ތޫފާން މިލްޓަންގެ ސަބަބުން އެމެރިކާއިން 11 މީހުން މަރުވެ 3 މިލިއަން މީހުން ހާލުގައި ޖެހިއްޖެ

ތޫފާނުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވޭ

ހުޅަނގު ކެރީބިއަން ކަނޑުން އުފެދުނު ތޫފާން މިލްޓަން އެމެރިކާގެ ފްލޮރިޑާއަށް އެރުމުގެ ސަބަބުން 11 މީހުން މަރުވެ 3 މިލިއަން މީހުން ހާލުގައި ޖެހިއްޖެއެވެ.

ނޭޝަނަލް ހަރިކޭން ސެންޓަރުން މައުލޫމާތު ދީފައިވާ ގޮތުގައި، މިލްޓަން ތޫފާން ފްލޮރިޑާގެ ހުޅަނގު އައްސޭރިފަށަށް އަރާފައިވަނީ ބުދަ ދުވަހުގެ ރޭ ގާތްގަނޑަކަށް 8:30 ހާއިރު (ޖީއެމްޓީ ގަޑިން 00:30) ގައެވެ. ފްލޮރިޑާއަށް ތޫފާނު އެރި އެވަގުތު އޮތީ ކެޓަގަރީ ތިނެއްގެ ތޫފާނެއްގެ ގޮތުގައި ކަމަށާއި، ގަޑިއަކު 195 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ތޫފާން މިލްޓަންގެ ސަބަބުން ފްލޮރިޑާގައި އިތުރު 19 ތޫފާނެއް އުފެދިފައިވާކަން ކަށަވަރުވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ބުދަ ދުވަހު، ގާތްގަނޑަކަށް 45 ވަރަކަށް ތޫފާން އެރި ކަމަށް ރިޕޯޓްކޮށްފައިވާއިރު، ގިނައިން ރިޕޯޓްކޮށްފައިވަނީ އެ ސްޓޭޓްގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުތަކުގައި ކަމަށް ފްލޮރިޑާގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ފްލޮރިޑާގެ ޓަމްޕާ ސިޓީގައި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި، މަގުތައް ވަނީ ބަންދުވެފައެވެ. ކަރަންޓް ލައިންތައް ވެސް ކަނޑައިގެން ގޮސްފައިވާތަން ފްލޮރިޑާގެ މީޑިއާތަކުން އާންމުކޮށްފައިވާ ވީޑިއޯ ފުޓޭޖްތަކުން ފެނެއެވެ. ބައެއް އަވަށްތަކުގައި ފެންބޮޑުވި ނަމަވެސް ގެއްލުން ލިބުނު އަސްލު މިންވަރު ވަޒަން ނުކުރެވޭ ކަމަށް ޓަމްޕާގެ މޭޔަރު ޖޭން ކެސްޓާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ތޫފާނުގެ ސަބަބުން ފްލޮރިޑާގެ އެއާޕޯޓްތައް ބަންދުކުރެވުނު ނަމަވެސް، ޓަމްޕާ އެއާޕޯޓު މާދަމާގެ ވަގުތެއްގައި ހުޅުވަން މިހާރު ހަމަޖެހިފައިވާ ކަމަށް އެ އެއާޕޯޓުން ބުނެއެވެ. މިލްޓަން ތޫފާނުގެ ބާރު ކޮންމެ ވެސް ވަރަކަށް ދަށްވުމުން މިހާރު ވަނީ ޕޯސްޓް ޓްރޮޕިކަލް ސައިކްލޯން ދަރަޖައަށް ދަށްކޮށްފައި ކަމަށް އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނެއެވެ.

މިލްޓަން ތޫފާނަކީ ފާއިތުވި އަހަރުތަކުގައި އެޓްލާންޓިކް ކަނޑުގައި އުފެދުނު އެންމެ ބާރުގަދަ އެއްތޫފާނެވެ. މި ތޫފާން ފްލޮރިޑާއަށް އަރާފައިވަނީ، ފްލޮރިޑާއާއި، ޖޯޖިއާ، ސައުތު ކެރޮލައިނާ، ޓެނެސީ، ވާޖިނިއާ އަދި ނޯތު ކެރޮލައިނާ ހިމެނޭހެން ގަލްފު ކޯސްޓަށް އެރި ތޫފާން ހެލެން އެރިތާ ދެ ހަފުތާ ފަހުންނެވެ. އެ ތޫފާންގައި ގާތްގަޑަކަށް 225 މީހުން މަރުވެފައިވެއެވެ.

ތޫފާންގެ ސަބަބުން ސެއިންޓް ޕީޓާސްބާގްގެ ޓާމްޕާ ބޭ ރޭސް ބޭސްބޯލް ޓީމުގެ ދަނޑު ކަމަށްވާ ޓްރޮޕިކާނާ ފީލްޑްގެ ފޭބްރިކް ފުރާޅު އެއްލާލާފައިވާއިރު، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައެއްނުވެއެވެ.

ތޫފާނުގެ ސަބަބުން ފްލޮރިޑާގެ ގިނަ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ރަށްރަށުގެ އިންފްރާސްޓްރަކްޗަރއަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. ސަރުކާރުން މިހާރު ވަނީ ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ފަށައިފައެވެ. އަދި ގެއްލުން ލިބުނު ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް ބުނެފފައިވެއެވެ.

ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ސަރަހައްދުތަކުގެ ރައްޔިތުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ އިމަރޖެންސީ ޝެލްޓަރތަކެއް ޤާއިމުކޮށްފައެވެ. އަދި ކާބޯތަކެއްޗާއި ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ.

ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ސަރަހައްދުތަކުގައި ސަލާމަތީ ޚިދުމަތްތަކުގެ އިތުރުން، ސިވިލް ޑިފެންސް އަދި ރެޑް ކްރޮސްގެ ފަރާތުން ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ސަރަހައްދުތައް އަލުން އާރާސްތުކުރުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

 

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy