މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ 12:57 އެހާކަންހާއިރު ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވާ ފެނިފައިވާ މީހާގެ ހަށިގަނޑުން މަސްތުވާތަކެތި ހުރި 78 ބުލެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މަރުވެރިފައި އޮއްވާ ފެނިފައިވަނީ އުމުރުން 40 އަހަރުގެ ނޭޕާލަށް ނިސްބަތްވާ މީހެކެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން މި މީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެމީހަކާއެކު ނޮވެމްބަރު 26 ވަނަ ދުވަހުކަން އެނގިފައިވާ ކަމަށާއި އެ މީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސް އަށް ޗެކިން ވެފައި ވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މަރުވި މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ފެނިފައިނުވި ނަމަވެސް މީހާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހެދުމުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރި ކަމަށް ފާހަގަ ކުރެވިފައި ވާތީ، މި ކަމުގައި ގާނޫނީ ގޮތުން އަމަލު ކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހޯދައި، ޑިސެމްބަރު ދެ ވަނަ ދުވަހުގެ ރޭ މަރުވި މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި މީހާގެ ހަށިގަނޑުން ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައިނުވަނީ އެ ފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑި ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން ކަމަށާއި އަދި އެ ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެ ކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާއެކު ޑޮކްޓަރުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އެ ގޮތުން އޭނާގެ ހަށިގަނޑުން ޖުމުލަ 78 ބްލެޓް ނަގާފައިވާއިރު، މި ތަކެތީގެ ބަރުދަނަކީ 818 ގްރާމް ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް