ލިޔުނީ: މަރިޔަމް މޫސާ
ގެއިން ނިކުމެ ފަޒާލް ކާރުގައި ދިޔަ ކޮޅު ނޫން އަނެއްކޮޅަށް ދުއްވައިގަތެވެ. ފަޒާލް ވެސް ފަހަތުން މަޑުމަޑުން ކާރުގައި އައީއެވެ. ފަޒާލަށް ދެންމެ ފެނިގެން ދިޔަ މަންޒަރުން ހަޔާތު އަށްއޮތިބާރު ކުޑަވިއެވެ.
މިރޭ ރަންކިއުމަށްފަހު ހަޔާތު މައުރޫފް އަށް ކުރި މެސެޖް ލިބުނީ ފަޒާލަށެވެ. ފަޒާލް ނުބަލާ ކަމަށް ހީކޮށް އަލުން ހަޔާތު ވަނީ އެމެސެޖް ޑިލިޓް ކޮށްފައެވެ. ކުރިން ފަޒާލް އުޅުނީ ޔާސިރު އާއި އެކީގައި ހަޔާތު ގެންނާށެވެ. އެކަމަކު މެސެޖް ފެނުމުން ފަޒާލް ބޭނުންވީ އެގެޔަށް ހަޔާތު ބަލާ އޭނަ ދާށެވެ. އަދި ހުރިހާ ވާހަކަ އެއް ފަޒާލް އެއްވެސް މީހަކާ ދައްކާކަށް ބޭނުމެއް ނުވެއެވެ. މައުރޫފް އާއި ބައްދަލު ކުރެވޭނެ އެންމެ ހަނި ދާއިރާ އެއްވެސް ފަޒާލް ދޭކަށް ބޭނުމެއް ނޫނެވެ. ވެގެން ވަންޏާ މިރޭން މިރެއަށް ވެސް ހަޔާތު އަކީ ފަޒާލްގެ މީހަކަށް ހެދީހެވެ. އެކަމަކު ކޮންމެ ކަމެއްގައިވެސް ކަނޑައެޅިފައިވާ އުސޫލް ތަކެއް ވާނެއެވެ.
ގެޔަށް އައިސް ވަނުމަށް ފަހު މަޑުމަޑުން ހަޔާތު ކޮޓަރިޔާއި ދިމާ އަށް ހިނގައިގަތެވެ. ސިޓިންރޫމްގައި ފޯނުން ޗެޓްކުރަން އިން އަރީޝާ އަށް ހަޔާތު ފެންނަ އިރަށް ފުންމައިގެން ތެދުވެ ހަޔާތު މަޑުކިރުވިއެވެ.
"އޭއި ބިއުޓީ... މަޑުކޮށްބަލަ...."އަވަސް އަވަަހަށް ހަޔާތު އާއި ދިމާއަށް ދިޔައެވެ. ހަޔާތުރޮއިރޮއި ރަތްވެފައިވާ ދެލޮލުން އަރީޝާ އަށް ބަލާލިއެވެ.
"ކޮބާ ދުބާއީގެ ޕުރިންސް ކިހިނެއް؟ ކޮންކަހަލަ ހަދިޔާ އެއް ދިނީ.... އޫޕްސް ހުސްއަތާ ތަ ތިއައީ؟ އަހަރެން ހީކުރީ ރަންކީރޭ ވީމައި މާ ވަރުގަދަ ހަދިޔާ އެއް ދޭން ގެންދިޔައީ ކަމަށް..."އަރީޝާ ހަޔާތު އާއި ދިމާ ކޮށްލަން ބޭނުންވެގެން ބުނެލިއެވެ. ހަޔާތު އަރީޝާ އަށް ޖަވާބު ނުދީ ކޮޓަރިޔާއި ދިމާ އަށް ހިނގައިގަތެވެ.
"އޭއި އަދި މަޑުކޮށްބަލަ...."އަރީޝާ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.
"ކިހިނެއްވީތަ؟"ރުޅިއައިސްފައިވާ ރާގެއްގައި ހަޔާތު އަހާލިއެވެ.
"ރަންކީމައި ހާފް ވައިފް އަކަށް ވީ އިނގޭ... މައުރޫފް މަތިން ހަނދާން ކޮށްކޮށްފައި ރުއިން ބޭކާރު.. ދެން ދުބާއީގެ އަގްލީ ޕުރިންސްމަތިން ހަނދާންކޮށް އުފާކުރަން ދަސްކުރޭ...."މަލާމާތް ކޮށްލަމުން އަރީޝާ ބުންޏެވެ. ހަޔާތު ގެ ހިތް ފުނޑުފުނޑުވިކަހަލަ އެވެ. އަރީޝާގެ އެބަސްތަކުން އިތުރަށް ހިތަށް ތަދުވެ ކަރުނަ އަންނަން ފެށިއެވެ. ބާރަށް ގޮސް ހަޔާތު ކޮޓަރިޔަށް ވަދެ ދޮރުލައްޕާލިއެވެ. އިތުރަށް އޭނަ އެތާ ހުރެފިއްޔާ އަރީޝާގެ އެވިހަ ބަސްތަކުން އޭނަ ޒަހަމްވާނެކަން ޔަޤީނެވެ. ފަޒާލްގެ ހުތުރު ސިފަ އަށް ވުރެން އަރީޝާގެ ބަސްތަކުގެ ވިހަގަދައެވެ.
ހަޔާތު ކޮޓަރިޔަށް ވަންއިރު ދޫމާ ހަޔާތު ލަސްވެގެން ކަނބޮޑުވެފައި އިނެވެ. ހަޔާތު އަށް އޭނަގެ ދައްތަ ފެންނައިރަށް ރޮވެން ފެށިއެވެ. ދޫމާ އޯގާތެރިކަމާއި އެކީގައި ހަޔާތުގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.
"ދޮންތާ އަހަރެން މައުރޫފް އާއި ބައްދަލު ކުރަން އެގެޔަށް ދިޔައިން..." ހަޔާތު އަށް އެހެން ބުނެވުނު ވަގުތާއި ވަހީދު އެހިސާބަށް އެރިވަގުތާ ދިމާވީ އެއް ވަގުތަކެށެވެ. ވަހީދު އަށް އެއަޑު އިވުމުން ރުޅިއައިސްފައި ދޮރުހުޅުވާލިއެވެ.
"ހަޔާތު.... "ރުޅިއައިސްފައި ވަހީދު އަޑުގެ ކޮޅަށް ހަޔާތުގެ ނަން ކިޔާލިއެވެ.
އެއަޑަށް ސިހިފައި ހަޔާތު އާއި ދޫމާ އެދިމާ ބަލާލިއެވެ. ވަހީދު ރުޅިއައިސްފައި ހަޔާތުގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. ހަޔާތު ބިރުން ތުރުތުރު އަޅައިގަތެވެ. ވަހީދުގެ ކުއްލި ހަރަކާތުން ދޫމާ ވެސް ބިރުން ރޮވެން ފެށިއެވެ. ވަހީދު ހަޔާތުގެ އަތުގައި ހިފައި ދަމާފައި ކޮޓަރިން ނެރުނެވެ. ރޮމުން ދިޔަ ހަޔާތު ގެ އަޑު އެހުމެއް ނެތި ސިޓިންރޫމަށް ހޫރާލިއެވެ. ހަޔާތު އަށް އަމިއްލަ ނަފްސުކޮންޓްރޯލް ނުވެ ގޮސް ސޯފާ ކުރިމަތީގައި ހުރި ކޮފީޓޭބަލްގައި ޖެހި ވެއްޓުނެވެ. ވަހީދުގެ އަޑަށް ނިދިފައި އޮތް ޒޫނާ އާއި ކޮޓަރިތެރޭގައި ނިދަން ތައްޔާރުވަމުން ދިޔަ އަރީޝާ ބޭރަށް ނިކުތެވެ. ފަހަތުން ރޮމުން ފުރޮޅުލީ ގޮނޑި ދުއްވަމުން ދޫމާ އައެވެ. އޭނަގެ ކޮއްކޮ އަށް އެހީވުމަށްޓަކައެވެ. އެކަމަކު އެނުކުޅެދުންތެރި ނިކަމެތި ކުއްޖާ އަށް ކުރެވޭނީ ވެސް ވަކި ކޮންކަމެއް ހެޔެވެ. ރޯލަރޯލާ އިނުން ނޫން ކަމެއް ކުރެވޭނެހެއްޔެވެ.
ހަޔާތު އަށް ވީތަދުން ގުޑާ ނުލެވިފައި އިންދާ ވަހީދު އޭނަގެ ރުޅި ކޮންޓްރޯން ނުކުރެވިކައިރީގައި ހުރި ހަރުގަނޑުމަތިން ބިއްލޫރި ވާސް އެއްނަގާ މުށިގަނޑުމައްޗަށް އެއްލިއެވެ. އެވަގުތު ބުރައިގެން ދިޔަ ފުޅިތޮށި ތަކުން ފުޅިތޮށިގަނޑެން ހަޔާތުގެ ބުރަކައްޓަށް ހެރުނެވެ.
"އާޙް...."ވީތަނުން ހަޔާތު އަށް އަޑެއް ލައްވާލެވުނެވެ.
"ބައްޕާ.... އައްދޯއި."ކޮޓަރި ދޮރުމަތީގައި ހުރި އަރީޝާ އަށް ވެސް ބުނެވުނެވެ.ފުޅިތޮށިގަނޑެއް އަރީޝާގެ ފައިގައި ވެސް ޖެހި ކަނޑައިގެން ދިޔައެވެ.
"ވަހީދޫ... ބަލައިގެން އުޅެބަލަ، ރުޅިއަޔަސް ތިއީ ބޮޑުވަރު، މިހާރު އަރީޝާ އަށް ކިހާ ބޮޑު އަނިޔާ އެއް ތިދިނީ."ޒޫނާ ރުޅިއައިސްފައިވާ ރާގެއްގައި ބުންޏެވެ.
"މަންމާ ވަރަށް ތަދުވޭ..."ރޮމުން އަރީޝާ ބުންޏެވެ.
ޒޫނާ ފުޅިތޮށިތަކަށް ނާރާ ބަލައިގެން އަރީޝާގެ ކައިޔަށް ދިޔައެވެ. އޭރު އަރީޝާ ރޮއި ގިސްލަމުން ދިޔައެވެ. ޒޫނާ އަރީޝާގެ ފަޔަށް ބަލާލިއެވެ.
"މިދެން ކިހާ ދެރަކަމެއް، މީނަޔާ ހުރެ އަހަރުމެންގެ ދަރިޔަށް މިއަނިޔާވަނީ."ރުޅިއައިސްފައި ޒޫނާ ހަޔާތު އަށް ބުންޏެވެ.
"މާ އަނގަގަދަ ނުކޮށް އަރީޝާ ގޮވައިގެ އެތެރެއަށް ވަދެ އެތަނުގައި ބޭސް އަޅާބަލަ...."ވަހީދު ކުރިންޔަށް ވުރެން ރުޅި ތަންކޮޅެއް މައިތިރިކޮށް ޒޫނާ އަށް ބުންޏެވެ.
"އަދިވެސް މަދެކެ ދޯ ތި ރުޅިއަންނަނީ."ޒޫނާ ދެލޯ އަޅާލަމުން ވަހީދަށް ބުންޏެވެ.
"މަންމާ... ވަރަށް ތަދުވޭ.."ކުޑަކުއްޖެއްހެން އަރީޝާ ރޮމުން ބުންޏެވެ. ޒޫނާ އަރީޝާ ގޮވައިގެން ކޮޓަރިތެރެ އަށް ވަނެވެ.
"ހަޔާތު ލަދެއް ނުގަނޭތަ؟މިހާރު ތިއީ ފަޒާލާ އިންނަން ރައްކިޔާފަ އިން މީހެއް. އޭނަޔަށް އެނގިއްޖެއްޔާ އަހަރުމެން ކިހާ ލަދެއް ގަންނާނެ، އެއީ އާދައިގެ މީހެއް ނޫން، މީގެފަހުން މަޢުރޫފް އާއި ބައްދަލުކޮށްގެން ނުވާނެ، އެހެން ނޫނީ ނަތީޖާ ރަނގަޅެއް ނުވާނެ." ވަހީދު ހަރުކަށި ރާގަކަށް އެހެން ބުނެފައި އެތެރެއަށް ވަދެގެން ދިޔައެވެ.
ދޫމާ ގިސްލަމުން ހަޔާތު އާއި ދިމާ އަށް ގޮނޑި ދުއްވާފައި ދިޔައެވެ. ހަޔާތު ކޮފީޓޭބަލްމަތީގައި ބޯއަޅައިގެން އިންގޮތައް އިނދެ ގިސްލާ ރޮމުން ދިޔައެވެ. ފުޅިތޮށިގަނޑު ހެރުނު ދިމާލުން ލޭ އަންނަމުން ދިޔައެވެ. ދޫމާ އަށް އެތަން ފެނުމުން ކުރިޔަށް ވުރެން ވެސް ބޮޑަށް ރޮވުނެވެ.
"ދައް...ތާ.... ދައް...ތާ..."އަޅަ އަޅައި ގަންނަމުން ދޫމާ ޒޫނާ އަށް ގޮވަމުން ދިޔައެވެ.
"ކަންތަކާ ޖެހުނީ.... ދެން އޮންނާނީ ދޫމާގެ ޑްރާމާ..."ޒޫނާ ދެލޯ އަޅާލަމުން ބުންޏެވެ.
"މަންމާ ވަރަށް ތަދުވޭ..."ރޮމުން އަރީޝާ ބުންޏެވެ.
"ތަދުވާނެ ކަން މަންމަ އަށް އެނގެއޭ، ދަރިފުޅު ބޭރަށް ނުނިކުންނާތި، އެ ފުޅިތޮށިތައް އެތަނުން ނުނަގަނީސް، އެހެން ނޫނީ އަނެއްކާ ފަޔަށް ހެރިދާނެ." ޒޫނާ އަރީޝާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.
ހަޔާތު މަޑުމަޑުން ގިސްލަމުން ދިޔައެވެ. ފުޅިތޮށިގަނޑު ހެރިފައިވާ ދިމާލަށް ތަދުވަމުން ދިޔައެވެ. އެއްވެސް މީހެއްގެ ޙަބަރެއް ނުވުމުން ދޫމާ ހަޔާތުގެ ބުރަކައްޓަށް ހެރިފައިވާ ފުޅިތޮށިގަނޑު ނަގަން އުޅުނެވެ. އެވަގުތު ޒޫނާ ކޮޓަރި ދޮރު ހުޅުވާލާފައި ބޭރަށް ނިކުތެވެ.
"މިފުޅިތޮށިތައް ނަގަން އުޅޭ... އެހެން ނޫނީ އަނެއްކާވެސް އަރީޝާ އަށް އަނިޔާވެދާނެ."ޒޫނާ ރުޅިއައިސްފައި ދޫމާ މެންނަށް ބުންޏެވެ.
ގިސްލެވިފައި އިން ދޫމާ އެއްޗެއް ބުނަން އުޅުނެވެ. އެކަމަކު އޭނަޔަށް އެއްވެސް އެއްޗެއް ބުނެވޭ ގޮތެއް ނުވިއެވެ. ޒޫނާ އިތުރަށް ދައްކާނެ ވާހަކަ އެއް ނެތް ކަހަލަ ގޮތަކަށް އެދެކުދިންނަށް ދެލޯ އަޅަމުން ގޮސް ކޮޓަރިޔަށް ވަނެވެ. ދޮރުޖެހުމާއި އެކީގައި ހަޔާތު ބޯހިއްލާލާފައި އެނބުރި ދޫމާގެ ކަކުލުގައި ބޯއަޅާލިއެވެ. އަދި ގިސްލަމުން ދިޔައެވެ. ހަޔާތް ގެ ބުރަކައްޓަށް ހެރިފައިވާ ފުޅިތޮށިގަނޑު ދޫމާ ހިތްވަރު ކޮށްލާފައި ދަމައިގަތެވެ. އަދި ކުރިޔަށް ވުރެން ބޮޑަށް ލޭ އަންނަން ފެށުމުން އެދިމާލުގައި އަތް އަޅާ ލޭ މަނާ ކުރަން ދޫމާ މަސައްކަތް ކުރިއެވެ. ދޫމާ އަށް ވެސް ގިސްލޭވަރުން އަތްވެސް ތުރުތުރު އަލަމުން ދިޔައެވެ. ހަޔާތުގެ ބުރަކަށްޓަށް އަޅާވޭނަށް ވުރެން ބޮޑަށް ހިތުގައި އަޅާ ވޭން މާބޮޑެވެ.
ދޫމާ އަށް ގުޑާނުލެވިފައި އިންގޮތަށް އިނީއެވެ. ހަޔާތު ގިސްލަމުން ދިޔައެވެ. އިރުގަނޑެއް ފަހުން ޝަފީނާ އައިސް ގޭތެރެއަށް ވަނެވެ. ދޫމާ އާއި ދިމާ އަށް ހާސްވެފައި ޝަފީނާ އައެވެ. ޝަފީނާ އަކީ ދޫމާ އާއި ހަޔާތުގެ ބައްޕަގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. އެދެކުދިންގެ ބޮޑު ދައިތައެވެ.
"ދޫމާ ކިހިނެއްވީ ދަރިފުޅާ؟"ޝަފީނާގެ އޯގާތެރި އަޑު އިވުމުން ދޫމާ ރޮއިރޮއި ރަތްވެފައިވާ ދެލޮލުން ޝަފީނާ އަށް ބަލާލިއެވެ.
"ދައް...ދައް...ތާ."ދޫމާ އަށް ކުރިޔަށް ވުރެން ވެސް ބޮޑަށް ރޮވެން ފެށުނެވެ.
ޝަފީނާ އަށް ހަޔާތުގެ ބުރަކަށިން ލޭ އަންނަތަން ފެނުނެވެ. އަދި މުށިގަނޑުމަތީގައި ހުރި ފުޅިތޮށިތައް ފެނުމުން ޙައިރާން ކަމާއި އެކީގައި ދޫމާ އަށް ބަލާޅިއެވެ. ޝަފީނާ އަވަސް އަވަހަށް ގޮސް ހަޔާތުގެ ދެކޮނޑުގައި ހިފައިފައި ނަގަން އުޅުނެވެ. އެވަގުތު އެއްވެސް ވަރެއް ނެތް ގޮތަކަށް ހަޔާތު އަރި އަޅާލިއެވެ.
"ހަޔާތު ދަރިފުޅާ..."ހަޔާތު ޝަފީނާގެ ގައިގައި ލައްކޮށްލަމުން އަޑުގެ ކޮޅަށް ޝަފީނާ އަށް ހަޅޭ ލަވައިގަނެވުނެވެ.
ޝަފީނާގެ އަޑަށް ނިދިފައި އޮތް ވަހީދުގެ ލޯހުޅުވުނެވެ. ޒޫނާ ވެސް ލޯހުޅުވާލާފައި ގައިމަތީގައި އޮތް ރަޖާގަނޑު ރަނގަޅު ކޮށްލިއެވެ.
"އެޝަފީނާގެ އަޑު، ދެން ހުންނާނެ ފޯރި...."ޒޫނާ އާފުރިލަމުން ބުނެލިއެވެ. ވަހީދު ދާން ތެދުވިއެވެ.
"ކޮންތާކަށް؟ ކީއްކުރަން ތިދަނީ؟ އެމީހުން ކުޅޭ ޑްރާމާ ބަލަން ދާނެކަމެއް ނެތް އޮށޯވޭ."ޒޫނާ ފަރުވާ ކުޑަ ރާގަކަށް ވަހީދަށް ބުންޏެވެ.
"މިގަޑީގައި ޝަފީނާ އައީ ކީއްކުރަންތޯ ބަލަންޖެހޭއެއްނު."ވަހީދު ނިދިވަރުބަލި ރާގެއްގައި އާފުރިލަމުން ބުންޏެވެ.
"އެވާނީ ހަޔާތު ގުޅައިގެން ގެނައީ ކަމަށް، ބޮޑުބޭބެގެ ޝަކުވާ ކުރެވޭނީ ބޮޑުދާތަ ކައިރީގައެއްނު، އޭނަ ދައްކާ ވާހަކަ އަޑު އަހާފަ އޭނަގެ ޑްރާމާ ބަލާނީ ޝަފީނާ، ދާނެކަމެއް ނެތް އަޅާނުލާ..."ޒޫނާ ބުންޏެވެ. ޒޫނާ އެހެން ބުނުމުން ވަހީދު ވެސް ރަޖާގަނޑު ރަނގަޅު ކޮށްލަމުން ދެލޯ މަރާލިއެވެ.
ޝަފީނާ ވަރަށް މަސައްކަތުން ދޫމާގެ އުނގުގައި ހަޔާތު ހަމަޖައްސާލިއެވެ. ދޫމާ އަށް ވެސް ކެތްވީ ކިރިޔާއެވެ. ހަޔާތުގެ ކޮޓަރިޔާ ހަމަޔަށް ޝަފީނާ ފުރޮޅުލީ ގޮނޑިދަމާފައި ބިއްލޫރި ތަކަށް ބަލައިގެން ގެންގޮސް ލިއެވެ. އެނދަށް އެރުވުނީވެސް އެހާހާލުންނެވެ. ބަނޑުހުން ހަޔާތުބޭވުމަށްފަހު ދޫމާ ލައްވާ ފުޅިތޮށި ހެރުނުތަނުގައި އަތް އެޅުވިއެވެ. އަދި އަލަމާރީން ތުވާލި ކޮޅެއް ހިފައިގެން އައިސް ހަޔާތުގެ ޒަހަމުގައި އެޅިއެވެ.
"މިތާ ހިފަހައްޓައިގެން އިނދޭ، ދައްތަ މިއަންނަނީ."ޝަފީނާ ދޫމާ އަށް ބުންޏެވެ. ދޫމާ ގިސްލަމުން ބޯޖަހާލިއެވެ. ޝަފީނާ ބޭރަށް ނިކުތް ހާ އަވަހަށް އެތެރެއަށް އައެވެ.
"އިރުކޮޅަކުން އާޒިމާ އަންނާނެ، ދައްތަ އާޒިމާ އަށް ގުޅައިފިން."އޭރުވެސް ދޫމާ އަށް ގިސްލެވެމުން ދިޔައެވެ.
"ދޫމާ..."ދޫމާގެ ކައިރީގައި އިށީންނަމުން ޝަފީނާ ދޫމާ އަށް ގޮވާލިއެވެ.
"ބޮޑުބެ ރުޅިއައީ ކީއްވެގެން؟"ޝަފީނާ މަޑުމަޑުން އަހާލިއެވެ.
ދޫމާ ވާހަކަ ދައްކަން އުޅެއުޅެ ވާހަކަ ދެއްކޭ ގޮތެއްނުވިއެވެ. ޝަފީނާ އޯގާތެރިކަމާއި އެކީގައި ދޫމާ ގެ ބޮލުގައި ފިރުމާލަމުން ކަރުނަ ފުހެލަ ދިނެވެ.
ވަހީދު ހަޔާތުގެ އަތުގައި ހިފައިގެން ގެންދަން ފެށުމުން ދޫމާ އަވަސް އަވަހަށް ރޮމުން ޝަފީނާ އަށް މެސެޖް ކުރީ އެވެ. އެދެކުދިން ނަށް އެންމެ އަވަހަށްވެސް އެހީވެދޭނީ ޝަފީނާ ކަން އެނގޭތީއެވެ. ޝަފީނާ ވެސް ދޫމާގެ މެސެޖް ފެނުމުން އަވަސްވެގަތީ އެގެޔަށް އައުމަށެވެ. އޭރު ޝަފީނާ ހުރީ ޕޮލިސްޓޭޝަނު ގައެވެ.
*********************
ފަޒާލް އަތުގައި އޮތް ފޯނު މޭޒުމަތީގައި ބޭއްވިއެވެ. އޭނަގެ ހިތަށް ކުރަމުންދާ އަސަރު އޭނަޔަށް ބުނެދޭން ނޭނގޭ ކަހަލަ އެވެ. ހަޔާތު ދިމާވި މިމަދު ވަގުތު ތެރޭގައި ވެސް އޭނަޔަށް ހަޔާތު އޭނަގެ އަތުން ބީވެގެން ހިނގައިދާނޭ ކަމުގެ ބިރު އިޙްސާސް ކުރެވެން ފެށިއެވެ. މައުރޫފަށް ޓަކާ ހަޔާތުގެ ހިތުގައި އުފެދިފައިވާ ލޯތްބަށްޓަކާ ގަންނަ ބިރެކެވެ. މިރޭވެސް ހަޔާތުއެކަނިމާ އެކަނި ރޭގަނޑުގެ އެ ވަގުތުގައި ދުވެފައި މައުރޫފް ހޯދަން ދިޔަ ދިއުން ފަޒާލްގެ ހިތް ހާސްކުރުވަމުން ދިޔައެވެ. ކަނބޮޑު ވުމާއި އެކީގައި ސިޓިންރޫމްގައި ދެކޮޅަށް ހިނގަމުން ދިޔައެވެ. އޭނަގެ ބޭބެ އަށް ދިމާވިކަހަލަ ހާދިސާ އެއް އޭނަޔާ ދިމާވަނީ ކަމުގައި އޭނަޔަށް ހީވާން ފެށިއެވެ. ދުބާއީން ރާއްޖެ އަށް އާދެވުނު މޮޔަ ހީވާން ފެށިއެވެ. ހަޔާތު އާއި ދިމާނުވިނަމަ ރަނގަޅު ވީސްކަމުގައި ފަޒާލްގެ ސިކުނޑި ވިސްނާދެމުން ދިޔައެވެ.
"ފަޒާލް...." ޔާސިރު ދެ ކޮފީ ތަށި ހިފައިގެން އެތެރެ އަށް ވަންނަމުން ގޮވާލިއެވެ.
"ހޫން...."ފަޒާލް ޔާސިރަށް ބަލާލަމުން ޖަވާބު ދިނެވެ.
"ސީރިޔަސްކޮށް ހަޔާތާ އިންނަންތަ ތިއުޅެނީ..."އެއް ކޮފީ ތަށި ފަޒާލަށް ދިއްކޮށްލަމުން ޔާސިރު އަހާލިއެވެ.
"ކިހިނެއްވީ؟"ފަޒާލް ކޮފީ ތަށީ ގައި ހިފަމުން ސުވާލު ކޮށްލިއެވެ.
"ފަޒާލާ ފާޑުނޫންވީމަ، އިޝާ މަތިން ހަނދާން ނައްތާ ލެވޭނެތަ؟ އެހެން ނޫނަސް މިފަހަރު ކޮބާ ބޭނުމަކީ؟"ހަމަޖެހިލަމުން ކުޑަދޮރާއި ދިމާ އަށް ދަމުން ޔާސިރު ސުވާލު ކޮށްލިއެވެ.
"އިޝާގެ ވާހަކަ އަކީ ތަފާތު ވާހަކަ އެއް، އެހެން ނޫނަސް މީހުންނާ އިންނަނީ ކީއްކުރަންތަ؟"ފަޒާލް ވެސް ކުޑަދޮރުން ގޯތި ތެރެއަށް ބަލާލަމުން ސުވާލު ކޮށްލިއެވެ.
"ހޫން... ނުވިސްނިގެން މިއުޅެނީ ތިޔެއް، ފަޒާލްގެ ދިރިއުޅުމަށް އިޝާ ނޫން އަންހެނަކު ގެންނަން ނިންމީމައި ޙައިރާން ވާންޖެހޭ، ތިއީ އަންހެން ކުދިންނާ އެކީގައި ފީކޮއި ކުޅެމުން ދުވާމީހެއް، އެހެންވެ."ކޮފީ ތަށިން އެތިފޮދެއް ބޯލަމުން ޔާސިރު ބުންޏެވެ.
"އަދިވެސް މިކުޅެނީ ފީކޮއި." އެއްދިމާ ލަކަށް ގެއްލެމުން ފަޒާލް ބުންޏެވެ. ފަޒާލް އެބުނި ޖުމްލައިން ޔާސިރު ކޮށިނޭރީ ކިރިޔާއެވެ.
"މިފަހަރުވެސް... ދެން ތިކުޅި ވެއްޖެ ދޯ ހުއްޓާލަން، ނޫނީ ހަޔާތު އާއި ނީނދެ ދޫކޮށްލަން،އޭނަ އެބުނާ މައުރޫފެއް ދެކެ ވަރަށް ލޯބިވޭ."ޔާސިރު ފަޒާލަށް ބަލާލަމުން ބުންޏެވެ.
"ތިކަން އެނގޭ."ފަޒާލް ޔާސިރަށް ބަލާލަމުން ބުންޏެވެ.
"ފަޒާލް އޭނަ ދެކެ ލޯބިވޭތަ؟"ޔާސިރު ސުވާލު ކޮށްލިއެވެ.
"ލޯބި ނުވާނަމަ މިވަރުން އަހަރެން އުޅެން ވީ ކީއްކުރަން؟"ފަޒާލް ކޮފީ ތަށިން އެތިފޮދެއް ބޯލަމުން ބުންޏެވެ.
"ދެން އެހެންވިއްޔާ ފަޒާލްގެ ހަޤީގަތް ހަޔާތަށް ކިޔާދީ."ޔާސިރު ވިސްނާލަމުން ބުންޏެވެ.
"އަދި ތަންކޮޅެއް އަވަސް، އަހަރެން ހަޔާތު ދެކެ ލޯބިވިޔަސް ހަޔާތުގެ ހުރި ވަރެއް ވެސް އަހަރެން ބަލަން ބޭނުން، ބިރުވެރި ސޫރަޔަކާ އެކީގައި އޭނަޔަށް ކެތްކޮށްލެވެނީ ކިހާ ދުވަހަކުތޯ."ފަޒާލް ގެ ތުންފަތް މަތިން ލާނެއް ހިނިތުން ވުމެއް ފާޅުވިއެވެ.
"ހޫން... އަހަރެންވެސް މިހިރީ ވަރަށް ޙައިރާން ވެފައި، އެސޫރަ ފެނުނީމައި ވެސް ހަޔާތު އިންނަން އެއްބަސްވީމައި." ޔާސިރު ވިސްނާލިއެވެ.
"އެބަސް ވީ ކީނޫން... މަޖުބޫރު ކުރީ، ވަހީދު މިއީ މީހެއް.... އޭނަޔާ އެކީގައި މިގޭމް ކުޅެލަން އަހަރެން ބޭނުން، އަރީޝާގެ ބަދަލު ހަޔާތުގެ ބޮލުގައި އަހަރެން އެޅުވީތީ... ހަޔާތަށް ޓަކާ އެމީހުންގެ ހިތުގައި އެއްވެސް ލޯތްބެއް ކުލުނެއް ނެތްކަން އޭނގެންވެސް އެނގެނީ."ފަޒާލް ވިސްނާލަމުން ޔާސިރަށް ބުންޏެވެ.
"ހޫން.... ތިއީ ތެދެއް، އަހަރެން ނަށް ވެސް އެކަން ފާހަގަ ކުރެވުނު، މިއަދު ހަވީރު ހަޔާތުކޮޓަރިން ނިކުތީ ފާޑަކަށް ހުރެގެން ރަން ކީއިރު ވެސް އެއްވެސް މީހެއްގެ މޫނަށް ބަލާވެސް ނުލާ، އަދި އެންމެ ޙައިރާން ވާން ޖެހުނީ ރަންކިޔަން ވަހީދު ދިން ލިސްޓުން، ހަޔާތު ވަހީދަށް ލޯއަޅާލަމުން މަށާދިމާލަށް ބަލާލާފައި އިސްޖަހާލަމުން ބުނީ 7 ރުފިޔާއޭ..."ޔާސިރު ވިސްނާލަމުން ބުންޏެވެ.
"ވަހީދު ދިން ލިސްޓޭ؟ ކޮންލިސްޓެއް؟"ފަޒާލް އަހާލިއެވެ.
"މަޑުކޮށްލާ..."ޔާސިރު ޖީބުން ފޯނު ނަގައި ފޮޓޮއެއް ދައްކާލިއެވެ.
"އަހަރެން އެވަގުތު އެލިސްޓުގެ ފޮޓޮއެއް ނެގިން، ބަލާބަލަ، މިލިސްޓުގައި މަދީ މަތިންދާ ބޯޓަކާ މަނަވަރެއް." ހިނިގަނޑެއް ޖަހާލަމުން ޔާސިރު ބުންޏެވެ.
"ކޮންކަހަލަ މީހެއް؟"ފަޒާލަށް ބުނެވުނެވެ.
"އަހަރެން ހިތަށް އެރި އެވަގުތު ބުނެލަފާނަމޭ އެވެސް އިތުރު ކޮށްލަން، ފަޒާލްގެ ބައްޕަގެ ނަން އިވުނީމައި އޭނަޔަށް ހީވީ ލައްކައެކޭ ކަންނޭނގެ، އެކަމަކު ހަޔާތުގެ ހުށިޔާރުކަން މަށައް ފާހަގަ ކުރެވުނީ." ޔާސިރު ވިސްނާލަމުން ބުންޏެވެ.
"ތިބުނީ؟"ފަޒާލް އަހާލިއެވެ.
ކޮމެންޓް