ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ބައެއް ފަހި ބަދަލުތައް ގެންނަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަ ކުރައްވައިފި އެވެ.
އެ މަނިކުފާނު މިކަން ހާމަ ކުރައްވަފައިވަނީ، ރޭ، ހެންވޭރު ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކަލާފާނު ސްކޫލްގައި ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި ވެސް، އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅު ކޮށްފައި ވަނީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ ގުޅޭ ގޮތުންނެވެ.
އެކަން ކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޖުބޫރީ ހާލަތްތަކުގައި ކުރީގެ ސްކީމްތަކަށް ކުރިމަތިލާންޖެހި، އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ ފަރާތްތަކަށް، ތިން ކޮޓަރީގެ ފުލެޓު ތަކަށް ކުރިމަތިލެވޭ ގޮތަށް ސްކީމް އިސްލާހު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
އަދި ސްކީމް ތަކަށް ކުރިމަތި ލުމަށް އޮންނަ ޝަރުތުތަކުގެ ތެރޭ، މާލޭ ރައްވެއްސެއްގެ ގޮތުގައި ފަސް އަހަރު ހަމަވެފައި އޮތުމަށް އޮންނަ މައްސަލައަށް ވެސް އީޖާބީ ހައްލެއް ހޯއްދަވައިދެއްވާނޭ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
އެކި ސަރުކާރުތަކުން، ހުރި ބިމާއި ނެތް ބިމުން ގޯއްޗާއި ފުލެޓު ދޫކޮށްފައި ހުރި ގޮތާއި، އެ ކަންކަމުގައި ނާއިންސާފާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް އިންސާފު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ދެއްވައި އެމަނިކުފާނު ވަނީ، ވައުދުފުޅުތައް ފުއްދަވާނޭކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ކޮމެންޓް