ޝަކީރީ، 12 އަހަރަށްފަހު އެނބުރި ބަސެލް އަށް

ޝަކީރީ ޤައުމީ ޓީމާއެކު އެންމެ ފަހުން ބައިވެރިވި ބޮޑު މުބާރާތަކީ ނިމިދިޔަ ޔޫރޯ ޗެމްޕިއަންޝިޕްއެވެ.

ސްވިޒަލޭންޑްގެ ކުރީގެ ފުޓްބޯޅަ ތަރި، ޒެރްދާން ޝަކީރީ، އޭނާގެ ކެރިއަރު ފެށުނު ކްލަބު ބާސެލްއަށް 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަނބުރާ ގުޅިއްޖެއެވެ.

"މަރުޙަބާ ޝަކް، އަނބުރާ ގެއަށް" މި ސުރުޚީގެ ދަށުން ބާސެލްއިން ނެރުނު ބަޔާނުގައި ހާމަކުރި ގޮތުގައި، ޝަކީރީ ވަނީ އެ ކްލަބާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ އިތުރުން، ބާސެލްއިން ވަނީ މި ޚަބަރު ފާހަގަކޮށް ސޯޝަލް މީޑިއާގައި ވީޑިއޯއެއްވެސް ޝާއިޢުކޮށްފައެވެ.

ކުރިން ބަޔަން މިއުނިކް އަދި ލިވަޕޫލްގައި ކުޅެފައިވާ، މިހާރު އުމުރުން 32 އަހަރުގެ ޝަކީރީ ވަނީ މިދިޔަ ޖުލައި މަހު ގައުމީ ޓީމުން މުސްކުޅިވެފައިވާކަން އިޢުލާންކޮށްފައެވެ.

"މިއަދު އަހަރެންގެ އުފަންރަށުގެ ކްލަބު، އެފްސީ ބާސެލްއަށް އަނބުރާ އައުމަކީ އަހަރެންނަށް ވަރަށް ފަޚުރުވެރިކަމާއި އުފާވެރިކަން ލިބޭ ކަމެއް،" ޝަކީރީ ބުންޏެވެ. "ކުޑައިރުއްސުރެ އަހަރެންގެ ހިތުގައި މި ކްލަބާއި މި ސަރަހައްދާ މެދު ވަރަށް ޚާއްޞަ ގުޅުމެއް އޮވޭ. އެއީ ސަޕޯޓަރެއްގެ ހައިސިއްޔަތުންނާއި އަދި ހަމައެހެންމެ ކުޅުންތެރިއެއްގެ ހައިސިއްޔަތުންވެސްމެއެވެ."

ޝަކީރީ 8 އަހަރުގެ އުމުރުގައި ބާސެލްގެ ޒުވާނުންގެ ޓީމާ ގުޅުނު ފަހުން، އެ ކްލަބުގައި ގިނަ ކުރިއެރުންތަކެއް ހޯދައި، ތިން މޫސުމުގައި އެ ކްލަބުގެ ސީނިއަރ ޓީމަށް ކުޅެފައިވެއެވެ.

ޝަކީރީގެ ފާހަގަކޮށްލެވޭ ކްލަބު ކެރިއަރުގައި، އެފްސީ ބަސެލް އަދި ބަޔަން މިއުނިކާއެކު ސްވިޒަލޭންޑް އަދި ޖަރުމަނުގެ ލީގު ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވެއެވެ. މީގެ އިތުރުން، ލިވަޕޫލްއާއެކު އިނގިރޭސި ޕްރިމިއަރ ލީގުގެ މަޤާމު އެއްފަހަރު ހާސިލުކޮށްފައިވެއެވެ. 2022 ވަނަ އަހަރުން ފެށިގެން އޭނާ ކުޅެމުން އައީ އެމެރިކާގެ މޭޖަރ ލީގު ސޮކަރގެ ޗިކާގޯ ފަޔަރ ކްލަބަށެވެ. ނަމަވެސް، ދެފަރާތުގެ އެއްބަސްވުމަކާއެކު، މިދިޔަ ބުދަ ދުވަހު އެ ކްލަބާއެކު އޮތް ކޮންޓްރެކްޓް ވަނީ ނިމުމަކަށް ގެނެސްފައެވެ.

ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި، ޝަކީރީ ވަނީ ސްވިޒަލޭންޑްގެ ޤައުމީ ޓީމަށް 125 މެޗުގައި ކުޅެ، 32 ލަނޑު ޖަހާފައެވެ. މި މުއްދަތުގައި، 2010 އިން ފެށިގެން ޔޫރޯ 2024 އާ ހަމައަށް، ބޮޑެތި ހަތް މުބާރާތެއްގައި ޤައުމީ ޓީމާއެކު ބައިވެރިވެފައިވެއެވެ. މިއީ ސްވިޒަލޭންޑްގެ ތާރީޚުގައި މި ޝަރަފު ލިބިފައިވާ ހަމައެކަނި ކުޅުންތެރިޔާއެވެ. ފާހަގަކޮށްލެވޭ ގޮތެއްގައި، އޭނާ ވަނީ މި މުބާރާތްތަކުގެ ކޮންމެ އެއްގައި ފަސް ލަނޑު ޖަހާފައެވެ.

ޝަކީރީ ޤައުމީ ޓީމާއެކު އެންމެ ފަހުން ބައިވެރިވި ބޮޑު މުބާރާތަކީ ނިމިދިޔަ ޔޫރޯ ޗެމްޕިއަންޝިޕްއެވެ. މި މުބާރާތުގައި ސްވިޒަލޭންޑް ކުއާޓަރ ފައިނަލަށް ދަތުރުކުރިއިރު، ޝަކީރީ ވަނީ ދެ މެޗުގައި ކުޅެފައެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy