ދިވެހީންގެ ރާއްޖެއަށް 1 އަހަރު: މާދަމާ މާ އުޖާލާވާނެ!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިއަދަށް އަހަރެއްވެފައިވާ އިރު، ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި އެތައް ކަމެއް ވަނީ ފުއްދަވައި ދެއްވައިފައެވެ. އަދި ބާކީ ހުރި ވައުދުތައް ފުއްދެވުމުގެ މަސައްކަތް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ. އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ ވެރިކަމުގެ ހުވާ ކުރައްވާ ފުރަތަމަ ދުވަހު، ހުރިހާ ކަމެއް ފުރިހަމަ ކުރައްވާކަށް ނޫނެވެ. އެކަންކަމަށް ވަގުތު ބޭނުންވާނެއެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދުފުޅަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ. ވެރިކަމުގެ ހުވާ ކުރެއްވި ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ އަމަލީ މަސައްކަތް ރައީސް ފެއްޓެވިއެވެ. އެގޮތުން އެކަމަށް ވަކި ވަފުދެއް ކަނޑައަޅައި ސިފައިން ބޭލުމާއި ބެހޭ ގޮތުން ގިނަ ބައްދަލުވުންތަކެއް ރާއްޖެ އާއި އިންޑިއާގައި ވަނީ ބާއްވައިފައެވެ.

ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުފުޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ވައުދުފުޅަކީ ގޮތް ނޭނގޭ އެއްބަސްވުންތަކެއްގެ ތެރެއިން ރާއްޖޭގައި ޤާއިމްވެ ތިބި ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވާލެއްވުމެވެ. އެގޮތުން ރާއްޖޭގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ތިބެގެން ނުވާނެކަމަށާއި ދިވެހި ޤައުމުގައި ޤާއިމްވެތިބި ހުރިހާ ބޭރުގެ ސިފައިން ޑިޕްލޮމެޓިކް ރިވެތި އުޞޫލުގެ ދަށުން އަނބުރާ ޤައުމަށް ފޮނުވާލައްވާނެކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅު، އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފުރަތަމަ އަހަރުގެ ތެރޭގައި މިވަނީ ފުއްދަވާފައެވެ.

ހަމައެހެންމެ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކޮށް ވަރުގަދަކުރެއްވުމަށްޓަކާވެސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 52 ހަފްތާގެ ތެރޭގައި މިވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެއްވޭ އެއް މަސައްކަތަކީ ދިވެހި ޤައުމީ ދިފާޢީ ބާރުގައި ފުރަތަމަ ފަހަރަށް ވައިގެ ގޮތްޕެއް އުފައްދަވާ، އެންމެފަހުގެ ޒަމާނީ ޑްރޯންތަކާއެކު ރާއްޖޭގެ ސަރަޙައްދު 24 ގަޑިއިރު ބެލެހެއްޓޭނެ ޤާބިލުކަން ޤާއިމުކޮށްދެއްވުމެވެ.

ދިވެހި ސިފައިންގެ ޚިދުމަތަށް މުޅިން އަލަށް ތަޢާރަފުކުރި އާންމޭންޑް އޭރިއަލް ވެހިކަލް، ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރު ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ. އަދި ރޭގަނޑު އަނދިރީގައިވެސް ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލުކަން މި އުޅަނދަށް ލިބިފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަލާމަތީ ފައުޖެއްގެ ގޮތުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ އެލީޓް ޔުނިޓް، ސްޕެޝަލް ބޯޓް ސްކޮޑްރަން، ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. އަލަށް އިފުތިތާހުކުރި އެސްބީއެސްއަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ތެރޭގައި ޚާއްޞަ ތަމްރީނު ލިބިފައިވާ އެލީޓް މެރިޓައިމް ޔުނިޓެކެވެ. މިއީ މެރިޓައިމް ޑޮމެއިންގައި ރެޕިޑް ރެސްޕޮންސްއާއި ހައި ސްޓޭކްސް އޮޕަރޭޝަންތަކަށް ޚާއްޞަ ޔުނިޓެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި، ޤައުމީ ދިފާޢީ ބާރުގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކޮށްދިނުމަށްޓަކާ ބޭނުންވާ ވަޞީލަތްތައް އިތުރުކުރުމަށް މިފެށޭ 2025 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިންނާއި ބޭރުގެ އެހީގައި މުހިންމު މަސައްކަތްތަކެއް ކުރައްވާނެކަމަށް މިއަހަރުގެ ނަޞްރުގެ ދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ، ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ، ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެހި، ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައި އޮތް ދަނޑިވަޅެއްގައެވެ.

ވެރިކަމަށްވަޑައިގެން އެމަނިކުފާނަށް އެންމެ ފުރަތަމަވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އިމްތިޙާނަކީ ރާއްޖޭގެ އިޤްތިޞާދު ހަމަ މަގަށް އެޅުވުމެވެ. އެހެންކަމުން ކުރީ ސަރުކާރުން ވާރުތަވި ދަރަނިތައް މެނޭޖްކުރުމާއި، އިޤްތިޞާދީ ދުވެލި އަދި ތަރައްޤީގެ އިންޖީނު އަލުން ހިންގައިގަތުމަށް ރައީސް ޑރ. މުޢިއްޒު ވަނީ އަވަސް ފިޔަވަޅުތަކެއް ދައުރުގެ އެންމެ ކުރީކޮޅު އަޅުއްވަން ފަށްޓަވާފައެވެ.

މިގޮތުން އެންމެ މުހިންމު އެއް މަސައްކަތަކީ ޢުމްރާނީ ތަރައްޤީގެ ރޮނގުން ރާއްޖޭގައި މިވަގުތު ކުރިއަށްދާ އެންމެ ބިޔަ ދެ މަޝްރޫޢުކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ތިލަމާލޭ ބްރިޖުގެ މަސައްކަތުގެ ސްޕީޑް އަވަސްކުރެއްވުމެވެ. މި ދެ މަޝްރޫޢަށް އިންވެސްޓްކުރާ ޑޯނަރ ޕާޓްނަރުންނާއި، މަޝްރޫޢުގެ ޢަމަލީ މަސައްކަތްކުރިއަށްދާ ކޮންޓްރެކްޓަރުންނާއެކު ސަރުކާރުން ބޭއްވެވި މަތީފަންތީގެ މަޝްވަރާތަކާއެކު މި ދެ މަޝްރޫޢުގެ ދުވެލިވެސް މިހާރު ވަނީ ބޮޑުތަނުން އަވަސްކުރެވިފައެވެ.

ތިލަމާލޭ ބްރިޖުގެ މަސައްކަތަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ނިމިފައިވަނީ ބްރިޖުގެ އެންމެ %28.70 މަސައްކަތްކަމަށެވެ. އެހެންނަމަވެސް މިއަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހާއި ހަމައަށް، މިވޭތުވެދިޔަ 52 ހަފްތާގެ ތެރޭގައި ބްރިޖުގެ %46.58 މަސައްކަތް ވަނީ ނިމިފައެވެ.

އެކި ފަހަރު އެކި ތާރީޚްތައް ދެމުންދިޔަ މި މަޝްރޫޢުވެސް ކަނޑައަޅާފައިވާ ޓައިމްލައިނަށްވުރެ ދިގުދެމިގެންދިޔަ ނަމަވެސް މިހާރުގެ އަންދާޒާއަކީ މިފެށޭ 2025 ވަނަ އަހަރު ބޮޑެތި ކުރިއެރުންތަކެއް މި މަޝްރޫޢުގެ ތެރެއިންވެސް ލިބިގެންދާނެކަމަށެވެ.

ވީއައިއޭ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އައު ފަޔަރ ސްޓޭޝަނާއި، އައު ކާގޯ ޓަރމިނަލާއި، އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ނިޒާމުގެ މަސައްކަތް ނިންމާ މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ.

މި މަޝްރޫޢުގެ ތެރެއިން މިހާރު އެންމެ ބާރަށް ކުރިއަށްދާ މަސައްކަތަކީ އަހަރަކު 7 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރަމުންދާ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލްގެ މަސައްކަތް ނިންމުމެވެ.

މި ޓަރމިނަލަށް ބޭނުންވާ ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތެއްހެން މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ އެއިރޯ ބްރިޖްތަކާއި ޓަރމިނަލް އޮޕަރޭޝަނަލައިޒް ކުރުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށް، އެތެރޭގައި ކުރަންޖެހޭ މަސައްކަތްތަކެވެ.

ސަރުކާރުގެ އަމާޒަކީ މިތަން އަންނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގެ ތެރޭގައި ފުލްފްލެޖްޑް ތަނެއްގެ ގޮތުގައި އޮޕަރޭޝަނަށް ގެނައުމެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާއިރު، ވީއައިއޭގެ ތަރައްޤީ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކާ މިއަހަރުގެ ޖެނުއަރީމަހުގެ 4 ވަނަ ދުވަހު ވަނީ މި މަޝްރޫޢުގެ ދެވަނަ ފިޔަވަހިވެސް އިފްތިތާޙްކޮށްފައެވެ.

ދެވަނަ ފިޔަވަހީގެ ތެރެއިން އެއަރޕޯޓުގެ ޓަރމިނަލާއި ތެޔޮ ރައްކާކުރުމާއި ޕާކިން ކެޕޭސިޓީ އެތައް ގުނައެއް އިތުރުކުރެވިގެންދާނެއެވެ. ހަމައެހެންމެ އެއަރޕޯޓު ކައިރީ އޮތް ފުނަދޫ ޚާއްސަ އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުން ހިމެނެއެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ އަހަރަކު 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް މައި އެއަރޕޯޓް ގެނައުމެވެ.

ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކޮށް، ބޭރުގެ ދަރަނި މެނޭޖްކުރުމަށް ރައީސް ޑރ. މުޢިއްޒު ނިންމެވި އެންމެ ހަރުދަނާ އެއް ނިންމެވުމަކީ ފައިސާ ޗާޕުކުރަމުންދިޔަ ދިޔުން ހުއްޓާލެއްވުމެވެ. އެމަނިކުފާނު މިހާރުވެސް ދެއްވާ ޔަޤީންކަމަކީ ދެންވެސް މި ސަރުކާރުން ޤައުމު ހިންގާނީ ޕަބްލިކް އެކައުންޓް އޯވަރޑްރޯ ނުވަތަ ފައިސާ ޗާޕުނުކޮށްކަމުގެ ޔަޤީންކަމެވެ.

ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ބިލުތަކާއި މުވައްޒަފުންނަށް މުސާރަ ދިނުމަށް 8 ބިލިޔަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ޗާޕުކޮށްފައިވާއިރު، މި ސަރުކާރުން ދައުލަތުގެ ޚަރަދުތައް ހަމަޖައްސަމުން ދަނީ އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށްކަން އެއީ މާލީ އިދާރާތަކުން ތަޢުރީފާއެކު ފާހަގަކުރާ ކަންކަމެވެ. އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށް، އާމްދަނީ ހޯދައިގެން އެކި ފަރާތްތަކަށް ދައްކަން އޮތް 13 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ ދައްކާ ޚަލާސްކޮށްފައެވެ.

މިއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ފެށްޓެވި އަނެއް މުހިންމު މަސައްކަތަކީ ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެންނަވާ، އަމްދަނީ ލިބޭނެ އިތުރު ސިނާޢަތްތަކާއި މަސައްކަތްތައް ތަޢާރަފުކުރެއްވުމެވެ. އެގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ސްޕެޝަލް އިކޮނޮމިކް ޒޯންތައް ޤާއިމުކުރެއްވުމާއި، އުތުރުތިލަފަޅުގައި ދަނޑުވެރިކަމަށް ޚާއްސަ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމުކުރެއްވުމާއި، ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް ސަރަޙައްދުތައް ކަނޑައެޅުއްވުމާއި، ބަންކަރިންގެ ޚިދުމަތް ތަޢާރަފުކުރެއްވުމަށް ނިންމެވި ނިންމެވުމަކީ މިގޮތުން ކުރެވުނު މުހިންމު މަސައްކަތްތަކެކެވެ.

ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 1.5 މިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިޔަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނަކަމަށް ސަރުކާރުން ވިދާޅުވެއެވެ.


ކޮމެންޓް

team

ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނަން: ރައީސް

9 މިނިޓު ކުރިން
team

ރަސްމާލެ މަޝްރޫއު: މުޅިއެކު 215 ހެކްޓަރުގެ ބިން ހިއްކައިފި

7 ގަޑިއިރު ކުރިން
team

ދެ ލޯބިވެރިންގެ މެދުގައި ޒުވާބު ހިންގައި ވަޅި ހަރައިފި

11 ގަޑިއިރު ކުރިން
team

ސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވައިލައްވައިފި

13 ގަޑިއިރު ކުރިން
team

ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީއަކަށް ޝަހީދު އައްޔަން ކޮށްފި

1 ދުވަސް ކުރިން
team

ތަހުގީގު އޮފިސަރާ ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފި

1 ދުވަސް ކުރިން
team

ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވޭ ގޮތަށް ހަދަނީ

1 ދުވަސް ކުރިން
team

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ފަހި ބަދަލުތަކެއް

1 ދުވަސް ކުރިން
team

ފަޒުލް ރަޝީދުއަށް ދައުވާ ނުކުރަން ނިންމައިފި

1 ދުވަސް ކުރިން
team

55 ކައުންސިލް އިދާރާގެ މަސައްކަތް ޖޫނަށް ނިންމަނީ

1 ދުވަސް ކުރިން
team

އެމްޑީޕީން ފުލެޓު އަތުލާފައިވާ ފަރާތްތަކަށް މި ސަރުކާރުން ފުލެޓު ދޭނެ: ރައީސް

2 ދުވަސް ކުރިން
team

ރައީސް ގެ މަސައްކަތް ބެލެނިވެރިން ބަލައިގަންނަނީ އުފަލާ އެކު: ސިނާން

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy