ރ. އަލިފުށީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައް ހައްލުކުރުމަށް އެ ރަށުގައި މަސައްކަތްކުރާ ފުލުހުންނާއި ރަށު ކައުންސިލް ގުޅިގެން ހާއްސަ މަސައްކަތެއް ފަށައިފި އެވެ.
މި މަހުން ފެށިގެން ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރެއިން ގަވާއިދާ ހިލާފަށް އަލިފުށީގައި އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތައް ދެނެގަނެ މައުލޫމާތު އެއްކޮށް، ކަމާ ގުޅުންހުރި އިދާރާތަކާ މައުލޫމާތު ހިއްސާކޮށް، އިދާރާތަކާ ގުޅިގެން ފާހަގަ ކުރެވޭ ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާނެ އެވެ.
މީގެ އިތުރުން، މި މަސައްކަތުގައި މައުލޫމާތު އެއްކޮށް ބިދޭސީންގެ ދަފުތަރެއް އެކުލަވާލައި، ބިދޭސީން ދިރިއުޅޭ ތަންތަނާއި އެ ތަންތަނުގެ ހާލަތު ދެނެގަތުމާއި އެ ތަންތަނުގެ ވެރިފަރާތް ތަކަކީ ކޮބައިތޯ ބަލައި ޒިންމާދާރު ގޮތެއްގައި އެ ފަދަ ތަންތަން ދޫކުރުމަށް ބާރުއަޅައި އިރުޝާދު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރެއިން މިހާތަނަށް 74 ބިދޭސީއެއްގެ މައުލޫމާތު އެއްކުރެވިފައިވާއިރު، އެއްވެސް ލިޔެކިޔުމެއް ނެތި ގަވާއިދާ ހިލާފަށް އުޅެމުންދާ ތިން ބިދޭސީއެއް ވަނީ ފާހަގަކުރެވިފަ އެވެ. އަދި ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައިފާސްކޮށް، އެއް ވިޔަފާރިއެއްގެ މައުލޫމާތު ނަގާފައިވެ އެވެ.
ކޮމެންޓް