ވާހަކަ: ޙަޔާތު (ހަތްވަނަ ބައި)

ލިޔުނީ: މަރިޔަމް މޫސާ

"އާން... ދަރިފުޅާ، ދަރިފުޅު ލޯބިވާ މީހާ ލިބޭނީ ހަމަ ދަރިފުޅަށް."ޒޫނާ އަރީޝާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

​"ތިހެން އަދި ބުންޏަސް ނިމުނީކީ ނޫން، މައުރޫފް އެއްބަސް ވެސް ކުރުވަން ޖެހޭނެ،އަހަރެން އޭރު ހަޔާތު އާއި އިންނަން އޭނަ އެދުނީމައި 3 މިލަޔަން ރުފިޔާއޭ ކިޔާ ބޮލުން އެކަން ކަޓުވާލެވޭތޯ އުޅުނީ، އޭނަ މަޑުން ހުންނާނެ ހެން ހިޔެއް ނުވޭ."ވަހީދު ވިސްނާލަމުން ބުންޏެވެ.

​ހަޔާތުގެ ކޮޓަރި ތެރެއިން ދޫމާ ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. އޭރު ހަޔާތުފެންވަރައިގެން ނިކުމެ ރީތިނުވެ އެނދުމަތީގައި އެއްދިމާލަކަށް ގެއްލިފައި އިނެވެ. ކައިވެނިކުރެވޭ ގަނޑި ކައިރިވާ ވަރަކަށް ހަޔާތުގެ ހިތް އަވަސް ވަމުން ދިޔައެވެ. އަދިވެސް މައުރޫފް ގެ ހަބަރެއް ނުވެއެވެ. އޭނަ މައުރޫފް އާއި ދައްކަންވެފައި ވަރަށް ގިނަ ވާހަކަ އެބަހުއްޓެވެ.

​"ހަޔާތު ކާރު އަތުވެއްޖެ..."ދޮރުގައި ޖަހައިލަމުން އަރީޝާ ބުނި އަޑު އިވުނެވެ.

​އަރީޝާގެ އަޑަށް ދޫމާ ވެސް އެދިމާ ބަލައިލިއެވެ. އަދި ފޯނު ބޭއްވުމަށްފަހު ހަޔާތަށް ބަލައިލިއެވެ. އޭރުވެސް ހަޔާތު އިނީ އިންގޮތަށެވެ. ތައްޔާރުވާކަށް ނޫޅެއެވެ. ދޫމާ ގޮނޑި ދުއްވާލައިފައި ހަޔާތުގެ ކައިރިޔަށް ދިޔައެވެ.

"ހަޔާތު... ދެން އަވަސް ކުރޭ، ފަޒާލް ބުނީ އޭނަ ހަޔާތަށް ދެރަގޮތެއް ނުހަދާނެކަމަށް،ކައިވެނި ކޮށްގެން އަދި ދުވަސްކޮޅަކު ދޮންތަ ކައިރީގައި ބަހައްޓާނެ ވާހަކަ އެބުނީ، އޭނަޔަކީ ހިތުގެ ސާފުކަން ލިބިފައި ހުރި މީހެކަން ޔަގީން.... އެހެން ނޫނަސް ހަޔާތު ތަޤުދީރާއި ދެކޮޅަށް އެއްވެސް ކަމެއް ނުކުރެވޭނެ، މަންމަ ގެ ބަނޑުން ދުނިޔެއަށް އުފަން މިވަނީ ވަރުގަދަ މަގުސަދަކާއި އެކީގައި... މިއީ އަހަރުމެން ދެބެންނަށް ކުރިމަތިވި ވަރުގަދަ އިމްތިހާނެއްކަން ޔަގީން.... ދިރިއުޅުމުގައި އިންސާނާ އާއި ކުރިމަތިވާ ކަންތަކުން އިބުރަތް ހާސިލް ކުރަން ޖެހޭނެ."ދޫމާ ވިސްނާލަމުން ހިމޭން ރާގެއްގައި ބުންޏެވެ.

ދޫމާ ވެސް މިހާރު ބޭނުން ވަނީ އެ އަނިޔާތަކާއި ދުރަށް ހަޔާތު ފޮނުވާލާށެވެ. ކުރީ ރޭ އެގޭތެރޭގައި ހިނގާދިޔަ ކަންތަކުން ދޫމާ މިހާރު ބިރުގަނެއެވެ. އެމީހުން ހަޔާތަށް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. އޭނަޔަށް އޭނަގެ ކޮއްކޮ އާއި ވަކިން އުޅެން އުދަގޫވިޔަސް ހަޔާތަށް ލިބެން އަންނަ އުފަލަށް ހުރަސް އަޅާކަން އޭނަ ބޭނުމެއް ނޫނެވެ.  

​އެއީ ތެދެކެވެ. ދޮންތަ އެބުނީ މުލިއަކުން ދޮގު ވާހަކަ އެއް ނޫނެވެ. ތަގުދީރާއި ދެކޮޅެއް ނުހެދޭނެއެވެ. ކޮންމެ މީހަކީވެސް ފިތުރަތުގެ ބިމެކެވެ. އެކަކު އޭނާގެ ބިމުގައި ކަށިކުބުރު ގަސްތައް ރުވައެވެ. އަނެކަކު އޭނާގެ ބިން މާމެލާމެލީގެ ޗާލު ބަގީޗާއަކަށް ހަދައެވެ. އޭނަ އޭނަގެ ބިމުގައި މާބަގީޗާ ނުހައްދަންވީ ސަބަބަކީ ކޮބާހެއްޔެވެ. އަރީޝާ އާއި އޭނަގެ ބޮޑުބޭބެ ބޭނުންވީ އޭނަގެ ހަޔާތް ކަށިކުބުރު ބޯޖަންގައްޔަކަށް ހަދާށެވެ. އެކަމަކު ފަޒާލްގެ ސިފަ ހުތުރަސް އޭނަގެ ހިތަކީ ސާފު ހިތެއްކަން އޭނަޔަށް އެނގެއެވެ. އެހިތުގެ އެހީގައި އޭނަގެ ހަޔާތް ޗާލު މާބަގީޗާއަކަށް ހެދިދާނެއެވެ.

​"ހަޔާތު މާ ފޮނިނުވެ އަވަސް ކުރޭ... ސިންދުރެއްލާގެ ފައިވާން ހެޔޮވަރުކުރާ ވަގުތުޖެހިއްޖެ." ހިނިގަނޑެއް ޖަހާލަމުން މަލާމާތުގެ ރާގެއްގައި އަރީޝާ ބުނެލިއަޑު އިވުނެވެ.

​"މީނަ ޔަށް ރަނގަޅަށް ޑިޒްނީ ޕުރިންސަސްގެ ސްޓޯރީ ކިޔާދޭނަން، ސްލީޕިން ބިއުޓީ އަށް އަރީޝާ ނުހަދައިފިއްޔާ އަހަރެންގެ ނަމަކަށް ހަޔާތު އެއް ނުކިޔާނެ، މި ސްލީޕިން ބިއުޑީ ދުވަހަކުވެސް ހެޔެއްނާރާނެ، ޕްރިންސެއް ނާންނާނެ ކިސްއެއް ނަގާކަށް، ހޭއަރާނީ ޕްރިސް އައިޔާތާ." ހަޔާތުގެ ހިތުގައިވާ ރުޅިވެރިކަން ހާމަކުރިއެވެ. ދޫމާ ހަޔާތުގެ ރުޅިއައިސްފައިވާ ދެލޮލަށް ބަލައިލިއެވެ.

​"ދެން އޭނަ ޔާ ހިފައިގަން ނަން ނޫޅެ ތައްޔާރުވޭ... ފަޒާލް ގެ މީހުން ހަޔާތު ބަލާ އެއައީ."ދޫމާ މަޑުމަޑުން ބުންޏެވެ.

​"ނޫޅެން ތައްޔާރު ވާކަށް، މިހުރިގޮތަކަށް ގަބޫލުކުރޭ."ހަޔާތު އަށް ކެތްނުވެވޭ ވަރުވުމުން ރުޅިވެރިކަމާއި އެކީގައި ދޫމާ އަށް ބުންޏެވެ.

​"ހަޔާތު..."ދޮރުގައި ޓަކިޖަހާލަމުން ޒޫނާ ގޮވައިލިއެވެ.

"ތިހާ މޭކަޕްކުރިޔަސް ލަދުގަންނަން ޖެހޭނީ ތިމާ އަމިއްލަ އަށް... މީހުން ކިޔާނެ އެއްޗެއްސައް ވިސްނާލާ. ޔާސިރު އެހެރީ ބަލާ އައިސް."ޒޫނާ މަލާމާތުގެ ރާގެއްގައި ބުނެލިއެވެ.

​ޒޫނާގެ އަޑު އިވުމުން ހަޔާތުގެ ރުޅިވެރިކަން ކުރިޔަށް ވުރެން ގަދަވިއެވެ. ދެލޯ އަޅައިގެން ދޮރާއިދިމާ އަށް ބަލަމުން ދިޔައެވެ. ދޫމާ މަޑުމަޑުން ހަޔާތުގެ އަތުގައި ހިފިއެވެ.

​"ރުޅިމަޑުކުރޭ... ރުޅިއަކީ ޝައިތާނާގެ އެއްޗެއް." ދޫމާ މަޑުމަޑުން ބުންޏެވެ. ހަޔާތު ދޫމާ އަށް ބަލައިލަމުން ރޮމުން ދޫމާގެ ގައިގައި ބައްދައިލިއެވެ. ދޫމާ އޯގާތެރިކަމާއި އެކީގައި ހަޔާތުގެ ބޮލުގައި ފިރުމަމުން ދިޔައެވެ.

​"އަވަސްކުރޭ އެހެން ނޫނީ ދެން އަންނާނީ ބޮޑުބެ."ދޫމާ މަޑުމަޑުން ބުންޏެވެ.

​"ދައްތަ ކޮބާ؟"ރޮވިފައިވާ ރާގެއްގައި ހަޔާތު އަހައިލިއެވެ.

​"ދައްތަ އިރުކޮޅަކުން އަންނާނެ، މައުރޫފް އާއި ވާހަކަ ދައްކަން ދާނެ ވާހަކަ ބުނި."ދޫމާ މަޑުމަޑުން ބުންޏެވެ.

​"ދޮންތާ...."ހަޔާތު ބުނަން އުޅުނެވެ. އެކަމަކު އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ލޮލުން އަންނަމުން ދިޔަ ކަރުނަ ފުހެލިއެވެ. އަދި އަލަމާރި ހުޅުވާލައިފައި އަތްދަބަސް ނަގައި ކޮނޑުގައި އަޅުވައިލިއެވެ.

​"ތިހުރި ގޮތަށްތަ ދަނީ؟"ދޫމާ ޙައިރާން ވިއެވެ.

​"އިންނަނީ ވަކި ރީތި ޒުވާން މީހަކާތަ؟ރީތިވެގެން ވަރުގެ ކޮޅަށް ނަލަހެދިގެންދާން،އަހަރެން ނޫނީ އާކައިވެނީގެ ރޭ ބާހެނދުމެއްގައި ހުންނާނެ އަލަތު އަންބެއްނުހުންނާނެ."ހަރުކަށި އިބާރާތުން ހަޔާތު ބުންޏެވެ.

​"އެކަމަކު ހަޔާތުގެ ކައިވެންޏަށް ބޮޑުބެ ގެނައި ހެދުން ލައިގެން ދޭ..."ދޫމާ ކަންބޮޑުވުމާއި އެކީގައި ބުންޏެވެ.

​"ދެންމެ ޒޫނާތަ ބުނި އެއްޗެއްގެ އަޑެއް ނީވޭތަ؟ މޭކަޕް ކުރިޔަސް މަލާމާތް ރަތްދުވާނީ މަށައް."ގިސްލެވިފައިވާ ރާގެއްގައި ހަޔާތު ބުންޏެވެ. އަދި އަލަމާރި ތެރެއިން ތަޅުދަޑި އެއް ނަގައި ދޫމާ އަތަށް ދިނެވެ.

​"މިއީ..."ދޫމާ ސުވާލު ކޮށްލިއެވެ.

​"މިއީ އަމާނާތެއް ދޮންތާ... އަހަރެން ނަށް ވާނީ ކިހިނެއް ކަމެއް ނޭނގޭ..."ހަޔާތުގަދަކަމުން ހީލިއެވެ. އަދި ދޫމާގެ ގައިގައި ބައްދާލައިފައި ކޮޓަރި ދޮރު ހުޅުވާލައިފައި ސިޓިން ރޫމާއި ދިމާ އަށް ދިޔައެވެ. ހަޔާތު ލައިގެން ހުރީ އޭނަ ގޭތެރޭގައި ލާ އާދައިގެ ޓީޝާޓަކާ ކުރު ޖިންސްކޮޅެކެވެ. ހަޔާތުގެ ކުރިމައްޗަށް އަރީޝާ އެރިއެވެ. އޭރު ފަހަތުން ދޫމާ ގޮނޑި ދުއްވާލައިފައި އާދެއެވެ. އަރީޝާ ހަޔާތުގެ ޓީޝާޓުގައި ލިޔެފައިވާ ލިޔުން ކޮޅަށް ބަލައިލިއެވެ. އަދި މަލާމާތުގެ ގޮތަކަށް ހޭންފެށިއެވެ.

"ރަނގަޅު.... ކައިވެނި ކުރެވެން ދާއިރު ލައިގެން ހުރީ މުޅިއަކުން ގޯސް ހެދުމެއް ނޫން،ޔަގީނުންވެސް ލިޔެފައިވާ ލިއުން ކޮޅު ގޯހެއް ނޫން..."މަލާމާތުގެ ރާގެއްގައި އަރީޝާ ބުނެލިއެވެ."އަހަރެން ދާ ތަންދައްކާ..."ހަޔާތު ރުޅިވެރި ރާގެއްގައި ބުންޏެވެ.

"ހާދަ ކެތްމަދުވެފައި ޕުރިންސް އެހާވެސް ރީތީތަ؟"އެއްކޮޅުން ހީލަމުން އަރީޝާ ބުންޏެވެ.

"އަރީޝާ ކޮންކަމެއް އޭނަ ދާން ތަންދައްކާ މިހާރު ވެސް ވަރަށް ލަސްވެއްޖެ."ޒޫނާ ބުންޏެވެ.

މަލާމާތުގެ ގޮތަކަށް ހެމުން އަރީޝާ ދުރަށް ޖެހިލިއެވެ. އޭރު ޔާސިރު ދޮރުމަތީގައި ހުއްޓެވެ. ޔާސިރު ހަޔާތު ފެންނައިރަށް ފަރުވާތެރިކަމާއި އެކީގައި ހަޔާތު އަށް ބަލައިލިއެވެ. އޭނަގެ މޫނުމަތިން ކުޑަ ހައިރާން ކަމެއް ފާޅުވިއެވެ. ހަޔާތު ލައިފައިވާ އަންނައުނު ފެނުމުންނެވެ.

​"މިއީ އާކައިވެންޏަށް ދާގޮތްބާ..." ހިތާހިތާ ޔާސިރު ކިޔައިލިއެވެ.

​"ހޫހް..." ޔާސިރު އަނގައިން އަޑެއް ލައްވައިލިއެވެ. "ފަޒާލަށް ހެޔޮރަހުމަތް ލައްވާށި، އާމީން."ޔާސިރު މަޑުމަޑުން ބުނެލިއެވެ.

"އަވަހަށް އަރާ މިހާރު ވެސް ވަލަށް ލަސްވެއްޖެ."ޔާސިރު މަޑުމަޑުން ބުނެލިއެވެ.

ކާރުގެ ފަހަތު ސީޓު ގެ ދޮރު ޔާސިރު ހުޅުވައިލަ ދިނުމުން ހަޔާތު ކާރަށް އެރިއެވެ. ޔާސިރި ކާރުގެ ޑްރައިވަރުގެ ސީޓަށް އެރިއެވެ. އަދި ކާރު ދުއްވައިލިއެވެ. އޭރު ގޭމީހުން ހަޔާތުގެ ފަހަތުން ނިކުމެ ކުޅިބަލަން ތިއްބެވެ. އަރީޝާގެ ހިތް އުފަލުން ނަށަމުން ދިޔައެވެ. ހަޔާތު އަށް ކުރިމަތިވާނެ ކަންތަކަށް ހިތަށް އަރައިފައި މިހާރުއްސުރެން އެކަމުގެ އުފާ އަރީޝާ ފާހަގަ ކުރަމުން ދިޔައެވެ. ކޮލުދަތާއި އެކީގައި އަރީޝާގެ ދަތްތައް ވަނީ ސޭލް އެޅުވިފައެވެ. ޒޫމާގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އާދަޔާ ހިލާފު އުފާވެރިކަމެކެވެ. އެމީހުންގެ ވަރަށް ބޮޑު ބޮލުގެ ރިހުމެއް ފިލައިގެން އެދިޔައީއެވެ.

​"މަންމާ ކޮންތާކު ކައިވެނި ކުރެވެނީ... ސިއްރުން ނަމަވެސް ޖެހޭނެ ބަލައިލަން."ލާނެއް ރާގަކަށް އަރީޝާ ބުންޏެވެ.

"ނޭނގެ ބައްޕަ ކައިރީވެސް ނުބުނޭ... ދޫމާ އަށް އެނގޭތަ؟" ޒޫނާ އަހައިލިއެވެ.

ޒޫނާ އެސުވާލު ކުރުމުން ދޫމާ ބޯހޫރައިލިއެވެ. އޭނަޔަށް އެނގުނަސް އޭނަ އެމީހުން ކައިރީ ބުނާކަށް ބޭނުމެއް ނޫނެވެ. ފަޒާލް ގަސްތުގައި ކައިވެނި ކުރެވޭތަން ނުބުނީ އެވެ. ފަޒާލް ދޫމާ އާއި ދެތިން ދުވަސްކުރިން ފޯނުން ވާހަކަ ދައްކާ ގާތް ގުޅުމެއް ދަމަހައްޓަން ވަނީ މަސައްކަތް ކޮށްފައެވެ. އެއީ ހަޔާތު ގެ ހުރިހާ ހަގީގަތެއް ރަނގަޅަށް އެނގޭނެ ދެވަނަ އެހެން މީހަކު ނުހުންނާނެ ކަން ފަޒާލަށް މިހާރު އެނގޭތީއެވެ. ހަޔާތު ދޫމާ އަށް ކުރާ އިތުބާރާއި ޔަގީންކަން ފުރަތަމަ ފަޒާލަށް އެދެކުދިން ފެނުނުރޭ ވަނީ އެނގިފައެވެ. ހަޔާތު ދޫމާ އަށް ޓަކާ އޭނަގެ ފުރާނަވެސް ގުރުބާން ކޮށްފާނެ ކަން އެނގެއެވެ. ހަމަ އެގޮތަށް ހަޔާތު އަށް ޓަކާ ދޫމާ ވެސް ގުރުބާން ވެދާނެކަން އެނގެއެވެ. އެއްބަނޑު އެއްބަފާ ލޯތްބަކީ އެއީއެވެ. ފަޒާލް ވެސް ފަޒާލްގެ ބޭބެ ފަވާޒް ދެކެ އިންތިހާ އަށް ލޯބި ވެއެވެ. ބޭބެ ނެތި ދިއުމަކީ ފަޒާލްގެ އެކަނިވެރި ދުނިޔެ ބަނަވެގެން ދިޔަކަމެވެ.

​ކާރު ބާރު ދުވެލީގައި ދުއްވާފައި ގޮސް ޖެޓީކައިރިޔަށް މަޑުކުރިއެވެ. ހަޔާތު ޙައިރާން ކަމާއި އެކީގައި ޔާސިރަށް ބަލައިލިއެވެ. ވާނުވާ ނޭގި ކަނބޮޑުވުމާއި އެކީގައެވެ.

​"ބިރުނުގަނޭ.... ކައިވެނި ކުރެވެނީ މިރަށަކު ނޫން." ޔާސިރު ހީލަމުން ހަޔާތުގެ ކަނބޮޑުވެފައިވާ މޫނު ފެނުމުން ބުންޏެވެ.

​"ކޮންތާކު؟"ހަޔާތު ހަރުކަށި ރާގެއްގައި އަހައިލިއެވެ.

​"އަމިއްލަ އަށް ގޮސް ބަލާލަމާ ހިނގާ ދޯ..." ޔާސިރު ކާރުން ނިކުންނަމުން ބުންޏެވެ.

ހަޔާތު ޝައްކުން ފުރިފައިވާ ބެލުމަކުން ބަލަމުން ކާރުން ފޭބިއެވެ. އޭނަޔަ ޔަށް ނުވެސް އެނގޭ ނުވެސް ދަންނަ ބަޔެއްގެ ތެރެއަށް ދާން ޖެހޭތީއެވެ. ފަހަތަށް އެނބުރި ފިލައިގެން ދެވޭކަށް ވެސް ނެތެވެ. އޭނަގެ ލޯބިވާ ދައްތަ އަށް ޓަކައެވެ. ހަށިފުރާ ނޭވާ އެއް ލުމަށްފަހު ޔާސިރުގެ ފަހަތުން މަޑުމަޑުން ހިނގާލައިފައި ހަޔާތު ދިޔައެވެ. ޔާސިރު ގޮސް ލޯންޗަކަށް އެރިއެވެ. އަދި ހަޔާތު ގެ އަތުގައި ހިފަން އަތް ދިއްކޮށްލިއެވެ. ހަޔާތު ބިރުން ޖެހިލުންވެ ހުރެ ޔާސިރުގެ އަތުގައި ހިފައި ލޯންޗަށް އެރިއެވެ. ގޮނޑީގައި އިށީންދެ ހަމަޖެހިލިއެވެ. އޭގައި އިތުރު މީހަކު ނެތެވެ. ޔާސިރު އާއި ދެފަޅުވެރިންނާ ކެޕްޓަނެވެ. ހަޔާތު ސުވާލުން ފުރިފައިވާ ބެލުމަކުން ޔާސިރަށް ބަލައިލިއެވެ.

​"ފަޒާލް ކޮބާ؟"ހަޔާތު ސުވާލު ކޮށްލިއެވެ. ޔާސިރު ހިނިތުން ވެލިއެވެ. އެވަގުތު ލޯންޗުން މަޑުމަޑުން ޖެޓީއާއި ދުރުކުރަމުން ދިޔައެވެ.

​"ފަޒާލް ކޮބާ؟"ދެވަނަ ފަހަރަށް ހަޔާތު ސުވާލު ކޮށްލިއެވެ.

​"މަޑުކޮށްލާ..."ޔާސިރު ފޯނުނަގައި ފަޒާލްގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. އަދި ހަޔާތު އާއި ދިމާ އަށް ފޯނު ދިއްކޮށްލިއެވެ. ހަޔާތު ޔާސިރަށް ބަލައިލަމުން ފޯނުގައި ހިފިއެވެ. އަދި ކަންފަތުގައި ފޯނު ޖައްސާލިއެވެ.

​"ހަ..ހަލޯ."ހަޔާތު މަޑުމަޑުން ފޯނުން ވާހަކަ ދައްކަން ފެށިއެވެ. މިއީ ހަޔާތު ފޯނުން ފަޒާލް އާއި ވާހަކަ ދައްކާ ފުރަތަމަ ފަހަރެވެ.

​"އަހަރެން މިހިރީ ހަޔާތުގެ އިންތިޒާރުގައި."ހަމައެކަނި 4 ބަސް ބުނެލިއެވެ. އިތުރަށް ވާހަކަ ނުދައްކާ އެކޮޅުން ފޯނު ކަނޑައިލިއެވެ. ހަޔާތު ޔާސިރަށް ފޯނު ދިއްކޮށްލިއެވެ.

ލާންޗު ފަޅުން ނިކުމެގެން ކުރިޔަށް ދުއްވަން ފެށިއެވެ. ރަށާ ދުރަށެވެ. ރަށް ނުފެންނަހިސާބަށް ދުރަށް ދުއްވުމަށްފަހު ކުރިމަތިން ފެންނަން އޮތް ޔޮޓަކާއި ދިމާ އަށް ލާންޗު މަޑުމަޑުން ދުއްވަން ފެށިއެވެ. ހަވީރުގެ ވަގުތު ވުމުން އުޑުމަތި ފެންނަނީ ވަރަށް ސާފުކޮށެވެ. ލާންޗު ދުއްވާފައިދާއިރު ދެއަތަށް ކެހެމުން ދިޔަ ހުދު ފޮނުގަނޑަށް ބަލަމުން ދިޔައެވެ. އެފޮނުގަނޑަށް ގެއްލިފައި އިންދާ ލާންޗު ޔޮޓާއި ގާތް ކޮށްލިއެވެ. ޔާސިރު ގެ އެހީގައި ހަޔާތު ޔޮޓަށް އެރިއެވެ. މަޑުމަޑުން ހަޔާތު ޔާސިރުގެ ފަހަތުން ދިޔައެވެ. ޔޮޓުގެ މައިޑެކުގައިވާ މާސްޓަރ ސުވިޓާއި ހަމައަށް ގޮސްފައިޔާސިރު ހުއްޓިލިއެވެ. ޔާސިރު ހުއްޓިލުމުން ހަޔާތު ވެސް ހުއްޓިލިއެވެ. ޔާސިރު ސުވިޓުގެ ދޮރުހުޅުވާލިއެވެ.

​"މިހާރު ކުޑަކޮށް ރެސްޓު ކޮށްލާފައި ތައްޔާރު ވެލާ... އެކަމަކު 7 ޖަހަންވާއިރަށް ތައްޔާރު ވެލާތި."ޔާސިރު ހިނިތުން ވުމެއް ތުންފަތް މައްޗަށް ގެންނަމުން ހަޔާތަށް ބުންޏެވެ.

​ހަޔާތު ޖެހިލުންވެ ހުރެ މަޑުފިޔަވަޅުގައި އެތެރެއަށް ވަނެވެ. ހަޔާތު އެތެރެއަށް ފިޔަވަޅު އެޅިގޮތަށް ހުއްޓިލިއެވެ. ފަހަތުން ދޮރު ލެއްޕުނެވެ. ދޮރުލެއްޕުމުން ހަޔާތު ފަސް އެނބުރި ބަލައިލިއެވެ. އަދި މޫނުމަތީގައި ހުރި ނުތަނަވަސް ކަން ފޮރުވާލުމަށްޓަކާއި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ހަޔާތު އަށް ހުވަފެނުގައިވެސް ނުފެންނަހާރީތި ތަނެކެވެ. އެވަގުތު ހަޔާތުގެ ހިތް ބުނެލިއެވެ.

"ވާވް." ޙައިރާން ކަމާއި އެކީގައި ހުރި ފިޔަވަޅު މަތީގައި ހުރެވުނެވެ.

ރަތާއި ހުދުން ފަރުމާކޮށްފައިވާ މިޒަމާނުގެ ކޮޓަރިއެކެވެ. އެނދުގެ މަތީގައި ބޮޑު ފްރޭމެއްހަރުކޮށްފައި ހުއްޓެވެ. އެ ބޮޑު އެނދުގެ ދެބައިކޮށްފައި އެއްބައިހެން ފޮރުވިފައިވަނީ ހުދުކުލައިގެލޭސް ފޮތިގަނޑަކުންނެވެ. އެލޭސްފޮތި ގަނޑުގެ ބޮޑު ބައެއް ހެން ވަނީ ކާޕެޓްމަތީގައެވެ. އެހުދުތަންމަތީގެ މަތީ އެނދުގެ ފައިލާކޮޅުގައި ރަތްކުލައިގެ ބެޑް ރަނާއެއް އަޅާފައި އޮތެވެ. އެނދާ ދިމާކުރިމަތީގައިވާ ބިތުގައި ފަތި ޓީވީއެއް ހަރުކޮށްފައި ހުއްޓެވެ. އާދަޔާޙިލާފު މީރުވަހެއް ވެސްކޮޓަރިތެރޭގައި ހުއްޓެވެ.

ދޮރު ހުޅުވާލައިފައި މީހަކު އެތެރެއަށް ވަނެވެ. ދޮރުހުޅުވައިލި އަޑަށް ސިހިފައި ހަޔާތު ފަހަތަށް އެނބުރިއެވެ. ކުއްލިޔަކަށް އެމީހަކު ހަޔާތުގެ ލޯމަތީގައި އަތް އެޅިއެވެ. އަވަސް ހަރަކާތަކާއި އެކީގައި ހަޔާތު އެމީހާގެ އަތް ދުރަށް ލާން ލޯމަތީގައި އަޅާފައިވާ އަތުގައި ހިފައިލިއެވެ. އެމީހާ ހަޔާތުގެ އަތުގައި އަނެއް އަތުން ހިފައިލަމުން ހަޔާތާއި ގާތް ވެލިއެވެ. އެވަގުތު ހަޔާތު އަށް އެމީހާގެ ގައިންދުވި ސެންޓު ވަހުން އެއީ ފަޒާލް ކަން އެނގުނެވެ. އެރޭ ކާރުގައި ދަމުން ވެސް ޖަހާފައިވަނީ އެސެންޓެވެ. ހަޔާތު އާއި އެހާކައިރީގައި ހުރެވިދާނެ ކަމަކަށް ފަޒާލް ހިޔެއް ނުކުރެއެވެ. އަދި އޭނަޔަށް ގެނުވުނު ކުއްލި ހަރަކާތަކީ ގަސްތުގައި ގެނައި ހަރަކާތެއް ނޫނެވެ. މަޑުމަޑުން ފަޒާލް އަތް ތިރި ކޮށްލިއެވެ. އޭރު ހަޔާތު ހުރީ ލޯމަރާލައިއިގެންނެވެ. ހަޔާތު ލޯމެރީ ކީއްވެގެން ކަން ފަޒާލަށް އިހްސާސް ކުރެވުނެވެ. ހަޔާތު އޭނަޔާއި ދިމާ އަށް ބަލާލަން ބޭނުން ނުވަނީ އޭނަގެ ސޫރައިގެ ސަބަބުންނެވެ. އެސޫރަ ދެކެ ހަޔާތު ގަންނަ ބިރަކުންނެވެ. ފަޒާލް ގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިއެވެ. އަދި ފަރުވާތެރިކަމާއި އެކީގައި ހަޔާތަށް ބަލައިލިއެވެ. ޔާސިރު ބުނިގޮތަށް ހަޔާތު ހުރީ ވަރަށް އާދައިގެ ގޮތަކަށެވެ. ގޭތެރޭގައި ލާ ޓީޝާޓެއްކަން އެނގެއެވެ. ޓީޝާޓްގައި ލިޔެފައިވާ ލިޔުން ފަޒާލް ކިޔައިލިއެވެ. އަދި ލާނެއް ހިނިތުންވުމެއް ތުންފަތް މައްޗަށް ގެންނަމުން ހަޔާތުގެ ތުންފަތުގައި ލޯބި ކޮށްލިއެވެ. ކުއްލިޔަކަށް ފަޒާލް މިގެނައި ހަރަކާތުން ކުރިޔަށް ވުރެންވެސް ބޮޑަށް ހަޔާތު ދެލޯ މަރާ ފިތައިލިއެވެ.

​"އަހަރެންނާއި ދޭތެރޭގައި ކުށްހީއެއް ނުކުރާތި، ހަޔާތުގެ ޓީޝާޓުގައި ލިޔެފައި އޮތް ގޮތަށް ކަންތައް މިކުރީ، ދެންވެސް ނަމަނަމަ މިޓީޝާޓު ލައިގެން އެހެން މީހެއްގެ ކުރިމައްޗަށް ނުދާތި."ސަމާސާ ރާގެއްގައި ފަޒާލް ބުންޏެވެ.

​ހަޔާތުގެ ލޯކައިރިން ފެން އަންނަން ފެށިއެވެ. ހަޔާތު އަށް ރޮވެނީކަން ފަޒާލަށް އެނގުނެވެ. ހަޔާތުގެ ލޮލުން އަންނަމުން ދިޔަ ކަރުނަ ފަޒާލް ފުހެލަދިނެވެ. އަދި ފަޒާލް އާއި ގާތް ކޮށްލިއެވެ. އެވަގުތު ހަޔާތުގެ ބުރަކަށްޓަށް ފުޅިތޮށިގަނޑު ހެރިފައި ހުރިތަނުގައި ފަޒާލަށް އަތް ލެވުނެވެ. ހަޔާތު އަށް ތަދުވެގެން އަޑެއް ލައްވާލެވުނެވެ.

​"އާޙް."ހަޔާތު އަށް އަޑެއް ލައްވާލެވުނެވެ.

​"ސޮރީ..."ފަޒާލް މަޑުމަޑުން ބުނެލިއެވެ.

​"ސޮރީ" ފަޒާލް ސޮރީ އެބުނީ ކޮންކަމަކަށް ހެއްޔެވެ. އޭނަ ދެންމެ ނެގި ކިސްއަށް ހެއްޔެވެ. ނޫނީ އޭނަ ހަޔާތު އާއި އިންނާތީ ހެއްޔެވެ. ނޫނީ ދެންމެ ހަޔާތު އަށް ތަދުވެގެން ލައްވާލެވުނު އަޑަށް ހެއްޔެވެ. މުޅިން އޮޅިއްޖެއެވެ. ސޮރީ ބުނަން ޖެހުނުނު ސަބަބެއް ހަޔާތު އަކަށް ނުވިސްނުނެވެ. މިހާރު ފަޒާލް ކޮންމެ ކަމެއް ކުރިޔަސް އޭނަ ޖެހޭނީ ކިޔަމަންތެރިކަމާއި އެކީގައި އެކަމަކަށް ތަބާވާށެވެ.

​"އިހަށް ރެސްޓު ކޮށްލާ... ނޫނީ ބޭރަށް ނިކުމެ ބޭރު ބަލައިލިޔަސް އޯކޭ، ހަޔާތު ހިތްހަމަ ޖެހޭ ކަމެއް ކޮށްލާ..."ފަޒާލް މަޑުމަޑުން ބުނެލިއެވެ.

އެވަގުތު ފަޒާލްގެ ފޯނަށް ފޯނެއް އައެވެ. ފަޒާލް ހަޔާތު އާއި ދުރަށް ޖެހިލިއެވެ. އަދި ދޮރުހުޅުވާލާފައި ބޭރަށް ނިކުތެވެ. އޭރުވެސް ހަޔާތު ދެލޯ މަރައިގެން ހުރި ފިޔަވަޅު މަތީގައި ހުރެވުނީއެެވެ. މަޑުމަޑުން ދެލޯ ހުޅުވައިލިއެވެ. އަދި އެނބުރި ކޮޓަރި ތެރެއަށް ބަލައިލިއެވެ.މަޑުމަޑުން ފިޔަވަޅު އަޅާފައި އެނދާދިމާ އަށް ދިޔައެވެ. އެނދުމަތީގައި އޮތް ހުދުކުލައިގެ ލޭސްފޮތިގަނޑު ފެނުމުން ހަޔާތު ޙައިރާން ކަމާއި އެކީގައި އެޔަށް ބަަލަހައްޓައިގެން ހުރެވުނެވެ. ކުރިޔަށް ޖެހިލާފައި ލޭސްގަނޑުގައި އަތް ކާއްތާލިއެވެ. އެއީ އޭނަގެ ކައިވެނީގެ ހެދުމެވެ.

ފަޒާލް އޭނަ ޔަށް ނޭނގި އެހާ ކުޑަ މުއްދަތެއްގެ ތެރޭގައި ހެދުން ތައްޔާރު ކުރުމުން ވަކިން ޙައިރާން ވިއެވެ. އެއްވެސް ބަޔަށް ކަށް ދަޢުވަތު ދިނުމެއް ނެތި ހަމައެކަނި ކުރެވޭ ކައިވެންޏެކެވެ. ދެން ކީއްކުރާ ވެޑިން ޑްރެސެއް ހެއްޔެވެ. އެވަގުތު ހަޔާތު ގެ ފޯނު ރިންގުވާން ފެށިއެވެ. ހަޔާތުކޮނޑުގައި އަޅުވާލައިފައި އޮތް ދަބަސް ތެރެއިން ފޯނު ނަގައި ބަލައިލިއެވެ. ދޫމާގެ ފޯނެކެވެ.

​"ހަލޯ..."މަޑުމަޑުން ހަޔާތު ފޯނަށް ޖަވާބު ދިނެވެ.

​"ހަޔާތު ކޮންތާކު؟"ދޫމާ ހިމޭން ރާގެއްގައި އަހައިލިއެވެ.

​"ކަނޑުމަތީގައި."އެނދުގައި އިށީންނަމުން ހަޔާތު ބުންޏެވެ.

​"ކަނޑުމަތީގައި....ކައިވެނިކުރަނީ ބޯޓެއްގައިތަ؟"ދޫމާ ޙައިރާން ކަމާއި އެކީގައި އަހައިލި އަޑުއިވުނެވެ.

​"މަށަކަށް ނޭނގެ، ފަޒާލަށް ހީވީ ކަންނޭގެ އަހަރެން ފިލައިގެން ގޮސްދާނޭ... މިތަނުން މަފިލަންޏާ ފުންމާލަންޖެހޭނީ މޫދަކަށްނު." ހަޔާތު ލޮލުގެ ކަޅި އަނބުރައިލަމުން ބުންޏެވެ.އެވަގުތު ވެސް ހަޔާތުގެ ލޮލުން ތެއްކަން ފެނިލިއެވެ.

​"ކޮންކަހަލަ ވާހަކަ އެއް ތިދައްކަނީ؟"ދޫމާ އަހައިލިއެވެ.

​"ދޮންތާ... މިކުރެވެނީ ރަނގަޅު ކަމެއްތަ؟"އިރުކޮޅެއްގެ ހިމޭން ކަމަކަށް ފަހު ހަޔާތުއަހައިލިއެވެ. ހަޔާތުގެ އަޑުގައި ތުރުތުރެއް ހުއްޓެވެ. ހީވަނީ ދެންމެ ދެންމެ ހެން ހަޔާތުގެ ބަޑިފަޅައިގެން ގޮސްދާނެހެންނެވެ.

​"ދެން... ތިޔާ ދޭތެރޭގައި ދޮންތަ އަކަށް ނޭނގެ ބުނާނެ އެއްޗެއް."ދޫމާ މަޑުމަޑުން ބުނެލިއެވެ.

​"ބައެއްފަހަރު ހީވޭ އަހަރެންގެ އަމިއްލަ ނަފްސައް އޮޅުވާލެވެނީއޭ، މައުރޫފް ދެކެ ލޯބިވާ އިރު ފަޒާލް އާއި އިނދެގެން ދިރިއުޅުމެއް ފަށަން މިއުޅެނީ، އެއީ ކިހާ ބޮޑު އޮޅުވާލުމެއް، މައުރޫފަށް މީން އެއްވެސް ކަމެއް އެނގުނު ހެނެއް ހިޔެއްނުވޭ..."ދެރަވެފައި ރާގަކަށް ހަޔާތު ބުންޏެވެ.

​"ދޮންތާ... މިކައިވެނި ކުރެވުނަސް އަހަރެންނަކަށް ހިޔެއްނުވޭ އަހަރެންނަށް އުފަލެއް ލިބިދާނެ ހެނެއް.... އެކަމަކު ދޮންތަ އުފަލުގައި ހުންނާތި، އިނގޭ."ހާޔާތް ހިމޭން ރާގެއްގައި ބުންޏެވެ. ފެންކަޅިވަމުން ދިޔަ ދެލޮލުން އެނދުމަތީގައި އޮތް ހެދުމަށް ބަލައިލިއެވެ.

​"ދޮންތާ..."ހަޔާތު އެއްޗެއް ހަނދާން ވެގެން ދޫމާ އަށް ގޮވައިލިއެވެ.

​"ހޫން..."އެކޮޅުން ދޫމާ ޖަވާބު ދިނެވެ.

​"ފަޒާލް އަހަރެންގެ ހެދުމުގެ މިން ދޮންތަކުރެން އެހިތަ؟"ހަޔާތު އަހައިލިއެވެ

"ނޫން... ކިހިނެއްވީ؟"ދޫމާ އަހައިލިއެވެ.

"ވެޑިން ޑްރެސްތައްޔާރު ކޮށްފައި އޮތީ..."ފޫހިވެފައިވާ ރާގެއްގައި ހަޔާތު ބުންޏެވެ.

"ކޮންބައެއް އުޅެނީ؟"ދޫމާ އަހައިލިއެވެ.

"ނޭނގެ އެއްވެސް މީހަކު ނުދެކެން، އެއުޅޭ ޔާސިރު އުޅޭކަން އެނގޭ." ހަޔާތު އެނދުގައި އޮށޯވެލަމުން ބުންޏެވެ. ކުޑަކޮށް ހެދުން އެއްފަރާތް ކޮށްލަމުން އެނދުގައި ހަމަޖެހިލިއެވެ.


ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy