ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިޔާ ފުލެޓުތައް އަތުލި ފަރާތްތަކަށް މި ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން ފުލެޓުތައް ލިބޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
އެ މަނިކުފާނު މި ޔަގީންކަން ދެއްވީ ހެންވޭރުގެ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގަ އެވެ.
ރައީސް ވިދާޅުވީ އެ ފަރާތްތަކަށް ވަކި ކެޓަގަރީއެއް ކަނޑައަޅާފައިވާ ކަމަށާއި، މި ސަރުކާރުން ކުރިއަށް ގެންދާ ސޯޝަލް ހައުސިން ޔުނިޓުތަކަށް ހިޔާ ފުލެޓުތަކުން މިދިޔަ ސަރުކާރުގައި ފުލެޓު ނުލިބޭނެ ކަމަށް ނިންމި ފާރާތްތަކުން ހަމައެކަނި ޖެހޭނީ އެއަށް ހުށަހަޅަން ކަމަށެވެ. އެ ބޭފުޅުން އިތުރު ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެ ކަމަށެވެ.
"އެއް ފަހާރާ އެންމެނަށް ލިބޭ ގޮތަށް އެއް ޕްރޮޖެކްޓަކުން ފުލެޓުތަކެއް ނުއެއް އެޅޭނެ. ފުރަތަމަ ފަށާ ޕްރޮޖެކްޓުން ވަކި ވަރެއް ކަނޑައަޅާފައި މި ވަނީ ފުލެޓު އަތުލި ފަރާތްތަކަށް ދިނުމަށް. އެ ކަން ކުރިއަށް އެބައޮތް. އެކި ކެޓަގަރީތަކުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބީއެމްއެލް ފައިނޭންސްގެ ދަށުން ފަށާ މަޝްރޫ އާއި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފަށާ މަޝްރޫއުގެ އިތުރުން އެކި މަޝްރޫއުތަކުގެ ތެރެއިން 7500 ފުލެޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ފަރާތްތަކަށް ފުލެޓު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
ކޮމެންޓް