މޫސުމީ ބަދަލުތަކަށް އަވަސް ފިޔަވަޅު އަޅަން ރައީސުލްޖުމުހޫރިއްޔާ ގޮވާލައްވައިފި

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ:ރައީސް އޮފީސް

މޫސުމީ ބަދަލުތަކަށް އަޅާ ފިޔަވަޅުތައް ގުޅިގެން އަވަހަށް އަޅަން ޖެހޭ ކަމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިގޮތަށް ގޮވާލެއްވީ، އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގެ ހަވާސާގައި، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅު ފެއްޓެވީ، މީގެ 35 އަހަރު ކުރިން 1989ގައި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭ ގޮތުން ރާއްޖެއިން ބޭއްވި ކުދި ގައުމުތަކުގެ ފުރަތަމަ ބައިނަލްއަގުވާމީ ކޮންފަރެންސްއާ ގުޅޭ ގޮތުންނެވެ. އެ ކޮންފަރެންސްގައި ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމަކީ އިންސާނިއްޔަތަށް ހުރި އާންމު ކަންބޮޑުވުމެއްގެ އިތުރުން، ތަރައްގީއަށް ވެސް އޮތް ގެއްލުމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައި ވަނީ ކުއްލި ހާލަތެއް ކަމަށެވެ. އެގޮތުން، އެއީ ދިރިއުޅުމުގެ ވައްޓަފާޅި އާއި ސަގާފީ ކަންކަމާއި ތަރައްގީއަށް އޮތް ނުރައްކަލެއް ކަމަށާއި، މޫސުން ގޯސްވެ، ގުދުރަތީ ކާރިސާތައް އިތުރުވާ އިތުރުވުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މޫސުމަށް އަންނަ ބަދަލުތައް އަދި އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމަކީ، ދުނިޔެ ގުޅިގެން ކުއްލި އަދި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމެއް. އެ ފިޔަވަޅުތަކަކީ، އައްސޭރިފަށުގެ މުޖުތަމައުތަކާއި ކުދި ޖަޒީރާ ގައުމުތަކުގެ އެޑެޕްޓޭޓިވް ކެޕޭސިޓީ އިތުރުކޮށްދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް،" ރައީސް ވިދާޅުވި އެވެ.

މައިގަނޑު ތިން ފިޔަވަޅެއްގެ ވާހަކަ ރައީސް ދެއްކެވި އެވެ. އޭގެ ތެރޭގައި މޫސުމީ ބަދަލުތަކަށް ހޭނުމަށް ހޭދަކުރަން ޖެހޭ ފައިސާ ލިބުމުގެ ފުރަސަތު ފަހި ވުމާއި، މިހާރު ލިބޭ އެހީ ދެ ގުނަ ކުރުމަށް ގޮވާލެއްވުން ހިމެނެ އެވެ.

"ހާއްސަ އެޑެޕްޓޭޝަން ބޭނުންތަކަށް އެއްބާރުލުން ނުދީ، ޕެރިސް އެގްރީމެންޓާއި 2030ގެ އެޖެންޑާގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލެއް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy