މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަހީދު އިބްރާހީމް މިއަދު އައްޔަންކޮށްފި އެވެ.
ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް، އިއްޔެ ޝަހީދު އައްޔަނުކޮށްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ ބުނެފަ އެވެ.
މި ކަމާބެހޭ ގޮތުން ޝަހީދު މި ނޫހަށް ވިދާޅުވީ ޕޯސްޓް ލިމިޓެޑްގެ ބޯޑު މެމްބަރު ކަމާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް އޭނާ އައްޔަންކޮށްފައިވާ ކަމަށާއި މާދަމާއިން ފެށިގެން އޮފީހަށް ނުކުންނާނެ ކަމަށެވެ.
ޝަހީދު އެންމެ ފަހުން ހުންނެވީ ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގަ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ 2024 އަހަރުގެ އޭޕްރީލް 23 ވަނަ ދުވަހު އެވެ. މަގާމުން ވަކި ކުރީ ހަމަ އެ އަހަރުގެ ޑިސެމްބަރު 28 ގަ އެވެ.
ސިފައިންގެއަށް 17 ވަރަކަށް އަހަރު ވަންދެން ހިދުމަތް ކުރެއްވި ޝަހީދު ވަނީ ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓުގެ ކައުންސިލް މެމްބަރު ކަމުގެ މަގާމު ވެސް އަދާކޮށްފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު (އަޝްވާޑް) އަކީ ޝަހީދުގެ ދެބެންގެ ދެދަރި ކޮއްކޯފުޅެވެ. އަދި އޭނާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިސް ބޭފުޅެއްވެސް މެ އެވެ.
ކޮމެންޓް