ޔޫއެފާ ޗެމްޕިއަންސް ލީގުގެ އާ ފޯމެޓުގެ ގުރުއަތު ނަގައިފި

ޔޫއެފާ ލީގުގެ މެޗުތައް ރޭވިފައިވާ ގޮތް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ އާ ފޯމެޓުގައި ލީގު ބުރުގައި ކޮންމެ ޓީމެއް ވާދަ ކުރަން ޖެހޭ އަށް ޓީމު ކަނޑައެޅުމަށް 36 ޓީމާ އެކު ގުރުއަތު ނެގުން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ރޭ ބޭއްވުނު ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގައި، ފުރަތަމަ ކުޅޭ ލީގު ބުރުގައި ވާދަކުރާ ޓީމެއް، ލެޖެންޑަރީ ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ދައްކާލުމުން، އެ ޓީމެއް ކުޅެން ޖެހޭ ޓީމުތައް އޮޓަމެޓިކުން ހޮވުމަށް ބަޓަނަށް އޮބާލީ، ޗެމްޕިއަންސް ލީގުގެ ރެކޯޑް ގޯލްސްކޯރަރ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކުޅުނު 183 މެޗުން ކާމިޔާބު ކުރި 140 ގޯލާ އެކު ހަދާފައިވާ ރެކޯޑު ފާހަގަ ކުރުމުގެ ގޮތުން ޔޫއެފާ އިން ވަނީ ރޭ އޭނާއަށް ޝަރަފުގެ އެވޯޑެއް ވެސް ދީފައެވެ. އަދި ބުފޮންއަށް ވެސް ވަނީ ޔޫއެފާ ޕްރެޒިޑެންޓްސް އެވޯޑް ދީފައެވެ.

ގުރުއަތު ނެގުން ކުރިއަށް ގެންދިޔައީ، ޓީމުތައް ރޭންކް ކޮށްގެން ހަތަރު ޕޮޓަކަށް ބަހާލައިގެންނެވެ. ކޮންމެ ޓީމަކަށް ވެސް ކޮންމެ ޕޮޓަކުން ދެ ޓީމާ ދެކޮޅަށް ކުޅެން ޖެހޭނެއެވެ. އެއް މެޗު ހޯމް ގައި ކުޅޭއިރު، ޕޮޓްގެ އަނެއް ޓީމާ ދެކޮޅަށް ކުޅޭނީ އަވޭ ދަނޑުގައެވެ.

އަމިއްލަ ގައުމަށް ނިސްބަތްވާ ޓީމަކާ ދެކޮޅަށް ލީގު ބުރުގައި ނުކުޅެވޭނެއެވެ. އަދި މި ބުރުގައި ކޮންމެ ޓީމަކަށް ވެސް، އެއް އެސޯސިއޭޝަނަކަށް ނިސްބަތްވާ ޓީމުތަކާ ދެކޮޅަށް ގިނަވެގެން ކުޅެވޭނީ ދެ ޓީމަކާ ދެކޮޅަށެވެ.

ޓީމު ހޮވަން ދެ ލެގަށް ޕްލޭއޮފް ބުރެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ނޮކައުޓް ބުރަށް ނުހޮވޭ ޓީމުތަކަށް މި ސީޒަންގައި ޔޫއެފާ މުބާރާތްތައް ނިމުނީއެވެ. ކުރިން އޮންނަ ގޮތަށް އެ ޓީމުތަކަށް ޔޫރޮޕާ ލީގުގެ ޕްލޭއޮފްގެ ފުރުސަތެއް ނޯންނާނެއެވެ.

އާ ފޯމެޓުގައި ޗެމްޕިއަންސް ލީގުގެ ފުރަތަމަ ފައިނަލް މެޗު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ ބެޔާން މިއުނިކްގެ އެލިއެންޒް އެރީނާގައެވެ.

ބެޔާނުން ލީގު ބުރުގައި ޕީއެސްޖީ އާއި ބާސެލޯނާގެ އިތުރުން އެސްޓަން ވިލާއާ ދެކޮޅަށް ވެސް ކުޅެން ޖެހެއެވެ. ޕީއެސްޖީން ލީގު ބުރުގައި ބެޔާނުގެ އިތުރުން މެންޗެސްޓާ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑް އަދި އާސެނަލްއާ ދެކޮޅަށް ވެސް ކުޅޭނެއެވެ. ބާސެލޯނާ ވާދަ ކުރަން ޖެހޭ ޓީމުތަކުގެ ތެރޭގައި ބޮރޫޝިއާ ޑޯޓްމެންޑާއި އެޓަލާންޓާ އަދި ބެންފީކާ ވެސް ހިމެނެއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ވާދަ ކުރަން ޖެހޭ ޓީމުތަކުގެ ތެރޭގައި ޑޯޓްމެންޑް، ލިވަޕޫލް، އޭސީ މިލާން، އެޓަލާންޓާ ފާހަގަކޮށްލެވެއެވެ. ރަނަރަޕް ޑޯޓްމެންޑަށް ރެއާލްގެ އިތުރުން ބާސެލޯނާއާ ދެކޮޅަށް ވެސް ކުޅެން ޖެހެއެވެ.

އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ވާދަ ކުރަން ޖެހޭ ޓީމުތަކުގެ ތެރޭގައި ޕީއެސްޖީ އާއި އިންޓަ މިލާނާއި ޔުވެންޓަސް ހިމެނެއެވެ.

ލިވަޕޫލް ކުޅޭ އަށް މެޗު ވެސް ފޯރި ގަދަ ވާނެއެވެ. އެޓީމު ވާދަކުރާނީ ރެއާލް މެޑްރިޑް، އާރުބީ ލައިޕްޒިގް، ބެޔާ ލެވަކޫސެން، އޭސީ މިލާން، ލިލް، ޕީއެސްވީ، ބޮލޯނިއާ އަދި ޖިރޯނާއާ ދެކޮޅަށެވެ.

އާސެނަލް ކުޅެން ޖެހޭ ޓީމުތަކުގެ ތެރޭގައި އިންޓަ މިލާނާއި ޕީއެސްޖީ އަދި އެޓަލާންޓާ އާއި ޖިރޯނާ ފާހަގަ ކޮށްލެވެއެވެ. އަދި ލީގު ބުރުގައި ބެޔާނާއި ލައިޕްޒިގްގެ އިތުރުން ޔުވެންޓަސް އާއި ބޮލޯނިއާއާ ދެކޮޅަށް އެސްޓަން ވިލާ ކުޅެން ޖެހޭނެއެވެ.

ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ ކުޅުން ސެޕްޓެމްބަރު 17 އިން އަންނަ އަހަރުގެ ޖެނުއަރީ 29 އަށް ކުރިއަށް ދާނެއެވެ. ޔޫރޮޕާ ލީގާއި ކޮންފަރެންސް ލީގުގައި ވެސް 36 ޓީމާ އެކު މިއަދު ގުރުއަތުލުން ކުރިއަށް ގެންދިޔުމަށް ފަހު، މެޗުތަކުގެ ޝެޑިއުލް މާދަމާ ޔޫއެފާ އިން ހާމަކުރާނެއެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy