މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކަސްޓަމަރުންނަށް ފޮނުވަމުން ދާތީ އެ ކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އެދިއްޖެ އެވެ.
ހައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން މެސެޖުތަކެއް ފޮނުވަމުންދާ ކަމަށެވެ.
އެ ގޮތުން ހައްޖަށް ދިޔުމަށް އިތުރަށް ފައިސާ ދެއްކުމުން ހައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަށް ހައްޖު ކޯޕަރޭޝަންގެ ނަމުގައި އާންމުންގެ ފޯނުތަކަށް މެސެޖުކުރަމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
"ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގުގެ އިތުރަށް މި ކޯޕަރޭޝަނުން އެއްވެސް ފައިސާއެއް ނުނަގާނެ ވާހަކަ ދަންނަވަން،" އެ ބަޔާނުގައިވެ އެވެ.
އިސްލާމްދީނުގެ މާތް އަޅުކަމަކާ ގުޅުވައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުން އެ ގެންދާ ކަންކަމާމެދު އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމަށާއި އަދި ހައްޖު ކޯޕަރޭޝަނުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ހައްޖު ކޯޕަރޭޝަނުން ވަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފޮނުވާ އެ ފަދަ މެސެޖުތަކާއި، ކުރާ ފޯނުކޯލު ތަކަށް ހުރިހާ ފަރާތްތަކުން ސަމާލުވުމަށް އެދިފަ އެވެ.
ކޮމެންޓް