—
އޭނަ ހަޔާތު ދެކެ އިންތިހާއަށް ލޯބިވެއެވެ. ގިސްލެވެމުން ދިޔައެވެ. އަމިއްލަ ނަފުސުދެކެ ރުޅިވެސް އާދެވެމުން ދިޔައެވެ. އަނެއްކާވެސް ފޯނު ނަގައި ހަޔާތު ފޮނުވާފައި ހުރި މެސެޖުތައް ކިޔަން ފެށިއެވެ. މެސެޖުތައް ކިޔަމުން ދިޔަވަރަކަށް ލޮލުން އަންނަމުން ދިޔަ ކަރުނަ ގިނަވަމުން ދިޔައެވެ.
**************
ފަޒާލް ކޮޓަރި ދޮރު ހުޅުވާލައިފައި އެތެރެއަށް ވަނެވެ. ނިދިފައި އޮތް ހަޔާތު އަށް ބަލައިލިއެވެ. އަދި އެނދުކައިރީގައި މަޑުކޮށްލަމުން ނިތްކުރީގައި އަތް ޖައްސާލިއެވެ. މިހާރު ހުން ނެތުމުން ފަޒާލް ހަމަޖެހިލިއެވެ. އަދި ގަޑިޔަށް ބަލާލިއެވެ. އެވަގުތު ހަޔާތުގެ ފޯނު ރިނގުވާން ފެށިއެވެ. ފަޒާލް ގޮސް ފޯނު ނަގައި ބަލާލިއެވެ. ފޯނުގެ ސްކްރީނުން ދޮންތަ ޖަހާފައިވާ ނަމެއް ފެންނަމުން ދިޔައެވެ. ފަޒާލަށް އެއީ ހަޔާތުގެ ދޮންތަ ދޫމާ ކަން އެނގުނެވެ.
"ހަލޯ..."ފަޒާލް މަޑުމަޑުން ފޯނަށް ޖަވާބު ދިނެވެ.
"ހަލޯ ފަޒާލްތަ؟ ކޮބާ ހަޔާތު؟"މަޑުމަޑުން އެކޮޅުން ވާހަކަ ދައްކާ އަޑު އިވުނެވެ.
"ހަޔާތު އަށް އޮތީ ނިދިފައި، ރޭގައި ހުންއައިސްގެން އުޅުނީ."ފަޒާލް މަޑުމަޑުން ވާހަކަ ދައްކަމުން ސޯފާގައި އިށީނެވެ.
"މިހާރު ކިހިނެއް؟"ދޫމާ ހާސްކަމާއި އެކީގައި އަހައިލިއެވެ.
"މިހާރު ހުންމަޑު."ފަޒާލް ބުންޏެވެ.
"އެހެންތަ؟ ބަލިވެއްޖެއްޔާ ވަރަށް ފިނޑިވާނެ، ކުޑަކުއްޖެކޭ އެއްވަރުވާނެ، އަހަރެންގެ ކޮއްކޮ ރަނގަޅަށް ބަލާތި އިނގޭ، ވަރަށް އިތުބާރު ކޮށްފައި ފަޒާލް އާއި ހަވާލު މިކުރީ، ހީކޮށްލާ ހަޔާތު އެއީ ފަޒާލް އަށް އަހަރެން ހަވާލުކުރި އަމާނާތެކޭ." ދޫމާ ޖަޒްބާތުގެ އޮއިވަރެއްގައި ޖެހެމުން ދިޔައެވެ. ނިދިފައި އޮތް ހަޔާތު އަށް ފަޒާލް ބަލައިލިއެވެ. ދޫމާގެ ވާހަކަ ތައް އަޑުއިވުމުން ކުޑަކޮށް ފަޒާލްގެ ތުންފަތް ދެމިލިއެވެ. އެކަމަކު މޫނުމަތިން ފެންނަމުން ދިޔައީ މަޔޫސްކަމެކެވެ. ރޭގައި އޭނަޔާ ހަޔާތު އާއި ދެކެވުނު ވާހަކަ ހަނދާނަށް އައެވެ.
" ފަޒާލް ކިހިނެއް؟"ދޫމާ އަހައިލިއެވެ.
"އަލްހަމްދުލިލާހި... ރަނގަޅު."ފަޒާލް ހިމޭން ރާގެއްގައި ބުންޏެވެ.
"ރޭގައި ކައިވެނީ ގެ ކަންތައް ކިހިނެއްދިޔައީ؟ ރަނގަޅަށްތަ ދިޔައީ؟"ދޫމާ އަހައިލިއެވެ.
"ހޫން... ހީކުރިވަރަށް ވުރެވެސް ރަނގަޅަށް، މިއީ ހަމައެކަނި ކައިވެނި، އަދި ޕާޓީ އޮންނާނެ. އާއިލާ ގެ ހުރިހާ މެންބަރުނާއި އެކީގައި."ފަޒާލް ހަޔާތު އަށް ބަލައިލް އިންގޮތައް އިނދެ މަޑުމަޑުން ބުނެލިއެވެ.
"ހޫން... ދެން ތިހެން ބުނޭ، އަސްލު ވަރަށް ދެރަވި، ހަޔާތުގެ ދޮންތަ އަށް ނުކިއީމަ، ހަމައެކަނި ހުރި ކޮއްކޮގެ ވެޑިންނަށް."ދޫމާ ދެރަވެފައިވާ ރާގެއްގައި ބުންޏެވެ.
"ނުކީކީ ނޫން، މިވަގުތު ބޭނުންނުވީ އެއްވެސް މީހަކު ގެންނަށް، ކައިވެނި ކުރެވެން އުޅުނު ގޮތް ވަރަށް ނާޒުކު އެހެންވެ، އިންޝާ ﷲ ބައްޕަ ރާއްޖެ އާއިމަ ހުރިހާކަމެއް ރަނގަޅު ވެދާނެ."ފަޒާލް މަޑުމަޑުން ބުނެލިއެވެ.
"ދެން އޯކޭ، ހަޔާތު ކައިރީ ބުނާތި ދޮންތަ ގުޅި ވާހަކަ، އިހަށް ބާއްވާލަނީ."ދޫމާ ބުންޏެވެ.
"އޯކޭ..."ފަޒާލް ފޯނު ބާއްވައިފައި ހަޔާތުގެ ފޯނަށް ބަލައިލިއެވެ.
މައުރޫފް ގެ ދެމިސްކޯލް ފެނުނެވެ. ފަޒާލް ހަޔާތު އަށް ބަލައިލިއެވެ. މައުރޫފް އަށް އެހެން ހަދަން ފަޒާލް ދެރަވެސް ވެއެވެ. އެކަމަކު އޭނަ ވެސް މަޖުބޫރެވެ. ނޭނގި ނަމަވެސް އޭނަަޔަށް ލޯބި ވެވުނީ ހަޔާތު ދެކެވެ. އެއީ އޭނަގެ ކުށެއް ނޫނެވެ. ކޮންމެ މީހަކުވެސް ހިތުގެ ކުރިމަތީގައި މަޖުބޫރު ވާނެއެވެ. އޭނަޔަށް ވެސް އޭނަގެ ހިތުގެ ކުރިމަތީގައި ހަނގުރާމަ ކުރާނެހާ ހިތްވަރު ނުލިބުނީއެވެ. އިއްތިފާގުން އެރޭ ހަޔާތު އާއި ދިމާ ނުވިނަމަ ހަޔާތު ވެސް ވާނީ އޭނަ ކުޅެމުންދާ ޑްރާމާގެ ހިއްސާއަކަށެވެ. އެކަމަކު އެޑްރާމާގެ ހިއްސާއަކަށް ހަޔާތު ހަދާކަށް އޭނަ ބޭނުމެއް ނޫނެވެ. އޭނަ މިހާރު ބޭނުންވަނީ ހަޔާތު އަށް އޭނަގެ ސޫރަ ދައްކާށެވެ. ހަގީގީ ފަޒާލް އޭނަގެ އަނބިމީހާ އަށް ދައްކާށެވެ. އެކަމަކު އެހެން ވާކަށް އަދި ނެތްކަން ފަޒާލަށް އެނގެއެވެ. އޭނަގެ ރީތި ސޫރަ ދެކެ ހަޔާތު ލޯބި ވުމަށް ވުރެން ބިރުވެރި ހަނޑި ސޫރަ ދެކެ ލޯބިވާން ޖެހޭނެއެވެ. ކުރިޔަށް އޮތްތާގައި ހަޔާތު އަށް ހަގީގަތް އެނގިއްޖެއްޔާ ނުކުމެދާނެ ނަތީޖާ އަކަށް ވިސްނާކަށް ފަޒާލް ބޭނުމެއް ނުވެއެވެ. އޭނަގެ ބޭބެ ގެ ސޫރަ ދެކެ ނަފުރަތު ކުރި މީހުންނަށް އޭނަ ސަޒާ ދޭން ބޭނުން ވެއެވެ. އެކަމަކު އެސަޒާ ދޭން އޭނަ ކުރިޔަށް ފިޔަވަޅު އަޅާއިރު ދޫމާ އަށް ވިސްނާލެވެއެވެ. ދޫމާ ގެ ނުކުޅެދުން ތެރިކަމަށް ވިސްނާ ލެވެއެވެ.
ފަޒާލްގެ ދެލޯ ފެންކަޅި ވިއެވެ. އަދި ޖީބުން ވޮލެޓްނަގައި ހުޅުވައިލިއެވެ. އޭގައި އޭނަގެ ބޭބެގެ ޒުވާން އުމުގެ ފޮޓޮއެއް އޮތެވެ. އުމުރުން 22 އަހަރުގެ ރީތި ޒުވާނެކެވެ. ފަޒާލް އާއި އެއްވެސް ތަފާތެއް ނެތެވެ. ފަޒާލް ރަނގަޅަށް ފޮޓޯ ވޮލެޓުން ނެގިއެވެ. ފޮޓޯ އޮތީ ފަތްޖަހާލާފައި ކަމުން ރަނގަޅަށް ފޮޓޯ ހުޅުވައިލިއެވެ. ފަޒާލްގެ ބޭބެ އާއި ޖެހިގެން އުފާވެރި ގޮތަކަށް ހެވިފައިން 16 ވަރަކަށް އަހަރުގެ އަންހެން ކުއްޖަކު އިނެވެ. އެއީ ފަޒާލް އާއި އެންއުމުރެއްގެ ކުއްޖެކެވެ. ފަޒާލްގެ ލޯ އޮޅުވާ ނުލާ ނަމަ އެއީ ހަޔާތުގެ ދޮންތަ ދޫމާގެ ފޮޓޮއެކެވެ. ފަޒާލް ހަޔާތު އަށް ބަލައިލިއެވެ. ލޮލުން ކަރުނަ ކޯތާފަތް މައްޗަށް ފައިބައިގެން ދިޔައެވެ.
ހަގީގަތަކީ ކޮބާކަމެއް ނޭގި ދޫމާ އާއި ދޭތެރޭގައި އޭނަ ހިތުގައި އެތައް ނަފުރަތެއް ފޮރުވައިގެން އުޅުނެވެ. ދޫމާ އަށް ރަނގަޅު ގޮތެއް ނުވުމަށް އެތައް ދުޢާ އެއް ކުރެވުނެވެ. އަރީޝާ އާއި ކައިވެނި ހަމަޖައްސާފައި ބައްޕަ އެވާހަކަ ބުނުމުން ފުރަތަމަ އިންކާރު ކުރިއެވެ. އެކަމަކު އޭނަގެ އުފަންރަށުގެ ކުއްޖެއް ކަން އެނގުމުން ދޫމާ އާއި ބައްދަލު ކުރެވޭނެތީ އައީ އެވެ. އޭނަ މާލެ އެއާރ ޕޯޓަށް ފޭބިތަނުން އަރީޝާ އާއި އޭނަގެ ކައިވެނި ކެންސަލް ވިވާހަކަ ބުނުމުން ދެރަވި ވަރަށް އުފާ ވިއެވެ. އޭނަގެ ކުރެހުމުން ތައްޔާރު ކޮށްފައިވާ އޭނަގެ ބޭބެގެ ފޮޓޯ ކާމިޔާބު ކަމާއި އެކީގައި އެކައިވެނި ކެންސަލް ކޮށްލެވުނީމައެވެ. އައްޑޫ އަށް އޭނަ އައީ ހަމަ އެކަނި ދޫމާ އަށް ޓަކައެވެ. އޭނަގެ ހިތުގައި އުފެދިފައިވާ ނަފުރަތުގެ ބަދަލު ހިފުމަށްޓަކައެވެ. އެކަމަކު މަގުމަތިން ވާން އުޅުނު އެކްސިޑެންޓްގެ ސަބަބުން ހަޔާތު އާއި ކުރިމަތިލާން ޖެހުނީއެވެ. ގޮނޑީގައި އިނީ ދޫމާ ކަމެއް އޭރަކު ފަޒާލަކަށް ނޭނގެއެވެ. އެދެމީހުންގެ ވާހަކަ އަޑު އަހާ ދޫމާ އާއި ހަޔާތުގެ ގުޅުން ފެނިފައި އިތުރަށް އެ ދެބެންގެ ހަގީގަތް ހޯދަން ފަޒާލް ބޭނުންވީއެވެ. ދޫމާ ދެކެ ވެވުނު ނަފުރަތު ހަޔާތު ދެކެ ވެވުނު ލޯބިން ފުހެވިގެން ހިނގައްޖެއެވެ. މިފަހަރު ފަޒާލަށް ރަށަށް ނާދެވުނު ނަމަ އެއްވެސް ހަގީގަތެއް ނޭނގި މުޅި އުމުރު އެނުކުޅެދޭ ކުއްޖާ ދެކެ ނަފުރަތު ވުމުގައި ފަޒާލް ހޭދަ ކޮށްލާނެއެވެ. އޭނަގެ ބޭބެ އަށް ދިމާވި އަލިފާނުގެ ހާދިސާ އާއި ހަމަ އެރޭ އެރަށުގައި ހިނގި ކާރު އެކްސިޑެންޓާ ހުރި ގުޅުން އެނގުނީ ފަޒާލް ހޯދަން އުޅުމުން ނެވެ. ކާރު އެކްސިޑެންޓުގައި ހަޔާތުގެ މަންމަ އާއި ބައްޕަ ނިޔާވެ އެއްބަނޑު އެއްބަފާ ދައްތަ ނުކުޅެދޭ މީހަކަށް ވީއެވެ. އަލިފާނުގެ ހާދިސާ އަކީ ބަޔަކު ރާވައިގެން ހިނގި ކަމެއްކަން އެނގުނީމައި ފަޒާލް ގެ ހިތުގައި ބަދަލު ހިފުމުގެ ޖޯޝު އާލާ ވިއެވެ. ހަޔާތު ގެ މައިން ބަފައިން ނައްތާލަން ރޭވި ރޭވުމުގެ ޝިކާރަޔަކަށް އޭނަގެ ބޭބެ ވީއެވެ. އެއްފަޅި އަނދާ މީހާގެ ސިފަ ހުތުރުވީއެވެ.
ފަޒާލް ފެންކަޅިވެފައިވާ ދެލޯ މަރައިލިއެވެ. އޭނަ އެދުވަސް ހަނދާން ނެތޭނީ ކިހިނެއް ހެއްޔެވެ. ސްކޫލުން ގެޔަށް އައިއުރު ބައްޕަ ހުރީ ހާސްވެ ކަންބޮޑުވެފައެވެ. މަންމަ ވެސް ހާސްކަމާއި އެކީގައި އެކަކަށް ގުޅައިފައި އަނެކަކަށް ގުލައިފައި އުޅެއެވެ. ވާނުވާ ނޭނގިފައި ފަޒާލް އިނީއެވެ.
"ނައީމާ އަހަރެން މިދަނީ މާލެ ދާން... އަލީ މިހާރު އެބައާދޭ..."މުހައިމުން ކޮޓަރިޔާއި ދިމާ އަށް ދަމުން ބުންޏެވެ.
"އަހަރެން ވެސް ދާނަން."ރޮމުން ނައިމާ ބުންޏެވެ.
"ނޫން ނައީމާ... އަހަރެން އެކަނި ގޮސް ފަވާޒް ގޮވައިގެން އަންނާނަން."މުހައިމިނު ކަނބޮޑުވުމާއި އެކީގައި ބުންޏެވެ.
"މަގޭ ދަރި... ތިހެން ނުހަދާ މުހައިމިން އަހަރެން ގެންދޭ އެސޮރު ކައިރިޔަށް، އަހަރެންގެ އެހީ އެސޮރަށް މިހާރު ބޭނުން ވާނެ."ރޮމުން ނައީމާ ބުންޏެވެ.
"ދެން އެކަމަކު އަހަރެން މިދަނީ ފަވާޒް ބަލާ... އޭނަ ގޮވައިގެން އަހަރެން އަންނާނީ."މުހައިމިނު އިތުރަށް ވާހަކަ ދައްކަން ނުހުރެ އެތެރެއަށް ވަދެ ކުޑަފޮށި ހިފައިގެން ނިކުތެވެ.
ފަޒާލް ކަރުނަ ފުހެލިއެވެ. އޭނަ އެހަނދާން އާކުރާކަށް ބޭނުމެއް ނޫނެވެ. އެކަމަކު އެއީ އޭނަގެ ލޯކުރިމަތިން ހިނގާ ދިޔަ ހާދިސާ އެވެ. 10 ދުވަސް ފަހުން އޭނަގެ ބައްޕަ ބޭބެ ގޮވައިގެން އައީ އެެއްވެސް އުންމީދެއް ނެތް ގޮތެއް ގައެވެ. މުޅި މީހާގެ އެއްފަޅި ފިހިފައިވާ ބިރުވެރި މަންޒަރު ފެނުމުން ފަޒާލް ވެސް ބިރުން ފަހަތަށް ޖެހިލެވުނެވެ. ބޭބެގެ އެސޫރަ އަމިއްލަ ލޯގަނޑުން ބަލާލާ ކޮންމެ ފަހަރަކު ބޭބެ ބިރުން ހަޅޭ ލަވައި ގަނެ ކުރިމަތީގައި ހުންނަ ލޯގަނޑުތައް ތަޅާލައެވެ. ރޮއި ގިސްލާ ހަދައެވެ. ދޫމާގެ ނަން ކިޔާ އަޑުގެ ކޮޅަށް ގޮވާ ހަނދައެވެ. އޭރު ފަޒާލަށް ވިސްނުނީ އޭނަގެ ބޭބެ ގެ ހިތުގައި އުފެދިފައިވާ ނަފުރަތަކުން ގޮވަނީ ކަމަށެވެ. އެކަމަކު ހަގީގަތުގައި ފަވާޒްގެ ހިތުގައި ދޫމާ އަށް ޓަކާ އުފެދުފައިވާ ލޯބިން އެނަން ދުލުން ތާ އަބަދު ބޭރުވަމުން ދިޔައީ އެވެ. އޭނަޔަށް ވިސްނުނުގޮތް ގޯސްކަމުން އެކަމާ ދެރަވެއެވެ. މިއަދު އޭނަ ދޫމާ އަށް ހިތްސާފުކޮށް އެފަދަ ހާލަކަށް ދެ އާއިލާ ގެނައި މީހަކަށް ސަޒާ ދޭން އޭނަ ބޭނުން ވެއެވެ.
ފެންކަޅިވެފައިވާ ދެލޮލުން ފަޒާލް ހަޔާތު އަށް ބަލައިލިއެވެ. އޭރުވެސް ހަޔާތު އޮތީ ނިދާފައެވެ. ސޯފާއިން ތެދުވެގެން ގޮސް ހަޔާތުގެ ނިތްކުރީގައި އަތް ޖައްސާލިއެވެ. ފަޒާލް ތިރިވެލާފައި ހަޔާތުގެ ނިތްކުރީގައި ލޯބި ކޮށްލިއެވެ.
*****************
ހަޔާތު ލޯހުޅުޅުވައިލިއެވެ. ވަރުބަލި ގޮތަކަށް ކޮޓަރި ތެރެއަށް ބަލައިލިއެވެ. ކޮޓަރި ތެރޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ބޭރުން ވާހަކަ ދައްކާ އަޑުއިވުނެވެ. ފަޒާލް ނޫން އެހެން ބަޔަކު އުޅޭކަން އޭނަޔަށް އެނގުނެވެ. އެސަފާރީގެ ކެޕްޓަނާ ފަޅުވެރިން ނަކީ ބޭރު މީހުންނެވެ. ބޭރުން ވާހަކަ ދައްކާ އަޑު އިވެމުން ދިޔައީ ދިވެހިންނެވެ. ހަޔާތު ވިސްނާލިއެވެ.
"ތިކޮޓަރީ ގައި އޮތީ އަޅުގަނޑުގެ އަންހެނުން، ނިދިފައި އޮތީ."ފަޒާލްގެ އަޑުއިވުނެވެ.
"އެކަމަކު މިކޮޓަރިވެސް ޖެހޭނެ ޗެކްކޮށްލަން." މީހަކު ބުނި އަޑުއިވުނެވެ.
ހަޔާތު އަވަސް އަވަހަށް އޮށޯވެ ދެލޯ މަރައިލިއެވެ. ދޮރުހުޅުވާފައި އެބަޔަކު ކޮޓަރި ތެރެއަށް ވަނެވެ. އަދި ކަބަޑުތައް ހާވަމުން ދިޔައެވެ. ފަޒާލް ހަޔާތު ގެ އެނދުކައިރިޔަށް އައިސް ހަޔާތު އަށް ބަލައިލިއެވެ. އަދި އެމީހުން އެކުރާކަމެއް ކޮށް ނިމެންދެން ފަޒާލް މަޑުމަޑުން ހުރީއެވެ. އެމީހުން ކޮޓަރި ތެރެ ޗެކް ކުރުމަށްފަހު ފަޒާލަށް ބަލައިލިއެވެ.
"އަސްލު ވައިފް އަށް ގޮވާލަންވީނުން، އެނދުވެސް ޖެހޭނެ ޗެކްކޮށްލަން."އެތަނުން މީހަކު ބުންޏެވެ.
"އޯކޭ... "ފަޒާލް މަޑުމަޑުން ގޮސް ހަޔާތުއަށް ގޮވައިލިއެވެ. ހަޔާތު އިރުކޮޅަކު މަޑުމަޑުން ލޯހުޅުވައިލިއެވެ. ފަޒާލް އަށް ނުބަލާ ސީލިންގް އަށް ބަލަމުން ދިޔައެވެ.
"މިބޭފުޅުން ބޭނުން ވެއްލައްވާ މުޅި ކޮޓަރި ޗެކްކޮށްލަން. ބޭރަށް ހިނގާ.."މަޑުމަޑުން ފަޒާލް ބުންޏެވެ.
ހަޔާތު ފަޒާލަށް ބަލާނުލާ އެނދުން ތެދުވިއެވެ. އޭރުވެސް ހަޔާތުގެ ބޮލަށް ވަނީ ބަރުވެފައެވެ. ފަޒާލް އާއި އިންނަން ޖެހޭތީ ވިސްނާ އެކަމާ ރުއިމުގެ ސަބަބުން ކަންނޭނގެއެވެ. ބޮލުގެ ރިހުމަށް އަދިވެސް ލުއެއްލިބޭ ގޮތެއް ނުވެއެވެ. ހަޔާތު ތެދުވިގޮތަށް ކުރިމަތީގައި ތިބި ޕޮލިހުންނަށް ބަލާލެވުނެވެ. އެތަނަށް ޕޮލިސް އައި ސަބަބެއް ހަޔާތު އަކަށް ނުވިސްނުނެވެ. ކަނބޮޑު ވުމާއި އެކީގައި ކޮޓަރިން ނިކުމެތެވެ.
އިރުގަނޑެއް ފަހުން ޕޮލިހުން އެކޮޓަރިން ބޭރަށް ނިކުތެވެ. އޭރު ހަޔާތު ހުރީ ފެންސް ގަނޑުގައި ހިފަހައްޓާލައިގެން ދުރުން ދުރަށް ފެންނަމުން ދާ ރީތި މަންޒަރު ބަލާށެވެ. ކޮޅުކޮޅަށް ވެސް އެއްވެސް ތަނެއް ނުފެނި ނޫކުލައިގެރީތި ކަނޑާއި ގުޅިފައިވާ ނޫކުލައިގެ އުޑަށް ބަލާށެވެ. ނަޒަރު ގޮސް ހުއްޓޭނެ ދިމާ އެއް ފެންނާކަށް ނެތެވެ.
"އޯކޭ ހުއްދަ ނަގައިން އައިސްސަ އޮތް ކަމަށް ވަނީ، އުނދަގޫ ކުރެވުނީތީ ވަަރަށް ބޮޑަށް މައާފު ކުރަށް ވާ."ޕޮލިސް ކުއްޖާ ހިތްހެޔޮ ރާގަކަށް ބުނެލިއެވެ.
އެމީހުން ދިއުމުން ފަޒާލް ހަޔާތު އަށް ބަލައިލިއެވެ. އޭރު ހަޔާތު ދުރަށް ބަލަހަށް ޓައިގެން ގެއްލިފައި ހުއްޓެވެ. ލައިގެންހުރި ޓީޝާ ޓަކާ ކުރު ހަރުވާޅަކޮޅެކެވެ. ފަޒާލް ހަޔާތު އަށް ބަލަހަށްޓައިގެން ހުރެވުނެވެ. ފަޒާލަށް ސިއްސައިގެން ދެވުނީ އޭނަގެ ފޯނަށް މެސެޖެއް އައުމުން ނެވެ. ފަޒާލް ފޯނުނަގައި ބަލައިލިއެވެ. އެއީ ރޭގައި ހަޔާތު އާއި އެކީގައި ނަގާފައިވާ ފޮޓޮއެކެވެ. އެފޮޓޮއަށް ފަހު ގިނަ އަދަދެއްގެ ފޮޓޯ އެއްފަހަރާ އަންނަން ފެށިއެވެ. ފަޒާލް ފަހަރަކު ފޮޓޮއެއް ބަލަމުން ދިޔައެވެ. ހަޔާތު އާއި ދިމާ އަށް ނުގޮސް ސަފާރީގެ އަނެއް ފަރާތަށް ދިޔައެވެ. ވަކިވަކިން ފޮޓޯތައް ބަލަމުން ދިޔައެވެ. ފަނޑު އައްޔެއްގައި ނަގާފައި ހުރި ފޮޓޮއަކަސް އަތޫފްގެ ކެމެރާގެ މޮޅުކަމާއި އަތޫފްގެ ހުނަރުން ފޮޓޯތަކަށް ވަނީ އިތުރު ފުރިހަމަކަމެއް ގެނެސް ދީފައެވެ. ވަކިވަކިން ފޮޓޯތަކަށް ބަލަމުން ދިޔައެވެ. ނަގާފައިވާ ފޮޓޯތަކުން އެކައިވެންޏަކީ ހިތާ ދެކޮޅަށް ހަޔާތު ކުރިކައިވެންޏެއް ހެނެއް ހިޔެއް ނުވެއެވެ. ފޮޓޮއަކުން ހަގީގަތް ނޭނގެނެކަން މިހާރު ފަޒާލަށް ވިސްނުނެވެ. އޭނަގެ މޮޅު ކުރެހުމުން ކުރަހާފައިވާ އޭނަގެ ބޭބެގެ ފޮޓޮއަށް އިތުރުކަމެއް ގެނެސް ފޮޓޯ ފުރިހަމަ ކުރި ކަމުގައި ވިޔަސް ހަގީގަތް އޮޅުވާލާނީ ކިހިނެއް ހެޔެއެވެ. ހަޔާތުގެ ލޮލުގައި ކުރެހިފައިވާ ތަސްވީރަކީ އޭނަގެ ބޭބެ ގެ ހުތުރު ސިފައެވެ. ފަޒާލްގެ ރީތިކަމާ ޒުވާން ކަމާއި ދުރުގައި ހަޔާތު ގެ ހިތް ބިރުވެރި ކަމެގެ ތެރެއަށް ގެނބެމުން ދިޔައެވެ. ބައެއް ފަހަރު އެކުރެވުނު ކަމަކުން ފަޒާލް ވެސް ދެރަހީވާން ފެށިއެވެ. ހަޔާތު އާއި ދޭތެރޭގައި ބޭއިންސާފުން ކަމެއް ކުރެވުނުކަން ގަބޫލުކުރެވެން ފެށިއެވެ. އަތުގައި އޮތް ފޯނުގެ ސްކުރީނުން ފެންނަމުން ދާ ހަޔާތު އާއި އޭނަގެ ފޮޓޯ އެޔަށް ވުރެން ފުރިހަމަ ވީސްކަން ޔަގީނެވެ. ފަޒާލް ހަޔާތުގެ ފޮޓޯގައި އަތް ކާއްތާލިއެވެ. އަދި ތުންފަތް މައްޗަށް ހިތިހިނިތުން ވުމެއް ވެރިވިއެވެ. އޭނަ ކުރަމުން އެދާ ހަނގުރާމައި ގައި ހަޔާތުގެ ހިތް ފުނޑުފުނޑު ކޮށްލަން ޖެހެއެވެ. އެހެން ނޫނީ އޭނަ ދާންވާ ހިސާބަށް ދާނީ ކިހިނެއް ހެއްޔެވެ.
ހަޔާތު ލައިގެން ހުރި ޓީޝާޓްގެ އެއްކޮނޑު ތިރިކޮށްލަމުން ބޭސްފުޅިން ފުޅިތޮށިގަނޑު ހެރިފައި ހުރި ތަނުގައި ބޭސް އުނގުޅަން އުޅުނެވެ. އެހިސާބަށް އަތް ފޯރަނީ ކިޔަކިރިޔާއެވެ. ހަޔާތުގެ އަތުގައި ހިފާލަމުން ބޭސް ފުޅި ފަޒާލް ނެގިއެވެ. ހަޔާތު ދެލޯ މަރައިލިއެވެ. ހަޔާތު ހުރީ ދޮރާއި ފުރަގަސް ދީގެން ކަމުން ފަޒާލް ވަންކަމެއް ހަޔާތު އަކަށް އިޙްސާސް އެއް ނުވިއެވެ. ތަންކޮޅެއް ކައިރިވުމުން ފަޒާލް ޖަހާފައިވާ "1މިލިޔަން ލަކްސް އެޑިޝަން"ގެ ވަސް ހަޔާތުގެ ހިތަށް ހަމަޖެހުމެއް ގެނުވިއެވެ. ފަޒާލް ހަޔާތު އާއި ގާތް ވެލަމުން ފުޅިތޮށިގަނޑުހެރިގެން ހަލާކުވެފައިވާ ތަނުގައި މަޑުމަޑުން ބޭސް އުނގުޅަ ދޭން ފެށިއެވެ.
"ރޭގައި ވީކަންތަކަށް ސޮރީ... ވަރަށް ބޮޑަށް ސޮރީ."ފަޒާލް މަޑުބުންޏެވެ. ހަޔާތު އެއްޗެއް ނުބުނެ ހަނު ހުއްޓެވެ. ހަޔާތުގެ ފާރުގަނޑުގައި ބޭސް އުނގުޅުމަށްފަހު ކަރުދަށުގައި އަތް ޖައްސާލިއެވެ.
"މިހާރު ހުމެއް ނެތް، އަދިވެސް ބޮލުގައި ރިއްސާތަ؟" ފަޒާލް އަހައިލިއެވެ. ހަޔާތުގެ ޖަވާބެއް ނައެވެ.
"ހިނގާ ސައިބޯންދާން."ފަޒާލް ބޭސްއުނގުޅައި ނިމިގެން ބުނެލިއެވެ. މިފަހަރުވެސް ހަޔާތުގެ ޖަވާބެއް ނައެވެ. އިރުކޮޅެއްގެ ހިމޭން ވަގުތުކޮޅަކަށް ފަހު ފަޒާލް ވާހަކަ ދައްކަން ފެށިއެވެ.
"ކީއްވެ އަހަރެންނާ ވާހަކަ ނުދައްކަނީ؟"ފަޒާލް މަޑުމަޑުން އަހައިލިއެވެ. ފަޒާލްގެ އަޑުގައިވަނީ ޝަކުވާގެ އަސަރެވެ.
"ބުނެބަލަ، ކީއްވެ އަހަރެންނާ ވާހަކަ ނުދައްކަނީ؟ އަދިވެސް ރުޅިއައިސްފަތަ؟"ފަޒާން ހަޔާތުގެ ކަރުދަށުގައި ލޯބި ކޮށްލަމުން ސުވާލު ކޮށްލިއެވެ.
"ޕުލީޒް..." ހަޔާތު ފަޒާލް އާއި ދުރަށް ޖެހިލަން އުޅުނެވެ. ފަޒާލް ހަޔާތުގެ އުނަގަނޑާއި އެކީގައި ހިފައްޓާލަމުން ފަޒާލް އާއި ދިމާ އަށް އަނބުރާލިއެވެ. ހަޔާތުގެ މެރިފައިވާ ލޮލަށް ބަލާލިއެވެ. ހަޔާތުގެ މެރިފައިވާ ލޮލުން ނޭފަތުން ތުންފަތަށް ފަޒާލުގެ ނަޒަރު ތިރިކޮށްލިއެވެ. ދަތް ދޮޅީގައި ފަޒާލްގެ ހިގިލިޖައްސާލަމުން ކުޑަކޮށް އުފުއްލާލަމުން ވާހަކަ ދައްކަން ފެށިއެވެ. ފަޒާލްގެ ނޭވާގެ އިޙްސާސް ހަޔާތު އަށް ކުރަމުން ދިޔައެވެ.
"ތިއީ އަހަރެން ގެ އަނބިމީހާ..."ކުރިޔަށް ވުރެން ފަޒާލް ގާތް ވެލަމުން ބުންޏެވެ. އެވަގުތު ހަޔާތުގެ ފޯނު ރިންގުވާން ފެށިއެވެ. ހަޔާތު ފަޒާލް ގެ އަތް ދަށުން ދެމިގެން ފޯނު އޮތް ދިމާ އަށް އެނބުރުލަމުން ލޯހުޅުވައިލިއެވެ. އަދި ގޮސް ފޯނުނެގިއެވެ. ހަޔާތު ހުރީ ފަޒާލް ގެ އަތް ދަށުން ދުރަށް ނުދެވިފައެވެ. ހިތާހިތުން ފަޒާލް އާއި ދުރަށް ދެވޭނެ ގޮތެއް ފެނޭތޯ ދުއާ ކޮށްލަކޮށްލައެވެ. ރޭގައި ކޮއްޕާލިޔަސް މިވަގުތު ކޮށްޕާލާކަށް ހިތްވަރެއް ނުލިބުނެވެ.
"ހަލޯ.. ފިރާ."ފޯނުކުރީ އެކުވެރި ފިރާޝާ ކަމުން އަވަސް އަވަހަށް ހަޔާތު ފޯނަށް ޖަވާބު ދިނެވެ.
"ހަޔާތު ތީނަ ކޮބާ؟ އަހަރެންނަށް އަޅެ ރޭގައި އިވުނީ ހަމަ ރަނގަޅު އަޑެއްތަ؟ތީނަ އަންގާ ނުލާ މީހަކާ އިނީ؟"ހަޔާތު އަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އެކޮޅު ފިރާޝާގެ އަޑުއިވުނެވެ. ފިރާޝާ އާއި ވާހަކަ ދައްކަން ނުފެށިގެން އުޅެނިކޮށް ފަހަތުން އަނެއްކާ ވެސް ފަޒާލް އައިސް ބައްދައިލިއެވެ.
"ފަހުން ފޯނަށް ޖަވާބު ދޭންވީނު."ވަރަށް ހިމޭން އަޑަކުން ފަޒާލް ބުނެލިއެވެ. އެހާ މަޑުން ބުނި އަނޑުވެސް ފިރާޝާ އަށް އިވުނެވެ.
"ހަޔާތު... ތީނަ ހަމަ މެރީ ކުރީތަ؟" ފިރާޝާ ތަންކޮޅެއް ހަރުކަށި ރާގަކަށް އަހައިލިއެވެ.
"ހޫން..." ހަޔާތު ގެ ޖަވާބު ކުރެއެވެ. އެކަމަކު އެޖަވާބު ކުރުކަމުގައި ވިޔަސް އެއަޑުގައި ރިހުމެއް ހުއްޓެވެ. އޭނަ އަޑުން އަޑުނަގައި ފިރާޝާގެ ކައިރީގައި ރޮއި ޝަކުވާ ކުރަން ބޭނުން ވެއެވެ. އެކަމަކު އޭނަގެ ހިތުގެ ރުއިމުގެ އަޑު ބޭރެއް ނުވިއެވެ. ފަޒާލް ހަޔާތުގެ އަތުން ފޯނު ނެގިއެވެ. ހަޔާތު އެއްވެސް އާރެއް ބާރެއް ނެތް މީހެން ހެން ދެލޯ މަރައިލިއެވެ.
"ހަލޯ ހަޔާތުގެ ފުރެންޑް ފަހުން ގުޅާނަން، އިނގޭ، ބާއި."ފަޒާލް ފޯނަށް ޖަވާބު ދިނެވެ.
"ހަލޯ. ހަލޯ މިސްޓަރު" ފިރާގެ އަޑު އިވެމުން ދިޔައެވެ. އެކަމަކު ފަޒާލް އިތުރަށް ޖަވާބު ނުދީ ފޯނު ކަނޑައިލިއެވެ.
"މިއީ އަހަރުމެންގެ ހަނީމޫން... އެހެން ކިހިނެއް ކޮންމެކޮންމެ މީހަކު އަހަރުމެންނަށް ޑިސްޓަޕް ކުރާނީ."ފަޒާލް ހަޔާތުގެ ކަނދުރާގައި މޫނު ފޮރުވާލަމުން ބުންޏެވެ.
"ޕުލީޒް... އަހަރެން ބުނިންދޯ އަހަރެންނަށް ވަގުތު ބޭނުން ވާނޭ."މަޑުމަޑުން ރިހުން އެކުލެވިގެންވާ ރާގެއަގައި ހަޔާތު ބުންޏެވެ.
"ރޭގައި ވެސް ވަގުތު ދިނިން ދޯ... ތިގޮތައް ވަގުތު ދޭން ވެއްޖެއްޔާ އަހަރެން މުސްކުޅި ވާއިރުވެސް ހަޔާތުގެ ތިބުނާ ވަގުތެއް ނާންނާނެ." ލާނެއް ރާގަކަށް ފަޒާލް ބުނެލިއެވެ.
"އެންމެ ރަނގަޅު، ހަޔާތު މިދެ އިނގިލިން އިނގިއްޔެއް ޗޫސްކޮށްލަބަލަ." ހަޔާތުގެ ފަހަތުގައި ހުރިގޮތައް ބައްދާލައިގެން ހުރެ ފަޒާލް އޭނަގެ ކަނާތް ހަޔާތުގެ ކުރިމައްޗަށް ދިއްކޮށްލަމުން ބުންޏެވެ. ފަޒާލް ކުޑަކޮށް ބޯއަރިކޮށްލަމުން ހަޔާތުގެ މޫނަށް ބަލައިލިއެވެ. އޭރުވެސް ހަޔާތު ހުރީ ލޯމަރައިލައިގެންނެވެ.
"ހަޔާތު، ޗޫސްކޮށްލަބަލަ."ފަޒާލް ބުންޏެވެ. ހަޔާތު ލޯހުޅުވައިލިއެވެ. އަދި ފަޒާލްގެ އަތަށް ބަލައިލިއެވެ. އޭރު ދެއިނގިލި ހުޅުވާލައިފައި ހުއްޓެވެ.
"ކީއްކުރަން؟"ހަޔާތް ހިތްހަމަ ނުޖެހިފައިވާ ރާގެއްގައި އަހައިލިއެވެ.
"އޭރުން އަހަރެންނަށް އެނގޭނީ ހަޔާތު އަށް ހަދިޔާ އަށް ދޭން."ފަޒާލް ބުންޏެވެ.
"އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން."ފޫހިވެފައިވާ ރާގަކަށް ހަޔާތު ބުންޏެވެ. ފަޒާލް ހިނިތުން ވެލިއެވެ.
"އުހުން، ހަޔާތު ބޭނުން ނެތަސް އަހަރެން ބޭނުން ހަދިޔާ އެއް ދޭން، އެއްޗެއް ބޭނުން ނެތިއްޔާ ބޭނުންވާ ކަމެއް ބުނޭ؟ ދުނިޔެއިން ދާން ބޭނުންވާ ތަނެއް ވިޔަސް އޯކޭ، އަހަރެން ހަޔާތު ބުނާ ކޮންމެ ކަމެއް ކޮށްދޭން މިހިރީ ތައްޔާރަށް."ފަޒާލް ހިނިތުން ވެލަމުން ހަޔާތުގެ ކަންފަތް ކައިރީގައި އޭނަގެ ކަނާތުގެ ޝަހާދަތް އިނގިލިން ރޮނގެއް އަޅާލަމުން ބުންޏެވެ.
"އެދެންވީ؟"ހާޔާތު ހުރި ގޮތަށް ހުރެ އަހައިލިއެވެ.
"އާން، ހަމަ ބުނެލުން އޮތީ، އުޑުގައިވާ ތަރިތަކާ ހަނދު ފިޔަވާ ދުނިޔެމަތިން ލިބެން ހުރި އެއްޗެއްގެ ނަން ބުނެލަން ޖެހޭނީ."ހަޔާތުގެ ކަނދުރާގައި ލޯބިކޮށްލަމުން ފަޒާލް ބުނެލިއެވެ.
"އަހަރެން އެނދުނު ކޮންމެ އެއްޗެއް ވެސް ދޭނަންތަ؟"އެއްދިމާލަކަށް ބަލަން ހުރެގެން ހަޔާތު އަހައިލިއެވެ.
"ޔަގީން ކަށަވަރު މިއީ ފަޒާލް މުހައިމިން ހަޔާތު އަށް ކުރާ ވައުދެއް."ހަޔާތު އޭނަޔާ ދިމާލަށް އަނބުރައިލަމުން ބުންޏެވެ.
"އެހެން ވިއްޔާ "ވަރިވާން" އަހަރެން ބޭނުންވަނީ."ދެލޯ މަރާލަމުން ހަޔާތު ބުނެލިއެވެ. ފަޒާލް އަށް އިވުނު އަޑަށް ޔަގީން ނުވެފައި ހުރެވުނެވެ. މަޑުމަޑުން ހަޔާތުގެ ގައިން އަތް ދޫކޮށްލެވުނެވެ. އެއަށް އޭނަޔަށް ވިސްނާލެވުނީ އޭނަ އަށް ބުނެވުނު ޖުމްލައަށެވެ.
"އާން، ހަމަ ބުނެލުން އޮތީ، އުޑުގައިވާ ތަރިތަކާ ހަނދު ފިޔަވާ ދުނިޔެމަތިން ލިބެން ހުރި އެއްޗެއްގެ ނަން ބުނެލަން ޖެހޭނީ."ފަޒާލް އަށް ބުނެވުނު ޖުމްލަ ހަނދާން ވުމުން ދެލޯ މަރައިލިއެވެ. ހަޔާތު ބުނި ޖުމްލަ ކަނފަތުގައި ގުނގުމަމުން ދިޔައެވެ.
"ވަރިވާން އަހަރެން ބޭނުންވަނީ."
ކޮމެންޓް