ގދ. ގައްދޫގައި އަޅާ އައު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ގައްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.
އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ގައްދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަލީ، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޖަމްޝީދު، ގައްދޫ ކައުންސިލް މެމްބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމުގައިވާ، އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 18,613 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއްގައި 30 އެނދުގެ ސިއްހީ ހިދުމަތްދޭ ބްލޮކެއް ހަދާނެ ކަމަށެވެ. އަދި 2563 އަކަފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ އެހެނިހެން ހިދުމަތްދޭ ބްލޮކަކާއި އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހަދާނެ ކަމަށެވެ.
2700 މީހުންގެ އާބާދީއެއް އޮންނަ ގައްދޫގައި މިހާރު ހުންނަނީ ސިއްހީ މަރުކަޒެކެވެ.
ގައްދޫ ހޮސްޕިޓަލްގެ އައު އިމާރާތް ނިމުމާއެކު، ގައްދޫއިން ލިބޭ ސިއްހީ ފަރުވާ ފުޅާވެ، ގައްދޫ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ވަރަށް ގިނަ ބަލިތަކަށް ބޭސްކުރުމުގެ މަގުފަހި ވާނެ ކަމަށާއި މިއީ ރަށު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބޭނެ ކަމެއް ކަމަށް އެމްޓީސީސީން ގަބޫލު ކުރެ އެވެ.
ކޮމެންޓް