ފަތުރުވެރިކަމަށް ޒުވާނުން އިންވެސްޓްކުރަންޖެހޭ، ސަރުކާރުން އެހީވާނެ: ވަޒީރު ފައިސަލް

ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް / ފޮޓޯ : ސިޓީސް މިނިސްޓްރީ

ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެފައިވަނީ، ދިވެހި ޒުވާނުން ފަތުރުވެރިކަމުގެ ސިނާޢަތުގައި އިންވެސްޓްކުރުމަކީ މުހިންމު ކަމެއް ކަމުގައެވެ. މި ބަސްފުޅު ވިދާޅުވެފައިވަނީ އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވައި ޕްރޮމޯޓްކުރުމަށް ބޭއްވުނު "ޑެސްޓިނޭޝަން އައްޑޫ ސަމިޓް" ގެ ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ފައިޞަލް އިތުރަށް ވިދާޅުވެފައިވަނީ، ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓުކުރަން ބޭނުންވާ ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށެވެ. އަދި މިހާރު ދިވެހި ޒުވާނުން ނިކުމެ އިންވެސްޓުކޮށްފިނަމަ، 10 އިން 15 އަހަރުތެރޭގައި ދިވެހިރާއްޖޭގެ "ވަން އައިލެންޑް ވަން ރިސޯޓު" ކޮންސެޕްޓުގެ ރަށްތައް ހިންގުމުގެ ފުރުޞަތު ދިވެހިންނަށް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއާއެކު، މިހާރު ބޭރުގެ އިންވެސްޓަރުން ޑޮމިނޭޓްކުރާ ދިވެހި ފަތުރުވެރިކަމުގެ ސިނާޢަތުގެ ހާލަތު ބަދަލުކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އައްޑޫގެ ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ވަޒީރު ފައިޞަލް ހާމަކުރެއްވީ، ދުނިޔޭގެ އެކި ހިސާބުތަކުން އައްޑޫއަށް ސީދާ ދަތުރުތައް ފެށުމަށްޓަކައި އެއަރލައިންތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. މިކަމަކީ އައްޑޫގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

އައްޑޫގެ މުއްސަނދި ތާރީޚީ އުރޫމަ ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ އެ ސަރަޙައްދުގައި ހުރި އާސާރީ ތަންތަން މަރާމާތުކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި އިޝްތިހާރުކޮށް ކުރިއެރުވުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމުގައެވެ. މި މަސައްކަތުގެ ތެރެއިން، މިއަހަރުގެ ޑަބްލިއުޓީއެމް ފެއަރގައި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވާނެ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާކަމަށާއި، މިކަމާ ގުޅޭ ދިރާސާ ކަރުދާހެއް އިޤްތިޞާދީ ކައުންސިލަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އައްޑޫގެ ފަތުރުވެރިކަން ތަރައްޤީކުރުމާ ބެހޭ ދިރާސާ ކަރުދާހެއް އެކުލަވާލަމުން މިދަނީ. މި ކަރުދާސް އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމަށްފަހު، އިޤްތިޞާދީ ކައުންސިލަށް ހުށަހެޅުމަށް ވަނީ ރޭވިފައި،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަށެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް މޫދު ގޮނޑުދޮށް އޮތުން ލާޒިމެއް ނޫނެވެ. މިހާރު ރާއްޖޭގެ ފަތުރުވެރިކަން އަމާޒުކުރެވިފައިވަނީ އެކި ބާވަތުގެ ފަތުރުވެރިކަން ތަޢާރަފުކުރުމަށާއި، މި ދާއިރާ އިތުރަށް ފުޅާކުރުމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ މަންފާ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުން ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

"ޑެސްޓިނޭޝަން އައްޑޫ ސަމިޓް" އަކީ އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އައްޑޫ އިކުއެޓޯރިއަލް ވިލެޖުގައި ކުރިއަށްގެންދާ މުހިންމު ބައްދަލުވުމެކެވެ. މި ސަމިޓުގެ މައިގަނޑު މަޤްޞަދަކީ އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމާއި، މި ދާއިރާގައި ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަތުމެވެ. މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް މަގުފަހިކޮށްދިނުމެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy