ފެކްޓު ޗެކް: ތައުލީމީ ދާއިރާ ކުރިއަރުވަން ޔުނިސެފުން ދިން ހިލޭ އެހީ ހޯދީ މި ސަރުކާރުން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، "އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" ޕްރޮޖެކްޓް އިފުތިތާހު ކޮށްދެއްވަނީ: ފޮޓޯ؛ ރައީސް އޮފީސް

ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަރުވަން ޔުނިސެފް އާއި ގުޅިގެން ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ) އަދި ވޯލްޑް ބޭންކުން ރާއްޖެއަށް ދިން 9.5 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ހޯދީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކަމަށް، އެސަރުކާރުގެ އެޑިޔުޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ސޯޝަލް މީޑިއާގައި ވަކާލާތުކުރުމުން، އެކަމުގެ ހަގީގަތް ހޯދުމަށް "ދެލިން" ކުރި މަސައްކަތުން، އެ އެހީ ހޯދީ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުންކަން ހާމަވެއްޖެއެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަރުވަން ޔުނިސެފް އާއި ގުޅިގެން ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ) އަދި ވޯލްޑް ބޭންކުން ރާއްޖެއަށް ދިން 9.5 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ހޯދީ  ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުންކަމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން ޑރ. އަހުމަދު މުހައްމަދު ވަނީ ވިދާޅުވެފައެވެ.

ފޭސްބުކުގައި ޑރ. އަހުމަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީގެ ދަށުން ތަޢުލީމީ ވުޒާރާއިން އިއްޔެ އިފްތިތާހުކުރި ތިން ގްރާންޓް ކަމުގައިވާ 5 މިލިއަން ޑޮލަރުގެ ސިސްޓަމް ޓްރާންސްފޯމޭޝަން ގްރާންޓާއި 1.5 މިލިއަން ޑޮލަރުގެ ސިސްޓަމް ކެޕޭސިޓީ ގްރާންޓާއި 3 މިލިއަން ޑޮލަރުގެ މަލްޓިޕްލަޔަރ ގްރާންޓުގެ ޕްރޮޕޯޒަލް ނުވަތަ ޕްރޮގްރާމް ޑޮކިއުމަންޓު ތައްޔާރު ކުރަންފެށީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ޑިސެމްބަރު 2023 އިން ފެށިގެންކަމަށެވެ.

ޑރ. އަހުމަދު ވިދާޅުވީ، މި ޕްރޮގްރާމް ޑޮކިއުމަންޓުތަކުގައިވާ ކޮންމެ ހަރަކާތަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯ އާއި ސަރުކާރުގެ ތައުލީމީ ސިޔާސަތުތަކާއި ރައީސް މުޢިއްޒުގެ ތަޞައްވުރާއި ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީއުގެ އިރުޝާދާ އެއްގޮތަށް އަޅުގަނޑުމެން އެތައް ބަޔަކު އެތައް ވަގުތެއް ހޭދަކޮށްގެން ޖޫން 2024 ގެ ނިޔަލަށް 7 މަސްދުވަހު ކުރި ބުރަ މަސައްކަތެއް ކަމަށެވެ. މި މަސައްކަތުގައި އަޅުގަނޑުމެންނާ އެންމެ ގާތުން މަސައްކަތް ކުރި ފަރާތްތަކަކީ ގްރާންޓު އެޖެންޓުން ކަމުގައިވާ ޔުނިސެފް އަދި ވޯލްޑް ބޭންކު ކަމަށެވެ. ޚާއްޞަކޮށް ގްރާންޓު ކޯޑިނޭޓިންގ އެޖެންސީ ޔުނިސެފްގެ ނަން ފާހަގަކޮށް، ޖީޕީއީ އަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށް ޑރ.އަހުމަދު ވިދާޅުވިއެވެ.

"2023ވަނަ އަހަރު ރާއްޖެއިން ޖީޕީއީ ގެ ފަންޑު ސެކުއަރ ކުރުމަށް ހުށަހަޅަންޖެހުނު ޕާޓްނަރޝިޕް ކޮމްޕެކްޓަކީ އަޅުގަނޑާއެކު މަސައްކަތްކުރި 4 މީހުންގެ ކޮންސަލްޓެންސީ ޓީމަކުން ލިޔެ ތައްޔާރުކުރި ޑޮކިއުމަންޓެއް. އޭގެ ނަތީޖާއަކީ މިއަހަރު ތެރޭގައި ތައްޔާރުކުރެވުނު 3 ގްރާންޓުގެ ޕްރޮގްރާމް ޑޮކިއުމަންޓުތަކުގެ ކޮންމެ ވާހަކައެއް އޮންނަންވީގޮތް ފަރުމާކޮށް ބުނެދޭން ފަސޭހަވުން." ސޯޝަލް މީޑިއާ ޕޯސްޓުގައި އެމަނިކުފާނުން ވިދާޅުވެފައިވެއެވެ. "މި 3 ގްރާންޓާއި ގުޅޭ ހުރިހާ މަރުހަލާއެއްގައި މަސައްކަތްކޮށްލަން ލިބުމަކީ ފަޚުރެއް." ކަމަށެވެ. އަދި މިއަދު ލިބޭ އެންމެ ބޮޑު އުފަލަކީ ތައުލީމަށް އިންގިލާބީ ބަދަލުގެނައުމުގެ ބައިވެރިއެއްގެ ގޮތުގައި އަމަލީ މަސައްކަތް އިސްވެ ކުރުމުގެ ނަސީބު ލިބިފައި ވުންކަމަށާއި، އިއްޔެ އަމަލީ މަސައްކަތް މި ފެށުނު ’ތައިބަ‘ ޕްރޮޖެކްޓަކީ ރާއްޖޭގެ މަދަރުސީ ތައުލީމަށް އިންގިލާބީ ބަދަލެއް ގެނުވާނެ މަސައްކަތެއް ކަމަށެވެ. މި މަސައްކަތުގައި ތައުލީމީ ވުޒާރާގެ އެންމެހާ ޑިޕާޓްމަންޓުތަކާއި ޑިވިޝަންތަކާއި ސެކްޝަންތަކާއި ސްކޫލުތަކުގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ ފެނިގެންދާނެކަމަށެވެ.

މި އެހީ ހޯދީ ކުރީ ސަރުކާރުންކަމަށް އަދަދު ނޫހުގައި އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާ ހަވާލާދީ މިއަދު ރިޕޯޓްކޮށްފައިވެއެވެ.

ޑރ. އައިޝަތު އަލީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ، މި ގްރާންޓަށް އެދުމުގެ ފުރުސަތު ރާއްޖެއަށް އޮތްކަން އެނގި، ދެ އަހަރުގެ މަސައްކަތުން އެޕްލައި ކުރީ ޖުލައި، 2023، ގައި ކަމަށާއި، އަދި އެ ގްރާންޓު ކާމިޔާބުވިކަން އޮގަސްޓު، 2023، ގައި އެހީދޭ ފަރާތްތަކުން ސަރުކާރަށް އެންގި ކަމަށެވެ.

މި ސަރުކާރުގެ އެޑިޔުކޭޝަން ސްޓޭޓް މިނިސްޓަރ ޑރ.އަހުމަދު މުހައްމަދު އިތުރަށް ވިދާޅުވީ، ޖީޕީއީ އިން ރާއްޖެއަށް ދޭން ކަނޑައެޅި 3 ގްރާންޓު ހޯދުމަށް ތައްޔާރުކުރި ޕްރޮގްރާމް ޑޮކިއުމަންޓުތަކުގެ އެއްވެސް މަސައްކަތެއް ކުރީގެ އެޑްމިނިސްޓްރޭޝަނުން (ކުރީގެ ސަރުކާރުން) ކޮށްފައެއް ނުވާނެ ކަމަށެވެ. ޕާޓްނަރޝިޕް ކޮމްޕެކްޓަކީ ޕްރޮގްރާމް ޑޮކިއުމަންޓެއް ނޫންކަމަށާއި، ޕާޓްނަރޝިޕް ކޮމްޕެކްޓަކީ މި ގްރާންޓުތައް ސެކުއަރ ކުރަން ކުރީ މަރުހަލާގައި ހުށަހެޅުމަށް ތައްޔާރު ކުރެވުނު އެއްޗެއް ކަމަށެވެ.

"3 ގްރާންޓުގެ ޕްރޮގްރާމް ޑޮކިއުމަންޓްތައް ތައްޔާރުކޮށް 3 ގްރާންޓުގެ އެޕްލިކޭޝަން ހުށަހެޅީ މި ސަރުކާރުން. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ތައުލީމީ ވަޒީރު ޑރ.އިސްމާއީލް ޝަފީއު ސޮއި ކުރައްވާފަ. ކޮންމެ ގްރާންޓަކަށް ވަކިވަކިން އެޕްލިކޭޝަން ހުށަހެޅި ތާރީޚުތަކާއި ފަންޑު އެޕްރޫވްވި ތާރީޚުތައް ތިރީގައި އެވަނީ. " ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ޑރ.އަހުމަދު ވިދާޅުވެފައިވެއެވެ.

456616211_10161710261973750_66209374562963211_n.jpg

އަދި ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓާ ގުޅޭގޮތުން އެއިރު 2023 ގަ ޖީޕީއީ ގެ ބޯޑުން ނިންމާފައި އޮތް ނިންމުންވެސް ސޯޝަލް މީޑިއާގައި އެމަނިކުފާނުން ހިއްސާކުރެއްވިއެވެ. އެ ނިންމުމުގައި އޮތީ، " ބޯޑް އޮފް ޑިރެކްޓަރސްއިން ދިވެހިރާއްޖެއަށް ދަޢުވަތު އަރުވަނީ 29 ފެބްރުއަރީ 2024 ގެ ކުރިން، ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓެއްގެ ގޮތުގައި ޖުމްލަ 5,000,000 އެމެރިކާ ޑޮލަރަށްވުރެ އިތުރުނުވާ ވަރުގެ އެހީއަކަށް އެދި ހުށަހެޅުމަށް" ކަމަށެވެ.

456451060_10161712530193750_4922141065328948654_n.jpg

އެހެންކަމުން، ޑރ. އައިޝަތު އަލީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތަށް، މި ގްރާންޓަށް އެދުމުގެ ފުރުސަތު ރާއްޖެއަށް އޮތްކަން އެނގިގެން، 2023 ޖުލައި މަހު އެޕްލައިކޮށް، 2023، އޮގަސްޓް މަހު، އެ އެޕްލިކޭޝަންގެ ޖަވާބުލިބުނީ، 5 މިލިއަން އެމެރިކާގެ ޑޮލަރަށް ވުރެން އިތުރު ނުވާ ގޮތަށް 29 ފެބްރުއަރީ 2024 ގެ ކުރީން، އަލުން ހުށަހެޅުމަށެވެ.

2023ވަނަ އަހަރު ރާއްޖެއިން ޖީޕީއީ ގެ ފަންޑު ސެކުއަރ ކުރުމަށް ހުށަހަޅަންޖެހުނު ޕާޓްނަރޝިޕް ކޮމްޕެކްޓް އަލުން ތައްޔާރުކުރިއެވެ. މި ޑޮކިއުމެންޓް ތައްޔާރުކުރީ، ޑރ. މުޢިއްޒުގެ ސަރުކާރުގެ ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީއުގެ އިރުޝާދާ އެއްގޮތަށް، ޑރ. އަހުމަދު މުހައްމަދާއި އެމަނިކުފާނުންގެ  ކޮންސަލްޓެންސީ ޓީމުން ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯ އާއި ސަރުކާރުގެ ތައުލީމީ ސިޔާސަތުތަކާއި ރައީސް މުޢިއްޒުގެ ތަޞައްވުރުގެ މައްޗަށް ބިނާކޮށެވެ. މި ހުށަހެޅި ހުށަހެޅުމުގެ މައްޗަށް 9.5 މިލިއަން އެމެރިކާގެ ޑޮލަރު އެއްކޮށް ހަމަޖެހިގެން ދިޔައީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރެއްވި މަސައްކަތުންނެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy