމުން ބުންޏެވެ.
***********************
ސިޓިން ރޫމް ގޮނޑީގައި ޓީވީ ބަލަން އިނދެގެން އަރީޝާ ވިސްނާލިއެވެ. ވަރަށް ޕުލޭން ކޮށްގެން ވަރަށް މަސައްކަތުން ހަޔާތު ފަޒާލް ގެ ބޮލުގައި އެޅުވުނީމައެވެ. އެކަމާ އަރީޝާ ވީއުފަލެއް ބުނެދޭކަށް ނޭނގެއެވެ. އެކަމަކު ހަޔާތުގެ ބޯކޮޅުބަލައި އޭނަގެ ހިތަށް ކުރަމުންދާ އަސަރުތައް ބަލާލަން އަރީޝާ ވަރަށް ބޭނުން ވެއެވެ. އެމީހުންގެ ކައިވެނި ވީތަނެއް، ރޭގައި އެމީހުން ދިޔައީ ކޮންތާކަށް ކަން ނޭނގި ކަންބޮޑުވަމުން ދިޔައެވެ. ހަޔާތު އާއި ދިމާކޮށްލާ ހިތުން އަރީޝާ ވަނީ ކެތްމަދުވެފައެވެ.
"ދޫމާ ހަޔާތުގެ ކައިވެނި ބޭއްވި ތަނެއް ހަމަ ނޭނގޭތަ؟"ކޮޓަރިން ބޭރަށް ނިކުތް ދޫމާ ފެނުމުން އަރީޝާ އަހާލިއެވެ.
"އާން..." ދޫމާ ކުރު ޖަވާ ބެއް ދިނެވެ. އަރީޝާ އަށް ހަޔާތު ގެ އެއްވެސް މައުލޫމާތެއް ދޭކަށް ދޫމާ ބޭނުމެއް ނޫނެވެ. އަރީޝާ ކުރަން އެއުޅެނީ ކީއްކަން ރަނގަޅަށް ދޫމާ އަށް އެނގެއެެވެ.
"އޯޙް... ވަރަށް އަންފެއަރ ދޯ؟ އަހަރުމެން އޯކޭ ނުގެންދިޔަޔަސް އެކަމަކު ދޫމާ ވާނެ ދޯ ގެންދަން، ތި ފަޒާލް ތިއީ ވަރަށް ފުދިގެން އުޅޭ މީހެއް. އެހާ ފޮނިވެސް މީހެއް."އަރީޝާ އަނގަޔަށް ވައްތަރެއް ޖައްސާލަމުން ބުންޏެވެ. ދޫމާ އަރީޝާ ކިޔާ އެއްޗަކަށް ނުބަލާ ބަދިގެއާއި ދިމާ އަށް ގޮނޑި އަނބުރައިލިއެވެ. އެވަގުތު ގޭތެރެއަށް ވަދެގެން އައި މައުރޫފް ދޫމާ އަށް ފެނުނެވެ. މައުރޫފް އަތުގައި ކުޑަވަރެއްގެ ޝޫޓްކޭހެއް އޮތެވެ. އަރީޝާ އަށް ވެސް މައުރޫފް ފެނުމުން އަވަސް އަވަހަށް ތެދުވެ އިސްތަށިގަނޑާ ހެދުން ރީތި ކޮށްލިއެވެ. މައުރޫފް އަރީޝާ އަށް ބަލާ ލުމެއްނެތި ދޫމާ އާއި ދިމާ އަށް ދިޔައެވެ.
"ދޫމާ... ކޮބާ ވަހީދު؟" މައުރޫފް އަހައިލިއެވެ.
"ބައްޕަ ވީ ކޮޓަރީގައި. މިގޮވަނީ. މަޑުކޮށްލާ."އަވަސް އަވަހަށް ދޫމާ އަށް ވުރެން ކުރިން އަރީޝާ ބުންޏެވެ.
ދޫމާ ޙައިރާން ކަމާއި އެކީގައި މައުރޫފް އަށް ބަލަމުން ދިޔައެވެ. އަރީޝާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ވަހީދުގެ ކޮޓަރިޔަށް ވަނެވެ. އިރުކޮޅެއް ފަހުން ވަހީދު އާއި ޒޫނާ ކޮޓަރިން ބޭރަށް ނިކުތެވެ. ވަހީދު ވެސް ޙައިރާން ކަމާއި އެކީގައި މައުރޫފް އަށް ބަލަމުން ދިޔައެވެ. މައިރޫފްގެ މޫނުމަތިން ފެންނަމުން ދިޔައީ އާދަޔާ ޙިޔާފު ހިނިތުން ވުމެކެވެ. ވާން އުޅެނީ ކީއްކަމެއް އެކަކަށް ވެސް ނޭނގެއެވެ. މައުރޫފް ހަމަޖެހިލަމުން ކޮފީޓޭބަލް މަތީގައި ސޫޓް ކޭސް ބެހެއްޓިއެވެ. އަދި ދޫމާ އާއި ދިމާ އަށް ދިޔައެވެ. ދޫމާގެ ގޮނޑީގައި ހިފައްޓާލަމުން ކުރިޔަށް ދުއްވާލައިފައި ސޯފާކައިރިޔަށް ގެނެއެވެ. ވާނުނާ ނޭނގިފައި އެންމެން ތިއްބެވެ.
"އަހަރެން ހީކުރީ މައުރޫފް ވީ ސިފައި ގޭ ގަކަމަށް."ވަހީދު ސޯފާގައި އިށީންނަމުން ބުންޏެވެ.
"އާން... އެއްވެސް ކަމަކާ ނުލާ 9 ދުވަސް އަހަރެން އެތާ ބައިންދައިފި ހެއްވާ ބައެއް، މިއީ އަހަރެން ކުރި ކުށެއްގެ
ސަޒާ އެއް ނަމަ ރަނގަޅު." މައުރޫފް ވާހަކަ ދައްކަމުން ސޯފާގައި އިށީނެވެ. އަރީޝާ ވެސް ވަހީދު އާއި ޖެހިގެން އިށީނެވެ. ޒޫނާ ވަހީދުގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.
"ދޫމާ ކިހިނެއް؟" ދޫމާގެ އަތުގައި ހިފާލަމުން މައުރޫފް އަހައިލިއެވެ. ދޫމާ ދޭނެ ޖަވާބެއް ނޭނގޭ ގޮތަކަށް ވަހީދަށް ބަލާލިއެވެ. ދޫމާ ކަނބޮޑުވަމުން ދިޔައީ ހަޔާތު އާއި ބެހޭ ގޮތުން މައުރޫފް ވާހަކަ އެއް ދައްކަފާނެތީއެވެ.
"ރަނގަޅު...." ވަރަށް މަސައްކަތުން ދޫމާ ޖަވާބު ދިނެވެ. މައުރޫފް ލުއިހިނިތުން ވުމެއް ތުންފަތް މައްޗަށް ގެނައިއެވެ.
"ބައްޕާ މިއީ ރަނގަޅު ވަގުތެއް، ވާހަކަ ދައްކަބަލަ."އަރީޝާ މަޑުމަޑުން ވަހީދުގެ ކައިރީގައި ބުނެލިއެވެ. މައުރޫފް އަށް އަރީޝާ ތަޅުވަމުން ދާ ޗުކުޗުކުގެ އަޑެއް ނީވެއެވެ. މައުރޫފް އެޔަށް ވުރެން ބޮޑަށް ވިސްނަމުން ދިޔައީ މުޅިން އެހެން ކަމަކާ އެވެ. މައުރޫފް އެއް ޗެއް ބުނަން އަނގަހުޅުވާލި ތަނުން ވަހީދު ވާހަކަ ދައްކަން ފެށިއެވެ.
"އަހަރެންނަށް އިނގޭ މައުރޫފް ތިހިރީ ވަރަށް ރުޅިއައިސްފައި ކަން، އެކަމަކު ކީއްކުރާނީ،ވާން ހުރި ގޮތެއް ވާނެދޯ، ތަގުދީރުގައި ލިޔެވިފައިވާކަމެއް ކިހިނެއް ބަދަލުކުރާނީ."ވަހީދު ބުންޏެވެ.
"ރަނގަޅު ވާހަކަ އެއް، އަހަރެން ތަގުދީރާ ދެކޮޅު ހަނދާކަށް ނޫޅެން. އަހަރެންނަށް މާކުރިންވެސް އެނގިޖެ ހަޔާތު އަހަރެންނަށް ނުލިބޭނެކަން، އެއީ ތަގުދީރަކުން ނޫން، ވަހީދުގެ ހުދުމުހުތާރު ކަމުން، ދެން އޯކޭ.. އެ ވާހަކަ ބާއްވާ." މައުރޫފް ހީލަމުން ވަހީދަށް ބުންޏެވެ.
"އާން. އެ ވާހަކަ ބާއްވާ، އަހަރެންނަށް ހަޔާތުގެ ކައިވެނި މައުރޫފް އާއި ކޮށްދެވޭ ގޮތް ނުވީ،އެކަމަކު އަހަރެންނަށް އަހަރެންގެ ދަރިފުޅު އަރީޝާގެ ކައިވެނި މައުރޫފް އާއި ކުރެވިދާނެ، އެއްވެސް އަނގަކާ ނުލާ." ހީލަމުން ވަހީދު އަރީޝާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. އަރީޝާ ލަދުގަންނަކަމަށް ހަދާފައި އިސްޖަހައިލިއެވެ. ދޫމާ ޙައިރާން ކަމާއި އެކީގައި ވަހީދަށް ބަލަމުން ދިޔައެވެ. އަރީޝާ އާއި މައުރޫފް ގުޅުވަން ވަހީދު އޭނަގެ ކޮއްކޮ ގުރުބާން ކުރީތީ އެކަމާ ވަހީދު އާއި ދޭތެރޭގައި ހިތާހިތުން އެތިވަރު ގޮވަމުން ދިޔައެވެ. މައުރޫފް ހީލިއެވެ. އަދި ދެފަރާތަށް ބޯހޫރާލަމުން ވާހަކަ ދައްކަން ފެށިއެވެ.
"އަހަރެންނަށް ތި އޮފަރ ގަބޫލެއް ނުކުރެވޭނެ، އަރީޝާ ތިއީ ބޮލުގައި ރިހުމެއް، އެތަކުލީފް ނޫފުލޭނެ."މައުރޫފް އެހެން ބުނުމުން އަރީޝާ ދެބުމަ ގޮތް ޖަހައިލިއެވެ. އަރީޝާ އެއްޗެއް ބުނުމުގެ ކުރިން ވަހީދު ވާހަކަ ދައްކަން ފެށިއެވެ.
"ތިއީ މައުރޫފް ހިތްހަމަ ނުޖެހިފަިއ ހުރީމައި ބުނާ އެއްޗެއް... ހަޔާތު އާއި ކައިވެނިކުރަން އަހަރެން ކުރި ޝަރުތު މައުރޫފް އަށް ފުހިހަމަ އެއް ނުކުރެވުނު، އަރީޝާ އާއި ކައިވެނިކުރާކަށް އެއްވެސް ޝަރުތެއް ނެތް." ވަހީދު ހީލަމުން ބުންޏެވެ. ވަހީދު އެހެން ބުނުމުން މައުރޫފް ދޫމާ އަށް ބަލައިލިއެވެ. އަދި ތުންފަތް މައްޗަށް ހިނިތުން ވުމެއް ގެނައިއެވެ.
"އެހެންވިއްޔާ އަހަރެން ގެ އެބައޮތް ޝަރުތެއް."މައުރޫފް ވަހީދު އަށް ބަލާލަމުން ބުންޏެވެ.
"ކޮބާ؟"ވަހީދު އަހައިލިއެވެ.
"އަހަރެންގެ ޝަރުތަކީ އަރީޝާ އާއި އަހަރެންނަށް ކައިވެނި ކުރެވޭނީ 12 މިލިޔަން ދިނީމައި." މައުރޫފް އެހެން ބުނުމުން ވަހީދުގެ އަނގަހުޅުވުނެވެ. ބުނާނޭ އެއްޗެއް ނޭނގުނެވެ. އަރީޝާ ވެސް ކުރިޔަށް ވުރެން ބޮޑަށް ދެލޯ އަޅައިލިއެވެ. ދޫމާ އަށް ވެސް ޙައިރާން ކަމާއި އެކީގައި މައުރޫފް އަށް ބަލަމުން ދިޔައެވެ. ޒޫނާ އަށް ކުއްލިޔަކަށް ސޯފާއިން ތެދުވެވުނެވެ.
"މޮޔަވެގެންތަ ތިއުޅެނީ؟"ޒޫނާ އަށް ރުޅިއައިސް ފައި ބުނެވުނެވެ.
"މޮޔަ ދޯ... ރަނގަޅަށް ތިހީވީ. ހަޔާތުގެ އަނގު ވަރަށް ކުޑަ ތިމީހުން ކީލެއް،ޝުކުރުކޮށްބަލަ އަހަރެން އަރީޝާގެ އަނގު ބޮޑުކުރިކަން، 12 މިލިޔަން ދެނިކޮށް ތިބޮލުގެ ރިހުން އަހަރެން ގަބޫލުކޮށްފާނަން. އެހެން ނޫނީ ނޯ."މައުރޫފް ބުންޏެވެ.
"އަހަރެން މިދަނޑިވަޅުގައި 12 މިލިޔަން ހޯދާނީ ކިހިނެއް؟ މައުރޫފް އަަށް ރަނގަޅަށް އެނގޭނެ އަހަރެންގެ ވިޔަފާރީގެ ހާލަތު. އެހެން ނޫނަސް އަހަރެންގެ ހުރިހާ މުދަލެއްގެ ވެރިޔަކީ އަރީޝާ. ދެން އޮޓެމެޓިކުން މިމުދާ މައުރޫފް އަށް ލިބުނީނުން." ވަހީދު ހީލަމުން ބުންޏެވެ.
"ނޯ ނޯ ނޯ. ވަހީދުގެ ދަރަނި ބޮލުގައި އެޅޭކަށް ބޭނުމެއް ނޫން. 12 މިލިޔަން އަރީޝާ އާއި ކަވެނި. އެހެން ނޫނަސް އަދި އެބައޮތް ވަރަށް ރަނގަޅު އޮފަރއެއް. ވަހީދުގެ ދަރަނިތައް އަދާކޮށް ވިޔަފާރި އަލުން ކޮޅަށް ނެގިދާނެ. މިއޮތީ 3 މިލިޔަން ނަގުފައިސާ. " ސޫޓްކޭސް ހުޅުވައިލިއެވެ. ވަހީދު ޙައިރާން ކަމާއި އެކީގައި މައުރޫފް އަށް ބަލަމުން ދިޔައެވެ.
"އަހަރެން ބޭނުމީ ދޫމާ އާއި ކައިވެނިކުރަން." މައުރޫފް ވަހީދަށް ބަލަމުން އެއްވެސް ޖެހިލުމެއް ނެތި ބުންޏެވެ.
މައުރޫފް އެހެން ބުނުމުން ދޫމާ ޙާއިރާން ކަމާއި އެކީގައި މައުރޫފް އަށް ބަލަމުން ދިޔައެވެ. ޒޫނާ ދެލޯ އަޅާލަމުން ދޫމާ އަށް ބަލައިލިއެވެ. އަރީޝާ އަށް ރޮއިގަނެވުނެވެ. ވަހީދު ވެސް ޙައިރާން ކަމާއި އެކީގައި މައުރޫފް އަށް ބަލަމުން ދިޔައެވެ. އިރުކޮޅެއްގެ ހިމޭން ކަމަކަށް ފަހު ވަހީދު ވާހަކަ ދައްކަން ފެށިއެވެ.
"އަހަރެންނަށް ހީވަނީ 9 ދުވަހު ޖަލުގައި އޮތުމަށްފަހު ބޯގޮވީހެން، ދޫމާ އެއީ ކާކުކަން ހަނދާން ނެތުނީހެން." ވަހީދު ބުންޏެވެ.
"އުހުން. ހަނދާން އެބަހުރި އެހެންވެ މިބުނީވެސް." މައުރޫފް ހަމަޖެހިލަމުން ބުންޏެވެ.
"އެހެން ކިހިނެއް ވާނީ އެއީ ހަޔާތުގެ އެއްބަޑު އެއްބަފާ ދައްތަ."ޒޫނާ ހަރުކަށި ރާގަކަށް ބުންޏެވެ.
"ދެން ކޮބާ މައްސަލައަކީ. ހަޔާތު އާއި އަހަރެން ރައްޓެހިވިކަން، މިހާރު ހަޔާތު އަކީ އެހެން މީހެއްގެ އަނބެއް، އަހަރެން ދޫމާ އާއި އިންނާކަށް އެޅޭނެ ހުރެއް ނޯންނާނެ، 3 މިލިޔަން މިކޮޅުނަގާފައި ދޫމާ އާއި އަހަރެން ކައިވެނި ކުރުވާ، ނޫނީ 12 މިލިޔަން އަހަރެން ނަށް ދީ އަހަރެން އަރީޝާ އާއި ކައިވެނި ކުރާނަން." މައުރޫފް ހަމަޖެހިލަމުން ބުންޏެވެ.
"ބައްޕާ... " އަރީޝާ ރޮއިގަތެވެ.
ދޫމާ އަށް ބުނާނޭ އެއްޗެއްނޭގިފައި މައުރޫފް އަށް ބަލަމުން ދިޔައެވެ. ވާނުވާ ނޭނގި ހާސްކަމެއްގެ ތެރެއަށް ވަދެވިގެން ދިޔައެެވެ. ދޫމާ މައުރޫފް އާއި އިންނާނީ ކިހިނެއް ހެއްޔެވެ. އެއީ އޭނަގެ ކޮއްކޮގެ ލޯބި ވެރިޔާ އެވެ. ހަޔާތު އިންތިހާ އަށް ލޯބިވާ އިންސާނާ އެވެ. މައުރޫފްގެ ހަނދާންތަކާ އޭނަ ދުރަށް ދާނީ ކިހިނެއް ހެއްޔެވެ. ހަމަ އެގޮތަށް މައުރޫފް އަށް ވެސް ހަޔާތުގެ ހަނދާން ތަކާ ދުރަށް ދާނީ ކިހިނެއް ހެއްޔެވެ.
"ވަހީދު. ކިހިނެއް މިވަނީ؟"ޒޫނާ ކަނބޮޑުވުމާއި އެކީގައި އަހައިލިއެވެ.
"އަހަރެން ވިސްނަން ވަގުތު ކޮޅެއް ދީ." ވަހީދު މައުރޫފް އަށް ބުންޏެވެ.
"ތިއީ ނެތް އެއްޗަކީ، އަހަރެންނަށް ވަގުތު ނެތީ. މިހާރު ދޭ ޖަވާބެއްދީ. އެހެން ނޫނީ މިތިން މިލިޔަން ވެސް ގެއްލިގެން ދާނީ." މައުރޫފް ތެދުވަމުން ބުންޏެވެ.
"މައުރޫފް އަށް އެނގޭތަ ދޫމާ އަކީ ބަލި މީހެއްކަން ފިރިއަކަށް ހިދުމަތެއް ނުކޮށްދެވޭނެކަން."ޒޫނާ ހަރުކަށި ރާގަކަށް ބުންޏެވެ.
"ތިއީ ތިމީހުން ބަލަން ޖެހޭ ކަމެއް ނޫން. އެއީ އަހަރެން ގެ އަމިއްލަ ކަމެއް."މައުރޫފް ދޫމާ އަށް ބަލައިލިއެވެ. ދޫމާ އަށް ބުނާނޭ އެއްޗެއް ނޭނގި މައުރޫފަށް ބަލަމުން ދިޔައެވެ.
"އެކަމަކު ވެސް އަހަރެން ވިސްނާލަން އެބަޖެހޭ." އެތެރެއަށް ހިނގައިގަން ނަމުން ވަހީދު ބުންޏެވެ.
"ވަގުތު ނެތް. މިހާރު ޖަވާބު ބޭނުން." މައުރޫފް ވެސް ގޮތުގައި ހިފަހައްޓައިލިއެވެ. "ކިހިނެއް އެނގޭނި އަހަރެންނަށް ވަގުތު ދީފައި މާދަމާ ދޫމާ އެހެން މީހަކަށް ވިއްކާ ނުލާނެ ކަމެއް."މައުރޫފް ވަހީދު އަށް ބަލާލަމުން ބުންޏެވެ.
"ކޮންކަހަލަ އިންސާނެއް ތިއީ. އަހަރެން ކީއްކުރަން ދޫމާ ވިއްކާލަން ވީކީ؟
"ވަހީދު ހިތްހަމަ ނުޖެހިފައިވާ ރާގެއްގައި ބުންޏެވެ."އަހަރެންނަށް ހީވާ ގޮތް އަހަރެން މިބުނީ. ވަގުތެއްނެތް ޖަވާބު ދީފައި ދޭ، ދޫމާ އާއި އަހަރެންނަށް ކައިވެނި ނުކުރެ ވިއްޖެއްޔާ 12 މިލިޔަން އަހަރެންނަށް ދީފައި އަރީޝާ އާއި ކައިވެނި ކުރުވާ."
މައުރޫފް ޖީބަށް އަތްޖަހާލަމުން ބުންޏެވެ.މިއަދު މައުރޫފް އެހެރީ އެހާ ފަސޭހައިތް ގޮތް ދޫކުރާ ގޮތަކަށް ނޫންކަން ވަހީދަށް އެނގުނެވެ. 12 މިލިޔަން އޭނަޔަށް ދެވޭކަށް ނެތް ކަން ރަނގަޅަށް މައުރޫފް އަށް އެނގޭނެއެވެ. ލޯނަކަށް އެދިގެން ބެންކް އަށް މިއަދު ދިޔަކަން ރަނގަޅަށް މައުރޫފް އަށް އެނގޭނެއެވެ. ބެންކުން ނަގާފައިވާ ލޯނު ނުދެއްކި އޮތުމުން އިތުރު ލޯނެއް ލިބޭ ގޮތް ނުވިއެވެ. ވަހީދު ދާހިތް ލާލިއެވެ. އެއްކޮޅުން އޭނަގެ ދަރިފުޅުގެ ލޯތް ބެވެ. ހަޔާތު އާއި ފަޒާލް އާއި ދެވީވެސް އެލޯތްބަށް ޓަކައެވެ. އެކަމަކު މިހާރު އޭނަ އަށް އޭނަގެ ދަރިފުޅުގެ ލޯބި ހޯދަދެވޭކަށް ނެތެވެ. 3 މިލިޔަން މައުރޫފް އަތުން ނަގައިފައި އޭނަގެ ވިޔަފާރި ކޮލަށް ނެގޭތޯ ބަލަން ނިންމިއެވެ. ކުރިޔަށް އެޅި ފިޔަވަޅުމަތީގައި ހުރެފައި ފަހަތަށް އެނބުރިލިއެވެ.
"އޯކޭ... 3 މިލިޔަން ދީފައި ދޫމާ ގެންދޭ."ވަހީދު ބުނެލިއެވެ. ޒޫނާ އާއި އަރީޝާ ވަހީދަށް ބަލަމުން ދިޔައެވެ.
"ހޫން.... ރަނގަޅު ނިންމުމެއް." މައުރޫފް ކުރިޔަށް ޖެހިލާފައި ދޫމާ އިންގޮނޑީގެ އަތްގަނޑުގައި ހިފައި ކުރިޔަށް ދުއްވާލިއެވެ.
"އަހަރެންނަށް ތިމީހުންނަކަށް އިތުބާރެއް ނެތް އެހެންވެ ދޫމާ ގޮވާގެން މިދަނީ." ވަހީދު އާއި ޒޫނާގެ ކުރިމަތިން ދޫމާ ގޮވައިގެން މައުރޫފް ދިޔައެވެ. ތަންކޮޅަކަށް ދިޔަތަނުން ދޫމާ މައުރޫފް ހުއްޓުވިއެވެ.
"އަހަ.. އަހަ.އަހަރެން. ކޮ.ކޮ.ކޮޓަ." ދޫމާ ބުނަން މަސައްކަތް ކުރަން ފެށިއެވެ.
"ކޮޓަރިޔަށް ދާން ބޭނުންވަނީ."މައުރޫފް މަޑުމަޑުން އަހައިލިއެވެ. ދޫމާ ބޯޖަހައިލިއެވެ.
މައުރޫފް ދޫމާ ގޮވައިގެން ކޮޓަރިޔާއި ދިމާ އަށް ދިޔައެވެ. އަދި ދޫމާ ކޮޓަރިޔަށް ވަދެ ހަޔާތު ދަމުން ދިން ކުޑަ ތަޅުދަނޑިން ވަތްގަނޑު ހުޅުވައިލިއެވެ.
************************
ރޭގަނޑުގެ ހިމޭން ކަމާއިން އަނދިރިކަން ދޫމާ ގެ ހިތަށް އުނދަގޫ ކުރުވަމުން ދިޔައެވެ. މައުރޫފް އާއި އެކީގައި އޭނަ ބޮޑުބޭބެ ގެ ގެއިން މައުރޫފްގެ ގެޔަށް އައީ އެގޭމީހުންގެ އަނިޔާވެރި ކަމާއި ވިހަބަސް ތަކުން ސަލާމަތް ވާށެވެ. މައުރޫފް ވެސް އިތުރު އެއްވެސް ވާހަކަ އެއް ދޫމާ އަކާ ނުދައްކާ އޭނަގެ ނިންމުން ނިންމީއެވެ. ދޫމާގެ ނުތަނަވަސްވެފައިވާ ހިތާއި ސިކުނޑި ކުރިޔަށް ވުރެން ބޮޑަށް ނުތަނަވަސްވިއެވެ. މައުރޫފް އާއި އޭނަ އިންނަން ޖެހޭ ހެއްޔެ؟ އެހެން ވާނީ ކިހިނެއް ހެއްޔެ؟ މައުރޫފް އަކީ އޭނަގެ ލޯބިވާ ކޮއްކޮ ހަޔާތު ގެ ލޯބި ވެރިޔާއެވެ. އެދެމީހުން އެކަކު އަނެކަކުދެކެ ވަމުންދާ ލޯބި އެނގޭނޭ އެހެން މީހެއް ދޫމާ ނޫނީ ނުހުންނާނެއެވެ.
ވިސްނުމާއި ފިކުރުގެ ކަނޑެއްގައި ގެނބެމުން ދަނިކޮށް ކޮޓަރި ދޮރުހުޅުވާލާފައި ޝަފީނާ އެތެރެއަށް ވަނެވެ. ރޮއިރޮއި ރަތްވެފައިވާ ދޫމާގެ ދެލޮލަށް ޝަފީނާ ބަލައިލިއެވެ.
"ދޫމާ..." ޝަފީނާ ދޫމާ އަށް ގޮވައިލިއެެވެ.
"ދަ. ދަ. ދަ."ދޫމާ ވާހަކަ ދެއްކޭ ތޯ އުޅުނެވެ. ޝަފީނާ ދޫމާ އާއި ކައިރިވެލާފައި ދޫމާގެ ބޮލުގައި އޯގާތެރިކަމާއި އެކީގައި ފިރުމާލިއެވެ.
"ކަނބޮޑުނުވޭ ދޫމާ... ދައްތަ އަށް އެނގޭ ދޫމާ ބުނަން ތިއުޅެނީ ކީކޭކަން."ޝަފީނާ ގޮނޑިއެއް ކައިރިކޮށްލަމުން ދޫމާގެ ކައިރީގައި އިށީނެވެ. އަދި ދޫމާގެ އަތުގައި ހިފާ އޯގާތެރިކަމާއި އެކީގައި ވާހަކަ ދައްކަން ފެށިއެވެ.
"ދޫމާ... ދައްތަ މިބުނާ ވާހަކަ އަޑުއަހާ.... ހަޔާތު އާއި މައުރޫފް އާއި ދެމެދު މިހާރު އެއްވެސް ގުޅުމެއް ނެތް... އެލޯބި މިހާރު މައުރޫފް ވެސް ކަނފުން ކޮށް ވަޅުލައިފި. ދޫމާ އާއި ކައިވެނިކުރަން ނިންމިނިންމުމަކީ އެއީ ހަޔާތުގެ ކިބައިން ބަދަލު ހިފަން ނޫނީ އޭނަ އަށް ދެރައެއް ދޭން ނިންމި ނިން
މުމެއް ނޫން، މައުރޫފް ބޭނުން ވަނީ ހަޔާތު ނުލިބުނު ތަނުގައި ދޫމާ އަށް އޯގާތެރި ކޮށް ހިތާ ދޫމާ މީހަކަށް ހަދަން، ވަހީދު މެންގެ އަނިޔާ ތަކުން ދުރަށް ލާން.... ދޫމާ އެގޭގައި ހުރެއްޖެ ނަމަ ހަޔާތު އަށް އެއްވެސް އުފަލެއް ނުލިބޭނެކަން މައުރޫފް އަށް އެނގޭތީ އެގޮތައް ކަންތައް އެކުރީ... ހަޔާތު ދޫމާ އަށް ޓަކާ އޭނަގެ ލޯބި ގުރުބާން ކުރީ... ދޫމާ ހަޔާތު އަށް ޓަކާ މިވަރުގެ ކަމެއް ކުރަން ދައްތަ އަށް ހީވަނީ ޖެހޭނެހެން، އޭނަ ވި ގުރުބާނީ ފެނަށް ވިޔަނުދީ." ޝަފީނަ މަޑުމަޑުން ވާހަކަ ދައްކަމުން ދިޔައެވެ. ޝަފީނާ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ދޫމާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ގިސްލެވެމުން ދިޔައެވެ.
ޝަފީނާ ދޫމާ އާއި ދައްކަމުން ދިޔަ ވާހަކަ އަޑު އަހައިގެން ފެންކަޅިވެފައިވާ ދެލޮލުން މައުރޫފް ބަލަމުން ދިޔައެވެ. ކުއްލިޔަކަށް އޭނަ ދޫމާ އާއި އިންނަން ނިންމި ސަބަބު ހުދު އޭނަޔަށް ވެސް ނުވިސްނުނެވެ. ދޫމާ ފަދަ ނުކުޅެދޭ ކުއްޖަކާ އިނދެގެން އޭނަގެ މުސްތަގުބަލެއް ނޯންނާނެކަން ހުދު އޭނަޔަށް ވެސް އެނގެއެވެ. އެކަމަކު ވެސް އޭނަގެ ހިތް އެދުނުން ގޮތައް އޭނަ ނިންމީއެވެ. ދޮރުހުޅުވާލާފައި މައުރޫފް ކޮޓަރިތެރެއަށް ވަނެވެ. ޝަފީނާ ދޫމާ އާއި ދައްކަމުން ދިޔަ ވާހަކަ ހުއްޓައިލިއެވެ.
"ދައްތާ ކޯއްޗެއް ކާންހުރީ."މައުރޫފް ޝަފީނާ ކުރެން އަހައިލިއެވެ.
"ކާންހަދަން ވީ ދޯ." ޝަފީނާ ގޮނޑިން ތެދުވެގެން ކޮޓަރިން ބޭރަށް ނިކުތެވެ.
މައުރޫފް އާއި ދޫމާ އަށް ފުރުސަތު ދީފައި ޝަފީނާ ކޮޓަރިން ބޭރަށް ނިކުތެވެ. މައުރޫފް ދޫމާ އަށް ބަލައިލިއެވެ. ދޫމާ އިސްޖަހައިލިއެވެ. އޭނަ މައުރޫފް އާއި ދައްކާނެ ވާހަކަ އެއް ނެތް ކަހަލަ ގޮތަކަށެވެ. މައުރޫފް ދޫމާ ގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.
"އަހަރެންނަށް އިނގޭ ދޫމާ ހިތަށް އަރާނެ އެއްޗެހި، އެކަމަކު މިނޫން ގޮތެއް ނެތް...އެމީހުން ދޫމާ ބޭނުން ކުރާނީ ހަތިޔާރަކަށް."މައުރޫފް މަޑުމަޑުން ބުންޏެވެ.
"ދެ.ދެ.ދެން. މައު.މައު.ރޫފް. މައު.މައު. ރޫފް. ބޭ.ބޭ.ނުން ކު.ކު.ކު.ރަން ތި.ތި ތިއުޅެ.ނީ. ހަ.ހަ.ހަ.ތިޔާ. ރަކަށް. ނޫން. ނޫން.ތަ."ވަރަށް މަސައްކަތުން ދޫމާ ޖުމްލަ ފުރިހަމަ ކޮށްލިއެވެ. މައުރޫފް ފަރުވާކުޑަގޮތަކަށް އަޑެއް ލައްވާލަމުން ތުންފަތް ދަމައިލިއެވެ.
"ކުށްހީއެއް ދޫމާ.... އަހަރެން ކީއްކުރަން ދޫމާ ހަތިޔާރަކަށް ބޭނުން ކުރަންވީ؟ އަހަރެން ހަޔާތު އަށް ވައުދު ވެފައި އޮންނާނެ ދޫމާ އެތަނުން ނެރެދޭނެކަމަށް... އަހަރެން ގެ ވައުދު ފުރިހަމަ ކުރެވެން އަންނަނީ ދޫމާ އާއި ކައިވެނިކޮށްގެން... ހަޔާތު ދެން އެނބުރި ނާންނާނެ ކަން އަހަރެންނަށް ޔަގީން. ހަޔާތު އަށް ވެސް އެކައިވެނީގައި ދެމި ހުރެވޭނީ މިގޮތައް މިކަން ކޮށްގެން. އެހެން ނޫނީ ދުވަހަކުވެސް ހަޔާތުގެ ހިތުން އަހަރެންގެ ނަން ފުހެއެއް ނުލެވޭނެ. އެކަމަކު ލޯބިވާ ދައްތަގެ ފިރިމީހާ އާއި ހަތަރުކަޅިވެސް ހަމަކުރަން ނުކެރޭނެ، އެކަން ދޫމާ އަށް ވެސް އެނގޭނެ." މައުރޫފް މަޑުމަޑުން ދޫމާ އަށް ބުންޏެވެ.
މައުރޫފް އެހެން ބުނުމުން ދޫމާ ކަރުނުން ފުރިފައިވާ ދެލޮލުން މައުރޫފް އަށް ބަލައިލިއެވެ. މައުރޫފް އެބުނަނީ ތެދެއް ކަމަކަށް ދޫމާގެ ހިތް ގަބޫލެއް ނުކުރިއެވެ. ޝައްކުން ފުރިފައިވާ ބެލުމަކުން ދޫމާ މައުރޫފް އަށް ބަލަމުން ދިޔައެވެ. އެވާހަކަ އޭނަ ހަޔާތު އަށް އަންގަން އެބަޖެހެއެވެ. އެކަމަކު ހެނދުނުއްސުރެން އޭނަ އެއުޅެނީ ހަޔާތު އާއި ނުގުޅިގެންނެވެ. ފަޒާލް ވެސް ފޯނެއް ނުނަގައެވެ. އެމީހުން ވީތަނެއް ވެސް ނޭނގެއެވެ.
"އަހަރެން މިދައްކާ ވާހަކަ ގަބޫލެއް ނުކުރެވޭތަ؟ ދޫމާ އަށް އަހަރެން ނޭނގޭތަ؟"މައުރޫފް މަޑުމަޑުން ދޫމާ ކުރެން އަހައިލިއެވެ.
ދޫމާ ކަރުނުން ފުރިފައިވާ ބެލުމަކުން މައުރޫފް އަށް ބަލަމުން ދިޔައެވެ. އޭނަގެ ހިތަށް އަރާ ހުރިހާ ވާހަކަ އެއް ބުނެލަން އޭނަ ބޭނުން ވިއެވެ. އެކަމަކު އޭނަގެ ނުކުޅެދޭ ކަމުން އޭނަގެ ދޫ އޭނަޔަކަށް އެއްބާރު ލުމެއް ނުދެއެވެެ. ވަފާތެރިކަމާއި އެކީގައި އޭނަޔަށް އެއްބާރު ލުން ދެމުން ދަނީ ހަމައެކަނި ލޮލުން އަންނަމުން ދިޔަ ކަރުނައެވެ. ހިތުގެ ހާލަތު ބުނެދެމުން ދަނީ ކަރުނައެވެ. މައުރޫފް ދޫމާގެ ކަރުނަ ފުހެލަދިނެވެ.
ކޮމެންޓް