ވާހަކަަ: ކާއިނާތު - (ފަސްވަނަ ބަައި)

ސަމާލު: މި ވާހަކައިގައި 18 އަހަރުން ދަށުގެ ކުދިންނާއި، އާއިލާގެ މެންބަރުންނާއި އެކު ކިޔަން ނުވަތަ އަޑުއަހާލުމަށް  އެކަށީގެން ނުވާ ބަސްތައް ހުރެދާނެއެވެ.)

​"ވިދާދު މިވަނީ ކިހިނެއް؟ދޮރު ތަޅުލާފައި އަނެއްކާ އެމަންޖެ ދާންތަ އެއުޅެނީ"ފިރާޒް ވިދާދަށް ބަލާލަމުން ސުވާލު ކޮށްލިއެވެ.

​"ކީއްކުރަން ބާ އެއުޅެނީ؟"މިރުފާނަށް ވެސް އަހާލިއެވެ.

​ވިދާދު ގެ މޫނުމަތިން ފެންނަނީ ލާނެއް ހިނިތުން ވުމެކެވެ. ބޭރަށް ނިކުމެ ހުރި އެރީތި އަންހެން ކުއްޖާ އަށް ވިދާދު ބަލަމުން ދިޔައީ އެހެން މީހަކަށް މީންދުވަހަކު ނުބަލާފަދަ ގޮތަކަށެވެ. އެތަނުގައި ތިބިން ވިދާދުގެ އެކުވެރިން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނީ އެއީ ވިދާދުގެ އާދައަކަށް ވާތީއެވެ. އެކަމަކު ކުރިން ވިދާދުގެ ހަޔާތައް އައިސްފައިވާ އަންހެން ކުދިންނަަށް ވުރެން މިއަންހެން ކުއްޖާގެ ރީތި ކަން އެތަނުގައި ތިބި އެންމެން ވެސް ފާހަގަ ކުރިއެވެ.  

އާދާގެ ހެދުމެއްގައި އިތުރު މޭކަޕަކާ ނުލާ ގުދުރަތީ ރީތިކަން އޭނާގެ މޫނުމަތިން ފެންމުން ދިޔައެވެ. މީހެއްގެ ހިތް ހާސިލް ކުރަން އޭނަޔަށް އެއްވެސް އުނދަގުލެއް ނުވާނެކަން އެތަނުގައި ތިބި ހުރިހާ ޒުވާނުން ގަބޫލު ކުރިއެވެ. ދޫކޮށް ފަހަތަށް އައްސާލާފައި އޮތް އިސްތަށިގަނޑާ ލައިގެން ހުރި ހެދުމުން ވެސް އިނގެނީ އޭނާޔަކީ ހަރުދަނާ މިޒާޖެއްގެ ކުއްޖެއް ކަމެވެ. އާމުގޮތެއް ގައި މިއުޅޭ ކުދިންނަށް ވުރެން ބޮޑަށް އޭނަގެ ހަށިގަނޑުގެ ނިވާކަން ވެސް ބޮޑެވެ. ހިނގުމުގައި ބޮޑާ ކަމެއް ނެތެވެ. ވިދާދު މެން ނޫން އެންމެންނާ އޭނަ ވާހަކަ ދެއްކީ ހިތްހެޔޮމަކާ އަދަބު ވެރިކަމާ އެކީގައެވެ. އެމީހުންނާ އެގޮތައް ވާހަކަ ދެއްކީ ވިދާދުގެ ސަބަބުން ނެވެ. އޭނަގެ ސަމާސާ ބޮޑުކަމުން ކަން އެނގެއެވެ.  

​ކާއިނާތު އިރުކޮޅަކު ފޯނުން ވާހަކަ ދައްކަން ހުރުމަށް ފަހު ކެފޭއަށް ވަނެވެ. އޭރު ވެސް ވިދާދު އިނީ ހަމަޖެހި ގެންނެވެ. މޫނުމަތިން އެއްވެސް ކަންބޮޑު ވުމެއް ފެންނާކަށް ނެތެވެ. މިފަހަރު ކާއިނާތަށް ވެސް ވިދާދު ފެނުމުން ކުޑަކޮށް ޖެހިލުން ވާގޮތް ވިއެވެ. ކޮންމެ ފަހަރަކު އެކަހަލަ ކަމެއްގެ ތެރެއަަށް ވަދެވެނީ ކީއްވެގެން ބާއޭ އޭނާ ހިތާހިތުން ބުނެލެވުނެވެ. އޭނަގެ ރުޅި އޭނަޔަށް ކޮންޓްރޯލް ނުކުރެވެނީ ކީއްވެގެން ބާއޭ އެވަގުތު ހިތަށް އެރިއެވެ. އެކަމަކު ވެސް ވިދާދުގެ ލާނެއް ހިނިތުން ވުން ފެނުމުން އަނެއްކާ ވެސް އޭނާގެ ކައިރިޔަށް ރުޅިއައެވެ.

"މިނިސްޓަރަކަސް މިނިސްޓަރެއްގެ ދަރިޔަކަސް ކައިފަ ބިލް ނުދައްކަންޏާ ޖެހޭނީ ޕޮލިހަށް ދާން." ކާއިނާތު ވިދާދަށް ބުނެލިއެވެ.

ކާއިނާތު އެހެން ބުނުން ވިދާދު ކައިރީގައި ތިބި އެންމެން ހޭންފެށިއެވެ. އެއަންހެން ކުއްޖާ ގެ މޮޔަކަން އެތަނުގައި ތިބި އެންމެން ފާހަގަ ކުރިއެވެ.

"ކެރޭ ކުއްޖެއް، މިއީ 6 މީހުން ތިއީ 1 ކަކު، ބިރެއް ނުގަނޭތަ ކަމެއް ކޮށްފާނެތީ؟"ޖާދު އެންމެ ފަހުން ކާއިނާތަށް ބަލާލަމުން އަހާލިއެވެ.

ޖާދު އެހެން ބުނުމުން ވިދާދު ޖާދު އަށް ބަލާލިއެވެ. އެއަންހެން ކުއްޖާ އަށް ޖާދު އެފަދަ ބަހެއް ބުނާކަށް އޭނަގެ ހިތް ނޭދުނެވެ.

​"ތިއީ ކޮން ވާހަކަ އެއް."ވިދާދު ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ.

​"މިއީ ވާހަކަ އެއް، އެނގޭތަ އަހަރުމެން މިއީ ކޮންބައެއްކަން؟ މިއީ ކާކުކަން އެނގޭތަ؟"ޖާދު ވިދާދަށް އިޝާރާތް ކޮށްލަމުން ކާއިނާތު ކުރެން އަހާލިއެވެ.

ޖާދު ބޭނުންވީ ކާއިނާތަށް ވިދާދު އެއީ ކާކުކަން އަނގާށެވެ. ޖާދު އިތުރު އެއް ޗެއް ބުނުމުގެ ކުރިން ވިދާދު ކާއިނާތަށް ބުންޏެވެ.

​"ސޮރީ ވެއިޓަރު، އަހަރެން މިއީ މިނިސްޓަރެއް ވެސް ނޫން މިނިސްޓަރެއްގެ ދަރިއެއް ވެސް ނޫން، މިނިސްޓަރގެ ޑްރައި ވަރެއް."ވިދާދު ކަރު އެލުވާލަމުން ބުންޏެވެ.

ވިދާދު އެހެން ބުނުމުން މިރުފާން ހޭންފެށިއެވެ. ޖާދު ޙައިރާން ކަމާއި އެކީގައި ވިދާދަށް ބަލާލިއެވެ. ދެން ތިބި އެންމެ ހޭންފެށިއެވެ. އެއީ ވިދާދުގެ ސަމާސާ ހުންނަ ގޮތުންނެވެ. އެކަމަކު މިފަހަރުގެ ސަމާސާގެ ރާގު ތަފާތެވެ. ކަމެއް ފޮރުވަން އުޅޭ ކަހަލަ ގޮތަކަށް ވިދާދުގެ ވާހަކަ ހުއްޓެވެ.

"ވެއިޓަރު ތިކުރި ކަމަކުން މިސްޓަރު ރުޅި ދުރުވާނެ، ދެން އަހަރެންގެ ވަޒީފާ ވެސް ދާނީ،ކިހާ ދެރަ." ވިދާދު ދެރަވެފައިވާ ރާގެއްގައި ބުނެލިއެވެ.

ކާއިނާތު ވިދާދަށް ބަލާލިއެވެ. ވިދާދު ލައިގެން ހުރި ގަމީހާ އޭނަގެ ސްމާޓް ކަމަކީ ޑްރައިވަރެއް ކަން ބުނެދޭން އުނދަގޫ ވިއެވެެ. ކާއިނާތު ދެން ތިބި މީހުންނަށް ބަލާލިއެވެ. އެމީހުންނަކީ ވެސް އަތުގައި ލާރި ނުގެންގުޅޭ ބައެކޭ ނުބުނާނެއެވެ. އެމީހުން އެހާވެސް ފުރިހަ ވެފައި ހަރުދަނާ ގޮތް މޫނުމަތިން ފެންނަމުން ދިޔައެވެ. އެމީހުން ބިލް ނުދެއްކީ އޭނާ އަށް ޖެއްސުމަށްކަން އޭނާއަށް އެނގެއެވެ.

​"ޕްލޭބޯއީ." ކިރިޔާ ތިމާ އަށް އިވޭވަރަށް ހިތްހަމަ ނުޖެހިފައިވާ ރާގަކަށް ޖާދު ބުންޏެވެ.

"ކޮއްކޯ ބިލައް އެރީ ކިހާވަރެއް."ވޮލެޓް އިން ކާޑެއް ނަގައި ކާއިނާތަށް ދިއްކޮށް ލަމުން މިރުފާން އަހާލިއެވެ.

ފިރާޒް ކާޑު ދަމައިގަތެވެ. މިރުފާން ހިތްހަމަ ނުޖެހިފައި ފިރާޒަށް ބަލާލިއެވެ. ފިރާޒް އާއި ވިދާދު މިކުޅެނީ ކޮން ގޭމެއްކަން މިރުފާނަށް ރަނގަޅަށް އެނގެއެވެ. އެކަމަކު އެކުއްޖާ އަށް ޖެއްސުންކުރަން އެމީހުން އެއުޅެނީ ކީއްވެގެން ކަމެއް މިރުފާނަކަށް ނޭނގެއެވެ. އެއީ އާދައިގެ ވެއިޓަރެކެވެ. އޭގައި ވެސް ފޮރުވިފައިވާ ބޮޑު ސިއްރެއް ވާނެއެވެ.  

​"ހަނދާން ނެތުނީތަ؟މިއީ ހުސްކާޑެއް، އަދި މީގެ ބިލް ނުދައްކަމެއް ނުން."ފިރާޒް މިރުފާނަށް ބުންޏެވެ.

​"ދެން ކޮން ސަކަރާތެއް؟"މިރުފާން ރުޅިއަންނަ ގޮތް ދައްކާލިއެވެ. ޖާދު ވެސް އޭނަގެ ޖީބުން ވޮލެޓް ނެގިއެވެ. އެވަގުތު ފިރާޒް ޖާދުގެ ވޮލެޓް ވެސް ޖަހައިގަތެވެ.

​"މީގައި ހުންނާނީ މާދަން ޖަމާކުރަން ޖެހޭ ލާރި."​ފިރާޒް ޖާދު އަށް ބުންޏެވެ.

​"ފިރާޒް."ޖާދު ފިރާޒްގެ ނަން ކިޔާލިއެވެ.

​"ދެން ތިމީހުން އަހަރެންނާ ހެދި ނުތޮޅި ތިބޭ، އަހަރެން މަޑުކުރާނަން، ތިމީހުން ދެން ދޭ."ކަރު އެލުވާލަމުން ވިދާދު ބުންޏެވެ.

ފިރާޒް މިރުފާންގެ އަތުގައި ހިފައި ގަދަކަމުން ކަހަލަ ގޮތަކަށް އެތަނުން ބޭރަށް ނެރުނެވެ. ވިދާދު ނުބުނި ކަމުގައި ވިޔަސް ވިދާދު ބޭނުން ވާގޮތް ފިރާޒަށް އެނގުނެވެ. މިރުފާން ގޮވައިގެން ދިއުމުން އިރުކޮޅަކަށް ކާއިނާތަށް ބަލަން ތިބެފައި ދެންތިބި މީހުން ނިކުތެވެ. ޖާދު އަދިވެސް އިނީއެވެ. އޭނަގެ ހިތް އެތަނުން ދާކަށް އެއްބަހެއް ނުވިއެވެ. އިރުކޮޅަކުން ފިރާޒް އެތެރެއަށް އައެވެ.

"ޖާދު... މިރުފާން އެބަގޮވާ."ފިރާޒް ބޭނުންވީ ޖާދު ވެސް އެތަނުން ނެރޭށެވެ.

ޖާދު ކާއިނާތަށް ބަލާލިއެވެ. އޭރުވެސް ކާއިނާތު ހުރި ފިޔަވަޅު މަތީގައި ހުއްޓެވެ. އޭނަގެ މޫނުމަތިން ގޮތް ދޫނުކުރުން ފެންނަމުން ދިޔައެވެ. ޖާދު މަޑުމަޑުން ގޮނޑިން ތެދުވެ ފިރާޒް އާއި އެކީގައި އެތަނުން ނިކުންނަން ހިނގަގަތެވެ.

ވިދާދު ގޮނޑީގައި ހަމަޖެހިލިއެވެ. ކާއިނާތު ވިދާދަށް ދެލޯ އަޅާލަމުން ދެފަރާތައް ބޯހޫރާލިއެވެ. ވިދާދު ކާއިނާތަށް ބަލަމުން ދިޔައެވެ. އެބެލުމުގައި ވަނީ ކޮންކަހަލަ ޖާދުލެއް ކަމެއް ކާއިނާތަކަށް ނޭނގުނެވެ. އެކަަމަކު ބުނެދޭން ނޭނގޭ އުނދަގުލެއް ހިތަށް ކުރަމުން ދިޔައެވެ. އެހާ ރީތި ޒުވާނަކު އެގޮތައް ކަންތައް ކުރަން ފެށުމުން އޭނާގެ ރުޅިގަނޑު އިންތިހާއަށް ދިޔައެވެ. އެކަހަލަ މީހުން އެމީހުންގެ ރީތިކަމުގެ ފައިދާ ނަގާގޮތަކީ އެއީއެވެ. ޒުވާން ރީތި ކުއްޖަކު ފެނިއްޖެއްޔާ އެމީހުނަށް އެކުދިންނާ ފޮށިނުލާ ނުދެވެއެވެ. މިއީ ކޮންކަހަލަ ގޮތެއް ނެތް ޒުވާނުން ބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ދެބަސްވެ ޒުވާބު ކުރިޔަސް ވާނެ އެއްވެސް ކަމެއް ނޯންނާނެކަން އޭނާއަށް އެނގެއެވެ. ބޭކާރު ވެގެން ދާނީ ދުލުން ބޭރު ކުރެވޭ ބަހާ އަގުހުރި ވަގުތު ކޮޅެވެ.

​އޭނާ އިތުރަށް ވިދާދާ ބަހުސް ކުރަން ނުހުރެ މޭޒުތައް މަތީގައި ހުރި ތަށިތައް ނަގަން ފެށިއެވެ. ވިދާދުގެ ބެލުމުން ސަލާމަތްވާ އޭނާ ބޭނުން ވިއެވެ. އެބެލުމުގެ ޖާދުލުގެ އަސަރު އޭނާއަށް ކޮށްފާނެތީ ބިރުގަތީ ކަންނޭނގެއެވެ.

ވިދާދު ވެސް އަމިއްލަ މީހާ ކުރަމުން އެދާކަމަކަށް ވިސްނާލިއެވެ. ތަޅުދަނޑި އެއްލާލީމައި އޭގެ ބަދަލު ހިފާލަނީ ބާއޭ ހިތާހިތާ ބުނެލެވުނެވެ. ނޫނެކެވެ. އެއީ ބަދަލެއް ހިފުމެއް ނޫނެވެ. ކޮންމެ ވެސް ނޭނގޭ ކަމެއް ވިދާދުގެ މިޒާޖަށް އައިސްސިއެވެ. މީން ދުވަހަކު އެކަހަލަ އަސަރެއް އޭނަޔަކަށް ނުކުރެއެވެ. ފިރާޒް އެބުނާ ރިސޯޓުން ރައްޓެހި ވިކުއްޖާ ދެކެ ވެސް އޭނަވީ ލޯތްބެވެ. އެކަމަކު މިރޭ މިއަންހެންކުއްޖާ ފެނުމުން ކުރި އަސަރެއް އެކުއްޖާ ފެނުމުން ނުކުރެއެވެ. ފުރަތަމަ ދެމީހުން ދިމާވިއިރު ވެސް ވިދާދު ފޯނުން ވާހަކަ ދައްކަމުން ދިޔައީ ފިރާޒް އެބުނާ ކުއްޖަކާއެވެ. އެކަަމަކު މިރީތި ހުވަފެނެއް ކަހަލަ ކުއްޖާ ފެނުމުން އެފޯނު ކޯލްވެސް ކަނޑާލެވުނީއެވެ.

ކާއިނާތު ވިދާދު ގެ ކުރިމައްޗަށް ހުއްޓިލި ވަގުތު ބޭރުން އައިސް ޒައިބާ ކެފޭއަށް ވަނެވެ. ޒައިބާ ކާއިނާތާ ދިމާއަށް އައެވެ. ޒައިބާ އަށް ވިދާދު ފެނުމުން ފަހަތަށް ޖެހިލެވުނެވެ. އަދި ކާއިނާތަށް ބަލާލިއެވެ. ކާއިނާތު ހުރީ ވިދާދަށް ދެލޯ އަޅައިގެންނެވެ. ވިދާދަށް ޒައިބާ ފެންނައިރަށް ގޮނޑިން ތެދުވިއެވެ. ޒައިބާ ދުވެފައި އައިސް ކާއިނާތު ކައިރިޔަށް މަޑުކޮށްލިއެވެ. ޒައިބާ ހީކުރީ ކާއިނާތަށް ކުށެއް ކުރެވިގެން ކުއްވެރިފައި ހުރީކަމަށެވެ.

​"ބައްލަވާ އަޅުގަނޑަށް ބިލެއް ނުދެއްކުނު، ވޮލެޓްނުލާ އާދެވުނީމައި، މާދަމާ ބިލް ދައްކާލަން މިވަގުތަށް ދިޔަޔަސް ހެޔޮތޯ، އަޅުގަނޑަކީ މިތަނުގެ ދާއިމީ ކަސްޓަމަރެއް، މި ބޭފުޅާ ޕޮލިހަށް ވެސް ގުޅާފި." ވިދާދު ދެރަވެފައިވާ ރާގެއްގައި ޒައިބާ އަށް ބުންޏެވެ.

​"ބިލް ގެނައީތަ؟"ޒައިބާ ޙައިރާން ވެފައި ސުވާލު ކޮށްލިއެވެ.

​"ވަޓް ޔޫ މީން، ބިލްގެނައީތަ؟"ޒައިބާ އަށް ބާލާލަމުން ކާއިނާތު އަހާލިއެވެ.

"މިއީ ޒައިބާގެ ބޮސް މިގޮތައް މީހުން އައިސް ފްރީކޮށް ކާން ހުޅުވާފަ ހުރި ތަނެއްތަ؟" ކާއިނާތު ޒައިބާ އަށް ބުންޏެވެ. ވިދާދު ހިނިތުން ވެލަމުން ކާއިނާތަށް ބަލާލިއެވެ.

"ބިލް ނުދައްކަނީހެން މިތާކުން ނުދެވޭނެ."ކާއިނާތު ކައުންޓަރާ ދިމާ އަށް ހިނގައި ގަންނަމުން ބުންޏެވެ.

​"ސޮރީ ވަރަށް ބޮޑަށް."ޒައިބާ ވިދާދަށް ބުންޏެވެ. ވިދާދު ހިނިތުންވެލިއެވެ.

"ވިދާޅު ވީމެއް ނޫންތޯ އެކަނިވީމައި ކުއްޖަކު ގެންނާށޭ."ޒައިބާ މަޑުމަޑުން އަދަބު ވެރިކަމާއެކީގައި ވިދާދަށް ބުންޏެވެ.

​"އޯކޭ... މަސައްކަތް ތެރި ކުއްޖެއް."ވިދާދު ކައުންޓަރާ ދިމާ އަށް ގޮސްގޮސް ހުރި ކާއިނާތަށް ބަލާލަމުން ބުނެލިއެވެ.

އެވަގުތު ޕޮލިސް ކާރު އައިސް މަޑުކޮށްލިއެވެ. ވިދާދު ދޮރާ ދިމާއަށް ބަލާލިއެވެ. އަދި ލާނެއް ގޮތަކަށް ހިނިތުން ވެލިއެވެ. ޒައިބާ ވެސް ކަނބޮޑު ވުމާއި އެކީގައި އެދިމާ ބަލާލިއެވެ. ކާއިނާތު މިރޭ އެކުރި ކަމަކުން ޒައިބާ ވަރަށް ލަދުގަތެވެ. ވިދާދަކީ އެކެފޭގެ ބޮޑުމީހާކަން ކާއިނާތަށް ނޭނގުނީ މައެވެ. އެކަން އެނގޭނަމަ ކާއިނާތު އެކަހަލަ އަމަލެއް ނުކުރާނެ ކަން ޒައިބާ އަށް އެނގެއެވެ.

​"ޕޮލިސް."ޒައިބާ އަށް ބުނެވުނެވެ.

އަދި ނުނިމޭ

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy