ލިޔުނީ: މަރިޔަމް މޫސާ
"ތިމީހުން ތިދައްކަނީ ކޮންވާހަކަ އެއްތަ؟ކާކުގެ ވާހަކަ އެއް؟"އަރީޝާ ވާނުވާ ނޭނގިގެން އަހާލިއެވެ.
އަރީޝާ އެސުވާލު ކުމުން ލުހާމް ޝާހިލް އަށް ބަލާލިއެވެ. ޝާހިލް ހަށިފުރާ ނޭވާއެއް ލަމުން ފުން "އާހް" އެއް ބޭރުކޮށްލިއެވެ. އަދި އޭނަގެ ސަމާލުކަން ކާން އިން ތައްޓަށް ހުއްޓާލަމުން އަތުގައި އޮތް އުޅުން ބަތް ތަށި ކުޑަކޮށް ހާވާލިއެވެ. އެވަގުތު ޝިފްނާ އޭނަގެ ތަށި ފުރާލައިގެން އައިސް ފާރިޝާ އާއި ޖެހިގެން އިށީނެވެ. ތައްޓައް ބަލާލަމުން ވައްކަޅިން ޝާހިލް އަށް ބަލާލިއެވެ. ޝާހިލް ޝިފްނާ އަށް ވައްކަޅިން ބަލާލިއެވެ. ދެމީހުން ލޮލުގެ އިޝާރާތުން ދައްކާ ވާހަކަ އެހެން މީހުންނަށް ނޭނގޭނެ ކަމަށް އެމީހުން ހީކުރިކަހަލައެވެ.
ފާރިޝާ އިނީ ޝާހިލް އާއި ވާހަކަ ދައްކަން ބޭނުވެފައިކަން ލުހާމް އަށް އެނގޭތީ އެތަނުން ފާރިޝާ ދުރަށް ގެންދާނެ ގޮތަކަށް 3 މީހުންގެ ސިކުނޑީގެ ވިސްނުން ލިބިފައިވާ ލުހާމް ވިސްނަން ފެށިއެވެ.
"މައެބަޖެހޭ ކަމެއް ރާވަން."ސިއްރުސިއްރުން އަރީޝާގެ ކަންފަތް ދޮށުގައި ލުހާމް ބުންޏެވެ.
"ކޮންކަމެއް؟"އަރީޝާ އަހާލިއެވެ.
"ހިނގާބަލަ ތީނަ އާއި ފާރިޝާ މަށާއެއްކޮށް."ލުހާމް އޭނަ ކައިނިމުމުން ތަށި ހުސްގޮނޑިމަތީގައި ބަހައްޓަމުން ބުންޏެވެ.
ލުހާމް އެހެން ބުނުމުން އަރީޝާ ވިސްނާލިއެވެ. އޭނަ ޝާހިލް އާއި ވާހަކަ ދައްކަން އިނީ ވަރަށް ބޭނުންވެފައެވެ. މިހާގާތުން ޝާހިލް ފެނިލުމުގެ ފުރުސަތު އެމީހުންނަށް ލިބޭނީ މަދުފަހަރަކުއެވެ.
"ޝާހިލް އާއި ބައްދަލު ކޮށް ލެވޭނެ ގޮތް ހަދާދޭނަން."އަރީޝާ ވިސްނަން އިންކަން އެނގުމުން ލުހާމް ބުންޏެވެ.
"އޯކޭ."އަރީޝާ އެއްބަސްވިއެވެ. ލުހާމް ތެދުވުމުން އަރީޝާ ވެސް ތެދުވިއެވެ. އަދި ފަރީޝާގެ ކަންފަތް ދޮށުގައި ސިއްރުން އެއްޗެއް ބުނެލުމުން ފަރީޝާ ލުހާމް އަށް ބަލާލިއެވެ. އޭނަ ރޭވުމުން އަރީޝާ އާއި ފާރިޝާ އެތަނުން ދުރަށް ގެންދިޔައެވެ. އަދި ދަމުން ޝަހީމް ވެސް އެތަނުން އެމީހުންނާ އެކީގައި ގެންދިޔައެވެ. ލުހާމް ބޭނުންވީ ޝާހިލް އަށް ފުރުސަތު ހޯދަދޭށެވެ. ލުހާމް މެން ދިއުމުން ޝާހިލް ޝިފްނާ އާއި ޖެހިގެން އިންގޮޑިއަށް ބަދަލުވިއެވެ. ޝާހިލް ކުރާނެ ސުވާލަކަށް ދޭނެ ޖަވާބު އައީ ޝިފްނާ މާކުރިން ސުރެން ތައްޔާރުވެގެން ނެވެ. އެގޮތުން ރޭގައި މީކާއީލް އަށް ވަނީ ޖަވާބު ދީފައެވެ.
ޝާހިލް ސަމްސަލުން އެތިކޮޅެއް ކާލަމުން މެހެމާނުން ވަން ދޮރާދިމާ އަށް ބަލާލިއެވެ. އޭރުވެސް މީހުން އަންނަމުން ދިޔައެވެ. ދެން ޝާހިލްގެ ނަޒަރު ހުއްޓުނީ އަލަތުކައިވެނި ކޮށްގެން ތިބި އޭނަގެ އެކުވެރިޔާއަށެވެ. ފަޒީލް ގެ މޫނުމަތިން ފެންނަމުން ދިޔަ އުޖާލާ ކަމާ އުފާވެރި ހިނިތުންވުމަށް ބަލަހައްޓައިގެން އިދެ ޝާހިލް ވާހަކަ ދައްކަން ފެށިއެވެ.
"އަހަރެން ވެސް ބޭނުންވަނީ އަހަރެން ލޯބިވާ މީހަކާ އިންނަން."ޝާހިލްގެ ފިރިހެންވަތައް އަޑު ޝިފްނާގެ ކަންފަތުގައި ޖެހުމުން ދެލޯ މަރާލުއެވެ. ލުއިވައިރޯޅިއެއް އޭނަގެ މޫނުގައި ބީހިލާފައި ދިޔަކަހަލައެވެ.
"ކޮބާ ޖަވާބު؟"ޝާހިލް ޝިފްނާ އަށް ބަލާލަމުން ކުޑަކޮށް ޝިފްނާ އާއި ކައިރިވެލަމުން އަހާލިއެވެ. ޝިފްނާ ލޯހުޅުވާލަމުން އިސްއުފުލާ ބަލާލިއެވެ. އޭރު ޝާހިލް އިނީ ކުޑަކޮށް ޝިފްނާ އާއި ދިމާ އަށް އެނބުރިގެން ޝިފްނާގެ މޫނަށް ބަލާށެވެ. ދެމީހުންގެ ނަޒަރު އެވަގުތު ސީދާވެގެން ދިޔައެވެ.
"ކީއްވެ އަހަރެން؟"ޝިފްނާ ޝާހިލްގެ ލޮލާ ހަތަރުކަޅި ހަމަކޮށްލަމުން ސުވާލު ކޮށްލިއެވެ.
"މަށަކަށް ތީގެ ޖަވާބެއް ނޭނގެ، އެނގޭ އެއްޗަކީ ޝިފްނާ ފެނިލުމުންވެސް ހިތުގެ ތެޅުން ތަފާތުކަން، ނިދަން ލޯމަރާލިޔަސް ތިސޫރަ ފެންނަނީ، ވާހަކަ ދައްކަން ބޭނުންވާކަން އެނގެނީ، ތިހަށިގަނޑުގައި ބީހިލާ ހިތްވަނީ، ބުނަން ނޭނގޭ ކަރުހިކުމެ ވާކަން އެނގެނީ."ޝާހިލް އިންގޮތައް އިނދެ ޝިފްނާގެ މޫނުން ނަޒަރު ވަހިކޮށްނުލާ ބުންޏެވެ.
"އެކަމަކު އަހަރެންނަށް ވުރެން މާރީތި މާރަނގަޅު ކުދިން އެބަތިބި."ޝިފްނާ ހިމޭން ރާގެއްގައި ބުންޏެވެ.
ޝާހިލް އޭނަގެ އަތުގައި ހުރި ތަށި ޖެހިގެން ހުރި ގޮނޑިމަތީގައި ބެހެއްޓިއެވެ. އަދި ޝީފްނާގެ އަތުގައި ހުރި ތަށި ނަގައި ހަމަ އެގޮނޑިމަތީގައި ބެހެއްޓިއެވެ. އެއަށް ފަހު ޝިފްނާގެ ފިނިފެވައިވާ އަތުގައި ހިފާލިއެވެ.
"ތިބެދާނެ، އެކަމަކު މިހިތުގައި ރަނިކަން ކުރަން ފެށީ ހަމައެކަނި ޝިފްނާ، ލޯބިމިއީ ވާއެއްޗޭނޫނޭ ވެވޭ އެއްޗެކޭ ބުނާ އަޑު އަހަން، އެތަޖުރިބާ މިހާރު ކުރެވެމުން މިދަނީ، އަހަރެންނަށް ހަގީގަތުގައި ވެސް ޝިފޫ ދެކެ ލޯބިވެވިއްޖެ، މިލޯބި ކުރިޔަށް ގެންދިއުމާ ނުގެންދިއުން އޮތީ ޝިފޫގެ އަތްމަތީގައި."ޝާހިލް ބުންޏެވެ.
ޝާހިލްގެ ދެލޯ އެވަގުތު ފެންކަޅިވިއެވެ. އެއީ އޭނަގެ ހިތަށް އޭނަގެ ޖުމްލައިން ކުރި އަސަރުގެ ނަތީޖާއެވެ. ޝިފްނާ ދެލޯ މަރާލިއެވެ. ޝާހިލްގެ ފެންކަޅިވެފައިވާ ދެލޯ ފެނުމުން ނެވެ. އޭނަގެ ހިތަށް ވެސް އަސަރު ކުރީއެވެ.
"އޯކޭ.. އަހަރެން ޝާހިލްގެ ތިހުށައެޅުން ގަބޫލުކޮށްފިން."ޝިފްނާ ލޯހުޅުވާލިއެވެ. އޭރު ފެނިގެން ދިޔައީ ޝާހިލްގެ އުފާވެފައިވާ މޫނެވެ. އަދި ތުންފަތުގައިވަނީ ބުނަން ނޭގޭ އުފާވެރި ހިނިތުން ވުމެކެވެ. ޝާހިލްގެ އެއުފާވެރި ހިނިތުން ވުން ފެނުމުން ޝިފްނާގެ ތުންފަތުން ވެސް ލުއި ހިނިތުންވުމެއް ފާޅުވިއެވެ. އެވަގުތު ޝާހިލް ދެފަރާތް ބަލާލިއެވެ. އެދިމާ އެއްވެސް މީހަކު ބަލާތޯއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ކުއްލިހަރަކާތަކާއި އެކީގައި ޝިފްނާގެ ކޮލުގައި ބޮސްދިނެވެ. ޝިފްނާގެ ދެލޯ ބޮޑުވިއެވެ. އަދި ތަންމިނަށް އޭނަގެ އަނގަހުޅުވާލެވުނެވެ. އެއާއި އެކީގައި ހަތަރަސް ފައި ހީބިނަގައިގެން ދިޔައެވެ. ކަދުރާމަތީގައިވާ ލޯލިތައް ކޮޅަށް ޖެހި މީހާގެ ހަށިގަނޑަށް ހަރުކަށިކަމެއް ވެރިވިއެވެ. ޝިފްނާގެ މިމައުސޫމް ހަރަކާތް ފެނުމުން ޝާހިލްގެ ހިތުގައި ލޯބި އުތުރިއަރައިގެން ދިޔައެވެ. ވަގުތުން އޭނަގެ އަތުތެރެއަށް ލާ ބޮޑިކޮށްލަން ހިތަށް އެރިއެވެ.
ޝިފްނާގެ މުޅިވަށާގެންވާ މާހައުލު ވަގުތު ކޮޅަކަށް ހުއްޓިލާފައި ދައުރުވާން ފެށިކަހަލައެވެ. އޭނަގެ ހަށިގަނޑުގައި ހިނގަމުން ދިޔަ ކަރަންޓްގެ އޮއިވަރު މަތަވުމުން ޝާހިލްގެ އަތުތެރޭން އޭނަގެ އަތް މަޑުމަޑުން ދަމައިގެތެވެ. އޭރުވެސް އޭނަގެ މޫނުމަތިން ލަދުވެތިކަމުގެ ރަތްކުލަ ފިލާ ނުދެއެވެ. ޝާހިލް ޝިފްނާ ކާން އިންތަށި އަނބުރާ އޭނަގެ އަތަށް ދިނެވެ. އަދި ޝާހިލް ވެސް އޭނަގެ ތަށިނަގައި ކެއުން ކުރިޔަށް ގެންދިޔައެވެ.
"އަހަރެން ހިތަކަށް ނާރާ އިންތިޒާރަކީ މިހާ ފޮނި އެއްޗެއް ކަމަކަށް."މަޑުމަޑުން ޝާހިލް ބުނެލިއެވެ.
******************
ޗެޕްޓާރ: 12
ޕްރޮޕޯސްނުކުރާތި.
މިހާރު ޕާޓީއަށް އައިސްތިބިމީހުން މަދުވަމުން ގޮސް ޞޯއިގާ އާއި ފަޒީލްގެ އެންމެގާތް އެކުވެރިންނަށް ވެއްޖެއެވެ. ދެފަރާތުގެ އާއިލާ އިންވެސް އައިސްތިބިމީހުން މުޅިހެން ގޮސް ނިމިއްޖެއެވެ. މިހާރު ތިބީ ޞޯއިގާ އާއި ފާޒީލްގެ މަންމަ އާއި ބައްޕަ އާއި އެއްބަނޑުއެއްބަފާކުދިންނެވެ. އެމީހުން ޞޯއިގާ މެން ނާއެކީގައި ފޮޓޯނަގާނިމުމުން ފަޒީލް އެކުވެރިންނަށް ފޮޓޯނަގަން އައުމަށް ދައުވަތު ދިނެވެ.
"އެކެވެރިންނޭ އާދޭ އަހަރުމެން އެންމެން ފޮޓޮއެއް ނަގާލަމާ."ފަޒީލް އެއްވެތިބި އެކުވެރިންނަށް ބުންޏެވެ.
ފަޒީލްގެ އަޑަށް ލުހާމް އާއި ޝަހީމް ވެސް ގޮސް ފަޒީލްގެ ކައިރީގައި މަޑުކޮށްލިއެވެ. ޞޯއިގާ އާއި އޭނަގެ 3 އެކެވެރިންވެސް މަޑުކޮށްލިއެވެ. ދުރުގައި ވާހަކަ ދައްކަންތިބި ލުހާމްގެ އަންހެނުން ޒީނިޔާ އާއި ޝަހީމްގެ އަންހެނުން މުފީދާ އެދިމާ އަށް އައިސް މަޑުކޮށްލިއެވެ. އެއީ ވެސް ޝިފްނާ މެންނާއި އެކީގައި ކިޔަވަން އުޅުނު ކުދިންނެވެ. ޝާހިލް ފަޒީލް ގެ ކައިރިން މަޑުމަޑުން ދުރަށް ޖެހެމުން ގޮސް ޝިފްނާގެ ދާދި ގާތުގައި މަޑުކޮށްލިއެވެ.
"ވަރަށް ލޯބި." ޝީފްނާގެ އުނަގަނޑުގައި މަޑުމަޑުން އަތްއަޅުވާލަމުން ޝާހިލް ބުނެލީ ވައި އަޑުންނެވެ. ޝިފްނާގެ ކަންފަތަށް އެ ނޭވާގެ ހޫނުކަން އިޙްސާސް ކުރެވުނެވެ. ނަފްސު ބެހިގެންދާން ދޫކޮށްލަން އެދޭފަދަ އޮއެވަރެއްގައި ޝިފްނާގެ ހަށިގަނޑު ޖެހުނުކަހަލައެވެ. ކުއްލިޔަކަށް ކޯތާފަތަށް ލަދުވެތިކަމުގެ ރަތް ކުލަ ވެރިވިއެވެ. ގުޑިލަން ނޭގިފައި ހުރެވުނެވެ. ޝިފްނާގެ އުނަގަނޑުގައި ޝާހިލް ހިފަހައްޓާފައިވާ އަތުގައި މަޑުމަޑުން ޝިފްނާ އަށް ހިފަހައްޓާލެވުނެވެ. އެވަގުތު ޝާހިލް ޝީފްނާގެ އުނގަނޑުން އަތް ދޫކޮށްލަމުން ޝިފްނާގެ އަތުތެރެއަށް އޭނަގެ އަތް ހެޔޮވަރުކޮށްލިއެވެ. ޝިފްނާ މަޑުމަޑުން ކެމެރާއިން ނަޒަރު ނައްޓާލަމުން ޝާހިލްގެ މޫނަށް ބަލާލިއެވެ. އޭރު ޝާހިލް ހުރީ ޝިފްނާގެ މޫނަށް ބަލާށެވެ. ދެމީހުންގެ ނަޒަރު ސީދާވެގެން ދިޔައެވެ. ޝާހިލްގެ ހޫނުނޭވާ ޝިފްނާގެ މޫނުގައި ބީހެމުން ދިޔައެވެ. އެދެމީހުން އަމިއްލަ ދުނިޔެއަކަށް ގެއްލެމުން ދިޔައެވެ. ޖެހިލި ލުއި ވައިރޯޅިއާއި އެކީގައި ޝިފްނާގެ އިސްތަށިގަނޑު އޭނަގެ މޫނާއި ސަމާސާ ކޮށްލިއެވެ. ޝާހިލް އޭނަގެ ވާތުން ޝިފްނާގެ މޫނުމަތީގައި ބީހެމުން ދިޔަ އިސްތަށި ކޮޅު ރަގަޅުކޮށްލިއެވެ. އޭރުވެސް އެދެމީހުން ނަޒަރު ވަތްކެއް ނުވެއެވެ.
"ޝިފްނާ، ޝާހިލް."ފަޒީލްގެ އަޑުއިވުމުން ދެމީހުން ސިހިފައި ދުރަށް ޖެހިލިއެވެ. އޭރު ހުރިހާ އެކުވެރިންގެ ނަޒަރު ވަނީ އެދެމީހުންނަށް ހުއްޓިފައެވެ. ސުވާލު ފުރިފައިވާ ބެލުމަކުން ލުހާމް އާއި ޞޯއިގާ ނޫން އެންމެން ބަލަމުން ދިޔައެވެ. ޝަހީލް އަތުގައި އޮތް ދުފުން އަގަނޔަށް ލަމުން އެމީހުންނާ ދިމާ އަށް އައެވެ.
"މިއީ ޕަބްލިކް."ޝަހީމް ޝާހިލްގެ އެއްފަރާތަށް ހުއްޓިލަމުން ސިއްރުން ބުނެލިއެވެ. ޝިފްނާ ހުރީ ލަދުން މަރުވާވަރުވެއެވެ. އެތަނުން ދުވެފިލަން ބޭނުން ވެފައެވެ. ޝަހީމް އެބުނި ޖުމްލައިން ޝާހިލް އަށް ހީވީ އިތުރު ހިތްވަރެއް ލިބުނީހެންނެވެ. ކައިރީގައި ހުރި ޝިފްނާގެ އަތުގައި ހިފާ އޭނަޔާ ގާތް ކޮށްލިއެވެ.
"ސިރުކުރާކަށް ބޭނުމެއް ނޫން، އަހަރުމެން އުޅެނީ ރައްޓެހިވެގެން."ޝާހިލް އެއްވެސް ޖެހިލުމެއް ނެތި ބުނެލިއެވެ. ޝާހިލްގެ އެޖުމްލައިން އަރީޝާ އާއި ފާރިޝާގެ ހިތަށް ތޫނު ހަންޖަރުތަކެއް ހަރާލިހެން ހީވެގެން ދިޔައެވެ. ދެމީހުންނަށް ގައިން ވާގިދޫވެ ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ފަޒީލް އަށް ލިބުނު ޝޮކް ކުޑައެއް ނޫނެވެ.
"މިރޭ ފުލް ކިޓްގައި ތިއައީ މިހެންވެދޯ، އެހެންނާ ތިއީ ޖޯޒީގަ ވައްޓާލާމީހެއް، އޮފީހަށް ނޫނިއްޔާ." ފަޒީލް ދިމާކުރާރާގަކަށް ބުންޏެވެ. ޝަހީލްގެ ތުންފަތްމަތިން ހަމައެކަނި ހިނިތުންވުމެއް ފާޅުވިއެވެ.
"ދެން އޮތީ ޝާހިލް އާއި ޝިފްނާގެ ސައި، ޑޭޓެއް އަވަހަށް ކިޔާ."ތުބުން ފުމެލަމުން ލުހާމް އަޑުގެ ކޮޅަށް ގޮވާލިއެވެ. ޝިފްނާ ގަންނާކުރެވި ލަދުން އިސްއޮބާލިއެވެ. އޭނަޔަށް އެމީހުންނާ ކުރިމަތިލާހާ ހިތްވަރެއް ނުލިބުނެވެ.
"އެކުވެރިންނޭ، މީގެ ހަފްތާއެއްކުރިން އަހަރެން ޝިފޫކުރެން ރައްޓިވާން އެހީ، މިރޭ ޖަވާބު ލިބުނީ، އެހެން މީހެއްގެ ފަރާތުން މިވާހަކަ ތިމީހުންނަށް އެނގުމުގެ ކުރިން އަހަރެން މިއަންގާލީ، އަހަރެން މިހާރު މިއީ ޝިފޫގެ މީހެއް، ޒުވާނުންނަށް މިބުނަނީ، ޝިފްނާ ހުހެއެއްނޫން، ޝިފްނާ އަށް ޕްރޮޕޯސްނުކުރާތި." އެކުވެރިންނާ ދިމާ އަށް އިނގިލި ދިއްކޮށްލަމުން ސަމާސާ ރާގަކަށް ޝާހިލް ބުންޏެވެ.
"ނައު ޝީއިޒް މައި."ޝިފްނާ އަށް ބަލާލަމުން ތުންފަތްމަތިން ހިނިތުންވުމެއް ފާޅުކޮށްލަމުން ހަހަހިމޭން ރާގެއްގައި ޝާހިލް ބުނެލިއެވެ.
އެތަނުގައި ތިބި ހުރިހާ އެކުވެރިން ހޭންފެށިއެވެ. ޝާހިލް އަކީ މިޒާޖުގައި ސީރިޔަސް މީހެއެކެވެ. އެކަމަކު މިވަގުތު ޝާހިލް ވެފައި ހުރި އުފަލެއްގެ ބޮޑުކަމުން ސަމާސާ އެއް ކޮށްލީއެވެ. ޝާހިލްގެ މިހަރަކާތުން ޝިފްނާގެ ބަސްހުސްވި ކަހަލަ އެވެ. ޝާހިލްގެ މީހަކަ އޭނަ ވީމައި ހަމައެހާ ޝާހިލް އުފާވީ ހެޔެވެ. ޝާހިލް އަށް އޭނަ އެނގެނީ ކިހާވަރަކަށް ހެއްޔެވެ. އޭނަޔަށް ޝާހިލް އެނގޭ ވަރާގާތަށް ވެސް ޝާހިލް އަކަށް އޭނަ ނޭނގޭނެކަން އެއީ ޔަގީން ކަމެކެވެ. ޞޯއިގާ އާއި ފަޒީލްގެ ކައިވެނީގެ ވާހަކަ އަށް ވުރެން އެތަނުގައި އަޑުގަދަވެގެން ދިޔައީ ޝާހިލް އާއި ޝިފްނާގެ ގުޅުމުގެ ވާހަކައެެވެ. މިއަލަތު ގުޅުން ގުޅިގެން ދިޔައީ ކިހިނެއްތޯ ސުވާލު ކުރެވެމުން ދިޔައެވެ. އެސުވާލުތަކަށް ޝާހިލް ހުށިޔާރުވެ ޖަވާބު ދެމުން ދިޔައެވެ. ލުހާމް ވެސް ޝާހިލް ސަލާމަތް ކުރުމަށް ހީވީ ކަމަރު ބަދެލިހެންނެވެ.
އެކުވެރިންގެ ސުވާލުތަކުން ދެމީހުންނަށް ސަލާމަތް ނުވެވިގެން އުޅެނިކޮށް އެގޭތެރެއަށް ވަދެގެން އައި މީކާއީލް ޝިފްނާ އަށް ފެނުނެވެ. މީކާއީލްގެ މިސްރާބުހުރީ ޝިފްނާ އާއި ދިމާއަށެވެ. އިތުރު މަންޒަރެއް އެތަނުގައި ކުޅެވެން ދަނީކަން ޝިފްނާގެ ހިތް ބުނެލިއެވެ. ޝިފްނާ މަޑުމަޑުން މީކާއީލް އާއި ދިމާ އަށް ދިޔައެވެ. މީކާއީލް ޝިފްނާގެ އަތުގައި ހިފާލިއެވެ. ޝިފްނާ މީކާއީލްގެ އަތް ފޮޅުވާލިއެވެ.
"މީކާއީލް."ޝިފްނާގެ އަޑުތަންކޮޅެއް ބާރަށް އިވިގެން ދިއުމުން އެންމެންގެ ސަމާލުކަން އެދިމާ އަށް ދިޔައެވެ. ޝާހިލް މަޑުމަޑުން ޝިފްނާ މެންނާ ދިމާ އަށް ދިޔައެވެ.
"އަހަރެން ރޭހަތަރު ދަމު ވިސްނީ ޝިފްނާ ނޫނެކޭ ބުނީ ކީއްވެގެން ކަން ނޭނގޭތީ، އަހަރެން ޝިފްނާ ދެކެ އިންތިހާ އަށް ލޯބިވަން."މީކާއިލްގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ.
ދުރުގައި މަންޒަރު ބަލަން ތިބި ޝިފްނާ އާއި ޝާހިލްގެ އެކުވެރިން އެދިމާ އަށް އައެވެ. ޝާހިލް ޝިފްނާ އޭނަޔާ ގާތް ކޮށްލިއެވެ. އޭރުވެސް މީކާއީލްގެ ނަޒަރު ހުއްޓިފައި ހުރީ ޝިފްނާ އަށެވެ. ކަރުނުން ފުރިފައިވާ ބެލުމަކުން މީކާއީލް ޝިފްނާ އާއި ޝާހިލް އަށް ބަލަމުން ދިޔައެވެ.
"އަދި އިތުރަށް ސަބަބު ބުނެދޭން ޖެހޭތަ؟"ޝާހީލް މަޑުމަޑުން މީކާއީލް ކުރެން އަހާލިއެވެ. މީކާއީލް ޝާހިލް އަށް ބަލާލިއެވެ. ތަނަށް ހިމޭން ކަން ފެތުރިގެން ދިޔައެވެ. ޝިފްނާ ޝާހިލްގެ މޫނަށް ބަލާލިއެވެ. ޝާހިލްގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިޔަސް ކަމެވެ.
"ޝީފްނާ މިއީ އަހަރެން ގެ މީހެއް."ޝާހިލް ބުނަން ބޭނުން ނޫނަސް ދުލުން ބަސް ބޭރުވިއެވެ.
އެޖުމްލަ އިވުމުން މީކާއީލްގެ ހިތަށް ހީވީ ތޫނު ހަނޖަރުތަކެއް ހެރިގެން ދިޔަހެންނެވެ. އެތަށް ޒަހަމަކުން ހިތް ޒަހަމް ވެގެން ދިޔައެވެ. ޝިފްނާގެ ހިތަށް ވެސް ޝާހިލްގެ އެޖުމްލައިން ހަމަޖެހުން ލިބުނު ކަހަލައެވެ. މަޑުމަޑުން ބޭއިހްތިޔާރުގައި ޝާހިގް ކޮނޑުގައި ބޯއަޅާލެވުނެވެ. ޝިފްނާގެ ދެލޯ އެވަގުތު ފެންކަޅިވިއެވެ. އޭނަ ގެ އިންތިޒާރަށް ވެސް ނިމުމެއް އަންނަނީ ހެން އޭނަޔަށް ހީވިއެވެ. އޭނަ ޝާހިލް ދެކެ ލޯބިވާތާ އެތަށް ޒަމާނެކެވެ. އޭނަގެ އެސިއްރު ލޯބި ފަޅާއަރާފާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. އެލޯބި އޭނަ ހަމަ އެކަނި ހާމަކުރީ ސޯއިގާގެ ކުރިމަތީގައެވެ. އޭނަގެ ހުރިހާ ކަމެއްގެ ސިއްރު ވެރިޔަކީ ސޯއިގާ އެވެ. ސޯއިގާ އޭނަގެ ލޯި ބޭޒާރު ނުކުރާނެކަމުގެ ފުރިހަމަ ޔަގީން ކަން އަބަދުވެސް އޮވެއެވެ.
ޝިފްނާގެ ޖަވާބު އިތުރަށް ނައުމުން މީކާއީލް ކަރުއެލުވާލިއެވެ. އޭނަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭގެ ވާޖިބު ބަރާބަރަށް އަދާކުރަމުން ދިޔައެވެ. ފޮޓޯނަގަން ހުރި ފިރާޒް މީކާއީލް ގޮވައިގެން އެއްފަރާތަކަށް ޖެހިލިއެވެ. ޝިފްނާ އެކޭ އެއްވަރަށް މީކާއީލް އަކީވެސް އޭނަގެ އެކުވެރިއެކެވެ. ސޯއިގާ ވެސް މީކާއީލްގެ ކައިރިޔަށް ގޮސް މަޑުކޮށްލިއެވެ. މީކާއީލް އަށް ނަސޭހަތް ދިނުމުގެ ބޭނުމުގައެވެ. ޝިފްނާ ޝާހިލްގެ ކައިރިން ދުރަށް ޖެހިލަމުން މީކާއީލް އިން ދިމާ އަށް ބަލާލިއެވެ. ޝާލްވެސް އެދިމާ ބަލާލިއެވެ.
ކުއްލިޔަކަށް މިއައި ކަމަކުން ތަނަށް ހިމޭން ކަމެއް ވެރިވިއެވެ. ޝިފްނާ މަޑުމަޑުން ނިކުންނަ ދޮރާދިމާ އަށް ދިޔައެވެ. ޝިފްނާގެ ފަހަތުން ޝާހިލް ދިޔައެވެ.
ބޭރަށް ނިކުމެ މަޑުމަޑުން ޝިފްނާ އޭނަގެ ގެއާއި ދިމާ އަށް ހިނގައިގަތެވެ. ޝާހިލް ފަހަތުން ގޮސް ޝިފްނާގެ އަތުގައި ހިފިއެވެ.
"ކޮންތާކަށް؟"ޝާހިލް އަހާލިއެވެ.
"ގެޔަށް."މަޑުމަޑުން ޝިފްނާ ބުންޏެވެ.
"ހިނގާ އަހަރެން ގެންގޮސް ދޭނަން." ޝާހިލް ބުންޏެވެ.
"ނޫން، އަހަރެންގެ ގެ މިގެ އާއި އެހާދުރެއް ނޫން، އެހެން ނޫނަސް ޝާހިލް އާއި އެކީގައި ދަނިކޮށް މީހަކަށް ފެނިދާނެ."މަޑުމަޑުން ޝިފްނާ ބުންޏެވެ.
"އެންމެ ރަނގަޅު."ޝާހިލް ބުންޏެވެ. ޝިފްނާ ދާން ހިނގައިގަތެވެ.
"ޝިފޫ."ޝާހިލް ޝިފްނާ އަށް ގޮވާލިއެވެ. ޝިފާން ހުއްޓިލަމުން ޝާހިލް އަށް ބަލާލިއެވެ.
"އެހާ އަވަހަށް ނުނިދައްޗޭ، އަހަރެން ގުޅާނަން."ޝާހިލް ބުންޏެވެ. ޝިފްނާ ބޯޖަހާލިއެވެ. އަދި މަޑުމަޑުން ފާރުކައިރިން އޭނަގެ ގެޔާވީ ކޮށްޅަށް ހިނގާގަތެވެ.
ޗެޕްޓާރ: 13
އޭނަގެ ހުރީ އެންމެ މަންމަ އެއް ނޫން.
އުމަރު ރިޒާ އަށް ލިބިފައި ހުރި ހަމައެކަނި އަންހެން ދަރިޔަކީ ޝިފްނާ ކަމަށް ވުމާއި އެކީގައި ޝިފްނާގެ ކަންތަކަށް އުމަރު ރިޒާ ހާއްސަ ސަމާލުކަމެއް ދެއެވެ. ހަޔާތުގައި ދިމާވި ހާދިސާ އަކާ ގުޅިގެން އުމަރު ރިޒާ ވަނީ އިތުރު ކައިވެންޏެއް ކޮށް އެކައިވެންޏަށް އެއްމާބަނޑު ދެފިރިހެން ކުދިން ލިބިފައެވެ. އެކަމަކު ވެސް އުމަރު ރިޒާ އަށް ހާއްސަ ސަމާލުކަމެއް ދެވެނީ އޭނަގެ ދޮށީ އަނބިމީހާ އަށް ލިބިފައިވާ ހަމައެކަނި ދަރިފުޅަށެވެ.
ވޭތިވެ ދިޔަ ދެތިންދުވަސް ތެރޭގައި ޝިފްނާ އަށް ބަދަލުތަކެއް އަންނަމުންދާ ކަން އޭނަގެ ބައްޕަ އަށް ފާހަގަކުރެވެމުން ދިޔައެވެ. އެކަމާ ގުޅިގެން ފުރަތަމަ ސުވާލު ކުރެވުނީ އޭނަގެ މަންމަ މުނީރާ އައެވެ. ކުއްލިޔަކަށް އުމަރު ރިޒާ މުނީރާ އާއި އެސުވާލު ކުރުމުން ދޭނެ ޖަވާބެއް ނޭނގިފައި ހުރެވުނެވެ. އޭނަ ޔަށް އޭނަގެ ދަރިފުޅަށް އައިސްފަ ވާ އެއްވެސް ބަދަލެއް ފެނިފައެއް ނުވެއެވެ. އުމަރު ރިޒާ ހިންހަމަ ޖައްސާލުމުގެ ގޮތުން ހަޔާތުގައި ފުރަތަމަ ފަހަރަށް މުނީރާ އޭނާގެ ފިރިމީހާއަށް ދޮގެއް ހެދިއެވެ. އަނިބީހާ ދިން ޖަވާބުން އުމަރު ރިޒާ ހިންހަމަ ޖެހުނެވެ. އަދި އޭނަގެ ދަރިފުޅަށް ކުރާ އިތުބާރު އެތަށް ގުނައަކަށް އިތުރުވެގެން ދިޔައެވެ.
"އަހަރެން ބޭނުމެއް ނޫން ޝިފްނާ ކޮންމެކޮންމެ މީހަކާ ގުޅޭކަށް، ޝިފްނާގެ ހަޔާތަށް އަންނަން ވާނީ ހަރުދަނާ އުސޫލުތަކެއް ގެންގުޅޭ މާލޭގެ ގެދޮރުވެރި ގަދަރުވެރި އާއިލާއެއްގެ ކުއްޖަކު، ކުރީބައިގައި ޝިފްނާ އަށް އެކަން އަންގާފަ މުނީރާ ވެސް ބާއްވާތި، ފަހުން ކަމެއް ގޯސްވީމައި، ޝިފްނާ އެކޭ އެއްގޮތައް މުނީރާ އާއި ޒަރީނާ އެކަމުގެ ޒިންމާ ނަގަން ޖެހޭނެ، އޭނަގެ ހުރީ އެންމެ މަންމަ އެއް ނޫން، ދެ މަންމަ އެބަތިބި، އެކަން ހަނދާން ކުރާތި." އުމަރު ރިޒާ ހަރުކަށި ރާގަކަށް ޒަރީނާ އާއި މުނީރާ އަށް ބުންޏެވެ.
މުނީރާ އާއި ޒަރީނާ އެކަކު އަނެކަކަށް ބަލާލިއެވެ. އެވަގުތު މުނީރާގެ މޫނުމައްޗަށް އަނދިރިވާކަހަލަ ގޮތެއް ވަމުން ދިޔައެވެ. އަރިއަޅާލިވަގުތު މުނީރާ އެއްޗެއް ނޫނީ ތަނެއްގައި ހިފާލަން އަތް ދިއްކޮށްލިއެވެ. އެހެންނަމަވެސް އެއްވެސް ތަނެއްގައި އަތް ނުޖެހި މުނީރާ ބިންމައްޗަށް ވެއްޓުނެވެ. މުނީރާ ވެއްޓުނު އަޑަށް އުމަރު ރިޒާ އާއި ޒަރީނާ ބަލާލިއެވެ. އެންމެ ގާތުގައި ހުރީ ޒަރީނާ ކަމުން ޒަރީނާ އަވަސް އަވަހަށް މުނީރާގެ ގާތަށް ތިރިވެލިއެވެ.
"މުނީރާ ކިހިނެއްވީ؟"ޒަރީނާ މުނީރާގެ ބޯހިއްލާ އޭނަގެ އުނގުގައި ބާއްވަމުން އަހާލިއެވެ. އުމަރު ރިޒާ ވެސް ހަލުވި ހިނގުމުގައި އައިސް މުނީރާގެ ގާތަށް ތިރިވިއެވެ.
"މުނީރާ؟"އުމަރު ރިޒާ މަޑުމަޑުން މުނީރާގެ ނަން ކިޔާލިއެވެ.
ކޮމެންޓް