ލިޔުނީ: މަރިޔަމް މޫސާ
ބޭރަށް ނިކުތް އިރު ކާރެއް ދޮރުމަތީގައި އޮތެވެ. ކާރު ގައި ލެނގިލައިގެން ޔާސިރު ސިގިރޭޓް ބޯން ހުއްޓެވެ. ހަޔާތް ފެނުމުން ޔާސިރު ސިނގިރެޓް އެއްލާލިއެވެ. ހަޔާތް ގެ ފަހަތުން ޒޫނާ އާއި އަރީޝާ ބޭރަށް ނިކުތެވެ. އޭރު ބޮޑުބެ ކާރުގައި އައިސް މަޑުކޮށްލިއެވެ. ކާރުގެ އަލިވުމުން އެދިމާ އަށް ޔާސިރު އާއި ހަޔާތް ބަލާލިއެވެ. ކާރު ޕާކުކޮށްފައި ވަހީދު ކާރުން ފޭބިއެވެ. ޔާސިރު ފެނުމުން ހީލިއެވެ.
"ތަނަކަށް ދާންތަ ތިއުލެނީ؟" މަޑުމަޑުން ވަހީދު އަހާލިއެވެ.
"އާން.... ފަޒާލް ބުނެގެން... " ޔާސިރު ބުންޏެވެ.
"ކޮބާ ފަޒާލު؟" ވަހީދު އަހާލިއެވެ. ޔާސިރު ޖަވާބު ދިނުމުގެ ބަދަލުގައި ހީލިއެވެ.
"ބައްޕާ... އެހެން ކިހިނެއް ފަޒާލް ބޭރަށް ނިކުންނާނީ... ވިސްނަބަލަ."އަރީޝާ ހަޔާތް އަށް މަލާމާތް ކުރާ ރާގެއްގައި ބުނެލިއެވެ. ޔާސިރުވެސް ޙާއިރާން ކަމާއި އެކީގައި އަރީޝާ އަށް ބަލާލިއެވެ. އެކަމަކު އެޔަށް ޖަވާބު ދިނުމުގެ ބަދަލުގައި ހަޔާތް އަށް ބަލާލިއެވެ.
"ހިނގާ ދާން..."ޔާސިރު އެހެން ބުނުމުން ހަޔާތް މަޑުމަޑުން ހިނގާލާފައި ކާރާއި ދިމާ އަށް ދިޔައެވެ.
ޔާސިރު ކާރުގެ ކުރީ ޝީޓްގެ ދޮރުހުޅުވާލިއެވެ. ހަޔާތް ކާރަށް އަރަން އުޅުނު ވަގުތު ކާރުގެ ޑްރައިވަރު ޝީޓްގައި އެހެން މީހަކު
އިނުމުން ކުޑަކޮށް ޖެހިލުން ވިއެވެ. އެމީހާ އިނީ ފޯނާއި ކުޅެން އިސްޖަހައިގެން ކަމުން އެހާ ރަނގަޅަކަށް މޫނެއް ނުފެނެއެވެ. ފޯނުގެ އަލިން ވެސް ވަނީ މަޑުކޮށްފައި ކަމުންނެވެ. ކަނބޮޑު ވުމާއި އެކީގައި ޔާސިރަށް ބަލާލިއެވެ. ޔާސިރު ކުޑަކޮށް ބޯޖަހާލާފައި ހީލިއެވެ. ހަޔާތް ޖެހިލުންވެ ހުރެގެން އެރިއެވެ. ޔާސިރު ދޮރު ލައްޕާލާފައި ގޮސް ސައިކަލާއި ދިމާ އަށް ދިޔައެވެ. ޒޫނާ އާއި އަރީޝާ ޙާއިރާން ވިއެވެ. ވަހީދު ވެސް ޙައިރާން ކަމާއި އެކީގައި ޔާސިރަށް ބަލާލިއެވެ. އެވަގުތު ކާރު އިސްޓާޓް ކޮށްލާފައި ކުރިޔަށް ދުއްވާލިއެވެ. ޔާސިރު ވެސް ކާރު ފަހަތުން ސައިކަލުގައި ނައްޓާލިއެވެ.
"ކާރު ދުއްވަން އިނީ ފަޒާލް ކަންނޭގެ ދޯ.."ޒޫނާ އަށް އަހާލެވުނެވެ.
"ޝިޓް، އެމީހާގެ މޫނުވެސް ބަލާ ނުލެވުނު، އަހަރެން ބޭނުން ހަޔާތް ލަދުގަންނަ ވަރަށް ދިމާ ކޮށްލަން."އަރީޝާ އަށް ބުނެވުނެވެ.
"މިހާރު ތިކުރާ ވަރު ކުޑަތަ؟" އެތެރެއަށް ވަންނަމުން ވަހީދު ބުނެލިއެވެ.
ޔާސިރު އާއި ނުލާ ކާރު ނައްޓާލުމުން ހަޔާތް އިނީ ކަނބޮޑުވެފައެވެ. ކާރު ދުއްވަން އިންމީހާ އަށް ބަލާލާކަށް ހަޔާތް އަކަށް ނުކުރެވުނެވެ. ކުރީސީޓް އަށް އެކަނި އަންހެންކުއްޖަކު އެރުމުގެ މާނަ ރަނގަޅަށް ހަޔާތް އަށް ވެސް އެނގެއެވެ. އޭގެ މާނައަކީ ކާރު ދުއްވަން އެއިނީ ޑްރައިވަރެއް ނޫންކަމެވެ. އެއީ އޭނަ އިންނަން މިރޭ ރަންކީ ފަޒާލްއެވެ. އޭނަގެ ސޫރަ ހުތުރުވުމުން ގޭމީހުންނާވެސް ކުރިމަތި ލާން އޭނައަށް ވެސް ނުކެރުނީއެވެ. ހަޔާތް ގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ހަޔާތް ހިމޭން ކަމާއި އެކީގައި އަނެއްފަރާތައް އެނބުރިލިއެވެ. ފަޒާލް ހަޔާތް އަށް ބަލާލިއެވެ. ހަޔާތް އަނެއްފަރާތައް އެނބުރިލުމުން ފަޒާލް އެއްކޮލުން ހީލެވުނެވެ. ހިމޭން ކަމާއި އެކީގައި ކާރު އާދައިގެ ސްޕީޑެއްގައި ދުއްވަމުން ލިންކް ރޯޑް ހުރިގޮތަށް ދިޔައެވެ.
ދެމީހުން ދޭތެރޭގައި ވަނީ ހަމަހިމޭން ކަމެވެ. ފަޒާލް މަގުމަތިން ނަޒަރު ނައްޓާލަމުން ހަޔާތް އަށް ނަޒަރު ހުއްޓާލިއެވެ. އޭރުވެސް ހަޔާތް އިނީ މަގުގެ އެއްފަރާތުން ފެނިގެއްލެމުންދާ މަންޒަރު ތަކަށް ބަލާށެވެ. އެމަގަކީ އެތައް ދުވަހަކު މައުރޫފް އާއި އެކީގައި ވެސް ދުއްވަން އައިސްފަވާ މަގެވެ. އެހަނދާން ތަކާ އޭނަ ދުރަށް ދާނީ ކިހިނެއް ހެއްޔެވެ. މިއަދުގެ މިވަގުތާ ހަމަޔަށްވެސް އޭނަޔަކީ މައުރޫފް ގެ މީހެކެވެ. އެކަމަކު މިވަގުތު އޭނަ އެވަނީ ނުވެސްދަންނަ މީހަކާއި އެކީގައެވެ. ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ފަޒާލް ޓިޝޫއެއް ނަަގަފައި ހަޔާތް އަށް ދިއްކޮށްލިއެވެ.
"އަން...."ފަޒާލް ދިއްކޮށްލި ޓިޝޫއަށް ބަލާލިއެވެ. ފަޒާލް ދިން ޓީޝޫ މަޑުމަޑުން ނެގިއެވެ. އަދި ލޮލުން އަންނަމުން ދިޔަ ކަރުނަ ފުހެލިއެވެ.
"ތެންކިއު..."ހަޔާތް އަނެއްކާވެސް ކުޑަދޮރުން ބޭރު ބަލަމުން ބުނެލިއެވެ.
"އަހަރެންނާ އިންނަން އެއްބަސްވީ ކީއްވެ؟"މަޑުމަޑުން ފަޒާލްގެ ފިރިހެންވަންތަ އަޑު އިވިގެން ދިޔައެވެ. ހަޔާތް ދެލޯމަރާލިއެވެ. އޭނަ އެސުވާލަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ. ގޭތެރޭގައި ހިނގާ ހަމަނުޖެހުން އޭނަޔަށް ބުނެދެވޭނެ ހެއްޔެވެ. ހަޔާތް ހަމަހިމޭން ކަން އިޙްތިޔާރު ކުރިއެވެ.
"އަހަރެން ހަޔާތް އަކަށް މަޖުބޫރެއް ނުކުރާނަން، އަހަރެން ނަށް ހީވަނީ އަހަރެން ފޮނުވި ފޮޓޯ ހަޔާތް ނުބަލާހެން..."ގަސްތުގައި ފަޒާލް ބުނެލިއެވެ. ފޮޓޯގެ ވާހަކަ ބުނުމުން ހަޔާތްގެ ހިތް ބާރަށް ތެޅިގަނެގެން ދިޔައެވެ. އޭނަ އެއިނީ އެހަނޑި ސޫރަ ލިބިގެންވާ މީހާ އާއި އެކީގައެވެ. ކުރިޔަށް ވުރެން ވެސް ބޮޑަށް ހަޔާތްގެ ހިތް ނުތަނަވަސްވެ ހިތަށް އަސަރު ކުރަން ފެށިއެވެ.
"އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެން."ހަޔާތް މަޑުމަޑުން ބުނެލިއެވެ. އެވަގުތު ކާރުގެ ބުރެކި ޖެއްސުނެވެ.
"ނަސީބެއް... "ފަޒާލް ކުރިމަށްޗަށް ބަލަން އިނދެގެން ބުންޏެވެ. ހަޔާތް ހީކުރީ ހަޔާތް ބުނިއެއްޗަކުން ފަޒާލް ބުރެކި ޖެއްސީކަމަށެވެ. ކުރިމަތިން ބުޅަލެއް މަގު ހުރަސް ކޮށްލިއެވެ.
"ބުޅާ ކާރު ދަށު ނުވިކަން ނަސީބެއް."ފަޒާލް ހިނިތުން ވެލަމުން ބުންޏެވެ. އޭރުވެސް ހަޔާތް އިނީ ކުޑަދޮރުން ބޭރު ބަލާށެވެ.
"އާން... ކީކޭ ދެންމެ ބުނީ؟"ކާރު ދުއްވާލަމުން ފަޒާލް އަހާލިއެވެ. ހަޔާތް ބުނާނޭ އެއްޗެއް ނޭނގިފައި އިންކަހަލަ އެވެ. އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާކަހަލަ ގޮތަކަށް ބޭރު ބަލަމުން ދިޔައެވެ. ފަޒާލް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
"ކީކޭ ދެންމެ ބުނީ؟"އަނެއްކާވެސް ފަޒާލް އަހާލިއެވެ.
"މިކައިވެނި ތިކުރަނީ އެއްވެސް މަޖުބޫރެއް އޮވެގެންތަ؟"ފަޒާލަށް އެއްވެސް އެއްޗެއް ނޭނގޭ ކަހަލަ ގޮތަކަށް އަހާލިއެވެ.
ހަޔާތް ގެ ލޮލަށް އަނެއްކާވެސް ކަރުނަ ޖަމާވާން ފެށިއެވެ. މަޖުބޫރެވެ. އާން އެކެވެ. މަޖުބޫރުން ކުރެވޭ ކައިވެންޏެކެވެ. އޭނަޔަށް މަޖުބޫރެވެ. ދައްތައަށްޓަކާ އެވެ. އޭނަޔަށް މަޖުބޫރެވެ. މައުރޫފް އަށް ޓަކާއެވެ. އޭނަޔަށް މަޖުބޫރެވެ. ލޯތްބަށް ޓަކައެވެ. މިހުރިހާ ވާހަކަ އެއް ކައިރީގައި ޖެހިގެން އިން ފަޒާލަށް އިޙްސާސް ކުރެވޭނެ ހެއްޔެވެ. އޭނަ ބުންޏަސް ފަޒާލް އެކަން ގަބޫލު ކުރާނެ ހެއްޔެވެ.
"އަހަރެންނާ އިންނަން ކިހާވަރެއް ދިނިން" ހަޔާތް އިންގޮތައް އިނދެ ސުވާލު ކޮށްލިއެވެ.
"ކީކޭ؟"ފަޒާލަށް ހަޔާތް ބުނި ޖުމްލަ ނޭނގުމުން ސުވާލު ކޮށްލިއެވެ.
"ބޮޑުބެ އަހަރެން އަގުކުރީ ކިހާވަރަކަށް؟"އަނެއްކާ ވެސް ހަޔާތް ސުވާލު ކޮށްލިއެވެ.
"އަގޭ.... ތިއީ ކޮންކަހަލަ ވާހަކަ އެއް؟"ފަޒާލް ސުވާލު ކޮށްލިއެވެ. ހަޔާތް އިތުރަށް ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.
"އަހަރެން ނަށް ކަމެއް ކޮށް ދެންޏާ، ކާވެނި އެކަހެރިތަނެއްގައި ކުރެވޭ ގޮތް ހަމަ ޖައްސަދީ... އާއިލާގެ މީހުންނާ ވެސް ވަކިން."ހަޔާތް މަޑުމަޑުން ރޮވިފައިވާ ރާގެއްގައި ބުންޏެވެ. ފަޒާލް ހީލިއެވެ.
"ކީއްވެ؟" ފަޒާލް ސުވާލު ކޮށްލިއެވެ.
"އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކަށް މިކައިވެނީގެ ޙަބަރެއް ވާކަށް...."ހަޔާތް އަށް ރޮވޭ ގޮތް ވިއެވެ.
"ލަދުންތަ؟"ފަޒާލް ސުވާލު ކޮށްލިއެވެ.
"ދެން ހަމަ ބޭނުން ނުވަނީ....ޕުލީޒް... އަހަރެން އިތުރު އެއް ވެސް ކަމަކަށް ނޭނދޭނަން....."މަޑުމަޑުން ގިސްލެވޭ ގޮތް ވާން ފެށުމުން އިތުރަށް ހަޔާތް ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.
"މިކޮޅު ބަލާލަބަލަ."ފަޒާލް މަޑުމަޑުން ބުނެލިއެވެ.
ހަޔާތް އިންގޮތައް އިނީއެވެ. އޭނަ އަށް ފަޒާލްގެ ސޫރަ ފެނިއްޖެއްޔާ ކާރުގައި އިންނަން ވެސް ނުކެރޭނެއެވެ. ފޯނުން އެސޫރަ ފެނުމުން ވެސް ބިރުގަތެވެ. ހަޔާތް އިންގޮތައް އިނީއެވެ. ފަޒާލް ކާރު ދުއްވަމުން ކުރިޔަށް ގޮސް މީހުން ނޫޅޭ ހިސާބަކަށް ކާރު މަޑު ކޮށްލިއެވެ. ހިސާބަކީ ހަމަހިމޭން ހިތްފަސޭހަ ހިސާބެެކެވެ. ހަނދުގެ ރިހިއަލިން ހިސާބުގަނޑުވަނީ ޒީނަތް ތެރިވެފައެވެ. ފަޒާލް ކާރުން ފޭބިއެވެ. ހަޔާތް އިންދިމާ އަށް އައިސް ދޮރުހުޅުވާލިއެވެ. ހަޔާތް ފަޒާލް އައުމުން އަވަސް އަވަހަށް އިސްޖަހާލިއެވެ.
"ކާރުގަ އިންނާނީތަ؟"ފަޒާލް ސުވާލު ކޮށްލިއެވެ.
ހަޔާތް މަޑުމަޑުން ކާރުން ފޭބިއެވެ. އޭރުވެސް ހަޔާތް ފަޒާލަކަށް ނުބަލައެވެ. ކާރުން ފައިބައިގެން ގޮނޑުދޮށާއި ދިމާ އަށް ހިނގައިގަތެވެ. ފަޒާލް ކާރު ދޮރު ލައްޕާލާފައި ހަޔާތްގެ ފަހަތުން ހިނގައިގަތެވެ. ފަޒާލް ފަހަތުން ގޮސް ހަޔާތްގެ އަތުގައި ހިފާލިއެވެ. ހަޔާތް އަށް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. އަވަސް އަވަހަށް ފަޒާލްގެ އަތުތެރެއިން ހަޔާތް އަތް ދައިމައިގަތެވެ. އަދި ބާރަށް މޫދާއި ދިމާ އަށް ހިނގައިތެވެ. ހަޔާތްގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. އޭނަގެ އަތުގައި މައުރޫފް ނޫން މީހަކު ހިފާކަށް ހިތްތެއް ނޭދެއެވެ. މޫދުގެ ލޮނުގަނޑުގައި ފައިޖެހުމުން ހަޔާތް ހުއްޓިލިއެވެ. އޭނަ މިތަނަށް ފަޒާލް އެގެނައީ ކީއްކުރަން ހެއްޔެވެ. އޭނަ މިރޭ ކޮންމެހެންވެސް ބޭރަށް ނިކުތީ މައުރޫފް އާއި ބައްދަލުކުރާ ށެވެ. ވަގުތުކޮޅެއް ހޯދައިފައި މައުރޫފް ކައިރިޔަށް ދާށެވެ. އެކަމަކު އޭނަގޮވައިގެން މިތަނަށް އެއައީ ފަޒާލް އެވެ. ދެން އޭނަ މައުރޫފް އާއި ބައްދަލު ކުރަން ދާނީ ވެސް ކިހިނެއް ހެއްޔެވެ.
ފަޒާލް މަޑުމަޑުން ކުރިޔަށް ފިޔަވަޅު އަޅަން މުން ހަޔާތް އާއި ދިމާއަށް ދިޔައެވެ. ހީވަނީ ހަޔާތްގެ ގައިގައި ދަމާބާރެއް ވާހެންނެވެ. މޫދުން ހަޔާތް ސަލާމަތް ކުރިރޭ ކުރި އިޙްސާސްތައް މިރޭވެސް ކުރަން ފެށިއެވެ. ހިތް ތެޅެމުން ދިޔައީ ފަޒާލަށް އުދަގޫވާވަރަށެވެ. އެރީތި އަންހެންކުއްޖާ ގެ ގައިގައި ބީހިލާން ހިތް ބޭނުން ވަމުން ދިޔައީ ކީއްވެގެން ކަމެއް ނޭނގެއެވެ. ދުބާއީން ވަނީ އެތަށް ގައުމު ތަކެއްގެ ރީތި އަންހެން ކުދިންނާ ދިމާވެފައެވެ. އެކަމަކު ހަޔާތް ފެނުމުން ހިތަށް ކުރަމުން ދާ އިޙްސާސް އެއް އެކުދިން ފެނުމުން ނުކުރެއެވެ. އޭނަގެ ހިތުގައި ފޮރުވާފައިވާ ލޯބިވެރިޔާ ނޫން އަންހެން ކުއްޖަކާ ގާތް ވާން ބޭނުން ނުވާ ފަޒާލް ހަޔާތް އޭނަގެ ދެއަތަށްލާ ފޮރުވާލަން ބޭނުންވިއެވެ. ހަޔާތްގެ ފަހަތުން ގޮސް ހަޔާތްގެ އުނަގަޑުގައި އަތް އަޅުވާލިއެވެ. ހަޔާތް ކަރުނުން ފުރިފައިވާ ދެލޯ މަރާލިއެވެ. ފަޒާލް ހަޔާތްގެ ކަނދުރާގައި މޫނު ފޮރުވާލިއެވެ. އޭނަބޭނުންވަނީ ކޮންކަމެއްކަން ހުދު އޭނަޔަށް ވެސް ނޭނގޭ ކަހަލަ އެވެ. ފަޒާލްގެ ބީހުމުން ހަޔާތްގެ ހިތް ބާރަށް ތެޅިގަނެގެން ދިޔައެވެ. ނޭނގިނަމަވެސް އެސޫރަ އަށް ބެލިއްޖެއްޔާ އޭނަ މޮޔަވެދާނެކަން ޔަގީނެވެ. ބާރަށް ދެލޯ މަރާލައިގެން ހުއްޓެވެ. އޭރުވެސް ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ފަޒާލްގެ ބީހުން އޭނަޔަށް މައުރޫފް މަތިން ހަނދާން ކޮށްދެމުން ދިޔައެވެ. ހަޔާތް ފަޒާލް އާއި ދުރަށް ޖެހިލަން އުޅުނެވެ.
"ނޫން... ގުޑިނުލާ އިހަށް ވަގުތު ކޮޅަކަށް މަޑުކޮށްލާ..."ފަޒާލް ބުންޏެވެ. އޭރުވެސް ހަޔާތް ހުރީ ދެލޯ މަރާ ބާރުކޮށްގެން ނެވެ.
"ޕުލީޒް..."ހަޔާތް މަޑުމަޑުން ރޮވިފައިވާ ރާގެއްގައި ބުނެލިއެވެ.
"އަހަރެންނާ އިންނަން އެއްބަސްވީ ކީއްވެ؟"ފަޒާލް ކާރުގައި ކުރި ސުވާލު ތަކުރާރު ކޮށްލިއެވެ.
"އަހަރެން ނަކީ ހުތުރު މީހެއްކަން އެނގިހުރެ..."ފަޒާލް ސުވާލު ކޮށްލިއެވެ.
ހަޔާތް ލޯހުޅުވާލާފައި ދުރުން ނަގަމުން އަންނަ ރާލުތަަކަށް ބަލަމުން ދިޔައެވެ. ފަޒާލް ކުރިޔަށް ވުރެން ބޮޑަށް ހަޔާތްގެ ގައިގައި ބައްދާލިއެވެ. ހަޔާތްގެ ގައިން ދުވަމުންދާ މަޑުމަޑުން މީރުވަސް ދުވާ ސެންޓްގެ ސަބަބުން ފަޒާލްގެ ހިތް ފުރިގެ ދިޔަކަހަލައެވެ. ފަޒާލްގެ ހޫނުނޭވައި ހަޔާތްގެ ކަނދުރައިގައި ބީހެމުން ދިޔައެވެ. އެއިޙްސާސް ތަށް ތަފާތެވެ. ފަޒާލް ހަޔާތް އޭނަޔާއި ދިމާ އަށް އަނބުރާލިއެވެ. ހަޔާތް ދެލޯ މަރާލިއެވެ. ފަޒާލް ހަޔާތްގެ މޫނަށް ބަލަމުން ދިޔައެވެ. އެރީތި ދެލޮލުގެ ވިދުން ބަލަން ފަޒާލް ބޭނުން ވިއެވެ. އެކަމަކު ފަޒާލް އާއި ދިމާލަށް އެނބުރިލާ ކޮންމެ ފަހަރަކު ހަޔާތް ދެލޯ މަރާލައެވެ. އެއީ ކީއްވެގެން ކަން ފަޒާލަށް ރަނގަޅަށް އެނގެއެވެ. ފަޒާލް ހީލިއެވެ.
"އަހަރެންނާ ދިމާ އަށް ނުބަލާނަންތަ؟"ފަޒާލް މަޑުމަޑުން ހަޔާތްގެ ނިއްކުރީގައި ފަޒާލްގެ ނިތްކުރި ޖައްސާލަމުން ސުވާލު ކޮށްލިއެވެ. ފަޒާލްގެ ހޫނު ނޭވާ ހަޔާތް ގެ މޫނުގައި ބީހެމުން ދިޔައެވެ. ހަޔާތްގެ ނޭވާގެ އިޙްސާސް ފަޒާލަށް ކުރަމުން ދިޔައެވެ.
"ޖަވާބު ދީބަލަ... އަހަރެން ގެ ސޫރަ ނުބަލާނަންތަ؟"ފަޒާލް ކުރިޔަށް ވުރެން ސިއްރުން ބުނެލިއެވެ.
ހަޔާތް އޭރުވެސް ހުރީ ދެލޯ މަރާ ފިއްތާ ބާރު ކޮށްގެންނެވެ. އޭނަ އެބިރުވެރި ސޫރަ ބަލާކަށް ބޭނުމެއް ނޫނެވެ. އޭނަގެ ދައްތަ އަށް ޓަކާ އޭނަވީ ގުރުބާނީ ފެނަށް ވާކަށް ބޭނުމެއް ނޫނެވެ. ފަޒާލް ހަޔާތްގެ މަޑުފިޔާތޮށި ކުލައިގެ ތުންފަތުގައި ބީހިލިއެވެ. ހަޔާތް ލޯމަރައިގެން ހުރިކަމުގައި ވިޔަސް ހިތް ރޮމުން ގިސްލަމުން ދިޔައެވެ. ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ފަޒާލް ގެ ކޮލުގައި ހަޔާތްގެ ކަރުނަ ބީހިލިއެވެ. އިރުކޮޅެއްފަހުން ފަޒާލް ހަޔާތް އާއި ކުޑަކޮށް ދުރަށް ޖެހިލިއެވެ. އެއާއި އެކު ހަޔާތް ގެނެސް އޭނަގެ ޒުވާން ދެއަތުގެ ތެރެއަށް ލިއެވެ.
"އަހަރެން ނަށް ވަފާތެރި ވާނެކަމަށް އުންމީދު ކުރަން، އަހަރެން ހަޔާތް އަށް ލޯބި ދޭނަން،ވަފާތެރި ވާނަން."ހަޔާތްގެ ކަރުނުން ފަޒާލްގެ މޭމަތި ތެންމަމުން ދިޔައެވެ. އެރުއިމަކީ މައުރޫފް އަށް ޓަކާ ރޯރުއިމެއްކަން ފަޒާލަށް އެނގެއެވެ. އެކަމަކު އޭނަވެސް އޭނަގެ ހިތުގެ ކުރިމަތީގައި މަޖުބޫރެވެ. އޭނަޔަށް ލޯބި އިހްސާސް ކުރެވުނީ ހަޔާތްގެ ސަބަބުން ނެވެ. ވީއިރު އެލޯތްބާ ދުރަށް އޭނަ ދާނީ ކިހިނެއް ހެއްޔެވެ. މިހާރު ހަޔާތް އަކީ އޭނަގެ ވާން އުޅޭ އަނބިމީހާ އެވެ. އޭނަ އެހެން މީހެއްގެ އަތް މައްޗަށް ދޫކޮށް ލެވޭނީ ކިހިނެއް ހެއްޔެވެ.
ފަޒާލަށް ހޭވެރިކަމެއް ވީ ފަޒާލްގެ ފޯނަށް މެސެޖެއް އައުމުން ނެވެ. އޭރު ހަޔާތް ހުރިތަނުގައި ހިމޭން ކަމާއި އެކީގައި ދުރަށް ބަލަހައްޓައިގެން ހުއްޓެވެ. ފަޒާލް ގެ ތުންފަތް މަތިން ލުއި ހިނިތުން ވުމެއް ފާޅުވިއެވެ. ހޭލާހުއްޓާ ފެނުނު ހުވަފެނަކުން ނެވެ. މަޑުމަޑުން ހިނގާލާފައި ހަޔާތް އާއި ދިމާ އަށް ދިޔައެވެ. ދާދި ގާތުގައި މަޑުކޮށްލަމުން ހަޔާތް އަށް ބަލާލިއެވެ. ހަޔާތް ރޮނީ ކަން ފަޒާލަށް އެނގެއެވެ.
"އަހަރެންނާ އެއްވެސް ވާހަކަ އެއްދައްކަން ބޭނުންތަ؟"ފަޒާލް މަޑުމަޑުން ހިމޭން ރާގެއްގައި ސުވާލު ކުރިއެވެ.
ފަޒާލްގެ އަޑުޖެހުމުން ހަޔާތް ކުޑަކޮށް ސިހުނެވެ. އޭނަ އަށް ހުރެވުނީ ކޮންތާކުކަން އިޙްސާސް ކުރެވުނެވެ. ގޮނޑުދޮށުގެ ރީތި މިމަންޒަރަކީ މައުރޫފް އާއި އެކީ އައިސްބަލަމުން ދާން މަންޒަރު ތަކެކެވެ. އެވަގުތުތަށް ހިތަށް އައުމުން ތުންފަތް ހަރަކާތް ކޮށްލިއެވެ. އޭނަ އެހަނދާން ތަކާ ދުރަން ދާނީ ކިހިނެއް ހެއްޔެވެ. ބޮޑުބޭބެގެ ހަރުކަށި އަމަލާ ޒޫނާގެ ނުލަފާ ރޭވުމާއި އަރީޝާގެ މަލާމާތުން އޭނަ ދުރަށް ދާން ބޭނުން ވާކޮންމެ ފަހަރަކު މައުރޫފްގެ އޯގާތެރިކަން އޭނަ އަށް ލިބެއެވެ. ހިތްވަރުދީ ކެތްތެރިވުމަށް ނަސޭހަތް ތެރިވެއެވެ. ބޮޑުބޭބެ ކައިރިޔަށް އޭނަޔާ އިންނަން މައުރޫފް އަހަން ދިޔަ ދުވަހަކީ ވެސް ހަނދާނުން ފިލައިގެން ނުދާނެ ދުވަހެކެވެ.
"ހަޔާތް... އަދި ކިރިޔާ އަހަރެން ނަށް އެނގުނީ ހަޔާތްގެ ބޮޑުބޭބެ ވަރަށް ފަގީރުކަން."ސީރިޔަސް ރާގެއްގައި މައުރޫފް ބުނެލިއެވެ.
"ތިބުނީ؟"ހަޔާތް ޙާއިރާން ކަމާއި އެކީގައި އަހާލިއެވެ.
"މިބުނީ ފަގީރު ވީމަދޯ 3 މިލިޔަން ރުފިހާ އަށް އެދޭނީ، އެވެސް އަހަރެން ކަހަލަ ވިޔަފާރިއަށް އާ މީހެން ކުރެން."މައުރޫފް ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.
"ބޮޑުބެ ކީއްކުރާ 3 މިލިޔަން ރުފިޔާއެއް...."ހަޔާތް ޙައިރާން ވިއެވެ.
"އެއީ ހަޔާތްގެ އަގު... އަހަރެން ހަޔާތް އާއި އިންނަން ބޭނުން ނަމަ 3 މިލިޔަން ރުފިޔާ ވަހީދު އަށް ދޭން ޖެހޭ..."މައުރޫފް ހީލަމުން ހަޔާތްގެ ކޮލުގައި ފިރުމާލަމުން ބުންޏެވެ.
ހަޔާތް ޙައިރާން ކަމާއި އެކީގައި މައުރޫފަށް ބަލަމުން ދިޔައެވެ. މައުރޫފް ހަޔާތް އާއި ގާތް ވިވަގުތު ހަނދާލެވުނު ގޮތަކުން މޫދަށް މައުރޫފް ވެއްޓުނެވެ. ހަޔާތް އަށް ބާރަށް ހޭންފެށުނެވެ. މައުރޫފް މޫދުން ތެދުވިގޮތަށް ހަޔާތްއާއި ދިމާ އަށް ދިޔައެވެ. މައުރޫފް ބޭނުންވީ ހަޔާތް ވެސް ތެންމާލާށެވެ. ހަޔާތް ހެމުން ދުއްވައިގަތެވެ. ފަހަތުން މައުރޫފް ވެސް ދުއްވައިގެތެވެ.
ހަޔާތްގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ. ފަޒާ ހަޔާތްގެ ރީތި މޫނަށް ބަލާލިއެވެ.
ފަޒާލްގެ ތުންފަތް މަތިން ވެސް ހިނިތުން ވުމެއް ފާޅުވިއެވެ. ހަޔާތް އުފާވާކަހަލަ ކަމެއް އޭނަގެ ހިތަށް އެރީކަން ޔަގީން ކުރެވުނެވެ. އަދިވެސް ފަޒާލްގެ ސުވާލުގެ ޖަވާބެއް ނުލިބެވެ. ފަޒާލް ހަމަޖެހިލަމުން ހަޔާތް އާއި ތަންކޮޅެއް ގާތަށް ޖެހިލިއެވެ. އަދި ހަޔާތްގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. އެވަގުތު ހަޔާތް އަވަސް އަވަހަށް ލޯމަރާލިއެވެ. ފަޒާލް ހުރީ ހަޔާތްގެ މޫނަށް ބަލަން ކަމުން ހަޔާތްގެ ލޮލުގެ އެސްފިޔަތަށް ހަރަކާތް ކޮށްލިކަން އެނގުނެވެ.
"އަހަރެން ނަށް ވަގުތު ބޭނުން ވާނެ."ފަޒާލް ގެ އަތުން އަތް ދަމައިގަން ނަމުން ހަޔާތް ބުންޏެވެ.
"ކިހާ ވަގުތެއް؟"ފަޒާލް މަޑުމަޑުން ސުވާލު ކޮށްލިއެވެ.
"ކުރެވެން މިއުޅެނީ ކާވެންޏެއް، އެއީ ދެމީހެއްގެ ދޭތެރޭގައި ވަރުގަދަ އެއްބަސް ވުމަކުން އެއްބަސްވެ ކުރެވޭ ވައުދެއް، ވަފާތެރިވުމާއި ލޯތްބާ އަޅާލުމާ ކުލުނު މިއީ ވަރަށް ފުން މާނަ އެކުލެވޭ ލަފްޒު ތަކެއް... އެކަމަކު އެހުރިހާ ކަމަކަށް އަހަރެން ތައްޔާރު ވާން ޖެހޭ... އަހަރެންގެ ހިތް ވަނީ އެހެން މީހަކަށް ދެވިފައި.... އަހަރެން ފަޒާލަށް އެއްވެސް ކަމެއް އޮޅުވާލާކަށް ބޭނުމެއް ނޫން. އަހަރެން މިކައިވެނި މިކުރަނީ މަޖުބޫރުން.... ފަޒާލަށް ލިބޭނީ ހަމައެކަނި އަހަރެން ގެ މަސްގަނޑު... އަހަރެން ގެ ހިތް....."ހަޔާތް އަށް ރޮވެން ފެށުނެވެ.
"އަހަރެން ވެސް މިކައިވެނި މިކުރަނީ މަޖުބޫރުން."ފަޒާލް ހަޔާތް އަށް ބަލަމުން ބުންޏެވެ.
މަޖުބޫރުން؟ ފަޒާލަށް އޮތީ ކޮންމަޖުބޫރެއެއް ހެއްޔެވެ. ހަޔާތްގެ ހިތުގައި ސުވާލެއް އުފެދުނެވެ. އޭނަ ޔަކީ މިނިވަނެކެވެ. އުމުރުން 32 އަހަރުގެ ފުރިހަމަ ފިރިހެނެކެވެ. ހަމައެކަނި ތަފާތަކީ އޭނަގެ ސޫރަ އެވެ. އެއްފަޅި އަނދާ ބިރުވެރި ސިފައެއް ޖަހާ ސޫރަ އެވެ. ދެން އޭނަޔަށް އޮތީ ކޮންމަޖުބޫރެއް ހެއްޔެވެ. ހަޔާތް ވިސްނާލިއެވެ. އާން އެކެވެ. އޭނަ ވެސް މަޖުބޫރެއް ވެދާނެއެވެ.
ހަޔާތް ފުންވިސްނުމަކަށް ގެބެމުން ދިޔައެވެ. ފަޒާލު މަޖުބޫރުވީ ފަޒާލްގެ ހިތުގެ ކުރިމަތީ ގައިކަމެއް ހަޔާތް އަކަށް ނޭނގެއެވެ. ފަޒާލް މަޖުބޫރުވީ ހަޔާތްގެ ލޯތްބަށް ޓަކައެވެ. ފަޒާލް މަޖުބޫރު ވީ ހަޔާތްގެ އަހްލާގާ ހަޔާތްގެ އޯގާތެރިކަމުގެ ސަބަބުން ނެވެ. ފަޒާލް ހީލިއެވެ. އޭނަ ހަޔާތް އާއި ދައްކަން ވެފައި ހުރި ވާހަކަ ގިނައެވެ. އެކަމަކު ފަށާނެ ގޮތެއް ނޭނގެއެވެ. އަންހެންކުއްޖަކާ އެކަހެރިކޮށް އޭނަ ބައްދަލު ކުރި ފުރަތަމަ ފަހަރު ވީމައި ކަން ނޭނގެއެވެ. ފޯނުން އެތަށް ކުދިންނަކާ އޭނަ ވަނީ ވާހަކަ ދައްކާފައެވެ. އިންނަހިސާބަށް ދިއުމާއި އެކީ އޭނަގެ ބޭބެގެ ފޮޓޯ ފޮނުވާ އެމީހެއްގެ ހުރި ވަރު އޭނަ ބަލައެވެ. ފޮޓޯ ލިބުމާއި އެކީގައި އެކުދިން ގެ ރާގު ބަދަލު ވެއެވެ. ދެވަނަދުވަހު ފޯނުނުނަގާ ބައެއްކުދިން އޭނަދެކެ ގަންނަބިރުން ނަމްބަރުވެސް ބަދަލުކުރެއެވެ. އޭނަޔަށް އަންހެންކުދިން ސިފަކުރެވެނީ އަމިއްލަ އެދުން ބޮޑު ދުނިޔޭގެ ރީތި ދަޅަތަކުގެ ފަހަތުން ދުވާ ބައެއްގެ ގޮތުގައެވެ. އެހެން މީހުންގެ ހިތް ހާސިލްކުރަން އެމީހުންގެ އަސްލުސިފަ ދުލިފަށެއްގެ ތެރެއަށް ލާ ފޮރުވާފައިވާ ބައެއްގެ ގޮތުގައެވެ. އޭނަ ބޭނުންވާ ކަހަލަ ހުލްގު ހެޔޮ ކުއްޖަކާ ދިމާވީ އަދި ކިރިޔާއެވެ. ދެން އޭނަ މަޖުބޫރު ނުވާންވީ ސަބަބެއް ބުނެބަލާށެވެ.
*******************
ގޭތެރޭގެ ދޮރުހުޅުވާލަމުން ހަޔާތް މަޑުމަޑުން އެތެރެއަށް ވަނެވެ. ހަޔާތް އެތެރެއަށް ވަނުމުން ފަޒާލް ކާރު ދުއްވާލިއެވެ. އެތެރެއަށް އެޅިފިޔަވަޅު ހަޔާތް ފަހަތަށް އެޅިއެވެ. އަދި މަޑުމަޑުން ހަޔާތް ބޭރަށް ނިކުތެވެ. މަގުގެ ދެފަރާތް ބަލާލާފައި ހަޔާތް ދެފަޔަށް ބާރުލައިފައި މަގުހުރިގޮތަށް ދުއްވައިގެތެވެ.
މައުރޫފް ގޭކައިރިޔަށް މަޑުކޮށްލަމުން ވެފައިހުރި ވަރުބަލި ފިލުވާލަން މަޑުކޮށްލިއެވެ. އުފުރެމުން ދިޔަ ނޭވާ ހަމަޔަކަށް އަޅުވަމުން މައުރޫފްގޭ ދޮރުގައި ޓަކިޖަހާލިއެވެ. ރޭގަނޑުގެ ދަންވަގުތެއް ކަމުން އެއްވެސް މީހަކު މަގުމަތިން ނުފެނެއެވެ. ފުންނޭވާލަމުން ހަޔާތް ބާރަށް އަނެއްކާ ވެސް ދޮރުގައި ޖަހާލިއެވެ. ހިސާބުގަނޑުގެ ހަމަހިމޭންކަމުން ހަޔާތް ބިރުގަންނަން ފެށިއެވެ. އެއާއި އެކީގައި ދޮރުގައި ބާރަށް ޖަހަމުން ދިޔައެވެ. ރޮމުން ގިސްލަމުން ނެވެ. އެތެރެއިން އެއްވެސް ހަބަރެއް ނުވިއެވެ. ހަޔާތް ގެ އަތުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ހަޔާތް ސިހިފައި ފޯނަށް ބަލާލިއެވެ. ދޫމާގެ ފޯނެކެވެ. ފޯނުކުރީ ދޫމަކަށް އެނގުމުން ކުރިޔަށް ވުރެން ބޮޑަށް ހަޔާތް އަށް ރޮވެން ފެށިއެވެ.
"ހަލޯ...."ހަޔާތް ފޯނުނަގައި ކަންފަތުގައި ޖައްސާލަމުން ގިސްލަމުން ވާހަކަ ދައްކަން ފެށިއެވެ.
"ހަޔާތް ކޮންތާކު؟"ހާސްވެފައިވާ ރާގެއްގައި ދޫމާ އަހާލިއެވެ.
"މިދަނީ ގެޔަށް...."ގިސްލަމުން ބުންޏެވެ.
ހަޔާތް ފޯނު ބޭއްވުމަށްފަހު މަޑުމަޑުން ގެޔާއި ދިމާ އަށް ހިނގައިގަތެވެ. އޭނަ މައުރޫފް އާއި އާއި ބައްދަލު ކުރަން އެއައީ ވަރަށް އުންމީދާއި އެކީގައެވެ. އެކަމަކު މާޔޫސްކަމާއި އެކީގައި ހަޔާތް ހިނގައިގަތެވެ. ހަޔާތް ހިނގައިގައްތާ އިރުކޮޅެއްފަހުން ދުރުގައި އޮތް ކާރެއް ސްޓާޓްކޮށްލިއެވެ. ފަޒާލް ހަޔާތް ދިޔަދިމާ އަށް ބަލާލިއެވެ. ހަޔާތް އެކަހަލަ ފިޔަވަޅެއް އަޅާފާނެކަން ފަޒާލަށް އެނގެއެވެ. ހަޔާތް ގެޔަށް ލާފައި ފަޒާލް ދިޔަކަމުގައި ވިޔަސް ހަޔާތްގެ ހަރަކާތް ތައް ފަޒާލް ބަލަމުން ދިޔައެވެ. ގެއިން ނިކުމެ ފަޒާލް ކާރުގައި ދިޔަ ކޮޅު ނޫން އަނެއްކޮޅަށް ދުއްވައިގަތެވެ. ފަޒާލް ވެސް ހަޔާތްގެ ފަހަތުން މަޑުމަޑުން ކާރުގައި އައީއެވެ. ފަޒާލަށް ދެންމެ ފެނިގެން ދިޔަ މަންޒަރުން ހަޔާތް އަށް އޮތިބާރު ކުޑަވިއެވެ.
ކޮމެންޓް