ޕީއެންސީގެ ލީޑާޝިޕާއި ހުރިހާ މެންބަރުން ތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ސާބިތުކަމާ އެކު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޒަމީރު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދީ، ނަތީޖާ ނެރެދިނުމަށް ކަމަށެވެ.
ޒަމީރު ވިދާޅުވީ އެ މަސައްކަތާ އެކު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕީއެންސީން މިހާރުން ފެށިގެން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެ އިންތިހާބުގައި ޕާޓީގެ ފަރާތުން ނުކުންނަވާނެ ކެންޑިޑޭޓަކީ ވެސް ރައީސް ޑރ. މުއިއްޒުކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ ޕާޓީގެ ހުރިހާ މެންބަރުންނާއި މަޖިލީސް މެންބަރުން ތިބީ ރައީސް ކުރައްވާ މަސައްކަތަށް ފުރިހަމައަށް ތާއީދު ކޮށްގެން އެ މަނިކުފާނާ އެކު ސާބިތުކަމާ އެކު ކަމަށެވެ.
ކޮމެންޓް