ޔާމީންގެ ވާހަކަތަކުން ހައިރާންވޭ، އަބަދުވެސް ހިތުގައި އޮތީ ގަދަރު: ރައީސް މުއިއްޒު

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން، މިހާރުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އަމާޒުކުރައްވާ ދައްކަވާ ވާހަކަތަކާ މެދު ހައިރާންވެ ވަޑައި ގަންނަވާކަމަށާއި ޔާމީންއާ މެދު އަބަދުވެސް ހިތުގައި އޮތީ ގަދަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސަންގް ޓީވީއަށް ރޭ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް މުއިއްޒު މިހެން ވިދާޅުވީ، ޕީއެންއެފްއިން ބާއްވާ ޖަލްސާތަކުގައި އެ މަނިކުފާނާ ގުޅުވައިގެން ޔާމީން ކުރައްވާ ތުހުމަތުތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ އަދީބަކީ އެއްވެސް އިރެއްގައި މާ ގާތްގުޅުމެއް އޮންނަ ބޭފުޅެއް ނޫން ކަމަށާއި، ބައްދަލުވަނީ ހަމައެކަނި ވަޒީރުންގެ ބައްދަލުވުމުގެ ތެރެއިން އެކީގައި މަސައްކަތްކުރެއްވި ބޭފުޅެއްގެ ހައިސިޔަތުން ކަމަށެވެ. އޭގެ ބޭރުން އެއްވެސް ބައްދަލުވުމެއް ބާއްވައި މަޝްވަރާތަކެއް ވެސް އެކީގައި ކުރެވިފައި ނުވާނެ ކަމަށާއި ފިނިފެންމާ ހާދިސާއަށް ފަހު އަދީބާ މިހާތަނަށް ބައްދަލުވެފައި ވެސް ނުވާ ކަމަށް ވިދާޅުވިއެވެ.

"ހަމަ ޔަގީނުން ވެސް އެ މަނިކުފާނަށް މައުލޫމާތު ދެއްވާ ބޭފުޅުން ހަމަ ކަނޑައެޅިގެން ދޮގު މައުލޫމާތު އެ ދެއްވަނީ. އަޅުގަނޑު ހައިރާންވޭ އެ ވާހަކަތައް އެ މަނިކުފާނު ގަބޫލުކުރައްވާތީ ވެސް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ މަނިކުފާނަކީ ޔާމީންއާ އެންމެ ގާތުން ކެބިނެޓުގައި ވެސް މަސައްކަތް ކުރެއްވި އެކަކު ކަމަށާއި، ކޮންމެ މަސައްކަތެއް ވެސް ކުރީ ނަތީޖާ ނެރެދޭން، އަމާނާތްތެރިކަމާ އެކު ކަމަށެވެ. 2018ގެ ކެމްޕޭންގައި ވެސް ހަވާލުކުރެއްވި ހުރިހާ ކަމެއް ކުރީ ހިތާއި ރޫހުން ދެވަނަ ދައުރެއް ހޯދައިދެއްވަން ކަމަށާއި، ޖަގަހަ ހަދައި ފަންޑްރައިޒް ކުރީ ވެސް އަމިއްލައަށް ކަމަށް ވިދާޅުވިއެވެ.

ޔާމީން ޖަލުގައި ބޭއްވުމަށް މަސައްކަތްކުރައްވާ ކަމަށް ކުރައްވާ ތުހުމަތުތަކާއި ގުޅިގެން ވެސް ހައިރާންވާ ކަމަށް ރައީސް ރޭ ވިދާޅުވިއެވެ. އެގޮތުން އެ މަނިކުފާނަކީ ޔާމީންގެ މައްޗަށް މިދިޔަ ސަރުކާރުގައި ޝަރީއަތްތައް ކުރަން ފެށީއްސުރެ ދިފާއުގައި އެންމެ ކައިރީގައި ހުންނެވި އެކަކު ކަމަށް ވިދާޅުވިއެވެ.

ޔާމީން މިނިވަންވުމާ ހަމައަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެކަން ފާހަގަކުރައްވައި، އެ މަނިކުފާނު މިނިވަންކޮށްދެއްވުމަށް އެދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އާދޭސް ދެންނެވިކަން އެ މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ކުރެއްވި މެސެޖުތައް ފޯނުގައި ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ޔާމީން މިހާރު ވެސް މިނިވަންވެފައި އެ ހުންނަވަނީ އެ މަނިކުފާނު ޝަރީއަތަށް ނުފޫޒު ނުފޯރުވާތީ ކަމަށެވެ. ކްރިމިނަލް ކޯޓުގައި މިފަހުން އަލުން ޝަރީއަތްތައް ފެށިކަން ވެސް އެނގުނީ މީޑިއާތަކުން ކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިކަމަށް ކުރިމަތިލައްވަން ޖެހުނީ ޔާމީންއަށް އެ ފުރުސަތު ބަންދުވުމުން ކަމަށާއި އޭގެ ކުރިން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހުންނެވީ ކެންޑިޑޭޓެއްގެ ގޮތުގައި ޔާމީން ގަބޫލުކުރައްވައިގެން އެ މަސައްކަތް ކުރަން ކަމަށް ރައީސް ވިދާޅުވިއެވެ. އިންތިޚާބު ކާމިޔާބު ވުމުން ވެސް ފުރަތަމަ ވެސް ގޮވާލެއްވީ ޔާމީންގެ މިނިވަންކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭރު ވެސް މިއަދު ވެސް އަދި މާދަމާ ވެސް އަޅުގަނޑުގެ ހިތުގައި އެ މަނިކުފާނަށް އޮންނާނީ ގަދަރު. އަބަދު ވެސް އޮންނާނީ ގަދަރު،" ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy