ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާބެހޭ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
މި ބިލަކީ، މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.
މި ބިލަށް ގެނެވުނު މުހިންމު އިސްލާހުތަކުގެ ތެރޭގައި، މަސްތުވާއެއްޗެއް ރާއްޖެ އަށް އެތެރެ ކުރަން އުޅުން ނުވަތަ ރާއްޖެއިން ބޭރުކުރަން އުޅުން ނުވަތަ ރާއްޖެ އަށް އެތެރެ ކުރުމަށް ނުވަތަ ބޭރު ކުރުމަށް އެހީތެރިވެދިނުން ނުވަތަ ރާއްޖެ އަށް އެތެރެ ކުރުމުގައި ނުވަތަ ރާއްޖެއިން ބޭރު ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ އަދަބު ބޮޑުކޮށް، 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 75،000ރ. އިން ފެށިގެން 7,500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.
އަދި މަސްތުވާއެއްޗެއް ރާއްޖެ އަށް އެތެރެ ކުރުން ނުވަތަ ރާއްޖެއިން ބޭރު ކުރުމުގެ ކުށުގެ އަދަބު ބޮޑުކޮށް، ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ، އެ މީހެއްގެ އަދަބަކީ މަރުގެ އަދަބު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
އެ ޝަރުތުތަކުގެ ތެރޭގައި އެމީހަކު ރާއްޖެ އަށް އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނަކީ، 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސް، ނުވަތަ 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން، ނުވަތަ ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ނަމަ، ނުވަތަ 100 ގްރާމަށްވުރެ އިތުރު އަދަދެއްކަމުގައި ވުމާއެކު އެމީހަކު ރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކީ، އެމީހަކު ރާއްޖެ އަށް އެތެރެވިއިރު، އެތެރެ ކުރި އެއްޗަކަށް ވުން ހިމެނެ އެވެ.
މަރުގެ އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެ ނަމަ، އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަންހިނގާފައިވާ ގޮތް ރާއްޖޭގެ މަތީ މަރުހަލާގެ ކޯޓަކުން އަލުން ބަލަންވާނެ ކަމަށާއި، އަދަބު ތަންފީޒު ކުރެވޭނީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެ ގޮތުގެ މަތިން ހުކުމް ކުރުމުންކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
މި ބިލުގައި އުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅައިފައިވާ ކުށްތަކަކީ، އެއްވެސް ގޮތަކަށް އަދަބު މައާފުކޮށްދެވިގެން ނުވާނެ ނުވަތަ ލުއިކޮށްދެވިގެން ނުވާނެ ކުށްކުށުގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އަދި އެ ފަދަ ކުށެއްގެ ތުހުމަތުގައިވާ ފަރާތަކާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވެގެންނުވާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
މީގެ އިތުރުން، މި ބިލުގައި މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށްތަކެއް ވަނީ ކަނޑައަޅައިފައެވެ.
އެ ގޮތުން، މަސްތުވާތަކެތި ބޭނުން ކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމާއި، އެ ފަދަ ތަނެއްގައި މަސްތުވާތަކެތި ބޭނުން ކުރާކަން އެނގޭ ހާލު، ނުވަތަ އެ ގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން، ނުވަތަ އެ ތަނެއް ކުއްޔަށް ހިފައިގެން އުޅޭ ފަރާތުން، ނުވަތަ އެ ތަނެއްގައި އެ ވަގުތަކު އުޅޭ ފަރާތުން، ނުވަތަ އެ ތަނެއް ބަލަހައްޓަމުންދާ ފަރާތުން، ނުވަތަ އެ ތަނަކާ ހަވާލުވެހުރި ފަރާތުން އެކަން ހިނގިޔަ ދިނުމަކީ ނުވަތަ ހުއްދަ ކުރުމަކީ ނުވަތަ އެ ކަމަށް މަގުފަހިކޮށްދިނުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސް ކުރުން ވެސް ހިމެނެއެވެ.
އަދި މަސްތުވާތަކެތި ޓްރެފިކް ކުރަން ގެންގުޅޭ އުޅަނދު ހިފަހައްޓައި ދައުލަތަށް ނެގުމާއި، "މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަންތަން" ބަންދު ކުރުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފަ އެވެ.
މި ގާނޫނަށް އަމަލު ކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
ކޮމެންޓް