ކުންފުނީގެ ތާރީހުގައި ވެސް އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލްގެ ލީޑާޝިޕުގެ ދަށުގައި ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަނުން މި ގޮތަށް ބުނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން ޝަކީލް މިއަދު އިސްތިއުފާ ދެއްވުމުން އޭނާއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކުރި އެކްސް ޕޯސްޓެއްގަ އެވެ.
ޝަކީލް އިސްތިއުފާ ދެއްވީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އޭނާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިނުމުންނެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 28 އިން ފެށިގެން މިއަދާ ހަމައަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު އަދާ ކުރައްވާފައިވާ މުހައްމަދު ޝަކީލަކީ ކުންފުނީގެ ދުވެހި ހަލުވިކޮށް، ކުންފުނިން ދެމުން އަންނަ ހިދުމަތުގެ ފެންވަރު މަތި ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.
"މި ކުންފުނީގެ ތާރީހުގައި ވެސް މިހާތަނަށް ކުންފުންޏަށް އެންމެ އެންމެ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ ޝަކީލްގެ ލީޑާޝިޕުގެ ދަށުގައިކަން ކުންފުންޏަށް އައިސްފައިވާ ކުރިއެރުންތަކުން ހެކި ދޭ. ވަކީން ހާއްސަކޮށް ހައްޖާއި އުމްރާގެ އަޅުކަމަށް ދާ ދިވެހީންނަށް ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު މަތި ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކުރި ބުރަ މަސައްކަތްތައް ފާހަގަ ކުރެވޭ،" އެ ޕޯސްޓުގައި ބުންޏެވެ.
މީގެ އިތުރުން މުވައްޒަފުންގެ ފެންވަރު މަތި ކުރުމަށާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު ހައްޖު ކޯޕަރޭޝަނީ އާންމުންގެ އިތުބާރާއި ޔަގީންކަން ފުރިހަމައަށް އޮންނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ގާބިލު މުވައްޒަފުން ތިބި ކުންފުންޏަކަށް ވެފައި ކަމަށް އެ ތަނުން ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުން ވަނީ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އެ ކުންފުންޏަށް ކޮށްދެއްވި މަސައްކަތްތަކަށާއި ހޯދަދިން ކާމިޔާބީއަށް ޓަކައި ޝަކީލަށް ކުންފުނީގެ ބޯޑާއި އެންމެހާ މުވައްޒަފުންގެ ނަމުގައި ޝުކުރު ދަންނަވާފަ އެވެ.
ކޮމެންޓް