ސުލްހައިގެ މަޝްވަރާތަކުގައި ޣައްޒާގެ 2 ކޮރިޑޯގެ ކޮންޓްރޯލް ހޯދަން އިސްރާއީލުން އެދެނީ ކީއްވެ؟

ފަލަސްތީނުގެ ދިދައެއް ފަސްމަންޒަރުން އެ ފެންނަނީ ފަހަތުގައި، ޣައްޒާގެ ދެކުނުގެ ރަށެއް ކަމަށްވާ ރަފާއާ ކައިރީގައި، މިސްރާއި ޣައްޒާއާ ދެމެދު އޮންނަ ފިލަޑެލްފީ ކޯރިޑޯގެ ފާރުގެ ބައެއް. ފޮޓޯ: އޭޕީ

ޣައްޒާގެ ދެ އިސްތިރާޖީ ސަރަޙައްދެއްގައި އިސްރާއީލުގެ ދާއިމީ ކޮންޓްރޯލް ބޭއްވުމަށް، އިސްރާއީލުން އެދޭ އެދުމަކީ، ހަމާސްއިން ކުރިން ވެސް ދެކޮޅުހަދާފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން 10 މަސްދުވަސް ވެފައިވާ ހަނގުރާމަ ނިންމުމަށާއި، ގިނަ އަދަދެއްގެ ރަހީނުން ދޫކޮށްލުމަށާއި، އިތުރަށް ހަނގުރާމަ ފުޅާވެދާނެތީ، ހަނގުރާމަ ހުއްޓުވުމަށް ހުއްޓުމެއް ނެތި ކުރެވޭ މަސައްކަތްތަކަށް ނުރައްކާވެދާނެއެވެ.

މަޝްވަރާތަކާ ބައިވެރިވާ އޮފިޝަލުން ބުނާގޮތުގައި، އިސްރާއީލުން ބޭނުންވަނީ ޣައްޒާ-މިސްރު ބޯޑަރުގައިވާ ފިލަޑެލްފިއާ ކޮރިޑޯ ކިޔާ ހަނި ބަފަރ ޒޯނެއްގައާއި، އުތުރު ޣައްޒާއާއި ދެކުނު ޣައްޒާ ވަކިކުރާ ނެޓްޒަރިމް ކޮރިޑޯ ކިޔާ ސަރަޙައްދުގައި އިސްރާއީލުގެ އަސްކަރީ ސިފައިން ގާއިމުވެތިބުމަށާއި އެތަންތަނުގައި އަސްކާރީ ބާރުވެރިކަން ދެމެހެއްޓުމަށެވެ.

އެމެރިކާ މެދުވެރިވެގެން ހުށަހަޅާފައިވާ ސުލްހައިގެ ހުށަހެޅުމުގައި މި ކޮރިޑޯތަކުގެ ކޮންޓްރޯލް އިސްރާއީލަށް ދިނުން ހިމެނޭކަން ސާފެއް ނޫނެވެ. އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުން، ހަނގުރާމަ ހުއްޓާލުމަށް ކުރިއަށްދާ މަޝްވަރާތަކުގައި ދިމާވެފައިވާ ހުރަސް ނައްތާލުމަށް ހަމާސްއިން ގަބޫލުކުރަން ޖެހޭނެ ކަމަށް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ބުނެފައިވެއެވެ. މި ހަފްތާގައި އަނެއްކާވެސް މި ސަރަޙައްދަށް ޒިޔާރަތްކުރި ބްލިންކެން ހޯމަ ދުވަހު ބުނެފައިވަނީ އިސްރާއީލުން މި ހުށަހެޅުމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އޭގައި ހިމެނޭ ކަންތައްތަކެއް ބަޔާންކޮށްފައެއް ނުވެއެވެ.


އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނާގޮތުގައި، މިސްރުގެ ބޯޑަރު ސަރަޙައްދުގެ ކޮންޓްރޯލް އިސްރާއީލުން ބޭނުންވަނީ ހަމާސްއިން އަނބުރާ ހަތިޔާރު އެތެރެކުރުން ހުއްޓުވުމަށެވެ. އަދި އުތުރު ސަރަޙައްދަށް ހަނގުރާމަވެރިން އަނބުރާ އައުން ހުއްޓުވުމަށް "މެކޭނިޒަމެއް" ބޭނުންވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އިސްރާއީލުން ބޭނުންވާ ކޮރިޑޯތަކަކީ ކޮބާ؟
ފިލަޑެލްފިޔާ ކޮރިޑޯއަކީ ހަނި ސަރަޙައްދެއް - ބައެއް ހިސާބުތަކުގައި ގާތްގަނޑަކަށް 100 މީޓަރު ފުޅާމިނުގައި - މިސްރާއި ޣައްޒާއާ ދެމެދު އޮންނަ ބޯޑަރުގެ ޣައްޒާ ފަރާތުގައި 14 ކިލޯމީޓަރުގެ ދިގުމިނުގައި އޮންނަ ސަރަޙައްދެކެވެ. މީގެ ތެރޭގައި ރަފާ ކްރޮސިންގ ހިމެނެއެވެ. މެއި މަހާ ހަމައަށް މިއީ އިސްރާއީލުގެ ބާރުގެ ދަށުގައި ނުވާ ޣައްޒާގެ ހަމައެކަނި ބޭރު ދުނިޔެއާ ގުޅޭ މަގެވެ.

އިސްރާއީލުން ބުނާ ގޮތުގައި ހަމާސުން ވަނީ ބޯޑަރުގެ ބިންގަރާހުގައިވާ ފުޅާ ޓަނަލް ނެޓްވޯކެއް ބޭނުންކޮށްގެން ހަތިޔާރު އެތެރެކޮށްފައެވެ. އަދި އޮކްޓޯބަރު 7 ގައި ހަނގުރާމަ ފެށުމަށް ބޭނުންކުރި އަސްކަރީ މެޝިނަރީ ބިނާކުރީ ވެސް މި ބިންގަރާގުގެ ޓަނަލްގައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި މެއި މަހު މި ކޮރިޑޯ ހިފުމަށްފަހު އެތައް ޓަނަލްތަކެއް ހޯދައި، އެތަންތަން ވަނީ ނައްތާލާފައެވެ.
މިސްރުން މި ތުހުމަތުތައް ދޮގުކުރެއެވެ. އެ ޤައުމުން ބުނާ ގޮތުގައި އެތައް އަހަރެއް ކުރިން ބޯޑަރުގެ އެ ޤައުމުގެ ފަރާތުގައި ހުރި ސަތޭކަ އެތައް ޓަނަލްތަކެއް ނައްތާލާ، އަސްކަރީ ބަފަރ ޒޯނެއް ޤާއިމްކޮށްފައިވާތީ އެއްވެސް އެއްޗެއް ވަގަށް އެތެރެކުރެވޭކަށް ނޯންނާނެއެވެ.

ގާތްގަނޑަކަށް 6 ކިލޯމީޓަރުގެ ދިގުމިނުގައިވާ ނެޓްޒަރިމް ކޮރިޑޯ ދަނީ އިސްރާއީލު ބޯޑަރުން ފެށިގެން ޣައްޒާ ސިޓީގެ ދެކުނުން ކަނޑާ ހަމައަށެވެ. މި ކޮރިޑޯއިން ޣައްޒާގެ އެންމެ ބޮޑު މެޓްރޮޕޮލިޓަން ސަރަޙައްދާއި އުތުރުގެ އެހެން ހިސާބުތައް ދެކުނާ ވަކިވެގެންދެއެވެ.


ހަމާސުން އެދެނީ ޣައްޒާގެ އުތުރުން ރައްކާތެރި ސަރަހައްދުތަކަށް ދިޔަ، ސަތޭކަ ހާސް ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރަށް އެނބުރި ދިޔުމުގެ ހުއްދަ ދިނުމަށެވެ. އިސްރާއީލުން މިކަމަށް އެއްބަސްވެފައިވާއިރު، އެމީހުންގެ އަތުގައި ހަތިޔާރު ނެތްކަން ޔަޤީންކުރަން ބޭނުންވެއެވެ.

ހަމާސާއި މިސްރުން އިސްރާއީލުގެ ބާރުވެރިކަމާ ދެކޮޅުހަދަނީ ކީއްވެ؟

އެއްވެސް މަގެއްގެ މައްޗަށް އިސްރާއީލުގެ ބާރުވެރިކަން އޮވެއްޖެނަމަ މަގުތައް ބަންދުކުރުމާއި، މަގުތަކުގައި ފެންސް ޖެހުމާއި، ސެކިއުރިޓީ ޓަވަރުތަކާއި އަދި އެހެނިހެން އަސްކަރީ ވަސީލަތްތައް އިސްރާއީލުން ބޭނުންކުރާނެއެވެ. ވެސްޓްބޭންކުގައި އިސްރާއީލުން ހަދާފައިވާ ޗެކްޕޮއިންޓްތަކަކީ އަސްކަރީ ބާރުވެރިކަން އެތަންތަނުގައި ގެންގުޅޭކަމުގެ އެންމެ ފާޅުކަން ބޮޑު ނިޝާނެވެ. އަދި 2005 ގައި ގައްޒާއިން އިސްރާއީލުން ފޭބުމުގެ ކުރިން ގައްޒާގައި ވެސް މިފަދަ ޗެކްޕޮއިންޓްތައް ހުރިއެވެ.

އިސްރާއީލުން ބުނާ ގޮތުގައި މިފަދަ ޗެކްޕޮއިންޓްތައް ބޭނުންވަނީ ސަލާމަތީ ކަންކަމަށެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުން މިކަން ދެކެނީ އެމީހުންގެ އާންމު ދިރިއުޅުމަށް ކުރާ ޖެއްސުމެއްގެ ގޮތުގައެވެ. އަދި ގިނަ ފަލަސްތީނު ރައްޔިތުން މިކަން ދެކެނީ ދާއިމީ އިސްރާއީލުގެ އަސްކަރީބާރުވެރިކަން އެތަންތަނުގައި ގާއިމުގެ ތިބުމާއި، ޔަހޫދީ އާބާދީތައް އަނބުރާ ގެނައުމުގެ ފެށުމަށްކުރާ މަސައްކަތެއްގެ ގޮތުގައެވެ. މިއީ ނެތަންޔާހޫގެ ކަނާތްފަރާތު އިއްތިހާދުގެ ހައްދުފަހަނައަޅާފައިވާ ބައިވެރިން ހާމަކަން ބޮޑު ގޮތެއްގައި ގޮވާލާފައިވާ ކަމެކެވެ.

ހަމާސުން ވަނީ އިސްރާއީލުގެ ސިފައިން ޣައްޒާއިން މުޅިން ފައިބައިގެންދިއުމަށް ޑިމާންޑްކޮށްފައެވެ. އަދި ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުކުރުމަށް ނަތަންޔާހޫ އައު ޝަރުތުތަކެއް ކަނޑައަޅަމުންދާކަމަށް ތުހުމަތުކޮށްފައެވެ.

މިސްރުން ބުނާ ގޮތުގައި ބޯޑަރު ސަރަހައްދުގައި އިސްރާއީލުން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ 1979 ގައި، ދެ ޤައުމުގެ މެދުގައި ވެވުނު އެއްބަސްވުމަށް ޚިލާފުކަމެކެވެ. އަދި ޣައްޒާއާ ވީ ފަރާތުގެ ކޮންޓްރޯލް އަލުން ފަލަސްތީނުގެ ބާރުގެ ދަށަށް އިސްރާއީލުން ދެންދެން ރަފާ ބޯޑަރުގެ މިސްރަށްވީ ފަރާތް ހުޅުވުމަށް އިންކާރުކޮށްފައިވެއެވެ.

މިއީ އިސްރާއީލުން ކުރާ އައު ޑިމާންޑްތަކެއް

އިސްރާއީލުން ބުނާ ގޮތުގައި މިއީ އައު ޑިމާންޑްތަކެއް ނޫނެވެ. މިއީ ޖޫން 31 ވަނަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެއްވި ތަޤްރީރެއްގައި ވިދާޅުވެފައިވާ ގޮތަށް އަދި ޔޫއެން ސެކިއުރިޓީ ކައުންސިލުން ވެސް އެގޮތަށް ހުށަހަޅާ ހަމާސުން ތާއީދުކޮށްފައިވާ ސުލްހައިގެ ހުށަހެޅުމަކަށް ކުރެވޭ "ސާފުކުރުންތަކެއް" ކަމުގައެވެ. އިސްރާއީލުން ހަމާސްއަށް ތުހުމަތުކުރަނީ އޭގެ ފަހުން އިސްރާއީލަށް ޤަބޫލުނުކުރެވޭނެ އައު ޑިމާންޑްތަކެއް ހަމާސުން ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެ ތަޤްރީރުގައި އަދި ސެކިއުރިޓީ ކައުންސިލުގެ ޤަރާރުގައިވެސް އިސްރާއީލުން ކޮރިޑޯތަކާ ގުޅޭގޮތުން ކުރާ ޑިމާންޑްތަކަށް އެއްވެސް އިޝާރާތެއް ކޮށްފައެއް ނުވެއެވެ. މި ޑިމާންޑްތައް އާންމުކޮށްފައިވަނީ ވަރަށް ފަހުންނެވެ. ނިމިދިޔަ ދެތިން ހަފްތާއެއްގެ ތެރޭގައެވެ. އަދި އެ ދެ ލިޔުމުގައިވެސް އިސްރާއީލުގެ ބާރުތައް ފުރިހަމައަށް އަނބުރާ ގެންދިއުމަށް ބުނެފައިވެއެވެ. އެމެރިކާއިން ވެސް ބުނެފައިވަނީ ޣައްޒާގެ ބިންތައް އަލުން ހިފުމާއި ޣައްޒާގެ ސަރަހައްދު ކުޑަކުރުމާ އެގައުމުން ދެކޮޅު ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމަށް ކުރީން ލިޔެފައިވާ ޑްރާފްޓްތަކުގައި ބަޔާންކޮށްފައިވަނީ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި އިސްރާއީލުގެ ބާރުތައް ފަލަސްތީނުގެ މީހުން ދިރިއުޅޭ ސަރަހައްދާއި އަދި މެދު ސަރަހައްދުތަކުން އަނބުރާ ފައިބައިގެން ދިއުމަށެވެ. މި ފިޔަވަހީގައި އަސީރުން މިނިވަންކޮށް، ގެދޮރު ދޫކޮށްދިޔަ ފަލަސްތީނުގެ ރައްޔިތުން އުތުރަށް އެނބުރި ދެވެންޖެހޭނެކަމަށެވެ.

ދެވަނަ ފިޔަވަހީގައިވަނީ، ފުރަތަމަ ފިޔަވަހީގައި މަޝްވަރާކުރެވުނު ހުރިހާކަމެއް ތަންފީޒުކޮށް، އިސްރާއީލުގެ ބާރުތައް ފަލަސްތީނުގެ ބިންތަކުން އެއްކޮށް ފޭބުމާއި، ހަމާސުން ރަހީނުކުރި، މީހުންގެ ތެރެއިން، ދިރި ތިބި ހުރިހާ އެންމެ، ފިރިހެން ސިފައިން ހިމެނޭ ގޮތަށް، މިނިވަންކުރުމެވެ.

އެމެރިކާ، ޤަތަރު އަދި މިސްރުން ސުލްހައިގެ އެއްބަސްވުމެއް ހޯދުމަށް މަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާއިރު، އިސްރާއީލުން ކޮރިޑޯތަކާ ގުޅޭގޮތުން އެދިފައިވާ ކަންތައްތަކާ ބެހޭގޮތުން ހާމަކަންބޮޑު ގޮތެއްގައި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިސްރާއީލުގެ ވަފުދެއް އާދީއްތަ ދުވަހު ގާހިރާގައި މިސުރުގެ އޮފިޝަލުންނާ ބައްދަލުކޮށް ފިލަޑެލްފިއާ ކޮރިޑޯއާ ގުޅޭގޮތުން މަޝްވަރާކުރިއެވެ. ނަމަވެސް މި ބައްދަލުވުމުން ކުރިއެރުމެއް ނުލިބުނެވެ. މިކަން ހާމަކުރީ ނަން ހާމަނުކުރުމަށް ޝަރުތޮށް ވާހަކަދެއްކި މިސުރުގެ އޮފިޝަލެކެވެ.

މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ ވާނީ ކިހިނެއް؟

ހަނގުރާމަ ހުއްޓުވުމަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާގޮތުގައި އިސްރާއީލުގެ ހަމަލާތައް ދެމިގެންދާނެއެވެ. މިހާރުވެސް 40،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުންވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުން ގެދޮރު ދޫކޮށް ދާންޖެހި، ފަގީރު ސަރަހައްދުތަކުގެ ގިނަ މީހުން ނެތި ހަލާކުވެގެންދާނެއެވެ.

އޮކްޓޯބަރު 7 ގައި، ހަނގުރާމަ ފެށުނު ހަމަލާގައި، ފަލަސްތީނު ހަނގުރާމަވެރިން ހިފަހައްޓާފައިވާ، އިސްރާއީލުގެ 110 ރަހީނުން އަދިވެސް ދޫކޮށްނުލައެވެ. އެ ހަމަލާގައި އިސްރާއީލުގެ ރައްޔިތުންކަމަށްވާ 1،200 މީހުން މަރުވިއެވެ. އިސްރާއީލަށް މިހާތަނަށް ސަލާމަތްކުރެވިފައިވަނީ އެންމެ 7 ރަހީނުންނެވެ. އިސްރާއީލުގެ އިދާރާތަކުން ބުނާގޮތުގައި 110 ރަހީނުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން މިހާރު ވަނީ މަރުވެފައެވެ. އަދި ބާކީ ތިބި މީހުންނަށް ހަނގުރާމަ ދިގުދެމިގެންދާ ވަރަކަށް ނުރައްކާވަމުންދެއެވެ.

އަދި މިދިޔަ މަހު ބެއިރޫތުގައި ހިޒްބުاللهގެ ކޮމާންޑަރަކާއި، ތެހެރާނުގައި ހަމާސްގެ ލީޑަރަކު ޝަހީދުކޮށްލުމާގުޅިގެން އީރާނުން އަދި ހިޒްބުالله އިން އިސްރާއީލަށް އަމާޒުކޮށް ދޭންއުޅޭ ހަމަލާ ހުއްޓުވުމުގެ ނުވަތަ ފަސްކުރުމުގެ އެންމެ ރަނގަޅު ފުރުސަތަކީ ވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެކެވެ.

އިސްރާއީލަށްދޭ ކޮންމެ ހަމަލާއަކަށް ރައްދު ދޭނެ ކަމުގެ ޔަގީންކަން އެގައުމުން ދީފައިވާއިރު، އެމެރިކާއިން ވަނީ އެންމެ ޒަމާނީ އަސްކަރީ މުދާތައް އެ ސަރަހައްދަށް ފޮނުވައި، މިއަށްވުރެ ވެސް ފުޅާ އަދި ނުރައްކާތެރި ހަނގުރާމައެއް ފެށުމުގެ ފުރުސަތު ތަނަވަސްކޮށްދީފައެވެ.

 

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy