ވާހަކަ: ކާއިނާތު (ސޯޅަވަނަ ބައި)

ލިޔުނީ: މަރިޔަމް މޫސާ

އެކަމަކު މިއަދު ވިދާދުގެ އަމަލު ތަކުން ވިދާދު ކާއިނާތު ދެކެ އިންތިހާ އަށް ލޯބިވާ ކަން ހާމަ ކޮށްދީފިއެވެ. ޒައިބާ އަށް ލިބުނު ޙައިރާން ކަމުން ބުނާނޭ އެއްޗެއް ނޭނގިފައި ކައުންޓަރު ކައިރީގައި ހުރި ގޮނޑިމައްޗަށް ވެއްޓި ގަނެވުނެވެ.

ޒައިބާ ހުއްޓުމެއް ނެތި ކާއިނާތަށް ފޯނު ކުރަމުން ދިޔައެވެ. ކާއިނާތުގެ ފޯނު ނިވާލާފައި އޮތުމުން އިރުފާނަށް ވެސް ދެ ފަހަރަ ކަށް ޒައިބާ ގުޅިއެވެ. އިރުފާން ވެސް ފޯނެއް ނުނަގައެވެ. ޒައިބާގެ ކަންބޮޑުވުން އިތުރު ވިއެވެ.

އަނެއް ކޮޅުން ވިދާދުގެ ކަންބޮޑުވުން ވެސް ދިޔައީ އިތުރު ވެގެން ނެވެ. އޮފީހަށް އައިސް ވަންތަނުން ކާއިނާތު ކެޑެން އެދިފައިވާ ވާހަކަ މިރުފާން ބުނުމުން ނެވެ. ޙައިރާން ކަމާއި އެކީގައި މިރުފާނަށް ބަލަހައްޓައިގެން ވިދާދަށް ހުރެވުނުވެ. އަތުގައި އޮތް ކާއިނާތު ފޮނުވި މެއިން ގެ ކޮޕީ ދިއްކޮލަމުން މިރުފާން ވާހަކަ ދައްކަން ފެށިއެވެ.

"އަސްލު 3 މަސް ދުވަހުގެ ނޯޓިސް އެއް ދޭން ކުރިން ވެސް އޮންނާނީ ބުނެފައި."މިރުފާން ބުންޏެވެ.

ވިދާދު ގޮނޑީގައި އިށީނެވެ. އަދި ދެފަރާތައް ބޯ ހޫރާ ލަމުން އެހާ ފަސޭހާން ކާއިނާތަށް އެތަނުން ނުދެވޭނޭ ކަމުގައި ބުންޏެވެ. ގުޅާގެން މިހާރު އޮފީހަށް ނިކުތުމަށް އަނގަން ބުންޏެވެ. މިރުފާން ކާއިނާތުގެ ފޯނު ނިވާލާފައި އޮންނަތާ 3 ދުވަސް ވީކަމުގައި ބުންޏެވެ. އެއީ ވިދާދު ބަލަން ބޭނުން ވާކަމެއް ނޫން ކަމުގައި ބުނެ އޮފީހުން ނިކުމެގެން ދިޔައެވެ. ވިދާދު އެދިޔަ ގޮތުން މިރުފާން ކުޑަކޮށް ޖެހިލުން ވާގޮތް ވިއެވެ. އަދި ފޯނު ނަގައި ވިދާދު ގެ ބޮޑީގާޑަށް ވިދާދު އާއި އެކީގައި ހުރުމަށް އެނގިއެވެ.

ކާރުގައި ވިދާދު މަޑުމަޑުން ދުއްވާލާފައި ދިޔައެވެ. ކާއިނާތު ހުޅުމާލޭން ދިމާވި ބަސްޓޮޕްކައިރިޔަށް ވިދާދު މަޑުކޮށް ލިއެވެ. އެއް ފަރާތެއް ގައި ކާރު ޕާކު ކުރުމަށް ފަހު ވިދާދު ކާރުން ފައިބައިގެން ބަސްޓޮޕް ފުރަގަހުގައި އޮންނަ ޕާކާއި ދިމާލަށް ހިނގައިގަތެވެ. ވިދާދަށް އެތަނަށް އާދެވުނީ ކީއްވެގެން ކަމެއް ހުދު ވިދާދު އަކަށް ވެސް ނޭނގެއެވެ. ހިތުގައި އުފެދެމުން ދިޔަ މާޔޫސް ކަން އެހެން މީހުންނަށް އަނގަން ބޭނުން ނުވާ ކަހަލަ އެވެ. ވިދާދު ކާރު ޕާކުކުރި ތަނާ ދުރުގައި ވިދާދުގެ ބޮޑީގާޑް މުވާޒު ސައިކަލު މަޑުކޮށް ލިއެވެ. އާމު ގޮތެއްގައި ވިދާދު އުޅެން ބޭނުންވަނީ މިނިވަން ކަމާއި އެކީގައި ކަން އެންމެނަށް ވެސް އެނގެއެވެ. އެހެން ކަމުން ވިދާދަށް ނުފެނި ދުރުގައި މުވާޒުމެން އެމީހުންގެ ޑިއުޓީ އަދާ ކުރެއެވެ.

ރޭގަނޑުގެ ވަގުތެއް ކަމުން ޕާކުގައި ގިނައީ ދެ ޖިންސުގެ ފުރާވަރުގެ ކުދިންނެވެ. ތަންތަން ކޮޅުގައި އެއްކުއްޖަކު އަނެއް ކުއްޖަކަށް އަތް ގުޅުވާ ލައިގެން ލޯބީގެ މާ ފޮޅު ވަމުން ދާ މަންޒަރެވެ. ގޮނޑިތަކުގައި ކޮނޑުގައި ބޯއަޅާ ލައިގެން މުސްތަގުބަލު ބިނާކުރާނޭ ގޮތް ރާވަމުންދާ ލޯބި ވެރިންނެވެ. ހިތްފަސޭހަ މި މާޙައުލުން ވިދާދު ހޯދަން ބޭނުން ވަނީ ކޯއްޗެއް ކަމެއް ނޭނގި މަޑުމަޑުން ކުރިޔަށް ދިޔައެވެ.

ބާސްކެޓު ކޯޓުގައި ކުޅެން ތިބި ކުދިންނަށް ވިދާދު ބަލާލިއެވެ. މަޑުމަޑުން ކޯޓާއި ދިމާއަށް ދިޔައެވެ. ކުޅޭ ކުދިން ކުރެން ވިދާދު ބައިވެރި ކުރަން އެދުމުން އެކުދިން ވިދާދަށް މަރުޙަބާ ކިއެވެ. ވިދާދު ހުރީ ރަސްމީ ހެދުމެއް ގައި ކަމުން އޭގައި ކުޅޭނީ ކިހިނެއްތޯ ސުވާލު ކުރިއެވެ. ވިދާދު ހިނިތުން ވެލާފައި އެއީ މާބޮޑު މައްސަލަ އެއް ނޫން ކަމުގައި ބުނެ ކުޅި ވަރުގައި ބައިވެރިވިއެވެ. ދުރުގައި މުވާޒު އެމަންޒަރު ބަލަހައްޓައިގެން ހުއްޓެވެ. އަދި ފޯނު ނަގައި މިރުފާނަށް ޙަބަރު ދިނެވެ.

 

ވިދާދުގެ ފަރުވާ ކުޑަ ކަމުން މީޓިން ކެންސަލުވި ކަމަށް ވިދާދުގެ ބައްޕަ ޔޫނުސް ނިންމިއެވެ. އަދި އެގެއްލުމުގެ ފުރިހަމަ ޒިންމާ ވިދާދު ނަގަން ޖެހޭނޭ ކަމަށް ވިދާދަށް އެނގިއެވެ. އެމީހުންނާ ބައްދަލު ކުރަން ވިދާދު ވީހާ ވެސް އަވަހަކަށް ސިންގަޕޫރަށް ފުރަން ބުނުމުން އެކަމާ ވިދާދު ކަންބޮޑު ވިއެވެ. އޭނަ އެހާ އަވަހަަށް ރަށުން ބޭރަށް ދާން ބޭނުން ނުވާތީއެވެ. ޔޫނުސްގެ ނިންމުން އަންގާފައި ޔޫނުސް އެތަނުން ދިއުމުން މާޔޫސް ކަމާއި އެކީގައި ވިދާދު ކޮޓަރިޔަށް ވަނެވެ.  

ވިދާދު ވިޔަފާރިޔާ ހަވާލުވި ފަހުން ބައްޕަ އެހާ ހިތްހަމަ ނުޖެހިފައި ހުރިތަން ފެނިފައިނުވެއެވެ. އޭނަޔާ ހަވާލުވެފައިވާ ޒިންމާތައް އޭނަ އަދާ ކުރަމުން އެދަނީ ފަރުވާތެރި ކަމާއި އެކީގައެވެ. އެހާ ޒުވާން އުމުރުގައި ގައުމުގެ މަތީ ވަޒީފާ އެއް އަދާ ކުރުމުގެ ގާބިލިޔަތު ކަން އޭނާގެ ގައިގައި އެބަހުއްޓެވެ. ރޭވުން ތެރިކަމާއި ހުނަރެވެ. ހަރުދަނާ ނިޒާމެއް ނުވަތަ ރަނގަޅު މުޖުތަމައެއް އުފެދޭނީ އެމުޖްތަމައެއްގެ އިންސާނުން ހަގީގީ މާނައިގައި އިންސާނުން ނަށް ވެގެން ކަން އޭނާ ގަބޫލު ކުރެއެވެ. އޭނަގެ އިންސާނިއްޔަތު ކަމާއި އޯގާތެރި ކަމަކީ ލާމަސީލު މިސާލެކެވެ. ކޮންމެ ހިދެއްގައި ނަމަވެސް އެވަގުތެއްގައި ބުނަން ޖެހޭ އެއްޗެއް މެނުވީ ނުބުނެއެވެ. ކޮންމެ ދަޑިވަޅެއްގައި އެވަގުތަކު އޭނާގެ ކިބައިގައި ހުންނަންޖެހޭ ހަރުދަނާ ގޮތް ހުރެއެވެ. ވަޢުދު ފުއްދަން ޖެހޭ ތަންތާގައި އޭނަ ވަޢުދު ފުއްދައެވެ. ބަހާ އަމަލާ ޙިލާފެއް ނުވެއެވެ. މިހަރުދަނާ އުސޫލުތައް އޭނާ ވަނީ އޭނާގެ ގައިގައި ކުޑަ އިރުއްސުރެން ހަރުލައްވާ ފައެވެ.

އެންމެ މީޓިނެއް ކެންސަލު ވުމުން ބައްޕަ ރުޅި ދުރުވުން ވިދާދުގެ މާޔޫސް ވެފައިވާ ހިތް ކުރިޔަށް ވުރެން ބޮޑަށް މާޔޫސްވެ ހިތަށް ތަދުވާ ގޮތް ވިއެވެ. އިތުރަށް ބޮލުގައި ރިއްސުވާލިކަމަކަށް އެކަން ވިއެވެ.

​އެނދުގައި އިށީނުމުނަށް ފަހު ޒައިބާ އަށް ގުޅާލިއެވެ. ކާއިނާތުގެ އެއްވެސް ޙަބަރެއް ލިބުނުތޯއެވެ. ކާއިނާތާ އަދިވެސް ނުގުޅޭ ކަމަށް ބުނުމުން ވިދާދު ފޯނު ބޭއްވިއެވެ. އިރުކޮޅަކު ވިސްނަން އިނުމަށް ފަހު މިރުފާނަށް ގުޅާލިއެވެ. ހަލީލު ނިޔާވި ދުވަހު މޫނުބަލަން ސަހަރާ އަށް އައި ތިމާގެ މީހުންނާ ބެހޭ މަޢުލޫމާތު ހޯދުމަށް އެނގިއެވެ.

​"ވިދާދު ތިހާ ހިސާބަށް އަދި ދާކަށް ނުވޭ. ކާއިނާ އާއި ދިމާވީ ކުޑަ ހާދިސާ އެއް ނޫން. އޭގެން ނިކުންނަށް ވަގުތު ނަގާނެ."މިރުފާން ވިދާދަށް ވިސްނާދިނެވެ.

​"ކޮންމެ ފަހަރަކު ވަގުތު. ގަބޫލު ކުރަން ވަގުތު ނުޖެހެނީސް އެއްވެސް ކަމެއް ނުވާނެކަން. އެކަމަކު މި ފަހަރަކު ކާއިނާ އަހަރެންގެ އަތުން ބީވެގެން ދާކަށް ބޭނުމެއް ނޫން."ވިދާދުގެ ދެލޯ ފެންކަޅި ވާން ފެށިއެވެ.

​"ވިދާދު. ވިސްނަބަލަ ކާއިނާ އުޅެނީ ކުއްޖަކާ ރައްޓެހި ވެގެން، ކުޑަ ކުދިން ދައްކާ ކަހަލަ ވާހަކަ ނުދައްކަބަލަ."މިރުފާން އަނެއްކާ ވެސް ވިދާދަށް ވިސްނާދޭން އުޅުނެވެ.

​"އޭނަ ކާއިނާ ދެކެ ލޯބިވޭތަ؟"ވިދާދު ކޮއްލީ ސުވާލެކެވެ.

​"ވެދާނެނު މިހާރު ކާއިނާ ވީ އޭނަޔާ އެކީގަ ކަމަށް ވެސް." މިރުފާން އޭނަޔަށް ފެންނަ ގޮތް ބުންޏެވެ.

​ވިދާދު އިތުރަށް މިރުފާނާ ވެސް ވާހަކަ ދައްކަން ބޭނުން ނުވާތީ ފޯނު ކަނޑާލިއެވެ. އޭނާ އަށް ކާއިނާތާ ބެހޭ މާގިނަ މައުލޫމާތެއް ލިބިފަ ނެތަސް ލިބިފައިހުރި މައުލޫމާތު ތަކުން ކާއިނާތު ހޯދުމަށް މަސައްކަތް ކުރަން ފެށިއެވެ. މިރުފާނާ ޒައިބާގެ ޖަވާބުން ވިދާދުގެ ހިތަށް ވަނީ ތަދުވެފައެވެ. ފިރާޒަށް ކެފޭ އަށް އަންނަން ބުނެފައި އެނދުން ތެދުވެގެން ކެފޭއަށް ދާން ތައްޔާރު ވިއެވެ.

​ވިދާދު ކެފޭ އަށް ވަދެގެން އަންނަތަން ފެނުމުން ޒައިބާ އިނީ ޖެހިލުން ވެފައެވެ. ކާއިނާތާބެހޭ ގޮތުން ސުވާލެއް ކޮށްފާނެ ތީއެވެ. ފިރާޒާ ދެމީހުން ވަރަށް ގިނައިރު ވާހަކަ ދައްކަން ތިއްބެވެ. މިފަހަރު ވިޔަފާރި އާއި ވަޒީފާ އަށް ވުރެން ބޮޑަށް ދެކެވެނީ ކާއިނާތާ ބެހޭ ވާހަކަ އެވެ. އޭނަ ދިޔަތަނެއް ނޭނގިގެން ވިދާދުގެ ހިތަށް ކުރަމުން ދިޔަ އަސަރުގެ ވާހަކަ އެވެ.

​"ދެން އަހަރެން ބަލާނަން ގޮތެއް ވޭތޯ. އަސްލު މިރުފާން ވެސް އެބުނީ ދޮގެއް ނޫން. އެކަމަކު ތިމާ ލޯބިވާނެ މީހެއް، ތިމާގެ ހިތް އެދޭނެ މީހެއް، އެއީ ތިމާގެ އަމިއްލަ އިހްތިޔާރުން ބޭރުގައި ވާކަންތައް. ލޯތްބަކަށް ތިމާގެ ބާރެއް ނުފޯރުވޭނެ. އަހަރެން ނަށް ވިދާދުގެ އިޙްސާސް ތައް އެނގޭ."ފިރާޒް ބުންޏެވެ.

​"ހުދު އަހަރެން ނަކަށް ވެސް ނޭނގެ މިވާގޮތެއް. އަހަރެން ނަށް ނޭނގި ހުއްޓާ ކާއިނާ އަހަރެންގެ ދިރިއުޅުމުގަ ވަރަށް މުހިއްމު މީހަކަށް ވެއްޖެ. ކާއިނާތުގެ ސޫރަ ބަލާނުލާ ދުވަސް ފަށާކަށް އަހަރެން ބޭނުމެއް ނުވޭ. ފިރާޒް ޔަގީން ކުރޭ. އަހަރެން ނަށް އަދިވެސް ނޭނގެ އަހަރެން ނަށް މިވަނީ ކިހިނެއް ކަމެއް." ވިދާދު ގޮނޑީގައި ލެނގިލަމުން ބުންޏެވެ.

​"ދެން ހަމަޖެހިލާ. ކާއިނާ އަދި ފެންނާނެ. އޭނަ ރާއްޖެ ދޫކޮށްލާފަ ދިޔައީކީ ނޫނެއްނު. ކާއިނާތުގެ ބައްޕަގެ ވަކިވެ ދިއުން އެއީ އޭނަގެ ދިރިއުޅުމަށް އާ ވަރަށް ބޮޑު ހިތާމަ އެއް. އޭގެން ނިކުންނަށް ވަގުތު ނަގާނެ. މާދަން ބަންދެއްނު. ރިސޯޓަށް ޝަރާ ކައިރިޔަށް ގޮސްލާފަ މޫޑު ރަނގަޅު ކޮށްލާގެން އާދޭ. ކޮންކަމަކާ ހާސްވަނީ ޝަރާ އެހެރީ ނުން އަދިވެސް."ފިރާޒް ބުންޏެވެ.

​"ޝަރާ ޔާ ހެދި މިހުރިހާ ކަމެއް ދިމާ މިވީ."ހިތްހަމަ ނުޖެހިފައި ހުރެގެން ވިދާދު ބުންޏެވެ.

​"ދެން އެހެން ވިއްޔާ ހިނގާ މަށާއެކީގައި ތުލުސްދޫއަށް ދާން. މާދަން އަހަރެން ދެދުވަހަކަށް ތުލުސްދޫ އަށް ދާން މިއުޅެނީ." ފިރާޒް ބުންޏެވެ.

​"ތަންތަނަށް ދެވިފައި މިއޮތީ."ވިދާދު ފޫހި ގޮތަކަށް ބުންޏެވެ.

​ފިރާޒް ވަރަށް އާދޭސް ކުރުމުން ފިރާޒާ އެކީގައި ތުލުއްސްދޫ އަށް ދާން ނިންމިއެވެ. ފިރާޒް އެތަނުން ދިއުމުން ވެސް އިރުކޮޅަކު ވިދާދު އެތަނުގައި އިނީއެވެ. ކާއިނާތާ ބައްދަލުވި ދުވަހު ހިނގި ހާދިސާ ހިތަށް އެރުމުން ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިއެވެ. އެއާއި އެކީގައި ދެލޯ ފެންކަޅި ވެގެން ދިޔައެެވެ. އިރުފާނާ ކާއިނާތުގެ ގުޅުން އެހާ ހަރުދަނާ ނޫންކަން ވިދާދަށް އެނގެއެވެ. އިރުފާންގެ ހުރިހާ މައުލޫމާތެއް ވިދާދު ހޯދަމުން ދިޔައެވެ. އިރުފާން ލޯފާމެއް ގައި މަސައްކަތް ކުރަމުން ދާކަމާއި އާއިލާ މީހުން ބޭނުން ވަނީ މުސްސަނދި އަންހެން ކުއްޖަކާ ދެވަން ކަންވެސް އެނގެއެވެ. އިރުފާންގެ ހަޔާތުން ކުޑަ ނަމަވެސް ޖާގައެއް ކާއިނާތަށް ނެތްކަން އެނގެއެވެ. ކާއިނާތު އިރުފާން ދެކެވާ ލޯތްބާ ގާތަށް ވެސް އިރުފާން ކާއިނާތު ދެކެ ލޯބި ނުވާކަން އޭނާ އަށް އެނގެއެވެ. ކާއިނާތަށް ސިއްރުން އިރުފާންގެ ހަޔާތުގައި އެތައް އަންހެން ކުދިން ނެތް ވެއެވެ. އެހުރިހާ ކަމެއް ކާއިނާތަށް އެނގޭ ދުވަހަކުން އެފަކީރުގެ ހިތް ކުދިކުދިވާނެ ވަރު ވިސްނުމުން ވިދާދުގެ މޭގަނޑު ތެޅި ގަނެގެން ދެއެވެ.

​ކާއިނާތާއި ދިމާވި މަދު ދުވަސް ކޮޅަކީ ވެސް ހަދާނުން ފިލުވާލަން އުނދަގޫ ދުވަސް ކޮޅެއްކެވެ. އެހަނދާންތައް އޭނާ ގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރުވަމުން ދިޔައެވެ. ލޯބީގެ ވާހަކަ ދެއްކިފައި ނުވިޔަސް އެލޯބި އޭނަ އަށް އިޙްސާސް ކުރެވުނެވެ. އިރުފާނަށް ޓަކާ ކާރުގައި ރުއިރުއިން އެއީ ވިދާދަށް ކާއިނާތުގެ ލޯބި އިޙްސާސް ކުރެވުނު ފުރަތަމަ ފަހަރެވެ. ބައްޕަ ނިޔާވި ދުވަހު ބޭއިޙްތިޔާރު ގައި ކާއިނާތު ގެނެސް މޭގައި ފޮރުވާލެވުން ވީ އެރީތި ލޮލުން އަންނަމުން ދިޔަ ކަރުނަ ތަކުން ވިދާދުގެ ހިތުގެ އެންމެ ފުންމިނުގައި އެ އަންހެން ކުއްޖާގެ ނަން ފަވާލެވުނު ވަގުތެވެ. އެހާ ގާތުން ކާއިނާތުގެ ހިތުގެ ވިންދު ވިދާދަށް އިޙްސާސް ކުރެވުނު ފުރަތަމަ ފަހަރެވެ. އެއިޙްސާސް ތައް ކާއިނާތަށް ނުކުރާކަން ވެސް އޭނާ ގަބޫލު ކުރެއެވެ.

​"ބޮސް."ޒައިބާ ހުއްޓިލަމުން ވިދާދަށް ގޮވާލިއެވެ. ވިދާދު ސިހިފައި ޒައިބާ އަށް ބަލާލިއެވެ.

​"ކަމަކުތަ؟"ވިދާދު އިންގޮތައް އިނދެފައި އަހާލިއެވެ.

​"ކާއިނާ ގެ ފޯނު ހަލާކުވީ. ކާއިނާ މިވަގުތު އެއްވެސް މީހަކާ ބައްދަލު ކުރާކަށް ބޭނުމެއް ނުވޭ." ޒައިބާ ޖެހިލުން ވެ ހުރެފައި ބުންޏެވެ.

​"ސަބަބަކީ؟"ވިދާދު އަހާލިއެވެ.

​"ނޭނގެ ނުބުނޭ. މީގެ 3 ދުވަސް ކުރިންވެސް ކާއިނާ އަޅުގަނޑާ ވާހަކަ ދެއްކި ބައްޕަ އާބެހޭ ގޮތުން ވަރަށް ވާހަކަ ދައްކާފަ ރުއިވެސް ހެދި. އެކަނި އެގޭގަ ހުންނަން އުނދަގޫވާ ވާހަކަ ބުނި. އަޅުގަނޑު ހުރީ ދުވަސް ކޮޅަކަށް އެގެޔަށް ދާން. އެކަމަކު ފަހުން ކާއިނާ އެކަމަށް އިންކާރުކުރީ. އަދި އެއްވެސް މީހަކާ މިވަގުތު ބައްދަލު ކުރަން ބޭނުން ނޫން ވާހަކަ ބުނީ."ޒައިބާ ޖެހިލުން ވެހުރެ ބުންޏެވެ. ޒައިބާ އެހުރިހާ ވާހަކަ އެއް ކުރިން ނުބުނީ ކީއްވެގެން ތޯ ސުވާލު ކުރިއެވެ.

​"ޒައިބާ އަހަރެންނާ ބެހޭ ގޮތުން އެއްވެސް ވާހަކަ އެއް ދެއްކިންތަ؟" ވިދާދު ސުވާލު ކޮށްލިއެވެ.

​"ނޫން."

​"ދެން އެހެން ވިއްޔާ އޮފީހުން ކެޑެން ކާއިނާ އެއުޅެނީ ކީއްވެ؟"ވިދާދު ސުވާލު ކޮށްލިއެވެ.

​"އޮފީހުން." ޒައިބާ ކުޑަކޮށް ޙައިރާން ވިއެވެ.

"އަޅުގަނޑަށް ނުވެސް އެނގޭ ކާއިނާ ދަނީ ބޮސްގެ އޮފީހަށް ކަމެއް. އަލުގަނޑު ކައިރީ ބުނިހާ ވެސް އެއްޗަކީ އަދިވެސް އެ އޮފީހުގެ ބޮޑުމީހާ އާއި ދިމާނުވާ ވާހަކަ. ބައްދަލު ކުރަން ބޭނުންވާ ވާހަކަ. އަދި ވެސް ބޮސް ތިއީ ކާކުކަމެއް އަޅުގަނޑު ނުބުނަން." ޒައިބާ ކަނބޮޑުވުމާއި އެކީގައި ބުންޏެވެ. ވިދާދު ފުން ނޭވާ އެއް ލިއެވެ. ކާއިނާތަށް ވީ ކިހިނެއްތޯ ބަލަން ވިދާދު ބޭނުން ވެއެވެ. ކާއިނާތު ގެ އަޑު އެއްފަހަރު ނަމަވެސް އަޑު އަހާލާ ހިތް ވިއެވެ.

***********************

​ދުރުން ނަގަމުން އަންނަ ރާޅުތަކަށް ބަލަހައްޓައިގެން ކާއިނާތު އަތިރިމަތީ ދޮންވެލި ގަނޑުމަތީގައި އިނެވެ. އޭނާގެ މޫނުމަތި ވަނީ މިލާ މޯޅި ވެފައެވެ. އަނގަމަތީގައި ތަންކޮޅެއް ފަޅައިގެން ގޮސްފައި ހުއްޓެވެ. އިސްތަށިގަނޑު އެއްވެސް ތަރުތީބެއް ނެތް ގޮތަކަށް ދޫކޮށްލާފައި އޮތެވެ. ޖެހެމުން ދާ ވައިރޯޅިތައް އޭނާގެ އިސްތަށިގަނޑާ ސަމާސާ ކުރަމުން ދިޔައެވެ.

ކުއްލިޔަކަށް ބައްޕަ ވަކިވެ ދިއުމުގެ ސަބަބުން އޭނާގެެ މުޅި ދިރި އުޅުން އެފުއް މިފުށައް ޖަހައިލައިފިއެވެ. އާއިލާ މީހުން ބައްޕަ ގެ މަސައްކަތުން ހޯދާފައިވާ މަދު މުދާކޮޅަށް ދަހިވެތިވެ އެޔަށް ދެލޯ އަޅަން ފެށިއެވެ. ބައެއް މީހުން އޭނާ އަވަހަށް މީހަކާ އިނުމަށް މަޖުބޫރު ކުރަން ފެށިއެވެ. އިރުފާން ގެ ބޭވަފާ ތެރި ކަމާއި އޮޅުވާލުން ވެސް ކާއިނާތަށް އެނގުނީ މިހިތާމައިގެ ތެރޭންނެވެ. ހިތާމައިގެ މައްޗަށް ހިތާމައެވެ. އޭނާ އުންމީދު ކުރާ ކަހަލަ މީހަކަށް އިރުފާން ނުވިއެވެ. ބައްޕަ ނިޔާވެގެން އެނގުމުން މޫނު ބަލާލަން ވެސް އެތަނަށް އައީކީ ނޫނެވެ. މަންޒިލެއް ނެތި ދަތުރު ކުރާ މުސާފިރެކޭ ކާއިނާތެކޭ އެއްްވެސް ތަފާތެއް މިހާރަކު ނެތެވެ.

​"ވެއިޓަރު."ކާއިނާތުގެ ވަރަށް ކައިރިން ވިދާދު ގެ އަޑު އިވިގެން ދިޔައެވެ. އަޑު އައި ދިމާއަށް ބަލާލިއެވެ.

ކައިރީގައި އިށީނދެގެން ވިދާދު އިނެވެ. ޙައިރާން ކަމާއި އެކީގައި ވިދާދަށް ބަލަމުން ދިޔައެވެ. ވިދާދު އެތަނަށް އައި އިރެއް ވެސް އޭނާ އަކަށް ނޭނގެއެވެ.

​"އަޅެ ވެއިޓަރު އަހަރެން ނަށް ފޮލޯ ކުރަނީތަ؟"ވިދާދު ސުވާލު ކޮށްލިއެވެ.

​"އަހަރެންގެ ނަމަކީ ކާއިނާތު." މޫދާއި ދިމާ އަށް ބަލާލަމުން ކާއިނާތު ބުންޏެވެ. ވިދާދުހިނިތުން ވެލިއެވެ.

​"އަހަރެން ގެ ނަމަކީ ވިދާދު. ޑުރައިވަރެއް ނޫން."ވިދާދު ވެސް މޫދާއި ދިމާއަށް ބަލާލަމުން ބުންޏެވެ.

​"އަދި އެއް ފަހަރު ތެންކިއު އެ ދުވަހު ކޮށްދިން ކަންތަކަށް."ކާއިނާތު އިންގޮތައް އިނދެ ބުންޏެވެ.

​"އުހުން ތި ތެންކިއު ގަބޫލެއް ނުކުރެވޭނެ."ވިދާދު ވެސް އިންގޮތައް އިނދެ ބުންޏެވެ. ކާއިނާތު ވިދާދަށް ބަލާލިއެވެ. ވިދާދު ވެސް ކާއިނާތަށް ބަލާލިއެވެ. އެ ވަގުތު ކާއިނާތުގެ އަނގަމަތި ފަޅައިގެން ގޮސް ފައިވާ ތަން ފެނުނެވެ. ވިދާދު ކާއިނާތުގެ ލޮލާ ހަތަރު ކަޅި ހަމަކޮށްލިއެވެ. ކާއިނާތު ދެލޯ މަރާލަމުން އަނެއް ފަރާތައް އެނބުރި ލިއެވެ. ވިދާދުގެ މޫނަށް ބަލަން ބޭނުން ނުވާ ކަހަލަ އެވެ.

​"ތެންކިއު ގަބޫލު ކުރެވޭނީ ހީލާފަ ބުނީމަ."ހިމޭން ރާގެއްގައި ވިދާދު ބުންޏެވެ. ކާއިނާތު ފެންކަޅި ވެފައިވާ ދެލޯ ހުޅުވާލިއެވެ. އަދި ވިދާދަށް ބަލާލިއެވެ.

​"އަހަރެން ނަށް ފޮލޯ ތިކުރަނީ ކީއްވެގެން؟ އަހަރެން އެރޭ ޕޮލިސް ގެނައީ ބިލް ނުދެއްކީމަ." ކާއިނާތު މަޑުމަޑުން ބުންޏެވެ.

 

 

"އަހަރެން ކާއިނާ އަށް ފޮލޯ އެއް ނުކުރަން. ކޮންމެ ފަހަރަކު ވެސް ތަގުދީރު އަހަރުމެން އެއްތަން މިކުރަނީ."ވިދާދު ހިމޭން ރާގެއްގައި ބުންޏެވެ.

​"ތަގުދީރު؟"ކާއިނާތު އަހާލިއެވެ. ވިދާދު ބޯޖަހާލިއެވެ.

"އެކަމަކު ވިދާދު އަހަރެން ގޭ ކައިރީގައި ދަންވަރު އުޅޭ ތަން އަހަރެން ނަށް ފެނޭ. އޮފީހުން ދިމާވޭ. ކެފޭން ދިމާވޭ. ހޮސްޕިޓަލަށް ދާން އެހީވީ ވިދާދު. މިއީ އިއްތިފާގެއް ނޫން." ކާއިނާތު ވިދާދަށް ބަލާލަމުން ބުންޏެވެ. ވިދާދު ހިނިތުން ވެލިއެވެ.

​"އަހަރެން މިއީ އުޅޭ މީހެއްކަން ކާއިނާ އަށް އިޙްސާސް ވުން އެއީ ވެސް ވަރަށް ބޮޑުވަރެއް."ވިދާދު ކާއިނާތަށް ބަލާލަމުން ބުންޏެވެ.

​"ޕުލީޒް އަހަރެން ނަށް ފޮލޯ ނުކުރޭ. އަހަރެން އެ ދުވަހު ވީކަންތަކަށް މައާފަށް އެދެން. ދެން ދުވަހަކު ވެސް މީހަކާ ބަހުސް އެއް ނުކުރާނަން." ކާއިނާތު ދެރަވެފައިވާ ރާގަކަށް ބުންޏެވެ.

​"އޯކޭ ފޮލޯ ނުކުރާނީ މާލެ ދާމަތިން. ހިނގާ މާލެ އަށް."ވިދާދު ކާއިނާތުގެ އަތުގައި ހިފަމުން ބުންޏެވެ.

​"ނޫން. އަހަރެން މާލެ ދާކަށް ބޭނުމެއް ނޫން. އަހަރެން އޮފީހުން ކެޑެން ވެސް ބުނެފިން. މިކޮޅުން ވަޒީފާ އެއް މިހޯދަނީ." ކާއިނާތު ވިދާދު ގެ އަތު ތެރޭން އަތް ދަމައި ގަންނަމުން ބުންޏެވެ.

​"ދެން ކާއިނާގެ ކިޔެވުމޯ. މެދުތެރޭން ގިވަޕް ކޮށްލަނީތަ؟ ތިއީ އަހަރެންނަށް އެ ދުވަހު ފެނުނު ކާއިނާ އެއް ނޫން. އެހާ ފިނޑިވީ ކީއްވެ؟"ވިދާދު ސުވާލު ކޮށްލިއެވެ.

​"ވަރުބަލި ވެއްޖެ. އިތުރަށް މީހުންނާއި ކުރިމަތިލާހާ ހިތްވަރެއް ނެތް." ކާއިނާ މަޑުމަޑުން ބުންޏެވެ.

ވިދާދު ކާއިނާތުގެ އަތުގައި ހިފާލަމުން ވެލިގަނޑު މަތިން ނެގިއެވެ. އަދި ވިދާދު އެތަނަށް އައީ ކާއިނާތު ބަލާކަމުގައި ބުންޏެވެ. މީހުން ކުރާހާ ކަމަކަށް ކިޔާހާ އެއްޗަކަށް ބަލައިގެން ދުނިޔޭ ގައި ނޫޅެވޭނޭ ކަމަށް ބުންޏެވެ. ހިތްވަރާ އެކީ ކަންކަމާ ކުރިމަތިލާން ވިސްނާދިނެވެ. އަދި ކާއިނާތު ގެ ބައްޕަ ވެސް ބޭނުން ވާނީ އެގޮތް ކަމުގައި ބުންޏެވެ.

​"އަހަރެން ނަކަށް ނޭނގޭ ކާކު ކަމެއް އަހަރެންނާ ވިދާދާ އަޅުވާކީ. ތިއީ އަހަރެން އިންނައުޅޭ މީހާއޭ ކިޔާ މުޅި އާއިލާ ތެރޭގަ އަޑު ފެތުރުވީ."ކާއިނާތު ވިދާދަށް ބަލާލަމުން ބުންޏެވެ. ވިދާދު ކާއިނާތަށް ބަލަން ހުރި ގޮތަށް ހުރެ ހިނިތުން ވެލިއެވެ.

​"އެކަމާތަ ރަށް ދޫކޮށްލާފަ ފުރާގެން ތިއައީ؟"ވިދާދު އަހާލިއެވެ.

​"މީހުންނަކީ ވާހަކަ ހަދާ ބައެއް. އެދުވަހު އަހަރެން ކާއިނާ އަށް އެހީވީ އެ ވަގުތު އަހަރެންގެ އެހީތެރިކަން ބޭނުން ވެފަވާތީ. އެއީ ދެން މީހުން ވާހަކަ ހަދާގެން ދައްކަން ޖެހޭ ވަރުގެ ވާހަކަ އެއް ވެސް ނޫން."ވިދާދު ހަމަޖެހި ލަމުން ބުންޏެވެ.

 

އަދި ނުނިމޭ

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy