މި ސަރުކާރުން މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ހިއްކަމުން އަންނަ ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތްތައް މިހާރު ހަލުވިކަމާއިއެކު ކުރިއަށް ދާ ކަމަށް ވެސް ބުންޏެވެ.
ރަސްމާލެ ހިއްކުން ތިން ގުނަ އަވަސް ކުރުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕާ ޑްރެޖަރު ބޭނުންކުރަން ވަނީ ފަށާފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕާ ޑްރެޖަރު ކަމުގައިވާ ކްރިސްޓޮލް ކޮލޮން ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އެ ޑްރެޖަރުގެ ސަބަބުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ ހަލުވިވެގެންދާނެ އެވެ.
ރަސްމާލެ ތަރައްގީ ކުރަނީ ނަމޫނާ ސިޓީއެއްގެ ސިފައިގައި އެންމެންނަށް ވެސް އުޅެން ފަސޭހަ، ހިންގައިމު މާހައުލެއް އޮންނަ ސިޓީއެއްގެ ގޮތަށެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އުޅެން ފަސޭހަވާ ގޮތަށް އިންކްލޫސިވް ގޮތްތަކަކަށް ސިޓީ ތަރައްގީ ކުރަން ސަރުކާރުން އިސްކަން ދޭނެ އެވެ.
ރައީސް ޑރ. މުއިއްޒުގެ ތަސައްވުރަކީ ރަސްމާލެ ސިޓީ އާއި ގުޅީފަޅު އަދި ގިރާވަރުފަޅު ހިމެނޭ ގޮތަށް ގޯއްޗާއި ފުލެޓު ހިމެނޭ 65،000 ހައުސިން ޔުނިޓް އުފެއްދުމެވެ.
ކޮމެންޓް