ވާހަކަ - ކާއިނާތު ( ހަތަރު ވަނަ ބައި)

)ސަމާލު: މި ވާހަކައިގައި 18 އަހަރުން ދަށުގެ ކުދިންނާއި، އާއިލާގެ މެންބަރުންނާއި އެކު ކިޔަން ނުވަތަ އަޑުއަހާލުމަށް  އެކަށީގެން ނުވާ ބަސްތައް ހުރެދާނެއެވެ.)

"އަހަރެން ނަށް ހީވަނީ ޝީލާ ޔަށް ގުޅަން ވީހެން. މިރެއަށް މިރުފާނަށް ފާރަލާން. ދަމުން ދަމުން ވެއިޓަރު ގެންގޮސް ދާނެ." ލާނެ ރާއްގަކަށް ވިދާދު ބުންޏެވެ.

​"ދެން އެކަމަކު ވިދާދު. މަށަށްވެސް ހީވަނީ ތިއީ މިހާރު ބޮޑުވަރުހެން. ބައްޕަ ބުނުއްވި ގޮތަށް އަވަހަށް މީހަކާ އިނދޭ."ޖާދު ބޭނުންވީ ވިދާދު އާއި ދިމާ ކޮށްލާށެވެ.

​"މީހަކާ ދޯ. ވިސްނުމުގައި މިއުޅެނީ."ވިދާދު ހަމަޖެހިލިއެވެ. "އެނގޭތަ މާމުއި ކުޅަނދުރު މާމެލާމެލީން އެއްކޮށް ޖަމާކުރާ ހުރިހާ ފޮންޏެއް މާމުޔަކަށް ނުވާކަން." ވިދާދު ޖާދު އަށް ބަލާލަމުން ބުންޏެވެ.

​"ދެން ވަނީ ކޯއްޗަކަށް؟ ހަބަރަށްތަ؟"ފިރާޒް އަހާލިއެވެ. ވިދާދު ބޯހޫރާލިއެވެ.

​"ބުނަން މިއުޅެނީ. އަހަރެން ބަލާލާހާ މީހަކީ ނޫނީ ވާހަކަ ދައްކާ ހާ މީހަކީ އަންބެއްގެ މަގާމަށް ގެނެވޭނެ މީހެއް ނޫނޭ. ކުޅަނދުރުތައް ވެސް އެއްކުރާ ފޮނިން މާމުޔަށް ވަނީ އޭގެ ތިންބައިކުޅަ އެެއްބައި. އެއްރާތަލުގެ މާމުއި ތައްޔާރު ކުރުމަށްޓަކާ މާމުއި ކުޅަނދުރަށް ވިހިލައްކަ މަލުން ފޮނިބޯންޖެހޭ. އެކަމަށްޓަކާ ކުޅަނދުރުތައް ގާތްގަނޑަކަށް ތިރީސްލައްކަ ފަހަރު އުދުހެންޖެހޭ."ވިދާދު ހީލަމުން ބުނެލިއެވެ.

​"ދެން ތިބުނަނީ ކުޅަނދުރުތައް ފޮނިހޯދަން ދަތުރު ކުރާގޮތަށް ތިރީސްލައްކަ ފަހަރު ޓުރައިކޮށް ވިހިލައްކަ މީހުން ނާއި ގުޅުން ހިނގާނަމޭތަ؟"ޖާދު ދެފަރާތައް ބޯހޫރާލަމުން ބުނެލިއެވެ.

​"އަހަރެން ތިހެން ބުނީ ކޮންއިރަކު؟ އަހަރެން މިބުނީ މިސާލެއް. ޓުރައި ނުކޮށް ކިހިނެއް އެނގެނީ ރަނގަޅު އަންބަކަށް ވާނެކަމެއް. އެހެން ނޫނަސް އަހަރެން މިއީ ޖާދު އެއް ނޫން، އެކަކަށް ޓަކާ އުމުރު ހޭދަކޮށްލާކަށް. ދިރިއުޅުމުގައި ކުރިޔަށް ދޭބަލަ. އާ މީހުންނާއި ބައްދަލުކޮށް ލައިފް އެންޖޯއީ ކޮށްބަލަ."ލާނެތް ރާގަކަށް ވިދާދު ބުނެލިއެވެ.

​"ލައިފް އެންޖޯއީ ކުރާކަން އަހަރެންނަށް އެނގޭ. ވިދާދަށް ނޭނގުނަސް. ދޯ. ލިންޑާ."ފިރާޒް ޖާދު އާއި ދިމާކޮށްލަން އުޅުނެވެ.

​"ލިންޑާ؟"ވިދާދަށް އަހާލެވުނެވެ.

​"ޝަޓަޕް ފިރާޒް. އެއީ އެހެން ކުރިކަމެއް ނޫން."ޖާދު އަވަސް އަވަހަށް ބުންޏެވެ.

​" މިހާރު މިތާ މިދައްކަނީ އަހަރެންގެ ވާހަކަ އެއްނޫން، ވިދާދުގެ ވާހަކަ. އެޓޮޕިކަށް ވާހަކަ ދައްކާ."ޖާދު ފޫހިރާގަކަށް ބުންޏެވެ. ވިދާދު ހިނިތުން ވެލިއެވެ. އަދި ވިދާދުގެ ވާހަކަ ކުރިޔަށް ގެންދިޔައެެވެ.

ވިދާދުގެ ވާހަކަ ހުންނަގޮތުން އޭނަގެ ވާހަކަ މެދުކަނޑާލެވޭ ވަރުގެ ބާރެއް އެއިން އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ. އަންހެން ކުދިން އޭނަ ސިފަކުރާ ގޮތް ރަނގަލަށް ޖާދު އަށް އެނގެއެވެ. އެކުދިން އޭނަ ފަހަތުން ދީވާނާ ވެގެން އުޅޭވަރަށް އޭނަ އެކުދިންނައިގެން ނޫޅެއެވެ. ހަގީގަތުގައި ވިދާދު މަޅިއެއްގައި ބައްދާލުމަކީ އުނދަގޫކަމެވެ. އެއްވެސް އިރެއްގައި އަންހެނަކާ ހެދި ދިވާނާ ވާރަކަށް މީހަކު ދެކެ އޭނަ ލޯބެއް ނުވެއެވެ. އެފަދަ ހިސާބަކަށް ދިޔަކަ ނުދެއެވެ. ވިދާދު ލޯބިން މީހަކާ ވާހަކަ ދެއްކިޔަސް ވާހަކަ ދައްކާނީ މަދު ދުވަސް ކޮޅަކަށެވެ. އެހިސާބުން އަނެއްކާ ވެސް އާދިމާ އަކަށް މިސްރާބު ޖަހައެވެ. ވިދާދުގެ ހަގީގަތް އެގޭ ކަމަށް އެތަނުގައި ތިބި ކޮންމެ މީހަކު ހިތާހިތުން ދައުވާ ކުރަމުން ދިޔައެވެ. އެކަމަކު ހަގީގަތުގައި ވިދާދުގެ ހަގީގަތް އެނގޭ އެކަކު ވެސް އެތަނުގައި ނެތެވެ. ވިދާދު ގެ މިޒާޖު އެކި ފަހަރު ފެންނާނީ އެކިގޮތަށެވެ.

​ވާހަކަ ދައްކަމުން ކެއުން ކުރިޔަށް ދިޔައެވެ. އިތުރު ބަޔަކު ވަދެދާނެތީ ކެފޭގައި ބަންދު ބޯޑް އެޅުވިއެވެ. ކާއިނާތު ކައުންޓަރު ގައި ހިސާބު ހަމަޖައްސަމުން ދިޔައެވެ. ވިދާދު ކަޅިޖަހާނުލާ ކާއިނާތު ކުރަމުންދާ މަސަތްކަތައް ބަލަމުން ދިޔައެވެ. މިރުފާންގެ ނަޒަރު ހުއްޓިފައި ހުރީ ވިދާދަށެވެ. ކޮންމެ ވެސް ބޮޑުކަމެއް ވެއްޖެ ކަމަށް މިރުފާން ޔަގީން ކުރިއެވެ. ވީކީއްތޯ ބަލަން ދެން ތިބި އެކުވެރިން ވެސް ބޭނުން ވިއެވެ. އެމީހަކަށް ހީވާ ހީވުމެއް އެވަގުތު ކާން ތިބެގެން ފާޅު ކުރަމުން ދިޔައެވެ. އެމީހުން ދައްކާ ކޮންމެ ވާހަކަ އަކަށް ވިދާދު ހަމައެކަނި ހިނިތުންވެލައެވެ.އޭނާގެ ހިތް ބޭނުންވާ ކަމަކީ ކޮބާކަން މިހާރު ވަނީ ހުދު އޭނާ އަށް ވެސް އޮޅިފައެވެ. އެނގޭ ކަމަކީ އެއަންހެން ކުއްޖާ އަށް ބަލާލާ ކޮންމެ ފަހަރަކު ހިތް ބާރަށް ތެޅިގަނެގެން ދާކަމެވެ. ދައުރު ވަމުންދާ ލޭނާރު ތަކުގެ މަސައްކަތް އަވަސްކަމެވެ. ބުނެދޭން ނޭނގޭހާ ވަރަށް ސިކުނޑި މަސައްކަތް ކުރަމުން ދާކަމެވެ.

​ޖާދުގެ ނަޒަރު ވެސް ހުއްޓިފައި ހުރީ ކައުންޓަރުގައި މަސައްކަތް ކުރަން އިން ކާއިނާތު އަށެވެ. އެސޫރައަކީ އޭނަގެ ހިތްވެސް ކޮންޓްރޯލުން ނައްޓުވާލި ސޫރައެކެވެ. އެކަމަކު އެއިން އެއްވެސް ކަމެއް އޭނަގެ އެކުވެރިން ނަށް އެނގޭކަށް އޭނަ ބޭނުމެއް ނޫނެވެ.

​"ބުނެބަލަ. އެކުއްޖާ ކުރެން ކަމަކު އެދުނީމައި އިންކާރު ކުރީތަ؟"ޖާދު ގޮތް ބަލާލަން އަހާލިއެވެ. ޖާދު އެހެން ބުނުމުން މިފަހަރު ވިދާދު ހިތްހަމަ ނުޖެހުން ފާޅު ކުރިއެވެ. ކީއްވެގެން ކަމެއް ހުދް ވިދާދު އަކަށް ވެސް ނޭނގުނެވެ. ދެލޯ އަޅާލަމުން ޖާދު އަށް ބަލާލިއެވެ.

​"އަހަރެން އެއްވެސް މީހެއްގެ ކައިރިޔަކަށް ނުދަން. ކޮންމެ މީހަކު ވެސް އަންނަނީ އަހަރެން ކައިރިޔަށް. އަހަރެން ނަކީ މީހުން ކުރެން އާދޭސް ކޮށްގެން ކަންކަން ކުރާ ވަރަށް ވުރެން ފުރިހަމަ މީހެއް. އެކަން ނޭނގޭތަ؟" ވިދާދު ޖާދު އަށް ބުންޏެވެ. އެވަގުތު ކާއިނާތު އެމީހުންނާއި ދިމާއަށް އަންނަތަން ފެނުމުން ވިދާދު ވާހަކަ ދެއްކުން ހުއްޓާލިއެވެ. އެމީހުން ކައިނިމިފައި ހުރި ތަށިތައް ކާއިނާތު ނަގަމުން ދިޔައެވެ. ޖާދު ފަރުވާތެރި ކަމާއި އެކީގައި ކާއިނާތުގެ ދޮން މޫނަށް ބަލާލިއެވެ. އެމޫނުގަ އެވާ ޖާދޫވީ އަސަރުގައި އެތަނުގައި ތިބި ކޮންމެ މީހަކަށް ވެސް ޖެހިދާނެކަން ޖާދު އަށް ޔަގީން ކުރެވުނެވެ. ވިދާދު އެމަޅީގައި ނުޖެހި ސަލާމަތުން ދާނީ ވަކި ކިހިނެއްހެއްޔެވެ. މާކުރިން ވެސް ޖާދު އަށް އެކަން އެނގެއެވެ. ކާއިނާތު ތަށިތައް ހިފައިގެން ހިނގައިގަތުމުން ޖާދު ވާހަކަ ދައްކަން ފެށިއެވެ.

"ސިނގިރޭޓް ފޮއްޓެއް ގެނެސް ދީފާނަންތަ؟" މަޑުމަޑުން ޖެހިލުންވެފައިވާ ރާގަކަށް ޖާދު އަހާލިއެވެ. ކާއިނާތު ހިނގުން ހުއްޓާލަމުން ޖާދު އަށް ބަލާލިއެވެ.

​"މާފްކުރޭ. މިކެފޭގައި ސިނގިރޭޓް ބުއިން މަނާ."ކާއިނާތު ހިނގައިގަތެވެ. ޖާދު ވިދާދަށް ބަލާލިއެވެ. ވިދާދު ހޭންފެށިއެވެ. އެކެފޭގައި ސިނގިރޭޓް ބުއިން މަނާކުރަން އެއީ ކާކުހޭ ދެންތިބި މީހުން ސުވާލު ކުރިއެވެ. އޭގެ ޖަވާބުގައި ވިދާދު ކޮނޑު އުފުލާލިއެވެ.

​"މިތާގަ މަނާ ބޯޑު ނުވެސް ނެތް."ފިރާޒަށް ވެސް ބުންޏެވެ.

​"މިވަނީ ކިހިނެއް ވިދާދު؟"ދެން ތިބި މީހުން ވެސް ވިދާދާއި ކޮށްލީ ސުވާލެކެވެ. އެސުވާލު ތަކަށް އޭނަވަކި ދޭނީ ކޮންޖަވާބެއް ހެއްޔެވެ. ކާއިނާތުގެ ދުލުން ބުނިއެޖުމްލަ އެމީހުން ނެކޭ އެއްގޮތައް އޭނަ ޔަށް ވެސް އިވުނީ އެވަގުތުއެވެ. މަނާ ބޯޑު ނެތަސް އެތަނަކީ ސިނގިރޭޓް ބުއިން މަނާ ތަނެއް ކަމުގައި އެއަންހެން ކުއްޖާ ނިންމައިފިއެވެ.

ވިދާދުގެ މޫނުމަތިން ފެންނަމުން ދިޔަ އުޖާލާކަން އެތަނުގައި ތިބި އެންމެން ވެސް ފާހަގަ ކުރިއެވެ. ކާއިނާތު ދިޔަދިމާ އަށް ބަލަހައްޓައިގެން ހެވިފައި އޭނާ އަށް އިނދެވުނުކަން ހުދު އޭނާ އަށްވެސް ނޭނގެއެވެ. އެންމެ ފަހަރަކު ވެސް އެއަންހެން ކުއްޖާ އޭނާޔާއި ދިމާއަށް ބަލައެއް ނުލިއެވެ. އަޖައިބެއް ކަހަލަ ކަމެކެވެ. އެކަން ވިދާދުގެ ހިތަށް އަސަރު ކުރުވި ކަމަކަށް ވިއެވެ. އެތަނުގައި ދައްކަމުން ދިޔަ އެއްވެސް ވާހަކަ އެއް ވިދާދަށް ނޭނގޭ ކަހަލައެވެ. ކާއިނާތުގެ ފަރި ހަރަކާތް ތަކަށް ގެއްލެމުން ދަނިކޮށް ބިލް ގެނެސް އޭނާ އަށް ދިއްކޮށް ލިއެވެ. މިރުފާން އާއި ދެން ތިބިމީހުން ކާއިނާތަށް ބާލިއެވެ. ވިދާދު ހަމަޖެހިލައިގެން ގޮނޑީގައި ލެގިލަމުން ކުރިމަތީގައި ހުރި ޒުވާން ރީތި އަންހެން ކުއްޖާ އަށް ބަލާލިއެވެ. މިރުފާން އެއްޗެއް ބުނަން އުޅުމުން ފިރާޒް އެކަން މަނާ ކުރިއެވެ. އިތުރަށް އެއްވެސް މީހަކު އެއްޗެއް ނުބުނެ ކުރިމަތީގައި ހުރި ކާއިނާތަށް ބަލަމުން ދިޔައީއެވެ.

​"ތިއީ ކޯއްޗެއް؟" ވިދާދު ނޭނގޭ ކަމަށް ހަދާލާފައި އަހާލިއެވެ.

​"ބިލް." ކުރު ޖަވާބެއް ކާއިނާތު ދިނުމުން ވިދާދު ބިލަށް ބަލާލިއެވެ.

​"އަހަރެން ހަނދާން ނެތި ވޮލެޓް ނުގެންނަން. ސޮރީ."ވިދާދު ލާނެތް ރާގަކަށް ބުނެލިއެވެ. ވިދާދު ކުރަން އެއުޅޭކަމެއް ހުދު ވިދާދަކަށް ވެސް ނޭނގެއެވެ. ވޮލެޓް ނުގެންނަކަމަށް ބުނެ ދޮގުހެދި ސަބަބު ނޭނގިފައި ދެން ތިބި މީހުން ވެސް ތިއްބެވެ. އަދި އެޔަށް ވުރެން ބޮޑަށް އެމީހުން ޙައިރާން ކުރުވީ ވިދާދަށް ބިލް ގެނެސް ދިނުމުންނެވެ. ވިދާދަކީ ކާކުކަން ކުރިމަތީގައި އެހެރަ ވެއިޓަރަށް ނޭނގެނީކަން ޔަގީނެވެ. ނޫނީ އެދެމީހުން ދޭތެރޭ ގައި ހިނގާފައި އޮތް މުއާމަލާތަކުން އެގޮތަށް ކަންތައް ކުރަނީކަން ނޭނގެއެވެ. އެހުރިހާ ކަމެއް ހަމަ އެނގެނީ އެދެމީހުންނަށެވެ.  

​"ތިބޭފުޅާ އަތުގައި ވޮލެއްޓު ނެތިއްޔާ ދެން ގެނައި ބޭފުޅަކު ދައްކާލާ."މޭޒު މަތީގައި ބިލް ބާއްވަމުން ކާއިނާތު ބުނެލިއެވެ. އޭނާގެ ރާގުގައި ވަނީ ހަރުކަށި ކަމެވެ. ރުޅި ވެރިކަމާއި ކުރިމަތީގައި އިން ވިދާދަށް ޓަކާ އުފެދިފައިވާ ނަފުރަތުކަން ބުނެލި ރާނގުން އެނގިގެން ދިޔައެވެ.

​"ސޮރީ... އެކަކު ވެސް ވޮލެޓެއް ނުގެނޭ. ދެން ދަރަނި ފޮތުގައި ޖަހާލަދީ." ލާނެތް ރާގަކަށް ވިދާދު އަނެއްކާ ވެސް ބުނެލިއެވެ.

ކާއިނާތު ހަށިފުރާ ނޭވާއެއް ލިއެވެ. ވާހަކަ ދެއްކިޔަސް އެމީހުން އެމީހުންގެ ގޮތުގައި ތިބޭނެކަން އޭނާއަށް އެނގެއެވެ. އެއީ މުޅިން އާކަމެއް ނޫނެވެ. ބައްޕަގެ ކެފޭ އަށް އަންނަ ޒުވާން އުމުރުގެ ކުދިން ވެސް އޭނަޔަށް ކުރާ ޖެއްސުމެއްކަމުން ވިދާދުމެން އެކުރާ ސަމާސާ އާވާނީ ކިހިނެއް ހެއްޔެވެ. އެންމެންގެ މޫނަށް ބަލަމުން ގޮސް ވިދާދުގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އަދި ހަމަޖެހިލަމުން ބުމަ އަރުވާލިއެވެ. ތިއީ ތިމީހުންގެ ފެންވަރު ދޯއޭ ބުނާ ކަހަލަ އެވެ. އިތުރަށް އެއްޗެއް ނުބުނެ އެނބުރި ކެފޭއިން ނިކުންނަށް ހުރި ދޮރާއި ދިމާއަށް ހިނގައިގަތެވެ. ވިދާދަށް އެންމެން ބަލާލިއެވެ. އޭރުވެސް ވިދާދު އިނީ ހަމަޖެހިލައިގެން ނެވެ. އެއަންހެން ކުއްޖާ ކުރަން އެއުޅޭ ކަމެއް ނޭނގިފައެވެ. އެކަމަށް ވިސްނާލާ ވަރަށް ވުރެން ބޮޑަށް ވިދާދަށް ވިސްނެމުން ދިޔައީ އެއަންހެން ކުއްޖާގެ ރީތި ކަމަށެވެ.  

ކާއިނާތު ބޭރަށް ނިކުމެ ދޮރު ތަޅުލިއެވެ. ވިދާދު ގެ ތުންފަތްމަތިން ލާނެއްހިނިތުން ވުމެއް ފާޅުވިއެވެ. ވިދާދާއި އެކީގައި ދެން ތިބި މީހުން ވެސް ހޭންފެށިއެވެ. އެއަންހެން ކުއްޖާ ކުރަން އެއުޅޭ ކަމެއް އެތަނުގައި ތިބި މީހުންނަށް ނޭނގޭތީ ހެމުން އެކަކު އަނެކަކަށް ބަލާލިއެވެ.

​"ވިދާދު މިވަނީ ކިހިނެއް؟ދޮރު ތަޅުލާފައި އަނެއްކާ އެމަންޖެ ދާންތަ އެއުޅެނީ"ފިރާޒް ވިދާދަށް ބަލާލަމުން ސުވާލު ކޮށްލިއެވެ.

​"ކީއްކުރަން ބާ އެއުޅެނީ؟"މިރުފާނަށް ވެސް އަހާލިއެވެ.

 

އަދި ނުނިމޭ

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy