--
އަލަށް ވިޔަފާރިއެއް ފަށަން އެދޭ ޒުވާނުންނަށް ރާއްޖޭގައި ހުރި ފުރުޞަތުތައް ވަރަށް ހަނި ކަމަށާއި، ބޭރުގެ ފަރާތްތަކާއެކު ވިޔަފާރި ފެށުމަށް ބޭނުންވާ ޒުވާނުންނަށް އެ ފުރުޞަތު މިހާރަށްވުރެ ފަހިވެފައިވާ އޮންނަންވާނެ ކަމަށް މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ހުށަހަޅުއްވާފައިވާ، ފޮރިން އިންވެސްޓްމަންޓްގެ ބިލަށް ބަހުސް ކުރައްވަމުން ޙުސްނީ ވިދާޅުވީ، މިފަދަ ބިލެއް ހުށަހެޅުއްވުމުގެ މައިގަނޑު މަޤްސަދުގެ ތެރޭގައި ރާއްޖޭގައި ބޭރުގެ އިންވެސްޓުމެންޓުތައް ހިމާޔަތް ކުރުމާއި އެތެރޭގެ އިންވެސްޓުމެންޓުތައް ހިމާޔަތްކުރުން ހިމެނޭ ކަމަށެވެ.
މި ބިލަކީ ރާއްޖޭގެ ކުރިއެރުމަށް ވަރަށް މުޙިއްމު ބިލެއް. އިޤްތިޞާދީ ގޮތުން ބާރެވެރިވުމަށްޓަކައި މި ބިލަކީ ވަރަށް މުޙިއްމު ބިލެއް. ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައި އެބަ ހުރި. އެ އިންވެސްޓްމަންޓްތަކަށް ލިބިދޭންޖެހޭ ޤާނޫނީ ރައްކާތެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބި ދިނުމަށްޓަކައި މި ބިލް މުޙިއްމުވެގެންދޭ - ޙުސްނީ ވިދާޅުވިއެވެ.
މީގެ ކުރިން ޢަމަލު ކުރަމުން ދިޔަ ޤާނޫނަކީ 1979 ގައި ފާސްކޮށްފައިވާ ޤާނޫނެއް ކަމަށާއި، މިއަދާ ހަމައަށް އައިއިރު ޒަމާނަށް އެކަށީގެންވާ ޤާނޫނެއް ވުޖޫދުވެފައި ނެތުމަކީ ހިތާމައެއް ކަމަށްވެސް ޙުސްވީ ވިދާޅުވިއެވެ.
ރާއްޖޭގެ ފަންނުވެރިންނަށް އެ ފަރާތްތަކުގެ ފަންނުތައް ކުރިއެރުވުމަށްޓަކައި އެ ދާއިރާތަކަށް ބޭރުގެ ފަރާތްތަކުން ނުވަދެވޭ ގޮތަށް އޮތުމަކީ އޮތް ރަނގަޅެއް ކަމަށާއި، ނަމަވެސް އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ހުރީ ވަރަށް ހަނި ފުރުޞަތުތަކެއް ކަމަށެވެ.
ގެސްޓްހައުސްގެ ވިޔަފާރިތެރެއަށް ވިސްނާކަމަށްވާނަމަ އެއް އިރެއް ދިޔަ ބޭރުގެ ފަރާތްތަކާއެކީގައި ގެސްޓްހައުސްގެ ވިޔަފާރި ނުކުރެވޭ ގޮތަށް. ނަމަވެސް މިހާރު އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި 49 އިންސައްތަ ހިއްސާވާގޮތަށް އެ ކަނޑައަޅާ ސަރަހައްދެއްގައި އެ މަސައްކަތް ކުރެވޭ ގޮތަށް އޮތީ - ޙުސްނީ ފާހަގަ ކުރެއްވިއެވެ.
ކޮމެންޓް