ވާހަކަ: ޙަޔާތު (ތިންވަނަ ބައި)

ލިޔުނީ: މަރިޔަމް މޫސާ

 "ބޭބޭ، އެއްފަހަރު ދޮންތަ އާއި ބައްދަލުކުރަން ހުއްދަދީ."ހަޔާތު އަށް ގިސްލެވެން ފެށިއެވެ.

​"ފުރަތަމަ ރަންކިޔާ..."ވަހީދު ބުންޏެވެ.

"އަހަރެން ބޭބެ ބުނާ ހުރިހާ ގޮތެއް ހަދާނަން. ދޮންތަ..."ހަޔާތް ގިސްލަމުން ބުންޏެވެ.

​"ޒޫނާ ދޫމާ މިތަނަށް ގެނޭ..."ވަހީދު ބާރަށް ޒޫނާ އަށް ގޮވާލާފައި ބުންޏެވެ.

​"15 މިނެޓް ތެރޭގައި ތައްޔާރުވެގެން އާދޭ، ދޫމާ އާއި ވާހަކަ ދައްކާ ރޮއިހަދައިގެން ނުވާނެ."ވަހީދު ހަރުކަށިކަމާއި އެކީގައި ބުންޏެވެ.

​"ނުރޯނަން..."އަވަސް އަވަހަށް ލޮލުން އަންނަމުން ދިޔަ ކަރުނަ ފުހެލިއެވެ. އިރުކޮޅެއްފަހުން ދޫމާ އިން ފޮރޮޅުލީގޮނޑި ކޮއްޕަމުން ޒޫނާ އައިސް އެކޮޓަރިޔަށް ވަނެވެ. އަދި ދޫމާ އެތަނުގައި ބައިންދާފައި ޒޫނާ ނިކުމެގެން ދިޔައެވެ. ހަޔާތް ދުވެފައި ގޮސް ދޫމާގެ ގައިގައި ބައްދައިގަތެވެ.

​"ދޮންތާ ކީއްކުރަން ކުރިކަމެއް އެއީ؟"ހަޔާތް ރޮވިފައިވާ ރާގެއްގައި ސުވާލު ކޮށްލިއެވެ.

​"އަހަރެން ގެ ކޮއްކޮ އަށް... އުފާ...އުފާވެރި ދިރިއުޅުމެއް ހޯދަ... ހޯދަ... ދޭން. އެކަ...މަކު ކީއް...ކީއްކުރާނީ މި..ނަސީބު ...ނެތް...ނެތް... އިންސާނާއަށް ...މަރު..މަރު...ވެސް ނަސީބު.... ނުވި."ދޫމާ ހަޔާތްގެ ކޮލުގައި ފިރުމާލަމުން ވަރަށް މަސައްކަތުން ބުންޏެވެ. ހަޔާތް ދޫމާގެ އަތުގައި ބޮސްދިނެވެ. އަދި އުނގުގައި ބޯއަޅާލިއެވެ. ލޮލުން ކަރުނަ އަންނަން ފެށިއެވެ.

​"ދޮންތާ، ނަސީބަށް ނުވިސްނާ... އިންސާނާގެ މަސްގަނޑަށް ވުރެކުރިން އުންމީދު ވަޅުނުލާ.... އަހަރެން.... އެއްގޮތުން އަހަރެން ނަކީ ނަސީބު ވެރިއެއްކަމަށް ދެކެނީ، ތިކަހަލަ ލޯބިލޯބި ދޮންތައެއް ލިބުނީމައި...."މަޑުމަޑުން ހިތި ގޮތަކަށް ހަޔާތް ބުނެލިއެވެ.

​"ދޮންތަ އާއި ބައްދަލު ނުކުރެވޭ ދިރިއުޅުމެއް އަހަރެން ބޭނުމެއްނޫން، އަހަރެން ފަޒާލް އާއި އިންނާނަން."ހަޔާތް ލޮލުން އަންނަމުން ދިޔަ ކަރުނަ ފުހެލަމުން ބުންޏެވެ.

​"ނޫން. ހަޔާތް....އެމީ...ހާ.."ދޫމާ ބުނަން އުޅުނެވެ.

"އެމީހާ އަކީ އަހަރެންނަށް ވުރެން އުމުރުން ދޮށީ މީހަކަސް ކުރާނެކަމެއް ނެތް... ފަޒާލް އަކީ އުމުރުން ދޮށީ ހުތުރު ސިފައެއްލިބިފައި ހުރި މީހަކަސް މުސްތަގްބަލްގައި އެމީހާ ވާނީ އަހަރެންގެ ފިރިމީހާ އަށް.... އަހަރެން އަހަރެންގެ ހިތަށް ވިސްނާދީފިން. ދޮންތަ ގޮތައް އެމީހާ ވެސް އެއީ ހާލާތުގެ ޝިކާރައެއް، ސިފަ ހުތުރުވީ އެމީހާގެ ނަސީބު، އެކަހަލަ ހުރުތު ސިފައެއް ލިބިފައިވާ ފިރިޔަކު ލިބުން އެއީ އަހަރެން ގެ ނަސީބު، ނަސީބާ ހަނގުރާމަ ކުރެވޭނީ ކިހިނެއް ދޮންތާ...."ހިތްވަރު ކޮށްލާފައި ރޮވިފައިވާ ރާގެއްގައި ހަޔާތް ބުންޏެވެ.

​"ހަޔާތް.... ހަޔާތް އަށް އުދަގޫވާނެ.... އެމީ..އެމީ...ހާ.."ދޫމާ ބުނަން އުޅުނެވެ. ހަޔާތް ދޫމާގެ ކޮލުގައި ފިރުމާލިއެވެ.

​"ލޮލަށް ނުފެންނަނީހެއް ވާނެ އުދަގުލެއް ނޯންނާނެ." ހަޔާތް ހީލިއެވެ. "އިހްސާސް އެއް އުފެދޭނީ ފެންނަ އެއްޗަކުން، ރީތި ހުތުރު ވަހިކުރަން އެނގޭނީ ފެންނަ އެއްޗެހިން، މިލޮލަށް ނުފެންނަނީހެން ސިފަ ބުނަން އެނގޭނީ ކިހިނެއް؟..."ހަޔާތް ގަދަކަމުން ހީލިއެވެ.

​"ހަޔާތް ކޮބާ؟"އެކޮޅުން ވަހީދުގެ އަޑުއިވުނެވެ. "5 މިނެޓް ތެރޭގައި އެމީހުން އެބަ އާދޭ..."ވަހީދުގެ އަޑު އިވުމުން ހަޔާތް ހިތިގތަކަށް ހިނިތުންވެލިއެވެ. އަދި ލޮލުން އައިސްފައިވާ ކަރުނަ ފުހެލަމުން ދޮރާއި ދިމާ އަށް ހިނގައިގަތެވެ. ދޫމާ ނުދާށޭ ކިޔާފައި ވަރަށް ހާލުން ބުނަމުން ދިޔައެވެ.

​އަތުގައި އޮތް ފޯނު މޭޒުމަތީގައި ބޭއްވިއެވެ. ފަޒާލް އަށް އިވިގެން އެދިޔަ އަޑުތަކުން ހަޔާތް އަށް ވެފައިވާ މަޖުބޫރާއި ވަހީދުގެ ނުލަފާކަން އެނގުނެވެ. އެކަމަކު އޭނަވެސް ކުރާނެކަމެނެތެވެ. ދުބާއީން މާލެ އައިމަގުމަތީގައި އަރީޝާ އާއި ކުރެވެން އޮތް ކައިވެނި ހުއްޓުނީކަން އެނގުމުން އޭނަ އުފާކުރިއެވެ. އެއީ އޭނަ މީހަކާ އިންނަން ބޭނުން ނުވާތީއެވެ. ގަސްތުގައި ވަހީދު އަށް އޭނަގެ ބޭބެގެ ފޮޓޯ ފޮނުވީއެވެ. އެއީ އޭނަޔަށް ވުރެން 7 އަހަރު ދޮށީބޭބެއެކެވެ. ދިމާވި އަލިފާނުގެ ހާދިސާގައި ފަޒާލްގެ ބޭބެ ފަވާޒް ގެ ސޫރަވަނީ ބަދަލުވެފައި އެކަމުގެ ސަބަބުން އޭނަ އިންނަން އުޅުނުކުއްޖާ އޭނަ ދޫކޮށްލާފައި ދިއުމުން އެކަމުގެ ހިތްދަތިކަމުގައި ފަވާޒް ދުނިޔެ ދޫކޮށް ދިޔައީއެވެ. އޭގެ ސަބަބުން ފަޒާލް އަންހެންކުދިން ދެކެ އިންތިހާ އަށް ނަފުރަތް ކުރެއެވެ. އޭނަ ދެކޭގޮތުގައި ކޮންމެ އަންހެނަކީ ރީއްޗަށް ލޯބިކުރާ އަމިއްލަ އެދުމުން ފޯވެފައިވާ ބައެކެވެ. އެހެން ކަމުން ކޮންމެ މީހަކަށް ވެސް ކައިވެނީގެ ހުށައެޅުން ހުށައަޅާއިރު ފަޒާލް އޭނަގެ ހުރިހާ ތައާރަފެއް ދެނީ ފަވާޒްގެ ނަމުގައެވެ.

​އެޔާޕޯޓުން ފޭބުމާއި އެކީގައި ދެވަނަ ފުލައިޓަކަށް އަރައިގެން ސީދާ އައްޑޫއަށް އޭނަ ދިޔައީ އަރީޝާ އިންކާރު ކުރިޔަސް ރާއްޖެ އާދެވުނީތީ ޗުއްޓީހޭދަކޮށްލާށެވެ. އެޔާޕޯޓުން ގެސްޓް ހައުސްއާއި ދިމާއަށް ކާރުގައި ދުއްވާފައި ދަނިކޮށް ކުރިމަތިން ދޫމާ އާއި ހަޔާތް އެކްސިޑެން ނުވީ ކިރިޔާއެވެ. ފަޒާލް އައިސްފައިވާ ރުޅި ހަޔާތް އަށް ބާލަން ނިކުމެ އެއްޗެއް ބުނެލުމުވެސް ހަޔާތްގެ ސަމާލުކަމެއް އޭނަޔަކަށް ނުހުއްޓުނެވެ. ހުރިހާ ސަމާލުކަމެއް ހުއްޓިފައި ހުރީ ނުކުޅެދޭ ގޮނޑީގައި އިން ދޫމާ އަށެވެ. ފަޒާލް އަށް ހަޔާތްގެ ސޫރަ ފެނުމުން ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ހިތުގެ ވިންދު އަވަސް ވެގެން ދިޔައެވެ. ކައިރިން ހަޔާތް ބަލާލަން ފަޒާލް ބޭނުން ވިއެވެ.

އެދެކުދިން ދައްކަމުން ދިޔަ ވާހަކަ ސާފުކޮށް ފަޒާލް އަޑު އަހަމުން ދިޔައެވެ.  އަދި ހަމަ އެވަގުތު އޭނަގެ ބައްޕަ ހަޔާތްގެ ފޮޓޯއެއް ފޮނުވާ މިހާރު ކައިވެނި ހަމަޖެހުނު ކުއްޖަކީ އެއީ ކަމުގައި ބުންޏެވެ. ފަޒާލަށް ހަޔާތްގެ ފޮޓޯފެނުމުން ކުރިޔަށް ވުރެން ބާރަށް ހިތުގެ ވިންދު ޖަހަން ފެށިއެވެ. ބުނަން ނޭނގޭ އިޙްސާސް އެއް ކުރެވިގެން ދިޔައެވެ. އަދި އޭނަގެ ދައްތަ އާއި ދޭތެރޭގައި ބެހެއްޓި އޯގާތެރިކަމާއި ކުލުނުން ފަޒާލްގެ ހިތުން ނޭގި ޖާގައެއް ދެވުނެވެ. އެދެކުދިން ފަހަތުން ފަޒާލަށް ދެވުނީ ބޭއިޙްތިޔާރު ގައެވެ. އެއްފަރާތެއްގައި ކާރު ޕާކު ކުރުމަށްފަހު ފަޒާލް އެދެކުދިން ފަހަތުން އެދެކުދިން ދައްކަމުން ދިޔަ ވާހަކަ އަޑު އަހަމުން ދިޔައެވެ. އެ ވާހަކަ ތަކުން ހަޔާތް އަކީ ސާފު ހިތެއްގެ ވެރިއެއްކަން ފަޒާލަށް އެނގުނެވެ. އެފަދަ އަނގުބޮޑު ޖަވާހިރެއް ދޫކޮށްލާކަށް ފަޒާލް ބޭނުމެއް ނުވިއެވެ. މައުރޫފްގެ ފަހަތުން ފަޒާލް ވެސް ފުންމާލީ ހަޔާތް ސަލާމަތް ކުރުމުގެ ބޭނުމުގައެވެ.

​އަންހެންކުދިންނަށް ނަފުރަތު ކުރަމުން އައި ފަޒާލްގެ ހިތުގައި ހަޔާތް އަށްޓަކާ އޯގާތެރިކަމާ ލޯބި އުފެދުނީ ކިހިނެއް ކަމެއް ނޭނގުނެވެ. ފޯނުގައި އިން ހަޔާތްގެ ފޮޓޮއަށް ބަލާލިއެވެ. ފަޒާލްގެ ހިތް ބާރަށް ވިންދު ޖަހަން ފެށިއެވެ. ބުނަން ނޭނގޭ އިޙްސާސް އެއް ވެގެން ދިޔައެވެ. ހަޔާތްގެ ރީތި ހިނިތުންވުން އެތައް ވާހަކަ އެއް ބުނަމުން ދިޔަކަހަލަ އެވެ. ފަޒާލްގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިއެވެ. ފޮޓޮއަށް ގެއްލިފައި އިންދާ ފޯނު ރިންގުވާން ފެށުމުން ފޮޓޯ ގެއްލުނެވެ. ފަޒާލް ފޯނުނަގައި ކަންފަތުގައި ޖައްސާލިއެވެ.

​"ހަލޯ...."ފަޒާލްގެ ފިރިހެންވަންތަ އަޑު އިވިގެން ދިޔައެވެ.

​"ހަޔާތް ރަންކިޔާފި...."އެކޮޅުން ފަޒާލްގެ އެކުވެރި ޔާސިރު ގެ އަޑުއިވިގެން ދިޔައެވެ.

​"ހޫން..."ފަޒާލް އިތުރު ވާހަކަ އެއް އެހުމެއްނެތި ފޯނު ކަނޑާލިއެވެ.

​ފަޒާލް ހަމަޖެހުމުގެ ނޭވާ އެއްލިއެވެ. އަދި ދޮރުހުޅުވާލާފައި ބޭރަށް ނިކުތެވެ. ކުރިމަތިން ފެންނަމުން ދިޔަ މޫދާއި ދިމާ އަށް ބަލާލިއެވެ. ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނުކަހަލަ އެވެ. ހިތް ނުތަވަސް ކަމާއި ހިތުގައި ނަފުރަތުގެ އަލިފާން ގަނޑެއް ރޯކޮށްގެން އޭނަ އުޅޭތާ ކިތަންމެ ދުވަހެކެވެ. ހަޔާތް އޭނަގެ ދައްތަ އަށް ބަހަޓަމުންދާ އޯގާތެރިކަން ފެނުމުން އަންހެނުންނަށް ކުރަމުން އަންނަ ނަފުރަތު ހިތުން ފުހެވުނުކަހަލަ އެވެ. އެހިތް މިހާރު ބޭނުންވަނީ ލޯތްބާއި އޯގާތެރިކަމެވެ. ދުނިޔެ ބުނަމުން އެދަނީ ތެދުވާހަކަ އެކެވެ. އޮޅުވާލުމެއް އޭގައި ނެތްކަން ޔަގީންނެވެ. ކޮންމެ އިންސާނަކަށް ވެސް މިދުނިޔޭގައި ދިރިއުޅުމުގެ ފުރުސަތު ލިބެނީ އެއްފަހަރުއެވެ. ވީއިރު އެފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައ ނުހިފަންވީ ކީއްވެހެއްޔެވެ. ނަފުރަތަށް އޭނަގެ ހިތް ޖާގަދޭންވީ ކީއްވެެން ހެއްޔެވެ. އާންއެކެވެ. އޭނަ އެފުރުސަތުގެ ބޭނުން ހިފާނީ ކާމިޔާބު ދިރިއުޅުމެއް އުޅޭށެވެ. އޭނަ އޭނަގެ ދިރިއުޅުން ބޭކާވު ވިޔަކަ ނުދޭނެއެވެ.

​މަޑުމަޑުން ފަޒާލް ގޮޑުދޮށާއި ދިމާ އަށް ހިނގައިގަތެވެ. އިހަކަށް ރެއަކު ހަޔާތް މޫދުން ގެބެމުން ދަނިކޮށް ފަޒާލް ނަގައިގެން ގެނެސް ބޭއްވީ މިތަނުގައެވެ. ފަޒާލް އަށް އެމަންޒަރު ސިފަވެގެން ދިޔަކަހަލަ އެވެ. ހަޔާތްގެ ރީތި މޫނު ހަނދުގެ ރިހިއަލިން ފެނުނު ވަގުތު ހިތަށް ކުރިއިޙްސާސް އަދިވެސް ތާޒާކޮށް އެބަހުއްޓެވެ. އެރީތި އަންހެންކުޖާ އޭނަގެ މީހަކަށް ހަނދަން ހިތްވަނީ ކެތްމަދުވެފައެވެ. އޭނަގެ ހިތުގައި ފޮރުވިފައިވާ ސިއްރު އޭނަ ހާމަކުރާކަށް ބޭނުމެއް ނުވެއެވެ. ފޮރުވިފައިވާ ލޯބި އެއްފަރާތެއްގައި ބާއްވާފައި ލޯބީގެ ގޮތުން އެތަށް ކުދިންނަކާއި ގުޅުނެވެ. ލޯބީގެ ގޮތުން އޭނަޔާއި ގުޅިގެން އައި އެއްވެސް ކުއްޖަކަށް އޭނަ ގެ ހިތާހަމަޔަށް ވާސިލް ވެވިފައެއްނެތެވެ. ބައްޕަ ކައިވެންޏަށް ހަމަޖައްސާ ކުއްޖަކާވެސް ބައްދަލެއް ނުކުރެއެވެ. ބައްދަލު ވުމުގެ ކުރިން އެއަންހެންކުއްޖާގެ އާއިލާ އިން ކައިވެންޏާ އިންކާރު ކުރެއެވެ. ވާނީވެސް އެހެންނެވެ. ބައްޕަ އަށް ވަގައް އޭނަ ކުޅެމުން ދިޔަ ޑްރާމާގެ މޮޅުކަމުނެވެ. އޭނަގެ ނަމަކީ ފަޒާލް ކަމުގައި ވިޔަސް އުމުރާ ސިފަ އަކީ އޭނަ އަށް ވުރެން 7 އަހަރު ދޮށީ ބޭބެ ގެ ސިފައެވެ. ފަޒާލް ގެ ބޭބެ ފަވާޒްގެ މޫނުގެ ސިފަ ބަދަލުވި އެހާދިސާ އަކީވެސް ފަޒާލް ހިތުން ފުހެވުނު ހާދިސާ އެއް ނޫނެވެ. އެހާދިސާގެ ސަބަބުން އޭނަގެ ހިތުގައި އަންހެނުން ނަށް ޓަކާ އުފެދެމުން ދިޔަ ނަފުރަތު ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުން ނެވެ. އެކަމަކު މިދެތިންދުވަހު އޭނަގެ މިޒާޖާ އޭނައަށް ކުރަމުން ދިޔަ އިޙްސާސްތައް ތަފާތެވެ. ބައްޕަ ހަޔާތްގެ ފޮޓޯ ފޮނުވި ހިސާބުން ހަޔާތް އަކީ އޭނަގެ މީހަކަށް ވެނިމިއްޖެއެވެ. އިތުރަށް ލަސްކުރަން ބޭނުން ނުވާތީ ވީހާވެސް އަވަހަކަށް ކައިވެނީގެ ކަންތައް ކުރަން ނިންމީއެވެ.

​އަނެއްކާވެސް ފޯނު ރިނގުވާން ފެށިއެވެ. ފަޒާލް ފޯނަށް ބަލާލިއެވެ. ޔާސިރުގެ ފޯނެކެވެ.

​"ކީކޭ..."ފަޒާލް އަހާލިއެވެ.

​"އަހަރެން މިހިރީ ހަޔާތް ފެނިފައި ހަމަ ހައިރާން ވެފަ."ޔާސިރު ގެ އަޑުގައިވަނީ ޙައިރާން ކަމެވެ.

​"ކީއްވެ؟"ކީއްވެގެންކަށް ފަޒާލް އަށް އެނގެއެވެ. އެކަމަކު ވެސް ޔާސިރުގެ އަނގައިން ބުނުވަން ފަޒާލް ބޭނުންވިއެވެ.

​"ފަޒާލް އާއި ހަޔާތް ކުރިންވެސް ދިމާވިދޯ."ޔާސިރު އަވަސް އަވަހަށް އަހާލިއެވެ. ފާޒާލް ހިމޭންވިއެވެ. އިތުރަށް އެވާހަކަ ދައްކާކަށް ފަޒާލް ބޭނުމެއް ނުވިއެވެ.

​"ގެޔަށް އައިސް ވާހަކަ ދައްކާނީ."ފަޒާލް މަޑުމަޑުން ބުނެލިއެވެ.

​"އޯކޭ.ހަޔާތް ޔޫގެ ނަމްބަރު އެބައަހާ... ކިހިނެއް ހަދަންވީ. ދޭންވީތަ؟" ޔާސިރުގެ އަޑުއިވުނެވެ.

​"ކިހިނެއްވީ؟ކަމެއް އަނެއްކާ ގޯސްވީތަ؟"ފަޒާލް އަހާލިއެވެ.

​"ނޭނގެ.... އަހަރެން ނަށް ހީވަނީ ވަރަށް ރޮއިފަހެން ހުރީ. ކޮންމެވެސް ބޮޑުކަމެއް އެގޭތެރޭގައި އެބަހިނގާ... އޭނަގެ ބޭބެ އަކީ މާރަނގަޅު މީހެއްހެނެއް ހިޔެއްނުވޭ.... ވިސްނައިގެން އުޅޭތި. ދެން ކިހިނެއް ހަދަންވީ. ނަމްބަރު ދޭންވީތަ؟ "ޔާސިރު ހަމަޖެހިލަމުން އަހާލިއެވެ.

​"ނޫން.... އަހަރެން ގުޅާނަން.... އޭނގެ ކުރިން ބަލާބަލަ ކީއްކުރަން ތޯ ނަމްބަރު އެހޯދަނީ؟"ފަޒާލް ހަމަޖެހިލަމުން ބުންޏެވެ.

​"އޯކޭ..."ޔާސިރު އެހެން ބުނުމުން ފަޒާލް ފޯނު ކަނޑާލިއެވެ. އަނެއްކާވެސް އެކޮޅުން ޔާސިރު ގުޅާލިއެވެ. ފަޒާލް ފޯނުނެގިއެވެ.

​"ތިހާ އަވަހަށް ފޯނު ތިކަނޑާލަނީ ބިޓެއްކައިރީގަތަ ތިއިނީ."ޔާސިރު އަހާލިއެވެ.

​"ކިހިނެއްވީތަ؟ ބިޓެއްކައިރީގައި މިއިނީ."ފަޒާލް ބުމަ އަރުވާލަމުން ބުންޏެވެ.

​"އޯޙް... ރަށުގައި ހުރި އެންމެ ރީތި ކުއްޖާ ލައްވާ އިންނަން ރަންކިއުވާފަ ގަޑިއެއްގެ އިރުވެސް ހަމަނުވަނީ އަންހެނެއް ކައިރިޔަށް ވަދެ. ކޮބާ ލަދު.."ޔާސިރު ދިމާ ކޮށްލިއެވެ.

​"ދެން ތިޑިސްޓަޕް ކުރަނީ. ވީކަމެއް ބުނޭ..."ފަޒާލް ހީލަމުން ބުންޏެވެ.

​"ދެން ނުވެސް ބުނާނަން.... ކަލޭ ކުރިޔަށް ގެންދޭ..."ޔާސިރު ފޯނު ކަނޑާލިއެވެ. ފަޒާލް ހީލިއެވެ.

​ހަޔާތް ކޮޓަރިޔަށް ވަނުމާއި އެކީގައި އެނދުމައްޗަށް ވެއްޓިގަތެވެ. ވިސްނާނުލާ ހުއްޓާ އޭނަގެ މުޅިދރިއުޅުން ބަދަލުވެގެން ދިޔައީއެވެ. އެސްފިޔައެއް ޖަހާހާ ވެސް އަވަހަށެވެ. އިއްޔެ އާއި ހަމަޔަށް އޭނަޔަކީ މައުރޫފްގެ އަމާނާތެކެވެ. އެކަމަކު މިހާރު މިވަގުތުން ފަށައިގެން އޭނަޔަކީ ނުވެސްދަންނަ އިންސާނެއްގެ ހައްގަކަށް ވެނިމިއްޖެއެވެ. ދުނިޔޭގެ ކަންހިނގަމުންދާ ގޮތާމެދު ހަޔާތް ޙައިރާން ވިއެވެ. ބާލީހުން ފޮރުވިފައިވާ މޫނު ހަޔާތް ހިއްލާލިއެވެ. އަތް ކާއްތާލަމުން ފޯނު ހޯދާލިއެވެ. ފޯނުނަގައި ހުޅުވާލިއެވެ. މައުރޫފް ފޮނުވާފައިވާ ދިގު މެސެޖް ތައް ކިޔަން ފެށިއެވެ. އެނދުން ތެދުވެ އަވަސް އަވަހަށް ދޮރު ލައްޕާ ތަޅުލިއެވެ. އޭނަޔަށް އެމެސެޖްތައް ނުކިޔެނީސް މީހަކު އެތަނަށް އަތުވެދާނެތީ ބިރުންނެވެ. ވީވެސް ހަމަ އެގޮތަށެވެ. ޒޫނާ ދޮރުގައި ޖަހާލަމުން ގޮވާލި އަޑުއިވުނެވެ.

​"ހަޔާތް... ފަޒާލް ބުނެގެން ޔާސިރު އެބަހުރި އައިސް...."ޒޫނާ ބާރަށް ބުނެލިއެވެ.

​"ފެންވަރަނީ..."ހަޔާތް ދޮރުހުޅުވަން ބޭނުން ނުވެގެން އަވަސް އަވަހަށް ރޮވިފައިވާ ރާގެއްގައި ބުންޏެވެ. އޭނަ މިވަގުތު ބޭނުން ވީ އެކަނި އިނދެ މައުރޫފް ކޮށްފައިވާ މެސެޖްތައް ކިޔާށެވެ. މެސެޖްތައް ކިޔަމުން ދިޔަވަރަކަށް ހަޔާތްގެ ލޮލުން އަންނަމުން ދިޔަ ކަރުން އިތުރުވަމުން ދިޔައެވެ. ގިސްލެވެމުން ދިޔަވަރަކަށް ތުންފަތުގައި ދަތް އަޅާލައެވެ. އެނދުގައި ލެގިނލައިގެން މުށިގަނޑުމަތީގައި އިށީނެވެ. އެމެސެޖްތަކަށް އޭނަ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ. އެޔަށް އޭނަ ޖަވާބު ދިންކަން އެނގުނަސް ބޮޑުބެ އޭނަގެ ދުވަސް ދުއްވާލާނެއެވެ. އޭގެ ސަޒާ އޭނަގެ ލޯބިވާ ދައްތަ އަށާ މައުރޫފް އަށް ލިބޭނެއެވެ. މީހަކު މަޖުބޫރު ވިޔަސް މިއީ ބޮޑުވަރެވެ. ކެތްތެރިކަން ކޮޅުލާ އަތުން ފައި ގޯސްހެދޭހާ ވެސް މަޖުބޫރެވެ.

​މަޑުމަޑުން މުށިގަނޑުމަތީގައި އޮށޯވެލިއެވެ. އޭރުވެސް ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ހަޔާތް ދެލޯމަރާލިއެވެ. އެވަގުތު އަނެއްކާވެސް ޒޫނާ ދޮރުގައި ޖަހާލިއެވެ.

​"އަދިވެސް ނުނިމޭތަ؟ ޔާސިރު ބޭރުގައި ހުންނަތާ ކިހާއިރެއް..."ޒޫނާ ހަރުކަށި ރާގަކަށް ބުންޏެވެ.

​"އަދި ނުނިމޭ..."ހަޔާތް އޮތް ގޮތައް އޮވެފައި ބުނެލިއެވެ. އެވަގުތު ހަޔާތްގެ ފޯނަށް މެސެޖެއް އައެވެ. އަވަސް އަވަހަށް ލޯހުޅުވާ ލާފައި ހަޔާތް ފޯނަށް ބަލާލިއެވެ. މައުރޫފްގެ މެސެޖެއް ކަމަށެވެ. ނުދަންނަ ނަމްބަރަކަކުން އައިސްފައިވާ މެސެޖެކެވެ.

​"މިއީ އަހަރެންގެ ނަމްބަރު، ފަޒާލް.."ހަޔާތް މެސެޖް ކިޔާލިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ފޯނު އައިސްފައިވަނީ ވެސް އެނަމްބަރުނެވެ. ހަޔާތް ލޮލުން އަންނަމުން ދިޔަ ކަރުނަ ފުހެލިއެވެ. އަދި އެމެސެޖަށް ޖަވާބު ދިނުމަށް މެސެޖެއް ޓައިޕް ކޮށްލިއެވެ.

​"އަހަރެން ކީއްކުރާ ނަމްބަރެއް؟"ހަޔާތް ޓައިޕްކޮށްލާފައި ފޮނުވާލިއެވެ.

​"ޔާސިރު ބުނީ ހަޔާތް އަހަރެންގެ ނަމްބަރު ހޯދި ވާހަކަ."އަނެއްކާވެސް ފޯނަށް މެސެޖެއް އައެވެ.

​"ނޫން... ނުހޯދަން."ހަޔާތް ޓައިޕްކޮށްލާފައި ފޮނުވާލިއެވެ.

އެޔަށް ޖަވާބެއް ނާދެއެވެ. ހަޔާތް ފޯނަށް ބަލަހައްޓައިގެން އިނެވެ. އަނެއްކާވެސް ހަޔާތް ޓައިޕް ކޮށްލިއެވެ. އިރުކޮޅަކު ބަލަން އިނުމަށްފަހު ޑިލިޓް ކޮށްލިއެވެ. އަނެއްކާވެސް މެސެޖެއް ލިޔެލިއެވެ. ބަލަން އިދެފައި ޑިލިޓް ކޮށްލިއެވެ. އެގޮތައް އެތައް މެސެޖެއް ލިޔެފައި ފުހެލަމުން ދިޔައެވެ. ހަޔާތް ހިޔާލީ ގޮތަކަށް މެސެޖު ލިޔެ ފުހެމުން އެދަނީ މައުރޫފް ގެ އެކައުންޓް ކަމަށް ހީކޮށެވެ.

​"؟؟؟؟؟"ކުއްލިޔަކަށް ފަޒާލްގެ ފޯނުން މެސެޖެއް އައެވެ. ހުސްސުވާލު މާކު ތަކެކެވެ. ހަޔާތް ޙައިރާން ކަމާއި އެކީގައި އެޔަށް ބަލަމުން ދިޔައެވެ. އަދި އެމެސެޖް ތަ ލިޔެ ފުހެމުން މިދަނީ ފަޒާލްގެ އެކައުންޓްގައި ކަން އެނގުމުން ހަޔާތް ހަށިފުރާ ނޭވާ އެއް ލަމުން ދެލޯ މަރާލިއެވެ.

​"ނަސީބެއް އެއްވެސް މެސެޖެއް ސެންޑް ނުކުރެވުނުކަން."ހަޔާތް ހިތާ ހިތުން ބުނެލިއެވެ. އަނެއްކާވެސް ފޯނަށް މެސެޖެއް އައެވެ. ހަޔާތް މެސެޖް ކިޔާލިއެވެ.

​"ބައްދަލު ކޮށްލަން ބޭނުން..."ފަޒާލްގެ މެސެޖު ކިޔާލިއެވެ. ހަޔާތް ދެލޯ އަޅާލިއެވެ.

​"ބައްދަލުކުރަން... އަހަރެން އޭނަޔާ ބައްދަލު ކުރާކަށް ނުދާނަން، އޭނަގެ ސިފަ ފެންނަން އިރަށް އަހަރެންގެ ހިތް ފަޅައިގެން ހިނގައިދާނެ...."ހަޔާތް މަޑުމަޑުން އަމިއްލަ ނަފްސައް ބުނެލިއެވެ.

​"9 ޖަހާއިރު... ޔާސިރު ބަލާދާނެ."އަނެއްކާވެސް ހަޔާތްގެ ފޯނަށް މެސެޖެއް އައެވެ.

ހަޔާތް ގެ ހިތް ބާރަށް ތެޅިގަނެގެން ދިޔައެވެ. އެކަމަކު އޭނަ ނުދާންވީ ސަބަބެއް ނެތެވެ. މިހާރު އޭނަޔަކީ ފަޒާލްގެ ހައްގެކެވެ. އޭނަގެ އެދުމަށް ކިޔަމަންތެރިވާން ޖެހޭނެއެވެ. އެކަމަކު އެސޫރަ ބަލަން ހަޔާތް އަށް ކެރޭނެ ހެއްޔެވެ. މައުރޫފް އަށް ހަޔާތްގެ ހިތުގައި ދެވިފައިވާ މަގާމު ފަޒާލަށް ދެވޭނެ ހެއްޔެވެ. އަނެއްކާވެސް ހަޔާތްގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ.

​ގަޑީގެ ޓިކްޓިކް އަޑާއި އެއްވަރަށް ހަޔާތްގެ ހިތުގެ ވިންދުޖަހަމުން ދާލެއް ބާރެވެ. ގަޑީގެ ކަށި ދައުރުވަމުން ދާވަރަކަށް ހަޔާތްގެ ހާސްކަން ދިޔައީ އިތުރުވަމުން ނެވެ. ހަޔާތް ފޯނުނަގައިފައި މެސެޖެއް ޓައިޕްކޮށްލިއެވެ. ނުފޮނުވިގެން އުޅެނިކޮށް ދޮރުގައިޓަކިޖަހާލި އަޑުއިވުނެވެ.

​"ހަޔާތް ދޮންތަ ދޮރުހުޅުވަބަލަ."ދޫމާގެ އަޑު ބޭރުން އިވުނެވެ.

ހަޔާތް އަވަސް އަރުވާލާފައި މެސެޖް ސެންޑްކޮށްލިއެވެ. އަދި ގޮސް ދޮރުހުޅުވާލިއެވެ. ދޫމާ ފެނުމުން ހަޔާތް ހަމަޖެހުމުގެ ނޭވާ އެއް ލިއެވެ. ދޫމާ އެތެރެއަށް ވަނުމުން ހަޔާތް ދޮރުލައްޕާ ލިއެވެ. އަދި ފޯނުނަގައިފައި ބަލާލިއެވެ. ހަޔާތް ރަނގަޅަށް މެސެޖު ފޮނުވުނީ ކާކަށް ކަން އެނގުމުން ކަނބޮޑުވުމާއި އެކީގައި ދެލޯ މަރާލިއެވެ. އަދި މެސެޖް ޑިލިޓް ކޮށްލިއެވެ. އަދި އެމެސެޖް އަލުން ޓައިޕްކޮށްލާފައި މައުރޫފަށް ފޮނުވާލިއެވެ. އޭނަ ޔާސިރު އާއި އެކީގައި ފަޒާލް އާއި ބައްދަލު ކުރަން ދާއިރު އެމީހުންނަށް ވަގަށް މައުރޫފް އާއި ބައްދަލު ކުރަން ހަޔާތް ނިންމިއެވެ. އެވާހަކަ ލިޔެފައި މެސެޖް މައުރޫފް އަށް ފޮނުވާލިއެވެ. އެކަމަކު ފުރަތަމަ މެސެޖް ފޮނުވުނީ ފަޒާލަށެވެ. ހަޔާތްގެ ނަސީބު ރަނގަޅު ކަމުން ފަޒާލް މެސެޖް ބަލާފައެއް ނުވެއެވެ.

​"ކިހިނެއްވީ؟"ދޫމާ ސުވާލު ކޮށްލިއެވެ.

​"ދޮންތާ... އަހަރެން މައުރޫފް އާއި ބައްދަލު ކުރަން ބޭނުން."ހަޔާތް އަވަސް އަވަހަށް ދޫމާ އަށް ބުންޏެވެ. ދޫމާ ހަޔާތް އަށް ޙައިރާން ކަމާއި އެކީގައި ބަލާލިއެވެ.

​"އެކަމަކު ކިހިނެއް؟"ދޫމާ ސުވާލު ކޮށްލިއެވެ.

​"އަހަރެން ދެންމެ މައުރޫފަށް މެސެޖް ކޮށްފިން..." ހަޔާތް މަޑުމަޑުން ބުންޏެވެ.

​"އެކަމަކު ހަޔާތް... މައުރޫފް އާއި އެކީ ދާން ބޭނުމިއްޔާ ކީއްކުރަން އެމީހާ އަށް އިންނަން ރަންކީ؟"ދޫމާ ޙައިރާން ކަމާއި އެކީގައި ސުވާލު ކޮށްލިއެވެ. ހަޔާތް އެއްވެސް ޖަވާބެއް ނުދީ ހިމޭނުން ހުރީއެވެ.

​"ހަޔާތް... ބަލާ އައިސްސި."ބޭރުން ޒޫނާގެ އަޑުއިވުނެވެ. ހަޔާތް ދޫމާ އަށް ބަލާލިއެވެ. އަދި ހީލަން މަސައްކަތް ކުރަމުން ދޫމާގެ ގައިގައި ބައްދާލިއެވެ.

​"ދޮންތާ އަހަރެން ގޯސް ފިޔަވަޅެއް ނާޅާނަން.... އެކަމަކު އެންމެ ފަހަރަކު މައުރޫފް އާއި ބައްދަލު ކޮށްލަން ބޭނުން...."މަޑުމަޑުން ހަޔާތް ދޫމާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އަދި ކޮޓަރިން ނިކުމެގެން ދިޔައެވެ. ދޫމާ ހަޔާތް ދިޔަދިމާ އަށް ބަލާލިއެވެ. އޭނަގެ ބޮޑުބޭބެގެ ނުލަފާ ކަމުން އޭނަގެ ކޮއްކޮ އުފުލަމުން އެދާ ހިތާމަ އަށް އޭނަ ހަމްދަރުދީވެއެވެ. އެކަމަކު އޭނަ އަށް ކުރެވޭނީ ވަކި ކޮންކަމެއް ހެއްޔެވެ. މޫދަށް ފުންމާލީވެސް އެކޮއްކޮ އަށް އުފަލެއް ހޯދާދޭން ބޭނުން ވެގެން ނެވެ. އެކަމަކު އޭނަގެ އެހަރަކާތުން ވެސް އިތުރަށް ހަޔާތް މަޖުބޫރު ވީއެވެ. ދޫމާ ގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ.

 

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy