ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު މިއަދު ފޮނުއްވި މެސެޖުގައި ނިޒާމީ ކޮރަޕްޝަނުގެ ސަބަބުން ގާނޫނުގެ ވެރިކަން ފުނޑުފުނޑުވެ، ދެމެހެއްޓެނިވި ތަރައްގީ އަށް ހުރަސްއެޅި، ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ، ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެވޭކަން ފާހަގަ ކުރެއްވި އެވެ. އަދި، ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދެއްވާ ކަމަށާއި، ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ގޮތުން ސަރުކާރުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ގެނައުމަށާއި، ސަރުކާރުގެ މުއާމަލާތްތަކުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުން ހަރުދަނާ ކުރުމުގެ މަޝްރޫއެއް ކަމުގައިވާ، މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕްރޮޖެކްޓްގެ މައްޗަށް އެ މަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި، ގާނުލްއުގޫބާތަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން އެސެޓް ރިކަވަރީގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރާ މުހިންމު މަސައްކަތްތަކަށް އެ މަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.
މީގެ އިތުރުން، ނޭޝަނަލް އެންޓި-ކޮރަޕްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނާއި، "ހިންމި" ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމަންޓް ޓޫލްކިޓް ތައާރަފު ކުރުމާއި، ސަރުކާރުގެ މުއައްސަސާ ތަކަށް ތަމްރީނު ލިބިފައިވާ ހަރުދަނާ ފަންނީ މުވައްޒަފުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހާއްސަ އެންޓި-ކޮރަޕްޝަން އެކަޑަމީއެއް އުފެއްދެވުން ވެސް ހިމެނޭކަން، ރައީސްގެ މެސެޖުގައި ފާހަގަ ކުރެއްވި އެވެ.
އިޖުތިމާއީ ޒިންމާދާރު ކަމާއި، ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ބަދަހި ކުރުމުގައި، މަދަނީ ޖަމްއިއްޔާތަކާއި، ޔޫއެންސީއޭ.ސީގެ ރިވިއު މެކޭނިޒަމްތަކުގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރައްވައި، އެކަމަށް ޓަކައި ރައީސްގެ މެސެޖުގައި ޝުކުރު އަދާ ކުރެއްވި އެވެ.
ނަމަވެސް މި ކަމުގައި ހަމައެކަނި ސަރުކާރުން އަޅާ ފިޔަވަޅުތަކަކުން ފުއްދާލެވެން ނެތްކަމަށާ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި އަމިއްލަ ފަރުދުންނާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް ޑރ. މުއިއްޒުގެ މެސެޖު ނިންމަވާލެއްވީ، ގައުމަށް އަމާނާތްތެރިވުމާއި، އިހުލާސްތެރިވުމާއި، ދެފުށް ފެންނަ އުސޫލުތައް ދެމެހެއްޓުމަކީ، ގައުމުގެ އެންމެން ގުޅިގެން އަދާ ކުރަންޖެހޭ ވާޖިބެއްކަން ފާހަގަ ކުރައްވައި، ނަޒާހަތްތެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ހަރުދަނާކޮށް، ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހަމަހަމަކަމާއެކު އަދުލު އިންސާފު ގާއިމު ކުރާ ގައުމެއްގެ ގޮތުގައި މި ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ތަކުރާރު ކޮށްދެއްވަމުންނެވެ.
ކޮމެންޓް