ލިޔުނީ: މަރިޔަމް މޫސާ
"އަހަރެން ހިތަށް އެރި އެވަގުތު ބުނެލަފާނަމޭ އެވެސް އިތުރު ކޮށްލަން، ފަޒާލްގެ ބައްޕަގެ ނަން އިވުނީމައި އޭނަޔަށް ހީވީ ލައްކައެކޭ ކަންނޭނގެ، އެކަމަކު ހަޔާތުގެ ހުށިޔާރުކަން މަށައް ފާހަގަ ކުރެވުނީ." ޔާސިރު ވިސްނާލަމުން ބުންޏެވެ.
"ތިބުނީ؟"ފަޒާލް އަހާލިއެވެ.
"މިބުނީ.. އޭނަގެ ބޮޑުބެ ލިސްޓް ދިނީމަވެސް 7 ރުފިޔާއަށް ރަންކީމައި، މަމީ ހަޔާތު ނަމަ ބޮޑުބެގެ ލިސްޓަށް ރަންކިޔާލާނީ." ފަޒާލް އާއި ދިމާ ކޮށްލަމުން ބުންޏެވެ. ފަޒާލް ހީލިއެވެ. އިރުކޮޅެއްގެ ހިމޭން ކަމަކަށް ފަހު ފަޒާލް ޔާސިރުކުރެން އަހާލިއެވެ.
"އަހަރެން ގެ ނަމްބަރު ހޯދީ ކާކު؟ހަޔާތުތަ ހަމަ؟"ފަޒާލް އެއްޗެއް ހަނދާން ވެގެން އަހާލިއެވެ.
"ނޫން، އަރީޝާ، އޭނަ ކައިރީގައި ހުރީމަ އަހަރެން ހަޔާތުގެ ނަން ބުނީ..."ޔާސިރު ބުންޏެވެ.
"އޯޙް.... އަރީޝާ.... ރަނގަޅަށް ނަމްބަރު ދޭނަމޭ، އެކަމަކު މިވަގުތަކު ނޫން..."ފަޒާލް ހީލިއެވެ.
ފަޒާލް ނަމްބަރު ދޭ ގޮތް އަހަރެންނަށް އެނގޭ."ސަމާސާރާގަކަށް ޔާސިރު ބުންޏެވެ. ފަޒާލް ވެސް ލުއި ހިނިތުން ވުމެއް ތުންފަތް މައްޗަށް ގެނައެވެ.
"ހަމަ ކައިވެނި ކޮށްގެންތަ ދުބާއީ އަށް ދާނީ؟"ޔާސިރު އަހާލިއެވެ.
"އާން.... މިތަނުން ފުރާނީ އަހަރެން ގެ އަބިމީހާ އާއި އެކީގައި، އިންޝާﷲ."ވަރުގަދަ އަޒުމަކާއި އެކީގައި ފަޒާލް ބުންޏެވެ.
"އަތޫފް ބުނި މިކޮޅުން ބިމެއް ބެލި ވާހަކަ...ކީއްކުރާ ބިމެއް؟ ފަޒާލްގެ މިޔޮބޮޑު ބިން އޮށްވާ."ޔާސިރު އެމީހުން ތިބި ތަނަށް އިޝާރާތް ކޮށްލަމުން އަހާލިއެވެ.
"އަތޫފް މިހާރު އެވާހަކަ ވެސް ދެއްކީ ދޯ، އަދި މިއުޅެނީ ފައިލަނަލް ނިންމުމަކާ ހަމަޔަށް ނުދެވިގެން، އިއްޔެ އެމީހަކާ ބިމާ ބެހޭ ގޮތުން ވާހަކަ ދެއްކީވެސް، އަތޫފް އާއި އެޕުރޮޖެކްޓު ހަވާލު ކޮށްގެން މިއުޅެނީ، މުޅިން ހަމަ ޖެހުނީމައި ޔާސިރު ކައިރީގައި ބުނަން މިމަޑުކުރީ."ފަޒާލް އާދައިގެ ރާގެއްގައި ބުންޏެވެ.
"މުޅިން ހަމަ ނުޖެހޭއިރު ކީއްވެ ހާފް ޕޭމަންޓު ދެއްކީ."ޔާސިރު އަހާލިއެވެ.
"އަދި ފަހުން އެނގޭނެ، އިހަށް އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކަ އެއް ނުދެއްކިއްޔާ ރަނގަޅީ، އަހަރެންގެ ކާއިވެނި އަވަސް ކުރެވޭތޯ ބަލާ..."ފަޒާލްގެ މޫނުމަތިން ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ.
"އޯކޭ... އެކަމަކު އެމީހުންނަށް ތިސޫރަ ނުދައްކާ ކިހިނެއް ކައިވެނި ކުރަނީ؟"ޔާސިރު އަހާލިއެވެ.
"އެކަމާ ނުވިސްނާ، އަހަރެންގެ ސޫރަ ބަލަން ޖެހޭމީހާ ދުވަހަކު ވެސް ހިޔެއްނުވޭ މިސޫރައަށް ބަލާލާނެހެނެން، އެހެން ނޫނަސް ހަޔާތު ބޭނުމެއް ނޫން އެގޭ އެކަކުވެސް އެހަފްލާއަށް ގެންދާކަށް."ފަޒާލް ބުންޏެވެ.
"ދެން ވަހީދު ނުދަނީސް ކާކު ވަލީ ދެނީ؟"ޔާސިރު ދެބުމަ އަރުވާލަމުން ސުވާލު ކޮށްލިއެވެ.
"ތިކަންވެސް ހަމަޖެހޭނެ، މިނާޒުކު ސޫރަ އެމީހުންނަށް ނުދައްކާ ވެސް ކައިވެނި ކުރެވޭނެ."ހީލަމުން ސަމާސާ ރާގަކަށް ފަޒާލް ބުންޏެވެ.
"ކުރަހާ މީހެއްނު، ދިރިއުޅުމުގައި ކުލަ ޖައްސަން އެނގޭނެ."ޔާސިރު ދިމާ ކޮށްލާ ރާގަކަށް ބުނެލިއެވެ. ފަޒާލް ހިނިތުން ވެލިއެވެ.
"ފަޒާލް ހަމަ ރަނގަޅަށް ވެސް މީގެ ކުރިން ހަޔާތު އާއި ބައްދަލެއް ނުވޭތަ؟" ޔާސިރު ހަމަޖެހިލަމުން ސުވާލު ކޮށްލިއެވެ. ފަޒާލް ޔާސިރަށް ބަލާލިއެވެ. އަދި ހީލިއެވެ.
"އަހަރެން ތެދަށް ބުނިއްޔާ ގަބޫލު ކުރާނަންތަ؟"ފަޒާލް ސުވާލު ކޮށްލިއެވެ.
"ކީއްވެ ނުކުރަންވީ؟"ޔާސިރު ވެސް ސުވާލު ކޮށްލިއެވެ.
"ދިމައެއް ނުވޭ."ފަޒާލް ބުންޏެވެ.
"ނުވާނެ އެހެނެއް، އަހަރެން ނަށް އެނގިފަވާ ގޮތުން ވިއްޔާ 2 ފަހަރަކު ފަޒާލް މިރަށައް އައި،މިއީ ފުރަތަމަ ފަހަރެއް ނޫން."ފަޒާލްގެ މޫނަށް ބަލާލަމުން ޔާސިރު ބުންޏެވެ.
"އާން، މިރަށައް އައިން، އެކަމަކު މިރަށުން އަންހެން ކުއްޖަކާ ދިމައެއް ނުވޭ ދިމާކުރާކަށް ނުވެސް އުޅެން، އެހެން ނޫނަސް ބުނަން ތިއުޅޭ ވާހަކަ އަހަރެން ނަށް އެނގޭ، އަހަރެން ކުރަހާފައި ހުރި ކުރެހުން ފެނިގެންނެއްނު ތިބުނަނީ." ފަޒާލް ޔާސިރު އަށް ބަލާލަމުން ބުންޏެވެ.
"އާން..." ޔާސިރުގެ ޖަވާބު ކުރެވެ.
"އެއީ މިރަށަށް އައުމުގެ މާކުރިން އަހަރެން ކުރަހާފައި ވާ ކުރެހުމެއް، ފުރަތަމަ އަހަރެން ނަށް ވެސް ހަޔާތު މަގުމަތިން ފެނުނު ރޭ ޙައިރާންވި، އަހަރެން ހީކުރީ އެވަގުތު އަހަރެންނަށް ހަޔާތު ސިފަ ކުރެވުނީކަމަށް، އެކަމަކު ހަމަ އެހިނދު ބައްޕަ ހަޔާތުގެ ފޮޓޯ ފޮނުވީ."ފަޒާލް އެއްދިމާ އަކަށް ގެއްލިގެން ހުރެ ބުންޏެވެ.
"ތިބުނީ ހަޔާތުގެ ސޫރައިގެ ކުރެހުން ފަޒާލް ކުރެހީ މާކުރިންނޭ، އޭގެ މާނައަކީ އިޝާ އާއި ރައްޓެހިވެގެން އުޅެމުން."ޔާސިރު ޙައިރާން ކަމާއި އެކީގައި ސުވާލު ކޮށްލިއެވެ.
"ނޫން، އިޝާޔާ ދިމާވުމުގެ މާކުރިން، ފުރަތަމަ ފަހަރަށް ވެސް ރާއްޖެ އައީ އިޝާގެ މަރަށް ފަހު." ފަޒާލް ބޮޑުނޭވާ އެއް ލަމަށް ފަހު ބުންޏެވެ.
ޔާސިރުގެ ޙައިރާން ކަން އިތުރުވިއެވެ. އެހެންވާނީ ކިހިނެއް ހެއްޔެވެ. ފަޒާލް ހަޔާތުގެ ސިފަ ނުދެކި ހަޔާތުގެ ކުރެހުމެއް ކުރަހާނީ ކިހިނެއް ހެއްޔެވެ. އެކަން ގަބޫލު ކުރަން ޔާސިރު އަށް އުދަގޫވިއެވެ. ޔާސިރު އަކީ ފަޒާލްގެ އެންމެ ގާތް އެކުވެރިޔާއެވެ. އިޝާ އާއި ފަޒާލްގެ ގުޅުން ރަނގަޅަށް އެނގެއެވެ. އޭނަގެ ބޭބެ ގެ މަރަށްފަހު އޭނަ އަންހެން ކުދިންދެކެ އިންތިހާ އަށް ނަފްރަތު ކުރެއެވެ. އެކަމަކު އިޝާގެ ރީތި އަޙްލާގާ ލޯބިވެތި ބަސްތަކުން ފަޒާލްގެ ހިތް ހާސިލް ކުރިއެވެ. އެކަމަކު އެލޯބި ދެމިއޮތީ އަހަރެއްހާ ދުވަހުއެވެ. އާއަހަރުގެ ކުޅިވަރުތައް ބަލަން އިޝާ އެކުވެރިންނާއި އެކީގައި ޔޮޓަށް ދިޔައެވެ. ވީނުވީ އެއްނޭގި ޔޮޓް އަޑިޔަށް ގޮސް އޭގައި ތިބި މީހުން މަރުވެ ދިޔަ ޙަބަރަކީ، އެމެރިކާގައި އާއިލާ އާއި އެކީ ޗުއްޓީ ހޭދަކޮށްލަން ގޮސް ހުރި ފަޒާލްގެ ހިތް ކުދިކުދި ވެގެން ދިޔަ ހަބަރެކެވެ. އޭގެ ފަހުން އޭނަގެ ހިތް ވަނީ ބަންދު ކޮށްލާފައެވެ. އެހިތުން އެއްވެސް އަންހެން ކުއްޖަކަށް ނުވަދެވެއެވެ. އެންމެ ލޯބިވާ ބޭބެ އާއި ލޯބިވެރިޔާ ވަކިވެދިއުމަކީ ލޯބީގެ މަތިން ފަޒާލް ފޫހިވެ ހިތުގައި ނަފްރަތުގެ އަލިފާން ރޯކުރުވި ކަމެކެވެ. ފަޒާލް ކުޅެމުން އެދާ ޑްރާމާ އަކީ އަންހެންކުދިންނާ ދުރަށް ދިއުމަށް ކުޅެމުން ދާ ޑްރާމާ އެކެވެ. އޭނަގެ ބޭބެގެ ބިރުވެރި ސޫރަ އަންހެންކުދިންގެ އާއިލާ އަށް ފޮނުވުމުގެ ބޭނުމަކީ އެއީއެވެ.
****************************
ހަޔާތު އަށް ލޯހުޅުވާލެވުނީ ފޯނަށް މެސެޖެއް އައުމުންނެވެ. ވަރުބަލި ގޮތަކަށް ފުރޮޅިލިއެވެ. އެވަގުތު ބުރަކަށީގައި ފުޅިތޮށިގަނޑު ހެރިފައި ހުރިތަނަށް ތަދުވިއެވެ. އެއާއި އެކީގައި އަނގައިން އަޑެއް ލައްވާލެވުނެވެ. ހަޔާތު ވަރުބަލި ގޮތަކަށް ފޯނު ހޯދަން އަތް ކާއްތާލިއެވެ. އޭރު ބޭރުން ޝަފީނާގެ އަޑުއިވެއެވެ. އެއާއި އެކީގައި ވަހީދުގެ ހަރުކަށި ބަސްތަކުން ރައްދު ދެމުންދާ އަޑު އިވެއެވެ. ހަޔާތު އެމީހުން ދައްކާ ވާހަކަ އަކަށް ވިސްނާނުލާ ފޯނު ހޯދަމުން ދިޔައެވެ. އެއްފަރާތެއްގައި އޮތް ފޯނުގައި އަތް ޖެހުމުން ފޯނު ނަގައި ބަލާލިއެވެ. އަދި މެސެޖު ކިޔާލިއެވެ.
"މޯނިންގް."ފަޒާލް ގެ މެސެޖެކެވެ.
ހަޔާތު އެއްފަރާތެއްގައި ފޯނު ބޭއްވިއެވެ. މައުރޫފްގެ ޙަބަރެއް ނުވާތީއެވެ. ރޭގައި އޭނަ ފަޒާލް އާއި ބައްދަލުކުރަން ދިއުމުގެ ކުރިން މައުރޫފަށް މެސެޖް ކުރިއެވެ. އެމެސެޖްގެ ޖަވާބު އަދި ވެސް ނާދެއެވެ. ދެލޮލުން ކަރުނަ ކަންފަތާއި ދިމާލުން ތިރިޔަށް ފައިބައިގެން ދިޔައެވެ. މައުރޫފް އޭނަގެ މެސެޖަށް ޖަވާބު ނުދިނީ ކީއްވެގެންތޯ ސުވާލު ކުރަން ބޭނުންވިއެވެ. ދޮރުހުޅުވާލާފައި ދޫމާ އެތެރެއަށް ވަނެވެ. ހަޔާތު އަވަސް އަވަހަށް ލޯމަރާލިއެވެ. ދޫމާ ހަޔާތުގެ އެނދާއި ދިމާއަށް ގޮނޑިދުއްވާލާފައި ދިޔައެވެ. އަދި ހަޔާތު އަށް ބަލާލިއެވެ.
"ހަޔާތު.... ދޮންތަ އަށް އެނގޭ ހަޔާތު ތިއޮތީ ހޭލާކަން..."ދޫމާ މަޑުމަޑުން ބުނެލިއެވެ.
"އަހަރެން މިގޮތަށް ބާއްވާ ދޮންތާ..."ހަޔާތު ލޯމަރައިގެން އޮވެ ބުނެލިއެވެ.
"ތިހެން ނޯވޭ، ފުޅިތޮށިގަނޑު ހެރުނުތަނަށް ތަދުވާނެ، އަދިވެސް ލޭ މަނާ ނުވޭ."ދޫމާ މަޑުމަޑުން ބުންޏެވެ.
"ރަނގަޅުވާނެ."ލޯމަރާލާގެން އޮވެ ހަޔާތު ބުންޏެވެ.
ހަޔާތު އޭނަގެ ލޯ ހުޅުވާލާފައި ދުނިޔޭގައި ހިނގަމުންދާ އެއްވެސް ކަމަކަށް ބަލާކަށް ބޭނުމެއް ނޫނެވެ. މުސްތަގުބަލު އޭނަށް ފެންނަމުންދާ ކަހަލަ އެވެ. އޭނަގެ ދިރިއުޅުމަށް އެއްވެސް ކަހަލަ އުފާވެރި އަލިކަމެއް ނުލިބޭނެކަން އޭނަޔަށް އެނގެއެވެ. އޭނަ ދެކެމުން އައި ހުވަފެން ސީދާ ނުވާނެކަން މިހާރު އޭނަޔަށް ޔަގީންވިއެވެ. މައުރޫފް ވެސް އޭނަ އެއަނދިރި ވަޅުގަނޑުން ސަލާމަތް ކުރާކަށް ނާންނާނެއެވެ. އެހެން ނޫންނަމަ މައުރޫފް އޭނަގެ މެސެޖަށް ޖަވާބު ދިނީހެވެ. އަނެއްކާވެސް ހަޔާތުގެ ފޯނަށް މެސެޖެއް އައެވެ. ހަޔާތު އަވަސް އަވަހަށް ބަލާލިއެވެ. މައުރޫފްގެ މެސެޖެއް ކަމަށެވެ. އަނެއްކާވެސް އައީ ފަޒާލްގެ މެސެޖެކެވެ.
"ކާކު؟"ދޫމާ އަހާލިއެވެ.
"ފަޒާލް."ހަޔާތު ފަޒާލްގެ ނަން ކިޔާލިއެވެ.
"ރޭގައި އޭނަޔާ ބައްދަލު ކުރީމައި ކީކޭ ބުނީ؟ އޭނަގެ ސިފަ ހަމަ އެހާ ހުތުރުތަ؟"ދޫމާ ސުވާލު ކޮށްލިއެވެ.
"ސޫރައެއް ނުބަލަން، އަހަރެން ނަށް ބަލާކަށް ނުކެރުނު...."ހަޔާތު ލޯމަރާގެން އޮވެ މަޑުމަޑުން ބުނެލިއެވެ.
"ދެން... ކޮންތާކަށް ދިޔައީ؟"ދޫމާ ސުވާލު ކޮށްލިއެވެ.
"ބީޗަށް، މާގިނަ ވާހަކަ އެއް ނުދައްކާ، އަހަރެން ބުނި ލޯބި ނުވެވޭނެ ވާހަކަ، މިކައިވެނި މިކުރަނީ މަޖުބޫރުންނޭ ވެސް."ހަޔާތު އޮތް ގޮތަށް އޮވެފައި ބުންޏެވެ.
"ދެން އޭނަ ބުނީ ކީކޭ؟"ދޫމާ އަހާލިއެވެ.
"އޭނަވެސް މަޖުބޫރުންނޯ މިކައިވެނި މިކުރަނީ، އެހެން ވެދާނެތަ ދޮންތާ؟"ލޯހުޅުވާލާފައި ދޫމާ އާއި ދިމާ އަށް މޫނު އަނބުރާ ބަލާލަމުން އަހާލިއެވެ.
"މަޖުބޫރު..."ދޫމާ އެއްދިމާ އަކަށް ގެއްލިފައި އިނދެގެން ބުނާކަހަލަ ރާގެއްގައި ބުނެލިއެވެ.
"އާން... މަޖުބޫރު... އޭނަ ކީއްވެ މަޖުބޫރު ވާންވީ؟ މުއްސަންޖެއް. 32 އަހަރުގެ ހަރުދަނާ މީހެއް، ދެން ކޮން މަޖުބޫރެއް؟" ހަޔާތު އަނގަޔަށް ވައްތަރެއް ޖައްސާލަމުން ބުންޏެވެ.
"ހަޔާތު.. އެއީ ވެސް އިންސާނެއް، އޭނަވެސް މަޖުބޫރު ވެދާނެ، ކިހިނެއް އަހަރުމެންނަށް އެނގެނީ އޭނަ އެވީ ކޮން މަޖުބޫރެއް ކަމެއް." ދޫމާ މަޑުމަޑުން ބުންޏެވެ.
އޭރުވެސް އަޑު ހަރު ކޮށް ބޭރު ސިޓިންރޫމް ގައި ވަހީދު އާއި ޝަފީނާ ޒުވާބު ކުރަމުން ދިޔައެވެ. ދައްކާ ވާހަކަ ސާފުކޮށް ކޮޓަރިޔަށް އިވެމުން ދިޔައެވެ. ޝަފީނާ އެގެޔަށް އަންނަ ކޮންމެ ދުވަހަކީ ވަހީދު އާއި ޒުވާބު ކުރަން ޖެހޭ ދުވަހެކެވެ. ދޫމާ އާއި ހަޔާތުގެ ދިފާއުގައި ބިރަކާ ނުލާ ކުރިމަތިލާން ކެރޭ ހަމަ އެކަނި އިންސާނަކީ އެއީ އެވެ. ހަޔާތު އާއި ދޫމާގެ ކާފަގެ ވަސިއްޔަތުގެ ސަބަބުން ނެވެ. ވަހީދު އެކަން ހަނދާން ނެތޭ ކޮންމެ ފަހަރަކު ޝަފީނާ އެވަސިއްޔަތުގެ މަތިން ހަނދާން ކޮށްދީ އެކުދިންނަށް ހައްގު ހޯދަދޭން މަސައްކަތް ކުރެއެވެ. އޭނަޔަކީ އަންހެނަކަށް ވެފައި އެދެކުދިންގެ ޒިންމާ އެޅުނީ ވަފާޒުގެ އެއްބަފާ ކޮއްކޮ ވަހީދުގެ ބޮލުގައެވެ. ވަފާޒު އާއި ޝަފީނާ އަކީ އެއްބަޑު އެއްބަފާ ދެބެއިންނެވެ. ވަހީދު އަކީ ޝަފީނާ އާއި ވަފާޒުގެ އެއްބަފާ ކޮއްކޮ އެވެ. އެދެމީހުންނާ މުޅިން ތަފާތު މިޒާޖެއް ލިބިގެންވާ ވަހީދު އަކީ އިންތިހާ އަށް ރުޅިގަދަ ގޮތްދޫނުކުރާ ގޮތުގައި ހިފަހައްޓާލާ މީހެކެވެ. ދޫމާ އާއި ހަޔާތުގެ ބައްޕަ ވަފާޒު އާއި މަންމަ ޒަހުރާ ނިޔާވި ދުވަހު އެކުދިންގެ ޒިންމާ ނެގީ ދުޔެއަށް މިސާލެއްގެ ގޮތުގައެވެ. އެކަމަކު ވަހީދުގެ ހިތުގައިވާ އެއްވެސް އެއްޗެއް އެކަކަށް ވެސް ނޭނގެއެވެ. ޒޫނާގެ ބައްޕަގެ މަކަރުވެރި ރޭވުމުގެ ދަށުން ހުރިހާ ކަމެއް ވެނިމުނީއެވެ. ވަފާޒުގެ ވިޔަފާރި އާއި ގެސްޓްހައުސްތަ ކަށް ވީކިހިނެއް ކަމެއް އަދިވެސް އެކަކަށް ވެސް ނޭނގެއެވެ.
"ހަޔާތުގެ ކައިވެނި ކުރަން ފުރަތަމަ ތިމާގެ ދަރި މީހަކާ ދެވާބަލަ، މިހާރު 25 އަހަރުއެވީ އަދިވެސް ޅަބަބައެއްހެން ތިގެންގުޅެނީ."ޝަފީނާ ދެލޯ އަޅާލަމުން ވަހީދު އަށް ބުންޏެވެ.
"ހަޔާތު ހެން ރަށައް ގިނަވެގެން އަރީޝާ ނޫޅެއޭ، އަރީޝާ އަދިވެސް ކުއްޖަކާ ރައްޓެއްސެއްނުވޭ، އެކަމަކު ހަޔާތު އެއުޅެނީ އުޅޭ ވައްތަރު."ނީދެވިގެން ޒޫނާ ބުންޏެވެ.
"އޭނަ ކޮން ވައްތަރަކަށްތަ އުޅުނީ؟ މައުރޫފް އާއި ރައްޓެހިވުން އެއީ ކުށެއްތަ؟ އަހަރެން ނަކަށް ނޭނގެ އެއީ ކުށެއްކަމެއް." ޝަފީނާ ބުންޏެވެ.
"ދައްތާ ކޮންކަމެއް ދެން، ކޮންމެ ދުވަހަކު މިގެޔަށް އައިސް ޒުވާބު ކުރަން ދައްތަ ހިންހަމަ ޖެހެނީތަ؟ ހަޔާތު ގެ ކައިވެންޏަށް މުހައިމިނު އެދުނީމައި ވަރަށް ވިސްނާފައި އަހަރެން އެކައިވެނި ކުރަން އެއްބަސް މިވީ."ވަހީދު ރުޅިމަޑުކުރަމުން ބުންޏެވެ.
"ދެން އެމީހަކާ އަރީޝާ ދެވިނަމަ ޑަބަލް ފައިދާ ވީހެއްނު، ހަޔާތު އަށް ވުރެން 12 އަހަރު ދޮށިމީހަކާ ކޮންބޭނުމަކު ދެވަން ތިއުޅެނީ؟ ތިބުނާ މުހައިމިނެއް ވަހީދު އަށް ކިހާވަރެއްދިން؟އާން. މައުރޫފަށް ވެސް ޝަރުތެއް ކަނޑަ އެޅިއެއްނުން، 3 މިލިޔަން ރުފިޔާ."ޝަފީނާ ރުލިވެރި ރާގެއްގައި ބުންޏެވެ. ޝަފީނާ އެހެން ބުނުމުން ވަހީދު އާއި ޒުނާ އެކަކު އަނެކަކަށް ބަލާލިއެވެ.
"ދައްތާ... އެއީ އެގޮތަށް ބުނިއެއް ޗެއްނޫން، ހަޔާތު އޭރު ކިޔަވާތީ އަހަރެން އެހެން ބުނީ."ވަހީދު ރުޅިގަނޑު ހަމަޔަކަށް އަޅުވަމުން ޝަފީނާ އަށް ބުންޏެވެ.
"ދެން މިހާރު؟ މިހާރު ހަޔާތު ކިޔަވާ ނިމުނީތަ؟"ޝަފީނާ މަލާމާތުގެ ރާގެއްގައި ބުންޏެވެ.
"ކިޔަވާ ނިމުނަސް ނުނިމުނަސް މިހާރު އެކަން އެޔޮތީ ވެފައި، މިހާރު ހަޔާތު އަކީ ފަޒާލްގެ އަންބެއް، ރަން ކިއުމަށްފަހު ދެން އިތުރު ފިރިހެނަކަށް އޭނަ ފެނިގެން ނުވާނެ."ޒޫނާ ހަރުކަށި ރާގެއްގައި ބުންޏެވެ.
"ކާކު ބުނި ވާހަކަ އެއް؟ ހަޔާތު އަށް ރަންކަނޑާވެސް ލެވިދާނެ، ހީކުރަނީތަ؟ މައުރޫފް ކަލޭމެން ތިގޮތަށް ކަންތައްތައް ކުރިޔަދޭނެތަ؟ 3 މިލިޔަން ރުފިޔާ ގެނެސް ވަހީދުގެ މޫނަށް ޖަހާފައި ހަޔާތު އޭނަ ގެންދާނެ."ޝަފީނާ ހަރުދަނާ ރާގެއްގައި ބުންޏެވެ.
"ފުރަތަމަ އޭނަ ވީ ކޮންތާކު؟ ކާކަށް އެނގެނީ އޭނަ ވީޔަނެއް؟"ވަހީދު އަހާލިއެވެ.
"އަހަރެން ނަށް އެނގެޔޭ އޭނަ ސިފައިނާ ހަވާލުކުރީ ވަހީދު ކަން، ހީކުރަނީ އަހަރެން ނަށް އެއްވެސް އެއްޗެއް ނޭނގޭ ކަމަށްތަ؟"ޝަފީނާ ބުންޏެވެ.
"އަހަރެންނޭ އަހަރެން ކީއްކުރަން؟ އެހެން ނޫނަސް ދައްތަ މިހާރު މޮޔަތިގޮވަނީ، ދެން ރަނގަޅުވާނީ ދައްތަ ގެޔަށް ދިޔައްޔާ."ވަހީދު ކޮޓަރިޔަށް ވަންނަމުން ބުންޏެވެ.
"ހަނދާން ކުރާތި ރޭގައި ކުރިކަހަލަ އަނިޔާއެއް ހަޔާތު އަށް ކޮށްގެން ނުވާނެ، ދެން އެކަހަލަ ކަމެއް ކުރާ ދުވަހަކީ ސިފައިނާ ވަހީދު ހަވާލުކުރާނެ ދުވަސް، އަހަރެން ވެސް ދެން ނުބަލާނަން ލޭ ގެ ގުޅުމަކަށް."ސަފީނާ ހަޔާތުގެ ކޮޓަރިޔާއި ދިމާ އަށް ހިނގައިގަންނަމުން ބުންޏެވެ.
ޝަފީނާ އެތެރެއަށް ވަނުމުން ވަހީދުގެ ފަހަތުން ޒޫނާ ކޮޓަރިޔަށް ވަނެވެ. އަރީޝާ ވެސް އަތުގައި އޮތް ކިއުޓެކްސް ފުޅި ހިފައިގެން އެމީހުންގެ ފަހަތުން އެތެރެއަށް ވަނެވެ.
"ކީއްވެ އަހަރުމެންނަށް އެކައިވެނިކުރާ ތަނަށް ނުދެވެންވީ؟"އެތެރެއަށް ވަނުމަށްފަހު ޒޫނާ ދެލޯ އަޅާލަމުން ވަހީދަށް ބުންޏެވެ.
"އެއީ ފަޒާލްގެ ނިންމުން، އެނިންމުމާ ދެކޮޅު ހެދޭނީ ކިހިނެއް؟"ވަހީދު ބުންޏެވެ.
"އެކަމަކު މަންމާ... އެކަމާ އަޅާނުލާބަލަ، އެހެން ނޫނަސް ހަޔާތުގެ ކައިވެނި ވާން އެއުޅެނީ ތަނެއަގައި ހުރި ރަސްކަލަކާ ނޫން، އާދައިގެ އިންސާނަކާ، ފަޒާލްގެ ސިފަ އެހެން މީހުންނަށް ފެނިދާނެތީ އޭނަ ލަދުގަންނަނީއޭ، އެކަން މަންމަ އަންޑަސްޑޭންޑް ވެބަލަ، "އަރީޝާ ނިޔަފަތީގައި ކިއުޓެކްސް އުގުޅަމުން ބުންޏެވެ.
"ދެން އެކަމަކު ވަރަށް ހެއްވާ... މިހުރިހާ ދުވަހު އަހަރުމެން ކައިރީގައި ހުރި ކުއްޖަކު މީހަކާއި އިނދެގެން ދާއިރުވެސް އަހަރުމެންނަށް އޭނަ އިންނަ މީހާ ނުވެސް ފެނޭ، ހެއްވާ ކަމެއް."ޒޫނާ ފޫހިވެފައިވާ ރާގެއްގައި ބުންޏެވެ.
"އެތަނަށް އަހަރެން ނަށް ވެސް ނުވަދެވޭ.... ގާޒީ އަކީވެސް އެމީހުންގެ ތިމާގެ މީހެއް،ހެކިވެރިން ނަކީވެސް ފަޒާލްގެ މީހުން، އަހަރުމެން އެއްވެސް ކަމެއް ކުރާކަށް ނުޖެހޭ، ވަލީވެސް އަހަރެން ޖެހުނީ ގާޒީ އާއި ހަވާލުކުރަން، ކިހާ ހެއްވާ."ވަހީދު ވެސް ބުންޏެވެ.
"ޗިއްލް ބައްޕާ... ކޮންމެ ގޮތަކުން ވެސް އަހަރުމެން ބޭނުންވަނީ ހަޔާތު އަވަހަށް މިގޭން ފޮނުވާލަން، ދިމާވީވެސް ކިހާ ނަސީބު ރަނގަޅު ގޮތަކަށް އޭނަ މީހަކާ އިނދެގެން މިރަށުން ކީއްކުރަން މި ޤައުމުން ވެސް އެތައް ހާސްމޭލެއްގެ ދުރަށް އެދަނީ، މައުރޫފް އާއި ދުވަހަކު ވެސް ދިމާ ނުވާ ގޮތަށް."ހީލަމުން އަރީޝާ ބުންޏެވެ.
"އާން... ދަރިފުޅާ، ދަރިފުޅު ލޯބިވާ މީހާ ލިބޭނީ ހަމަ ދަރިފުޅަށް."ޒޫނާ އަރީޝާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.
"ތިހެން އަދި ބުންޏަސް ނިމުނީކީ ނޫން، މައުރޫފް އެއްބަސް ވެސް ކުރުވަން ޖެހޭނެ،އަހަރެން އޭރު ހަޔާތު އާއި އިންނަން އޭނަ އެދުނީމައި 3 މިލަޔަން ރުފިޔާއޭ ކިޔާ ބޮލުން އެކަން ކަޓުވާލެވޭތޯ އުޅުނީ، އޭނަ މަޑުން ހުންނާނެ ހެން ހިޔެއް ނުވޭ."ވަހީދު ވިސްނާލަމުން ބުންޏެވެ.
ކޮމެންޓް