ލިޔުނީ: މަރިޔަމް މޫސާ
ފަޒާލްގެ ދަތްދޮޅި ހަޔާތުގެ ކޮނޑުގައި ޖައްސާލިއެވެ. އަދި ހަޔާތު ގެ ކޮލާއިދިމާ އަށް ކުޑަކޮށް އެނބުރިލިއެވެ. އެވަގުތު ހަޔާތުގެ ކޯތާފަތުގައި ފަޒާލްގެ ނޭވާ ބީހެމުން ދިޔައެވެ.
"އަހަރެންނާ ދިމާލަށް އެއްގޮތަކަށް ވެސް ނުބަލާނަންތަ؟"ފަޒާލް އަސަރުން ފުރިފައިވާ ހިމޭން ރާގެއްގައި އަހައިލިއެވެ.
ފަޒާލް އެސުވާލު ކުރީ ޖެހެމުން ދިޔަ ވައިރޯޅިޔަށް ވެސް ސިއްރުން ހެން ހީވިއެވެ. އެހާވެސް ފަޒާލްގެ އަޑު މަޑެވެ. ހަޔާތު އެއްވެސް ޖަވާބެއް ނުދީ ހިމޭންކަން އިޙްތިޔާރު ކުރިއެވެ. އޭނަ އަށް އެސޫރަ ނުބަލާ އުޅެވިދާނެ ހެއްޔެވެ. އެއްގެއެއްގައި، އެއްކޮޓަރިއެއްގައި، އެއްއެނދުގައި ވަގުތު ހޭދަކުރާއިރު އެސޫރަ ނުބާލާ ހުރެވޭނެ ހެއްޔެވެ. ހަޔާތު އަމިއްލަ ނަފުސާ ސުވާލު ކޮށްލިއެވެ. ކޮންމެ ހާލަތެއްގައި ނަމަވެސް މިހާރު ފަޒާލް އަކީ އޭނަގެ ފިރިމީހާ އެވެ. އޭނަ ދުނިޔޭގައި ހުރެ ނޭވާ ލަމުން ދިއުން މިއީ ހަގީގަތެއް ފަދައިން އެއީވެސް މިހާރު ހަގީގަތެކެވެ. އޭނަގެ ހިތް އެކަމަށް ކިތަންމެ އެއްބަސް ނުވިޔަސް އެއީ ހަގީގަތެކެވެ.
އެމީހުން ދައްކާ ވާހަކަ އަތޫފް މެނަށް ނީވުނަސް މަންޒަރަކީ ފޮރުވޭނެ އެއްޗެއް ނޫނެވެ. ފަޒާލް ހަޔާތުގެ އުނަގަނޑުގައި ހިފައްޓާލައިގެން ހުރި "ރޮމޭންޓިކް" ގޮތް ފެނުމުން ސޯފިޔާ ގެ ހިތުގައި ހަސަދަވެރިކަމެއް އުފެދުނެވެ. ސޯފިޔާ އަށް ފަޒާލް ފެނުނީވެސް މިއަދު ހަޔާތުގެ ކޮޓަރިންނެވެ. އެވަގުތުން ފެށިގެން ސޯފިޔާގެ ހިތުގައި ފަޒާލަށް ޓަކާ މަގާމެއް ދެވުނެވެ. އެއީ ކާކުކަން ނޭނގި ސޯފިޔާގެ ހިތް އެމީހަކަށް އެދެން ފެށިއެވެ. ފަޒާލްގެ ރީތިކަމާ ޒުވާން ކަމަކީ ކޮންމެ އަންހެން ކުއްޖެގެ ހިތް އެދިމާ އަށް ލަންބުވާލާފަދަ ރީތި ކަމެކެވެ. ދުބާއީގެ ޔުނިވަލްސިޓީގެ ގިނަކުދިން އޭނަޔަށް ޓަކާ އުމުރު ހޭދަކޮށްލާނެ ކަމަށް ބުނަމުން ދިޔަޒަމާނެއް ދިޔައެވެ. އޭނަގެ ލޯތްބަށް އެދި އަމިއްލަ އަށް ލޯބި ހުށައެޅި ކުދިންގެ ލިސްޓުވެސް އެހާމެ ދިގެވެ. އެކަމަކު އެއިން ކުއްޖަކަށް ފަޒާލް ބަލައެއް ނުލައެވެ. ކުރިން ވެސް ބުނިގޮތަށް ފަޒާލް ދެކެނީ އަންހެން ކުދިންނަކީ ދެއްކުންތެރިކަން ބޮޑު އަމިއްލަ އެދުމުން ފޯވެފައިވާ ބައެއްގެ ގޮތުގައެވެ. އިޝާ އަށް ފަހު އޭނަގެ ހިތް އެދޭކަހަލަ ކުއްޖަކު އޭނަ އަށް ފެނިފައެއް ނުވެއެވެ. ހޯދާކަށް މަސައްކަތެއް ވެސް ނުކުރެއެވެ. ބައްޕަގެ ފަރާތުން ހަމަޖެހިގެން އަންނަ ކައިވެނިތައް ވެސް އޭނަގެ މޮޅު ޑްރާމާގެ ސަބަބުން ކެންސަލް ވެގެން ދެއެވެ. ހަޔާތު އާއި ކައިވެނި ކުރިން އެއީ ހަމައެކަނި އޭނަގެ ނިންމުމެކެވެ. އޭގައި ފޮރުވިފައިވަނީ ކޮން ސިއްރެއް ކަން ހުދު ފަޒާލް އަށް ވެސް ނޭނގެއެވެ.
"ފަޒާލް ދެން މިކޮޅަށް އެނބުރިފައި ރީތި ފޮޓޯގަނޑެއް ނަގަން ހިނގާ.."ޔާސިރު ގޮނޑިން ތެދުވެގެން ފަޒާލް މެންނާއި ދިމާ އަށް ހިނގައިގަންނަމުން ބުންޏެވެ. ޔާސިރު އަށް ޖަވާބު ދިނުމުގެ ބަދަލުގައި ފަޒާލް ވާހަކަ ދެއްކީ ހަޔާތު އާއި އެވެ.
"އޯކޭ، އަހަރެންނާ ދިމާ ލަށް ނުބެލިޔަސް، އެކަމަކު އެހެން މީހުންގެ ކުރިމަތީގައި އަހަރެންގެ އަގުހިފައްޓާނެ ކަމަށް އުންމީދު ކުރަން."މަޑުމަޑުން ވައިއަޑުން ފަޒާލް ބުންޏެވެ.
ފަޒާލް އަށް ހަޔާތު އާއި ދޭތެރޭގައި އޮތް އިތުބާރަކީ ކޮބައިކަމެއް ހުދު ފަޒާލް އަށް ވެސް ނޭނގެއެވެ. މިއީ ކުޑަކުޑަ އިމްތިހާނެކެވެ. އަޖުމަބަލާލުމަކުން ގޯހެއް އޮތްހެނެއް ހިޔެއްނުވެއެވެ. ފަޒާލްގެ ހިތް ބުނެލިކަހަލަ އެވެ.
މަޑުމަޑުން އެމީހުންނާއި ދިމާ އަށް އެތިބިގޮތަށް ތިބެ އެނބުރިލިއެވެ. ހަޔާތުގެ މޫނުގެ ކުލަވަރަށް އައިސްފައިވާ ބަދަލު ޔާސިރަށް ރަނގަޅަށް އެނގުނެވެ. ފަޒާލް ހަޔާތުގެ އާއިލާ އަށް ފޮނުވިފޮޓޯގެ ސަބަބުން ކަން އެނގެއެވެ. އެކަމަކު ފަޒާލް ވެސް އެކުރީ މުޅިޔަކުން ގޯސްކަމެއް ކަމަކަށް ޔާސިރު ގަބޫލެއް ނުކުރެއެވެ. އޭގައި ފަޒާލްގެ އެދުމެއް ވެސް ވެއެވެ. މުސްތަގްބަލުގައި ހަޔާތު އަށް ފަޒާލްގެ ސިފަފެމުނުން އަތުވެދާނެ ނަތީޖާއަކަށް އެކަކުވެސް ނުބަލައެވެ. އެވަގުތަށް އެންމެ ރަނގަޅަކަށް ކަންތަށް ކުރީއެވެ. އެކަން ފަޒާލްގެ ބައްޕަ އަށް އެނގޭ ވަގުތުން ފަށައިގެން އެތިންމީހުން ގެ ޒަމާން ދާނެކަން ކަށަވަރެވެ. ޔާސިރު އެކަން ހިތަށް އެރުމުން ބޮޑުނޭވާއެއްލިއެވެ. ފަޒާލް ހެދި ދޮގުގައި އެދެމީހުން ނަކީވެސް ބަރާބަރަށް ބައިވެރީންނެވެ.
އަތޫފް އެދެމީހުން އެނބުރިލުމުން ފޮޓޯ ނަގަމުން ދިޔައެވެ. ފަޒާލް އާއި ދިމާއަށް ހަޔާތު އަނބުރާލާ ކޮންމެ ފަހަރަކު ހަޔާތު ލޯމަރާލައެވެ.
"ހަޔާތު ލޯމަރައިގެން އެހުންނަނީ ކީއްވެގެން؟"ސޯފިޔާ އަށް ވާނުވާ ނޭނގުމުން ޒާރާ ކުރެން އަހައިލިއެވެ.
"ނޭނގެ ލަދުން ކަންނޭނގެ ދޯ."ޒާރާ އަށް ވެސް ހަގީގަތް ނޭނގޭތީ މަޑުމަޑުން ބުނެލިއެވެ.
"އުހުން، ނިކަން ބަލާބަލަ، ފަޒާލާ ދިމާ އަށް އެނބުރިލާއިރު ލޯމަރައިގެން އެހުންނަނީ."ސޯފިޔާ އަށް ހީވިހީވުން ޒާރާ އަށް ހާމަކުރިއެވެ.
ސޯފިޔާ އެހާމަޑުން ބުނި ޖުމްލަ ޔާސިރު އަށް އިވުނެވެ. ޔާސިރު ރަނގަޅަށް އެމީހުން ދައްކާ ވާހަކަ އަޑު އަހާލަން ކުރިޔަށް ވުރެން ބޮޑަށް ގާތް ވެލިއެވެ. އަދި އެމީހުން ދައްކާ ވާހަކަ ސާފުވުމުން ޔާސިރު ފަޒާލް ގެ ކައިރިޔަށް ގޮސް މަޑުކޮށްލާފައި ކަންފަތް ދޮށުގައި ވާހަކަ އެއް ބުނެލިއެވެ. ފަޒާލް ސޯފިޔާ އަށް ބަލައިލިއެވެ. އަދި ހަޔާތު އޭނަގެ މޭގައި ޖެހޭހާ ކައިރިކޮށްލަމުން ހަޔާތުގެ ކަންފަތް ދޮށުގައި މަޑުމަޑުން ވާހަކަ އެއް ބުނެލިއެވެ. ޔާސިރު އެދެމީހުންނާއި ދުރަށް ގޮސް އަތޫފް ކައިރީގައި ސިއްރުން އެއްޗެއް ބުނެލިއެވެ. އަތޫފް ޔާސިޔަށް ބަލާލަމުން ސޯފިޔާ އަށް ބަލައިލިއެވެ.
ފަޒާލް ހަޔާތު އޭނަޔާއި ދިމާ އަށް އަނބުރައިލިއެވެ. އަދި ސީދާ މޫނާމޫނު ދިމާވާގޮތަށް ދެމީހުން ތިއްބެވެ. އޭރުވެސް ހަޔާތު ހުރީ ލޯމަރާލައިގެންނެވެ. ފަޒާލް ހަޔާތުގެ އަތުގައި ހިފައިއޭނަގެ މޭގައި ގެންގޮސް އަތް ޖައްސައިލިއެވެ.
"އޯކޭ ހަޔާތު..."މަޑުމަޑުން ފަޒާލް ބުނެލިއެވެ.
އެހެން ބުނެލަމުން ކުރިޔަށް ވުރެން ހަޔާތު އާއި މޫނު ކައިރިކޮށްލިއެވެ. ފަޒާލްގެ ނޭވާގެ އިޙްސާސް ވުމުން މަޑުމަޑުން ހަޔާތު ބިރުން ޖެހިލުންވެ ހުރެ ލޯހުޅުވައިލިއެވެ. ހަޔާތުގެ އެސްފިޔަތަކުގެ ތެރެއިން، އޭނާގެ ކަޅި އަމާޒު ވެގެން ދިޔައީ ފަޒާލްގެ ދެލޮލަށެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ހަޔާތު އެހެން ދިމާ އަކަށް ނުބަލާ ސީދާ ފަޒާލްގެ ލޮލަށް ބަލަމުން ދިޔައެވެ. ފަޒާލް ގެ މޫނު އެއްވެސް ވަރަކަށް ހަޔާތު އަކަށް ނުފެނެއެވެ. ކުޑަކޮށް ވެސް ކަޅި ހަރަކާތް ކޮށްލައިފިއްޔާ ފަޒާލްގެ މޫނުން ބައެއް ފެންނާނެއެވެ. އެކަމަކު އެސްފިޔަޖަހާލުމެއްނެތި ކަޅި ހަރަކާތް ކޮށްލުމެއްނެތި ހަޔާތު ބަލަމުން ދިޔައީ ފަޒާލްގެ ލޮލަށެވެ.
"އެހެން ދިމާލަކަށް ނުބެލިޔަސް މިވަރުން ފުދޭ."ފަޒާލް ވަަރަށް ސިއްރުން ބުނެލިއެވެ. އެފުރުސަތުގެ ބޭނުން އަތޫފް ރަނގަޅަށް ހިފައިލިއެވެ.
ހަޔާތު އަށް ފަޒާލްގެ ލޮލުގެ ރީތިކަމާއި ސާފުކަށް ފެނުމުން ހިތް ބުނަން ނޭނގޭ ބާރު މިނެއްގައި ވިންދު ޖަހަމުން ދިޔައެވެ. އެސްފިޔަޖަހާނުލާ ފަޒާލްގެ ލޮލަށް ބަލަމުން ދިޔައެވެ. މިއީ ފަޒާލަށް ވެސް ހަޔާތުގެ ލޮލުގެ ރީތިކަން އިޙްސާސް ކުރެވުނު ފުރަތަމަ ފަހަރެވެ. ފޮޓޯއިން ފެނުނު އިރުވެސް އެލޮލުގެ ރީތިކަމަށް ހިތާހިތުން ފަޒާލް ވަނީ ތައުރީފް ކޮށްފައެވެ. ފަޒާލް ގެ މޭމަތީގައި ޖައްސާލާފައިވާ ހަޔާތުގެ އަތަށް ފަޒާލްގެ ހިތުގައި ޖަހަމުން ދިޔަ ވިންދުގެ އިޙްސާސް ކުރެވުނެވެ. އެއަތުގައި ހިފަހައްޓާލާފައިވާ ފަޒާލްގެ އަތުގެ ހޫނުކަން ވެސް ހަޔާތު އަށް އިޙްސާސް ކުރެވެމުން ދިޔައެވެ. އިތުރަށް އެލޮލަށް ބަލާނެހާ ހިތްވަރެއް ހަޔާތު އަކަށް ނުލިބުނެވެ. މަޑުމަޑުން ހަޔާތު ދެލޯ މަރައިލިއެވެ. އެރީތި ދެލޮލުގެ ވެރިޔާގެ ސޫރަ ބަލަން ހިތް އެދިދާނެތީއެވެ.
ފަޒާލް ހަޔާތުގެ ރީިތި މޫނަށް ބަލާލަމުން ކަނާތުން ޖީބަށް އަތް ޖަހައިލިއެވެ. އަދި ޖީބުން ވިދަވިދާ އޮތް އެއްޗެއް ނެނގިއެވެ. އަދި ފަޒާލްގެ މޭމަތިގައި ޖައްސާލާފައިވާ އަތުގެ އިނގިލީގައި އަޅުވާލިއެވެ. އަތޫފް ހުރީ އެވަގުތު ކޮޅަށް ސަމާލުވެކަމުން ކެމެރާގައި އެރީތި މަންޒަރު ގައިދުކޮށްލިއެވެ.
"ހުހުހޫޙް."ޔާސިރު އުފަލާއި އެކީގައި ފަޒާލް އާއި ދިމާ ކޮށްލިއެވެ.
"އަހަރުމެން ހީކުރީ ފަޒާލަށް ލޯބިވާކަށް ނޭނގޭނެ ކަމަށް، ގޯހެއްނޫން، ސަޅި އިނގޭ."އަތޫފް ވެސް ދިމާ ކޮށްލިއެވެ. ފަޒާލް ގެ ތުންފަތް މަތިން އުފާވެރިކަމުގެ ހިނިތުންވުމެއް ފާޅުވެގެން ދިޔައެވެ.
ސޯފިޔާގެ ނަޒަރު ހަޔާތުގެ އިނގިއްޔަށް ހުއްޓާލެވުނެވެ. ވިދަވިދާ އޮތް ރީތި އަނގޮޓިއެވެ. އެއީ ޑައިނަމަންޑް ޖެހި އަނގޮޓިއެއްކަން އެނގެއެވެ.
"ޒާރާ... ފަޒާލް މިއީ އަސްލު ކާކު؟"ސޯފިޔާ ސުވާލު ކޮށްލިއެވެ.
"އަސްލު މަށަކަށްވެސް އެހާބޮޑެއްކޮށް ނޭނގޭ، އަތޫފް ގެ ރައްޓެއްސެއް، ދުބާއިގައި ދިރިއުޅެނީ، ވަރަށް ބޮޑު މުއްސަނޖެއްގެ ހުރި ހަމައެކަނި ދަރިކަން އެނގޭ، ކާކުގެ ދަރިޔެއްކަމެއް ނޭނގޭ، މަށައްވެސް އަދި އަލަށް މިފެނުނީ."ޒާރާ ވެސް ފަޒާލް އަށް ބަލަން އިނގޮތައް އިނދެ ބުނެލިއެެވެ.
"ހޫން... އިނގޭ ވަރަށް ބޮޑު މުއްސަނޖެއްކަން އަޅުވާލި އަނގޮޓިވެސް ހިޔެއްނުވޭ އަގުހެޔޮވާނެ ހެނެއް."ސޯފިޔާ ގެ ބަސްތަކުގައި ހަސަދަވެރިކަން ފޮރުވިފައި ވިއެވެ.
"އާން... އަތޫފް އެއަނގޮޓި މަށައް ދެއްކި..."ފޯނުނަގައި ފޮޓޮއެއް ހުޅުވާލައިފައި ސޯފިޔާ އަށް ދައްކައިލިއެވެ.
"ބަލާބަލަ، ސަޅި ދޯ! އަތޫފް ބުނީ ވަރަށް އަގުބޮޑު އަނގޮޓިއެކޯ، އިއްޔެ ނޫން އިހަށް ދުވަހު ހަޔާތުގެ ވެޑިންޑްރެސް އާއި އެކީގައި ފަޒާލްގެ ބައްޕަ ފޮނުވީ... މިފެނިފައި މަގޭ ދެލޯ ދިޔައީ ތަރިބުރައިގެން. މިއީ ޑައިމަންޑް ރިންގެއް، އެފްރިކާއިން ހޯދައިގެން އޭނަ ބައްޕަ ގެނައި ޑައިމަންޑް އެއްކަމަށް ވަނީ، ޔޫރަޕް ޑިޒައިން އެމެރިކަން ކަޓް... ބަލާބަލަ، ކިހާރީތި، ހާއްސަކޮށް ފަޒާލް އިންނަން އުޅޭ ކުއްޖާ އަށް އޭނަގެ ބައްޕަ ތައްޔާރު ކުރުވި އެއްޗެއްކަމަށް ވަނީ، މަވެސް ވަރަށް ޖޭވި، އެކިއެކި މީހުންގެ ނަސީބު ދޯ!"ޒާރާ ވަރަށް ސިއްރު ސިއްރުން ވާހަކަ ދައްކަމުން ދިޔައެވެ.
"އާން... އެކިއެކި މީހުންގެ ނަސީބު."ސޯފިޔާ ހިތާމައިގެ އާޙް އެއް ބޭރު ކޮށްލަމުން ބުނެލިއެވެ.
"އަހަރެން ހަމަ ހަގީގަތުގައިވެސް ހަޔާތުގެ ނަސީބަށް ހަސަދަވެރިވެއްޖެ، އެހާ ޗާމިން މީހަކު ލިބުނީމައި." ސޯފީޔާ އެއްދިމާ އަކަށް ގެއްލިފައި ހުރެގެން ބުނެލިއެވެ. އެދެމީހުންގެ ވާހަކަ ޔާސިރު ސިއްރުން އަޑުއަހަމުން ދިޔަކަމެއް ނޭނގި ތިބެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
ހަގީގަތަކީ އެކަކަށް ވެސް އެނގޭ އެއްޗަކަށް ނުވާތީ ކޮންމެ މީހަކުވެސް ވާހަކަ ދައްކާނެއެވެ. ހަޔާތުގެ ހިތުގައި ފަޒާލަކީ ސިފަހުތުރު އުމުރުން ދުވަސްވީ މީހެކެވެ. ފަޒާލްގެ ރީތިކަން އޭނަގެ ދެލޮލުން ފެނިފައެއް ނުވެއެވެ. ނޫނީ މީހަކު ބުނާ އަޑެއްވެސް އަހާފައެއްނުވެއެވެ. އޭނަގެ އަޒުމަކީ މިހާރު ކޮންމެ ހާލަތެއްގައި ނަމަވެސް ކެތްކުރުމެވެ. އޭނަގެ ރީތި ކަމުންވެސް ލިބުނު މޮޅެނެތެވެ. އޭނަގެ ހަށިގަނޑު ސިފަހުތުރު މީހަކާ ހަވާލުކުރަން އޭނަޔަށް މަޖުބޫރެވެ. އޭނަ ލޯބިވި އިންސާނާއަކީ އެރަށުގައި ހުރި އެންމެ ރީތި ޒުވާނާ އެވެ. އެތައް އަންހެން ކުދިންނެއް ހިތްކިޔާފައިވާ ރީތި ޒުވާނެކެވެ. އުޅުން ހުރި އަޙްލާގު ރަނގަޅު ޒުވާނެކެވެ. އެކަމަކު އެރީތި ކަމުގެ ފައިދާ އޭނަޔަށް ކަށްވެސް ނުކުރިއެވެ. ދިރިއުޅުން އެދެލޯބިވެރިންނަށް ކުރިމަތިކުރީ މުޅިން ތަފާތު އިމްތިހާނަކާ އެވެ. މިއަދު ހަޔާތު ވަފާތެރިވާން ޖެހެނީ ފަޒާލަށެވެ. ހިތް ރޮއި ގިސްލާ ކުދިކުދިވިޔަސް އޭނަޔަށް ފަޒާލް ނޫން ހެން މީހެއް ދެކެ ލޯބި ވުމުގެ ހައްގެއް ނެތެވެ. އަބިމީހާ ނުވަތަ ފިރިމީހާގެ ރީތިކަމަކުން ދިރިއުޅުން އުޖާލާކުރެވުނު ހަޔާތެއް ނެތެވެ. ދިރިއުޅުން ކާހަޔާތުބު ވެފައިވަނީ ވަފާތެރިކަމާއި އިހްލާސްތެރިކަމުން ނެވެ. އޭނަ ފަޒާލަށް ވަފާތެރި ވެވޭތޯ މަސައްކަތް ކުރާނެވެ. އެކަމަކު އޭނަގެ ހިތް އެކަމަށް ތައްޔާރު ބާއެވެ.
12 ޖެހެމާއި އެކީގައި ހުރިހާ އެންމެންހެން ލޯންޗަށް އަރާ ރަށައް ދިއުމަށް ނައްޓައިލިއެވެ. ސަފާރީގައި ފަޒާލްމެން ދެމަފިރިން ފިޔަވާ ދެން ތިބީ ހަމައެކަނި ކެޕްޓަންއާއި 3 ފަޅުވެރިންނެވެ. ޔާސިރުމެން ނައްޓާލުމުން ހަޔާތު މަޑުމަޑުން އޭނަލާފައިވާ ބަރު ހެދުން ހިއްލާލަމުން ކޮޓަރިޔާއި ދިމާ އަށް ދިޔައެވެ. އޭނަޔަށް ދެން އެރަށައް ދެވޭނޭ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. ދިރިއުޅުމާއި ބެހޭ އެއްވެސް ވާހަކަ އެއް ފަޒާލް އޭނަޔަށް ދައްކާފައެއްނުވެއެވެ. މިއީ ކުއްލި ގޮތަކަށް ކުރެވުނު ކައިވެންޏެއް ކަމުން ހަޔާތު ވެސް ހުރީ ދާނެ ދިމާ ލެއް ނޭނގިފައެވެ. އޭނަގެ ދިރިއުޅުމުގެ ކިޝްތީ އޭނަ ގެން ގޮސްލާނީ ކޮން މަންޒިލަކަށް ކަމެއް ނޭނގެއެވެ.
ފަޒާލް ވެސް ލޯންޗު ގޮސް ލޮލަށް ގެއްލެން ދެން ބަލަން ހުރެފައި ޖީބުން ފޯނު ނަގައި އޭނަގެ ބައްޕަ އަށް ގުޅައިލިއެވެ. މިހާރު ދުބާއީ އަށް މިއީ ލަސް ގަނޑިއެއް ކަމުން ބައްޕަ ފޯނުނުނަގާނެކަން ވެސް އެނގެއެވެ. އެކަމަކު ވެސް ބައްޕަ އަށް ގުޅާލުމަކީ އޭނަގެ ވާޖިބެކެވެ. ދެވަނަ ރިންގާއި އެކީގައި އެކޮޅުން ފަޒާލްގެ ބައްޕަ މުހައިމިން ފޯނު ނެގިއެވެ.
ކޮޓަރިޔަށް ވަނުމާއި އެކީގައި ހަޔާތު ކޮޓަރިތެރެއަށް ބަލައިލިއެެވެ. އޭނަ ގެ ހަށިގަނޑަށް ވެފައި ހުރި ވަރުބަލިކަން އިޙްސާސް ކުރެވުނީ އެނދުފެނުމުން ނެވެ. ހަޔާތު ބޭނުންވީ އަވަހަށް އެނދަށް އަރާ ނިދާށެވެ. އެކަމަކު އޭގެ ކުރިން އޭނަަޔަށް އުނދަގޫކުރަމުން ދާ އެބަރު ހެދުން ބާލާފައި އަތުކޮޅަށް ހޫރާލަން އޭނަ ބޭނުންވިއެވެ. އެކަމަކު އޭނަ ނިދަންލާނީ ކޮންއެއްޗެއްބާ އެވެ. އޭނަ އެތަނަށް އަންނަމުން އެއްވެސް ހެދުމެއް ނުގެނެއެވެ. އަރީޝާ ދެކެ އައިސްފައި ހުރި ރުޅީގައި ނިކުމެގެން އައީ އެވެ. މިއަދު ލައިގެން ހުރި ޓީޝާޓް އާއި ޖިންސު ކޮޅު ހޯދައިލިއެވެ. އޭތި އޮތީ ދާވަށިގަނޑަށް ލާފައެވެ. ވަށިގަނޑުން ޓީޝާޓް ނަގައި ބަލައިލިއެވެ. އެވަގުތު އޭގައި ލިޔެފައިވާ ލިޔުން ހަޔާތު ކިޔައިލިއެވެ.
"ކިސްމީ..." އެތަންކޮޅު ކިޔާލެވުމާއި އެކީގައި މިއަދު ހަވީރު ފަޒާލް އޭނަޔާއި ދިމާވުމުން ގެނައި ހަރަކާތް ހަނދާން ވިއެވެ. ހަޔާތު އަށް އިރުކޮޅަކު ހުއްޓި ހުރެވުނެވެ. މައުރޫފް އާއި އެކީގައި ބައްދަލުވާ އެއްވެސް ވަގުތަކު އެކަހަލަ ކަމެއް ހިނގާފައެއް ނުވެއެވެ. ހަމައެކަނި މައުރޫފްގެ މޭގައި ބޯއަޅާލާކަމެވެ. އެކަހަަލަ ކަމެއް ނުކުރެވުނީ ކީއްވެގެން ބާއެވެ. އޭނަ މައުރޫފް އާއި ބައްދަލު ކުރަން އަބަދުވެސް ދަނީ ދޫމާ ގޮވައިގެންނެވެ. އެއީ އޭނަގެ އެއްބަނޑު އެއްބަފާ ދައްތައެވެ. މައުރޫފް ވެސް ދަައްތަ އަށް ކުރާ އިޙްތިރާމްގެ ސަބަބުން އެކަހަލަ އަމަލެއް ނުހިންގަނީކަން ޔަގީންނެވެ. އޭނަގެ މުޅިއުމުރުގައި ވެސް ފުރަތަމަ ފަހަރަށް އޭނަޔަށް އެލޯބި އިޙްސާސް ކޮށްދިނީ ފަޒާލް އެވެ.
ހަޔާތު ސިއްސައިގެން ދިޔައީ ފަޒާލް ކޮޓަރި ދޮރުހުޅުވާލައިފައި އެތެރެއަށް ވަނުމުން ނެވެ. ހަޔާތު ދޮރާއި ފުރަގަސް ދިނެވެ. ފަޒާލް އާއި ދިމާއަށް ބަލަން ބޭނުން ނުވާތީއެވެ. ފަޒާލް އެތެރެއަށް ވަދެ ހަޔާތު އާއި ދިމާ އަށް ހިނގައިގަތެވެ. ފަޒާލް އޭނަޔާ ގާތް ވާވަރަކަށް ހަޔާތުގެ ހިތުގެ ތެޅުން އަވަސް ވަމުން ދިޔައެވެ. ފަޒާލް ހަޔާތު ގެ ފަހަތުން އައިސް ބައްދައިލިއެވެ. ހަޔާތު ދެލޯ މަރައިލިއެވެ. އެއާއި އެކީގައި އަތުގައި އޮތް ޓީޝާޓް އަތުން ދޫވެގެން ވެއްޓުނެވެ. ފަޒާލް މަޑުމަޑުން ހަޔާތުގެ ކަނދުރާގައި ލޯބި ކޮށްލިއެވެ. ހަޔާތުގެ ހަތަރަސްފައިން ހީބިހިނަގައިގެން ދިޔައެވެ. އޭނަގެ ހިތުގެ ވިންދު ހުއްޓުމެއް ނެތި ބާރަށް ވިންދު ޖަހަމުން ދިޔައެވެ. މިރޭ އޭނަޔަށް އެއްވެސް ސަލާމަތެއް ނެތްކަން އޭނަޔަށް ޔަގީން ވިއެވެ. ފަޒާލްގެ ބީހުން އޭނަގެ ހިތުގައި ބިރުވެރިކަމެއްގެ އިޙްސާސް ކުރުވަމުން ދިޔައެވެ. ދެލޯ މަރާ ބާރަށް ބަނދު ކޮށްލައިގެން ހުރިކަމުގައި ވިޔަސް އޭނަޔަށް އިޙްސާސް ކުރެވެއެވެ. ފަޒާލް މަޑުމަޑުން ހަޔާތު އޭނަޔާ ދިމާއަށް އަނބުރައިލަމުން ހަޔާތުގެ މޫނަށް ބަލައިލިއެވެ. ހަޔާތު ލޯމަރައިގެން ހުރުމުން ފަޒާލްގެ ތުންފަތްމައްޗަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. އެގޮތައް ހަޔާތު އަށް ކެތްކޮށްލެވޭނީ ކިހާ ވަގުތަކުތޯ ބަލަން ފަޒާލް ބޭނުންވިއެވެ. ހަށަމް ބަދެލަމުން ހަޔާތުގެ މޫނަށް ބަލަމުން ދިޔައެވެ.
"އަހަރެންގެ ސޫރަ ނުބަލާ ކިހިނެއް ހަޔާތު އަހަރެންނާ ކައިވެނި ތިކުރީ؟ ފަހަރެއްގައި ފޮޓޯން ފެނުނު ސޫރަ ނޫން އެހެން ސޫރަ އަކަށް ވެސް މިސޫރަ ވެދާނެ އެއްނުން، އެކަން ހިތަކަށް ނާރާތަ؟"ފަޒާލް ހުރިގޮތައް ހުރެ ހަޔާތު އާއި ސުވާލު ކޮށްލިއެވެ.
"ކޮންމެ ސިފައެއްގައި ތިސޫރަ ހުއްޓަސް ތިއީ އަހަރެންގެ ހިތް އެދިގެން ބަލަން ބޭނުން ވާނެ ސޫރަ އެއް ނޫންކަން އަހަރެންނަށް އެނގެނީ."ހަޔާތު ހިތާއި ހިތުން ބުނެލިއެވެ. ހިތަށް އައި އެޖުމްލަ ދުލާހަމަ އަކަށް ނައެވެ.
ހަޔާތު ޖަވާބު ނުދިނުމުން ފަޒާލް ކުރިޔަށް ޖެހިލިއެވެ. އަދި ހަޔާތުގެ ނިތްކުރީގައި ފަޒާލްބޮސް ދެމުން ބައްދައިލިއެވެ. އެ ގާތްކަމުގެ ކުޑަކުޑަ އިޝާރާތުން ވެސް ހަޔާތުގެ ހިތް ވިރިގެންދިޔަފަދަ އެވެ.
"އަހަރެންގެ އުމުރުގެއި ވެސް ނުދެކެން ތިހާ ލޯބި ކުއްޖެއް." މަޑުމަޑުން ފަޒާލް ބުންޏެވެ. އެއީ އޭނަޔަށް ކުރި ތައުރީފެއް ހެއްޔެވެ، ނޫނީ ކުރި މަލާމާތެއްހެއްޔެވެ. ހަޔާތު ގެ ހިތް ސުވާލުކޮށްލިއެވެ.
"ހަޔާތު." ހަޔާތުގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން ފަޒާލް ބުނެލީ ވައި އަޑުންނެވެ. ހަޔާތުގެ ކަންފަތަށް އެ ނޭވާގެ ހޫނުކަން އިޙްސާސް ކުރެވުނެވެ. ފަޒާލްގެ އަޑުގެ ހުރި މަސްތަކުން އޭނަގެ ނަފްސު ބެހިގެންދާން ދޫކޮށްލަން އެދޭފަދަ އޮއެވަރެއްގައި ހަޔާތުގެ ހަށިގަނޑު ޖެހުނެވެ.އޭނަގެ ހިތުގައި ވަނީ މައުރޫފްގެ ލޯތްބެއެވެ. އެކަމަކު މައުރޫފްގެ ލޯބި އެވަގުތު ކޮޅުގައި ފަނޑުވިކަހަލައެވެ. ފަޒާލް ހަޔާތު އާއި ކުޑަކޮށް ދުރަށް ޖެހިލުމަށްފަހު ހަޔާތު އަނބުރައިލިއެވެ. އަދި ހަޔާތު ލައިގެން ހުރި ވެޑިންޑްރެސްގެ ޒިބު މަޑުމަޑުން ތިރިޔަށް ކަހައިލިއެވެ. އެވަގުތު ފަޒާލަށް ހަޔާތުގެ ބުރަކަށީގައި ފަހާފައިވާ ތާޒާ ޒަހަމެއް ފެނުނެވެ. އެއީ ވަރަށް ފަހުން ފަހާފައިވާ ތަނެއްކަން ފަޒާލަށް އެނގުނެވެ. މަޑުމަޑުން އެޒަހަމުގައި އަތް ކާއްތައިލިއެވެ.
"ކިހިނެއްވެފައި މިހިރީ." އެރީތި ހަށިގަނޑުގައި ފާރުގަނޑެއް ހުރުން ފަޒާލަށް ކަމުނުދިޔަކަހަލަ އެވެ. މަޑުމަޑުން ހިމޭން ރާގެއްގައި ފަޒާލް އަހައިލިއެވެ.
"އަހަރެން މައުރޫފް އާއި ބައްދަލު ކުރަން ދިޔަކަން އެނގުމުން ބޮޑުބޭބެ ދިން އަދަބު."އެއްވެސް ފޮރުވުމެއް ނެތި ތެދަށް ހަޔާތު ޖަވާބު ދިނެވެ.
އެވަގުތު ފަޒާލްގެ ތަނަވަސް ނިތްކުރިއަށް ރޫޖެހިލިއެވެ. ދެބުމަ ކައިރިވެލި ހިނދު އޭނާއަށްލިބިފައިވާ ދިގު ނޭފަތާ ނިތްކުރި ގުޅިފައިވާ ހިސާބުގައި ވައަތުގެ އިނގިލިތަކުގެ ކޮޅުން ހިފަހައްޓައިއޮބާލަމުން ދެލޯ މަރައިލިއެވެ. އޭނަގެ ހަރަކާތުން އެނގެނީ އިވިގެން އެދިޔައީ އޭނަ އަޑުއަހަން ބޭނުން ވެފައިވާ ޖުމްލައެއް ނޫންކަމެވެ. ފަޒާލްގެ ޠަބީޢަތަށް ބަދަލު އައި ކަހަލަ އެވެ. ކުރީން ފާޅުވިހުރިހާ ޖަޒުބާތެއް ފަރުދާވެގެން އައީ އިންތިހާ ސީރިއަސްކަމެއްގެ އަސަރު މޫނުމަތިން ފާޅުވެގެން ނެވެ.
"ކޮންއިރަކު މައުރޫފް އާއި ބައްދަލު ކުރަން ދިޔައީ؟"ފަޒާލް ލޯހުޅުވާލަމުން ސުވާލު ކޮށްލިއެވެ. އެއަޑުގައި މިވަގުތު ހުރީ ސީރިޔަސް ކަމެވެ.
"ރަންކީ ރޭ."ހަޔާތު ދޮގުހަދާކަށް ބޭނުމެއް ނުވިއެވެ. އެކަމަކުވެސް ހަޔާތުގެ އަޑުގައި ޖެހުލުންވުން ހުއްޓެވެ. ފަޒާލްގެ ސީރިޔަސް އަޑު އިވުމުންނެވެ. ފަޒާލްގެ މިޒާޖަށް އައި ބަދަލު ހަޔާތު އަށް ފާގަވިއެވެ. އެވީ ކުޑަކުޑަ ވަގުތު ކޮޅުތެރޭގައި ފަޒާލްގެ މިޒާޖު ހަޔާތު އަށް ދަސްވިކަހަލައެވެ.
"ކޮބާ ބޭނުމަކީ؟" ފަޒާލް ގެ އަޑުގައި ކުޑަ ހަރުކަށިކަމެއް ހުއްޓެވެ.
"އަހަރެން ފަޒާލް އާއި އިންނަން ރަންކީ ބޮޑުބޭބެގެ މަޖުބޫރުންކަން ފަޒާލަށް އެނގޭނެ،އަހަރެންނަށް ކުއްލިޔަކަށް މައުރޫފް މަތިން ހަނދާން ނައްތާލަން އުދަގޫވާނެ، އެކަން އިހްސާސް ކުރެވޭނީ ލޯބިވެރިންނަށް."ހަޔާތު އަށް ގިސްލެވެން ފެށުނެވެ. އޭނަ ރޯން ބޭނުން ނޫނަސް އޭނަގެ ބަލިހިތަށް އަސަރު ކުރަން ފެށިއެވެ.
"ކިހިނެއް ހެދިއްޔާ އެލޯބި މަތިން ހަނދާން ނެތޭނީ؟"ފަޒާލް ހިތްހަމަ ނުޖެހުނަސް އޭނަގެ ރުޅިކޮންޓްރޯލް ކުރަމުން ސުވާލު ކޮށްލިއެވެ. ހަޔާތު އަތުގައި އެސުވާލަށް ދޭނެ ޖަވާބެއް ނެތްކަހަލައެވެ. ހިމޭންކަން އިޙްތިޔާރު ކުރިއެވެ. ފަޒާލް އަނެއްކާވެސް ހަޔާތުގެ ޒަހަމުގައި ފިރުމައިލިއެވެ.
"ހަޔާތު ގެ ހިތުން އެލޯބި ފުހެލެވޭވަރަށް، އަހަރެން ހަޔާތު އަށް ލޯބި ދޭނަން؟"ފަޒާލް މައުރޫފް އާއި ބެހޭ ގޮތުން ޝަކުވާ ކުރާކަށް ބޭނުމެއް ނޫނެވެ. އެއީ ހަޔާތުގެ މާޒީއެވެ. ފަޒާލް ވާހަކަ ދައްކަމުން ދިޔައިރުވެސް ހަޔާތު ހުރީ ދެލޯ މަރާ ފިއްތާލައިގެންނެވެ. ފަޒާލް ފަހަތަށް ޖެހިލާފައި މޭޒުމަތީގައި އޮތް ރިމޯޓްކޮންޓުރޯލުން ކޮޓަރީގެ ބޮކިތައް ނިވައިލިއެވެ. އަދި ސަފާރީގެ ކުޑަދޮރުތަކުގެ ބުލައިޑް ކުޑަކޮށް ތިރިކޮށްލިއެވެ. އެހިސާބުން އެތެރެއަށް އެޅިފައިހުރީ ދެމުންދިޔަ ހަނދުވަރުގެ ފަނޑުއަލިކަމެވެ. އެހާސާފު ނޫން އަލިކަމެކެވެ.
"މިހާރު ހަޔާތުއަށް އަހަރެންގެ ސޫރައެއް ނުފެންނާނެ."ފަޒާލް ހަޔާތު އޭނަޔާއި ދިމާ އަށް އަނބުރާލަމުން ބުންޏެވެ. އަދި ހަޔާތު ގެނެސް އޭނަގެ ޒުވާން ދެއަތުގެ ތެރެއަށް ލަމުން ހަޔާތުގެ ފިޔާތޮށި ކުލަ އަރާ ރީތި ތުންފަތުގައި ލޯބި ކޮށްލިއެވެ.
"ޕުލީޒް... އަހަރެންނަށް ވަގުތު ބޭނުން ވާނެ." ހަޔާތު ފަޒާލް އާއި ދުރަށް ޖެހިލަމުން ބުންޏެވެ. ހަޔާތުގެ އެހަރަކާތުން ފަޒާލްގެ ހިތް ޒަހަމްވިކަހަލައެވެ. ފަޒާލް އަށް މިވަގުތު އޭނަގެ އަނބިމީހާގެ ބޭނުންވަނީ ޖެހިފައެވެ. މޫނުމަތިން ފާޅުވަމުން ދިޔަ ހިތްނުތަނަވަސްކަން ފޮރުވާލަމުން ފަޒާލް ހަމަޖެހިލަން މަސަކަތްކުރަމުން ސުވާލުކޮށްލިއެވެ.
"ކިހާ ވަގުތެއް؟"ފަޒާލް ސުވާލު ކޮށްލިއެވެ. ހަޔާތު މިވަގުތުވެސް ހިމޭންކަން އިހްތިޔާރުކުރިއެވެ. ފަޒާލް މަޑުމަޑުން ކުރިޔަށް ޖެހިލިއެވެ.
"ކިހާ ވަގުތެއް؟"ދެވަނަފަހަރަށް ފަޒާލް ސުވާލު ތަކުރާރު ކުރިއެވެ. އެކަމަކު އެސުވާލުގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ހަޔާތު އާއި ގާތްވެލިއެވެ.
"އެހެން ބުނާކަށް."ހާޔާތު ބުނަން އުޅުނެވެ. އެކަމަކު ހަމައެހިނދު ހަޔާތުގެ ތުންފަތުގައިފަޒާލްގެ ޝަހާދަތް އިނގިލި ހުރަސްކޮށްލިއެވެ. ވާހަކަ ނުދައްކާށޭ ބުނާ ފަދައަކުންނެވެ.
"ހޫޝް."މިވަގުތު ފަޒާލް ވަނީ އަނބިމީހާއަށް ބޭނުންވެފައެވެ. ހަޔާތު ދައްކާ އެއްވެސް ވާހަކަ އެއް އޭނަޔަ މިވަގުތު ވިސްނާލަން އުނދަގޫވާނެއެވެ. ކުރިޔަށްވުރެން ވެސް ފަޒާލް ހަޔާތު އާއި ގާތްވެލިއެވެ. ދެމީހުންގެ ނޭވާގެ އިހްސާސްވާހާ ގާތަށެވެ. ހަޔާތުގެ ގައިން ދުވަމުންދިޔަ މީރުވަމުން، އަމިއްލަ ނަފްސު ހިފަހައްޓަން ފަޒާލްއަށް ދަތިވިއެވެ. އޭނާގެ މޫނު ހަޔާތުގެ މޫނާގާތްކޮށްލިއެވެ. ހަޔާތުގެ އަމުރާ ނުލާ ހަޔާތުގެ މޫނުގެ އެތަންމިތަނުގައި ފަޒާލް ބޮސްދޭންފެށިއެވެ. ބޭއިހްތިޔާރުން ހަޔާތު އަށް ފަޒާލްގެ ގަމީހުގައި ހިފަހައްޓާލެވުނެވެ. ދެ ފަރާތުން ފަޒާލްގެގަމީސް ހަޔާތުގެ އަތުގެތެރެއަށް ބޮނޑިވަމުންދިޔައެވެ. މިއީ ކޮންކަހަލަ ޖަޒްބާތެއްހެއްޔެވެ. އެހިނދު ހަޔާތުގެ ސިކުނޑި ސުވާލުކޮށްލިއެވެ.
"ހަޔާތު." މަސްތުގެ އާރަކުން ފެންބުއިމަށް ކަރުހިއްކައިގަނެފައިވާ އަސަރެއް ފަޒާލްގެ އަޑުގައިވިއެވެ. އޭނާގެ ނަޒަރުވީ ހަޔާތުގެ މޫނާ އަމާޒު ކޮށްލެވިފައެވެ. އެކަމަކު ހަޔާތުގެ ދެލޯވަނީ އަދި ވެސް ބަނދު ކުރެވިފައެވެ. އެލޮލުގެ ރީތިކަން ފަޒާލް އަށް ފެންނަގޮތެއް ނުވިއެވެ.
ކޮމެންޓް