ޔުނައިޓެޑާއި ސިޓީ މޮޅުވުއިރު ލިވަޕޫލް ބަލިވެއްޖެ

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ މޮޅުވެފައިވާއިރު، އާނާ ސްލޮޓްގެ ކޯޗުކަމުގައި ފުރަތަމަ ފަހަރަށް ލިވަޕޫލް ބަލިވެއްޖެ އެވެ.

ސައުތެމްޓަން ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑް 3-0 އިން މޮޅުވިއެވެ. މި މެޗުގައި ޔުނައިޓެޑަށް ލަނޑު ޖަހައިދިނީ މަތައިސް ޑި ލިޓް، މާކަސް ރަޝްފޯޑް އަދި އަލެހަންދްރޯ ގަނާޗޯ އެވެ. މި މޮޅާއެކު ޔުނައިޓެޑަށް ވަނީ ޖެހިޖެހިގެން ދެ މެޗުން ބަލިވުމަށްފަހު އަނެއްކާވެސް މޮޅުވުމުގެ ހިތްވަރު ލިބިފައެވެ.

މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް 2-1 އިން ބަލިކުރިއެވެ. މި މެޗުގައި ސިޓީއަށް ދެ ލަނޑު ޖަހައިދިނީ އާލިން ބްރައުޓް ހާލަންޑް އެވެ. މި މޮޅާއެކު ސިޓީއަކީ މި ފަހަރުގެ ލީގު ފަށައިގެން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވި ހަމައެކަނި ޓީމެވެ.

އަނެއްކޮޅުން، ލިވަޕޫލް އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އަތުން 1-0 އިން ވަނީ ބަލިވެފައެވެ. މިއީ 55 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލިވަޕޫލް އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވި މެޗެވެ. ފޮރެސްޓްގެ ހަމައެކަނި ލަނޑު ޖެހީ ކަލުމް ހަޑްސަން އޮޑޯއި އެވެ.

ރޭ ކުޅުނު އެހެން މެޗުތަކުގައި އިޕްސްވިޗާއި ބްރައިޓަން 0-0 އިން އެއްވަރުވިއިރު، ވެސްޓް ހޭމް ޔުނައިޓެޑާއި ފުލަމް 1-1 އިން އެއްވަރުވިއެވެ. އަދި ކްރިސްޓަލް ޕެލަސްއާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗުވެސް ވަނީ 2-2 ން އެއްވަރުވެފައެވެ.

ލީގުގައި މި ހަފުތާގެ ބޮޑުމެޗުގެ ގޮތުގައި މިރޭ ޓޮޓެންހަމް އާއި އާސެނަލް ބައްދަލުކުރާނެއެވެ. މި މެޗުފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ގަޑިން ހަވީރު 6.00 ގައެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy